Roadha Mihaaru
ސޯލްޝެއާ އަށް ފަސޭހަކޮށްދިނީ މޮރީނިއޯ: ވެން ހާލް

ސޯލްޝެއާ އަށް ފަސޭހަކޮށްދިނީ މޮރީނިއޯ: ވެން ހާލް

27 މާޗް 2019

ލަންޑަން (މާޗް 27) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ އޮލެ ގުނަ ސޯލްޝެއާ އަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެވެނީ އެ ޓީމުގެ ކޯޗަކަށް ކުރިން ހުރި ހޯސޭ މޮރީނިއޯ އެ ކްލަބްގައި ހޭދަކުރި އެންމެ ފަހު ދުވަސްތަކުގައި އަމަލުކުރި ގޮތުން ކަމަށް އެ ޓީމަށް ކުރިން ކޯޗުކޮށްދިން ނެދަލެންޑްސްގެ ލުއީ ވެން ހާލް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (މާޗް 27) - މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗުކަމާ ހަވާލުވެ އޮލެ ގުނަ ސޯލްޝެއާ އަށް އެންމެ ރަނގަޅު ނަތީޖާތަކެއް ނެރެވެނީ އެ ޓީމުގެ ކޯޗަކަށް ކުރިން ހުރި ހޯސޭ މޮރީނިއޯ އެ ކްލަބްގައި ހޭދަކުރި އެންމެ ފަހު ދުވަސްތަކުގައި އަމަލުކުރި ގޮތުން ކަމަށް އެ ޓީމަށް ކުރިން ކޯޗުކޮށްދިން ނެދަލެންޑްސްގެ ލުއީ ވެން ހާލް ބުނެފި އެވެ.

މިދިޔަ ޑިސެމްބަރު މަހު ޔުނައިޓެޑްގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރުމަށް ފަހު ސޯލްޝެއާއާ ޓީމު ހަވާލުކުރީ މި ސީޒަނުގެ ނިޔަަލަށެވެ. ވަގުތީ ކޯޗެއްގެ މަގާމުގައި ހުރެ ސޯލްޝެއާ ވަނީ އެ ޓީމުގެ ނަތީޖާތައް މުޅިން ބަދަލުކޮށްލައިފަ އެވެ. ޕްރިމިއާ ލީގުގައި އިރުޝާދުދިން 13 މެޗުގެ ތެެރެއިން 10 މެޗުން މޮޅުވިއިރު، ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ކަޓުވާލުމަށް ފަހު ވަނީ ކުއާޓާ އަށް ދަތުރުކޮށްފަ އެވެ. މިއީ އެ ޓީމު 2011 ވަނަަ އަހަރު ފަހުން މި މުބާާރާތުގެ ކުއާޓާގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.

"ޔުނައިޓެޑްގެ ކުޅުންތެރިންގެ މެދުގައި މޮރީނިއޯ އަށް އޮތީ ނެގެޓިވް ވިސްނުމެއް. އެކަން އެއްކޮށް ބަދަލުވީ ސޯލްޝެއާ އައި ފަހުން ސޯލްޝެއާ ބޭނުންވަނީ ފާގަސަން ޒަމާނުގެ އެޓޭކިން ފުޓްބޯޅަ ކުޅެން. އެއީ ސަޕޯޓަރުންނާއި މުޅި ކްލަބް އެކަތިގަނޑަކަށް ހެދި ސަބަބެއް،" 2016 ވަނަ އަހަރު ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކުރި ވެން ހާލް ބުންޏެވެ.

އުމުރުން 67 އަހަރުގެ ވެން ހާލް ބުނީ މި ވަގުތު ޔުނައިޓެޑްގެ ރޭވުންތެރިކަން އޮތީ ވަރަށް ރަނގަޅަށް ކަމަށާއި ޕްރިމިއާ ލީގުގެ ގަދަ ހަތަރެއްގައި ނިންމާލުމުގެ އިތުރުން ޔުނައިޓެޑަށް ޗެމްޕިއަންސް ލީގަށް ވެސް އަމާޒުހިފިދާނެ ކަމަށެވެ.

"ޔުނައިޓެޑްގައި އެބައޮތް ނޮކައުޓު މުބާރާތަކަށް އެންމެ ކަމުދާ ސްޓައިލް. ޑިފެންސިވްކޮށް ބަލާނަމަ އެ މީހުންނަށް އެ ގޮތަށް ކުޅެން މޮރީނިއޯ އޮތީ ދަސްކޮށްދީފައި. ދެން ކައުންޓަ އެޓޭކަށް ބަލާއިރު ސޯލްޝެއާގެ ޕްލޭން ވަރަށް މޮޅަށް ފެންނަނީ. ޗެމްޕިއަންސް ލީގުގައި މި ސިސްޓަމް ވަރަށް ރަނގަޅަށް ވޯކްކުރާނެ،" ވެން ހާލް ބުންޏެވެ.

ޔުނައިޓެޑްގެ ކޯޗު ކަމުން ވެން ހާލް ވަކިކުރީ އޭނާ އެފްއޭ ކަޕް ތަށި އެ ޓީމަށް ހޯދައިދިންތާ މާ ގިނަ ދުވަހެއް ނުވަނީހެވެ. ވެން ހާލް ބުނީ އޭނާ ވަކިކުރިއިރު ކަންތައް ކުރީ ޕްރޮފެޝަނަލް އުސޫލުން ކަމުގައި ނުދެކޭ ކަމަށެވެ.

"ހަ މަސް ދުވަސް އަހަރެން މީޑިއާއާ ކުރިމަތިލިން އަހަރެންގެ މުސްތަގުބަލާ ބެހޭގޮތުން ކުރި ސުވާލުތަކާ. އެ ހަ މަސް ދުވަހު ވުޑްވާޑް ސިކުނޑީގައި އޮތީ އަހަރެން ވަކިކޮށްފައި މޮރީނިއޯ ގެންނަން. މިއީ ޕްރޮފެޝަނަލް ވިސްނުމުގައި އަމަލު ކުރަންވީ ގޮތެއް ނޫން،" ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑަށް ފާޑުކިއަމުން ވެން ހާލް ބުންޏެވެ.

އޭނާ ބުނީ ރަނގަޅު ސްޕޯޓްސް ޑިރެކްޓަރެއްގެ ބެލުމުގެ ދަށުން ސޯލްޝެއާ އަށް ކުރިއަށް ދިއުމުގެ ފުރުސަތު ދީފިނަމަ އަލުން ޔުނައިޓެޑް ކާމިޔާބު ހޯދަން ފަށާނެ ކަމަށެވެ.