Roadha Mihaaru
މެންޗެސްޓާ ޔުނައިޓެޑުން މޮރީނިއޯ ވަކިކޮށްފި

މެންޗެސްޓާ ޔުނައިޓެޑުން މޮރީނިއޯ ވަކިކޮށްފި

18 ޑިސެމްބަރ 2018

މެންޗެސްޓާ (ޑިސެމްބަރު 18) – މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

މެންޗެސްޓާ (ޑިސެމްބަރު 18) – މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމުން ހޯސޭ މޮރީނިއޯ ވަކިކޮށްފި އެވެ.

މީގެ ދެ އަހަރާއި ބައި ކުރިން އެ ޓީމާ ހަވާލުވި މޮރީނިއޯ ވަކިކުރީ ނަތީޖާތައް ވަރަށް ބޮޑަށް ދަށްވުމުންނެވެ. އެންމެ ފަހުން ކުޅުނު މެޗުން ވާދަވެރި ލިވަޕޫލް އަތުން 3-1 އިން ބަލިވުމާ އެކު ޔުނައިޓެޑަށް ވަނީ ގަދަ ހަތަރެއްގެ ފުރުސަތު ވެސް ހަނިވެފަ އެވެ.

ޔުނައިޓެޑުން ބުނީ، ދާއިމީ ކޯޗެއް ހޯދުމަށް ކްލަބުން މަސައްކަތްކުރަމުންދާ މުއްދަތުގައި، ސީޒަނުގެ ނިޔަލަށް ވަގުތީ ކޯޗަކާ ޓީމު ހަވާލުކުރާނެ ކަމަށެވެ. ޔުނައިޓެޑުން ބުނީ އެ ކްލަބުގައި މޮރީނިއޯ ހޭދަކުރި މުއްދަތުގައި ކުރި މަސައްކަތަށް ޝުކުރުއަދާކުރާ ކަމަށާއި އަދި އޭނާ އަށް ކާމިޔާބީ އެދޭ ކަމަށެވެ.

މޮރީނިއޯ މިއަދު ވަކިކުރިއިރު އިއްޔެ ނޫސްތަކުން ވަނީ، އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން ޓާގެޓްކޮށް މޮރީނިއޯ ސީޒަނުގެ ނިޔަލަށް މަގާމުގައި ބެހެއްޓުމަށް ބޯޑުން ނިންމާފައިވާ ކަމަށް ބުނެފަ އެވެ. ޔުނައިޓެޑްގެ އެންމެ ފަހުގެ ދެ ކޯޗު ކަމަށްވާ ޑޭވިޑް މޮއިސް އާއި ލުއީ ވެން ހާލަށް މަގާމު ގެއްލުނީ އެ ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިނުކޮށްދެވުމުންނެވެ.

ޔުނައިޓެޑަށް ސީޒަނުގެ ފުރަތަމަ 17 މެޗަށް ފަހު 26 ޕޮއިންޓް ލިބުނުއިރު، މިއީ 1990 ވަނަ އަހަރަށް ފަހު އެ ޓީމު އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ 2016 ވަނަ އަހަރުގެ މެއި މަހު މޮރީނިއޯ ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރުގެ ނިޔަލަށެވެ. ފުރަތަމަ ސީޒަނުގައި ޔުނައިޓެޑާ އެކު ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކުރި ނަމަވެސް މިދިޔަ ސީޒަން ނިންމާލީ ހުސްއަތާ އެވެ. މި އަހަރުގެ ޖެނުއަރީ މަހު މޮރީނިއޯ ވަނީ ޔުނައިޓެޑްގެ ކޯޗުކަމުގައި އިތުރު އެއް އަހަރު ހުންނަން އެއްބަސްވުން އާ ކޮށްފަ އެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން މޮރީނިއޯ މަގާމުން ވަކިކުރާނަމަ ބަދަލެއްގެ ގޮތުގައި ޔުނައިޓެޑުން އޭނާ އަށް 30.3 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެކަމަކު ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެގެން މި ސީޒަން ނިމުމުން މޮރީނިއޯ ވަކިކުރާނަމަ އޭނާ އަށް ބަދަލެއްގެ ގޮތުގައި ދައްކަން ޖެހޭނީ 22.7 މިލިއަން ޑޮލަރެވެ.

ބާސެލޯނާގެ ކުރީގެ ދެ ކޯޗުން ކަމަށްބާ ބޮބީ ރޮބްސަން އާއި ލުއީ ވެން ހާލްގެ އެހީތެރިއެއްގެ ގޮތުން އެ ކްލަބުގައި ކޯޗިންގެ މަސައްކަތް ފެށި މޮރީނިއޯ ރަސްމީކޮށް ކޯޗިން އަށް ނުކުތީ 2000 ވަނަ އަހަރު ޕޯޗުގަލްގެ ބެންފީކާ އިންނެވެ. އެކަމަކު މޮރީނިއޯ ވިދާލީ 2004 ވަނަ އަހަރު ޕޯޓޯ އަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދިނުމުންނެވެ.

އޭގެ ފަހުން ޗެލްސީ އަށް ބަދަލުވެ އެ ޓީމަށް ޕްރިމިއާ ލީގު ޖެހިޖެހިގެން ދެ އަހަރު ކާމިޔާބުކޮށްދިނެވެ. އެކަމަކު ނަތީޖާ ދަށްވުމުން 2007 ވަނަ އަހަރު ވަކިކުރީ އެވެ. ދެން ފެނުނީ އިންޓަ މިލާނުންނެވެ. އެ ޓީމަށް އޭނާ 2010 ވަނަ އަހަރު ޗެމްޕިއަންސް ލީގާއި އިޓާލިއަން ލީގާއި އިޓާލިއަން ކަޕް ކާމިޔާބުކޮށްދިނެވެ. އޭގެ ފަހުން ރެއާލް މެޑްރިޑާ ހަވާލުވެ އެ ޓީމަށް ވެސް ސްޕެނިޝް ލީގު ކާމިޔާބުކޮށްދިނެވެ. އެނބުރި ޗެލްސީ އަށް ބަދަލުވީ 2013 ގަ އެވެ. އެ ޓީމަށް މި ފަހަރު ވެސް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ނަމަވެސް ނަތީޖާ ނުނެރެން ފެށުމުން 2015 ގައި ވަކިކުރީ އެވެ.