19 ޑިސެމްބަރ 2018
އަންނަ އަހަރަށް ފަހު ބާސްކެޓްބޯޅަ ކުޅުން ހުއްޓާލަން ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒިލާލް ނިންމައިފި އެވެ.
އަންނަ އަހަރަށް ފަހު ބާސްކެޓްބޯޅަ ކުޅުން ހުއްޓާލަން ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ބާސްކެޓްބޯޅަ ކުޅުންތެރިޔާ މުހައްމަދު ޒިލާލް ނިންމައިފި އެވެ.
އޭނާ މިކަން އިއުލާންކުރީ ޓީރެކްސް ބަލިކޮށް ގައުމީ ބާސްކެޓްބޯޅަ ޗެމްޕިއަންކަން ކިންގްސް ބީސީ އަށް ރޭ ހޯދައިދިނުމަށް ފަހު އެވެ.
ބާސްކެޓްބޯޅަ އާއިލާ އަށް އެޑްރެސްކޮށް ކްލަބަށް ފޮނުވި މެސެޖެއްގައި ޒިލާލް ބުނީ ވަރަށް ބޮޑަށް ވިސްނުމަށް ފަހު އަދި އާއިލާއާ ވެސް މަޝްވަރާކުރުމަށް ފަހު، އަންނަ އަހަރަކީ ގައުމީ ޓީމާއި ކްލަބަށް ވެސް ކުޅޭނެ ފަހު އަހަރު ކަމަށް ނިންމާފައިވާ ކަމަށެވެ.
"އަހަރެންގެ ހަޔާތުގެ ބޮޑުބައި މި ހޭދަކުރީ ތި އެންމެންނާ އެކު. އެއް ޓީމެއްގައި އަދި އިދިކޮޅަށް ވެސް ކުޅުނު ކޮންމެ މެޗެއް ވެސް އަބަދަށް ހަނދާންކުރާނަން. ދިން ލޯތްބާއި އިހުތިރާމަށްޓަކައި އެންމެންނަށް ވެސް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން،" ކޯޗުންނާއި އެއް ޓީމަކަށް ކުޅުނު ކުޅުންތެރިންނާއި އިދިކޮޅަށް ކުޅުނު ކުޅުންތެރިންގެ ނަން ފާހަގަކޮށް ޒިލާލް ބުނެފައިވެ އެވެ.
އުމުރުން 33 އަހަރުގެ ކުޅުންތެރިޔާ ބުނީ ގައުމީ ޓީމަށް ކުޅުމަށާއި ކެޕްޓަންކަންކުރުމަށް އޭނާ އަށް އިތުބާރުކުރީތީ ބާސްކެޓްބޯޅަ އެސޯސިއޭޝަނަށް ވެސް ޝުކުރުއަދާކުރާ ކަމަށެވެ. އަދި ކުޅުން ހުއްޓާލުމަށް ފަހު، އޭނާ ލޯބިވާ މި ކުޅިވަރަށް އޭގެ ބަދަލު ދޭނީ އާ ޖީލެއްގެ ތަރިން އުފެއްދުމަށް މަސައްކަތްކޮށްގެން ކަމަށެވެ.
ކިންގްސް އިން ބުނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ ޒިލާ އެ ޓީމަށް ކުޅުމަކީ ލިބުނު ޝަރަފެއް ކަމަށާއި އޭނާގެ ފަހު ސީޒަން ކާމިޔާބުކުރުމަށް އެންމެން އެކުގައި މަސައްކަތްކުރާނެ ކަމަށެވެ.
މިދިޔަ އަހަރުގެ ސާބާ ޗެމްޕިއަންޝިޕުގައި އިންޑިއާ ދެ ކުޅުންތެރިން ކައިރިން ޒިލާ (މ) ދެމި ގަންނަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ކުޅިވަރު ކުޅުމާއި، މީހުން ތަމްރީނު ކުރުމުގެ ރޮނގުން ހިތްވަރުދިނުމުގެ ގައުމީ އިނާމު 2016 ވަނަ އަހަރު ހާސިލްކޮށްފައިވާ ޒިލާލް ބާސްކެޓްބޯޅަ ކުޅެން ފެށީ މަޖީދިއްޔާ ސްކޫލުގައި ކިޔަވަމުން ދިޔަ ދުވަސްވަރެވެ.
އިންޓަ ސްކޫލުން ވިދާލުމަށް ފަހު އޭނާ ކެރިއަރު ފެށީ 2002 ވަނަ އަހަރު ޔުނިޓުއާސް އިންނެވެ. ޖެހިގެން އައި އަހަރު ވިކްޓްރީ ސްޕޯޓްސް ކްލަބަށް ބަދަލުވެ ހަތް އަހަރު އެ ޓީމަށް ގިނަ ގިނަ ކާމިޔާބީތަކެއް ހޯދި އެވެ.
އޭގެ ފަހުން އަލަށް އުފެދުނު ޓީރެކްސް ބީސީ އަށް ބަދަލުވެ އެ ޓީމާ އެކު ވެސް ރާއްޖޭގެ ހުރިހާ ކާމިޔާބެއް ހާސިލްކުރި އެވެ. އަދި މިހާރު ކުޅެމުން އަންނަ ކިންގްސްއާ ގުޅުމުގެ ކުރިން ރެޑްލައިން ކްލަބަށް ވެސް ކުޅެ ތަށި ހޯދައިދިނެވެ.
ހަވީރު ސްޕޯޓްސް އެވޯޑްސްގައި ހޮވަމުން އައި ރާއްޖޭގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ މަގާމް 2008، 2011 އަދި 2012 ވަނަ އަހަރު ހޯދި ޒިލާލް އަށް ނުލިބޭ ކްލަބް ފެންވަރުގެ އަދި އިންޑިވިޖުއަލް ކާމިޔާބެއް ނެތެވެ.
ގައުމީ ޓީމާ އެކު ވެސް އޭނާ ކާމިޔާބީތަކެއް ހާސިލްކުރި އެވެ. އެގޮތުން 20111 ވަނަ އަހަރުގެ ސައުތު އޭޝިއަން ބީޗް ގޭމްސް އިން ރާއްޖޭން ލޯ މެޑަލް ހާސިލްކުރިއިރު އަދި 2016 ވަނަ އަހަރުގެ ސާބާ ޒޯންގެ ފީބާ އޭޝިއާ ޗެލެންޖްގެ ކޮލިފިކޭޝަންގައި ރިހި މެޑެލް ހޯދި ޓީމުގައި ހިމެނުނެވެ. އަދި 2013 ވަނަ އަހަރު ބަންގްލަދޭޝްގައި އޮތް ސާބާ ޗެމްޕިއަންޝިޕުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދި އެވެ.
މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާބާ ޗެމްޕިއަންޝިޕުގައި ޒިލާގެ މޮޅު ކުޅުމާ އެކު ރާއްޖެން ވާދަވެރި ސްރީ ލަންކާ ބަލިކުރި ކުރުމަކީ ފާހަގަކުރަން ޖެހޭ ކާމިޔާބެކެވެ. ޒިލާމެނަށް ކުޑައިރުން ފެށިގެން ކޯޗުކޮށްދިން ސްރީ ލަންކާގެ އަހުމަދު ސުޕުން ވިމާލްގެ ކޯޗުކަމުގެ ދަށުން ލަންކާގެ މައްޗަށް ކުރި ހޯދިއިރު، ލަންކާ ބަލިކުރުމަކީ ރާއްޖޭގެ ބާސްކެޓްބޯޅައިގެ ގިނަ ދުވަސްވީ އުއްމީދެކެވެ.
ޒިލާ ފަހަކަށް އައިސް ކޯޗިންގައި ވެސް އައީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން ވަޒީފާ އަދާކުރަމުން އަންނަ އިމިގްރޭޝަންސްގެ އިތުރުން ސްކޫލްތަކާއި ކްލަބްތަކަށް ކޯޗުކޮށްދީ ކާމިޔާބީ ހޯދައިދީފައިވެ އެވެ.
"ދެން ބޮޑަށް ފެންނާނީ ޑިވެލޮޕްމަންޓް ސައިޑުން،" ޒިލާ ބުންޏެވެ.
ޒިލާ އާއެކު ބާސްކެޓްބޯޅަ ޓީމް އިންޑިއާގައި ފަރިތަކުރަނީ
ޒިލާގެ ކޯޗުކަމުން ކިންގްސްއަށް ތަށި، ހާއްސަ ކާމިޔާބެއް
އަންރޭންކްޑް އިން އެމެރިކާގައި އަމާޒަށް ވާސިލުވެއްޖެ
އެމްބީއޭގެ ނިންމުންތަކަށް ޖީއެސް ނުފޫޒު ފޯރުވާ މައްސަލަ
ހާފްކޯޓް ވޯލްޑް ފައިނަލްސްއަށް އަންރޭންކްޑް ނިއުޔޯކުގައި
އާއިލީ ކުޅިވަރު މިހާރު ދިރުވަނީ ޒައިދާން
ހުނަރާއި ފެންވަރު އެބަހުރި، ބޭނުންވަނީ ވަސީލަތް: ގުރޭ
ސުމަކުން ފަށައިގެން ކުރިއަށް، ނަޒީ މީ ކެތްތެރި ކޯޗެއް
ރިޝްމާގެ ކާމިޔާބު މާޒީން ގެނެސްދިނީ ހިނިތުންވުން
22 އަހަރަށް ފަހު ރިޝްމާ ބާސްކެޓްބޯޅައިން ރިޓަޔާކޮށްފި