Roadha Mihaaru
މޮރީނިއޯއާ މެދު ޔުނައިޓެޑުން ދެ ވަނަ ވިސްނުމަކަށް

މޮރީނިއޯއާ މެދު ޔުނައިޓެޑުން ދެ ވަނަ ވިސްނުމަކަށް

18 ޑިސެމްބަރ 2018

މެންޗެސްޓާ (ޑިސެމްބަރު 18) - މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ މަގާމުން ވަކިކުރުމާ މެދު އެ ކްލަބްގެ ބޯޑު މެމްބަރުން ދެ ވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (ޑިސެމްބަރު 18) - މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ މަގާމުން ވަކިކުރުމާ މެދު އެ ކްލަބްގެ ބޯޑު މެމްބަރުން ދެ ވަނަ ވިސްނުމަކަށް ގޮސްފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ރިޕޯޓްތައް ބުނާގޮތުން މިދިޔަ ހަފްތާގައި ޔުނައިޓެޑްގެ ބޯޑް މެމްބަރުން ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ޖާގައެއް ހޯދަން ޓާގެޓްކޮށް މޮރީނިއޯ ސީޒަނުގެ ނިޔަލަށް މަގާމުގައި ބެހެއްޓުމަށެވެ. ޔުނައިޓެޑްގެ އެންމެ ފަހުގެ ދެ ކޯޗު ކަމަށްވާ ޑޭވިޑް މޮއިސް އާއި ލުއީ ވެން ހާލަށް މަގާމު ގެއްލުނީ އެ ޓީމު ޗެމްޕިއަންސް ލީގަށް ކޮލިފައިނުކޮށްދެވުމުންނެވެ.

އެކަމަކު އާދިއްތަ ދުވަހުގެރޭ ވާދަވެރި ލިވަޕޫލް އަތުން ޔުނައިޓެޑް ބަލިވެ، ގަދަ ހަތަރަކާ ދެމެދު އޮތް ޕޮއިންޓުގެ ފަރަގު 11 ޕޮއިންޓަށް ބޮޑުވުމުން މޮރީނިއޯގެ ކުރިމަގާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.

ޔުނައިޓެޑަށް ސީޒަނުގެ ފުރަތަމަ 17 މެޗަށް ފަހު 26 ޕޮއިންޓް ލިބުނުއިރު، މިއީ 1990 ވަނަ އަހަރަށް ފަހު އެ ޓީމު އެންމެ ދަށްކޮށް ސީޒަން ފެށި ފަހަރެވެ. ގަދަ ހަތަރަކާ ދެމެދު ޔުނައިޓެޑްގެ ފަރަގު ބޮޑު ނަމަވެސް އެންމެ ފަހުން ލިވަޕޫލް އަތުން ބަލިވި މެޗަށް ފަހު މޮރީނިއޯ ވަނީ ގަދަ ހަތަރެއްގެ ތެރޭގައި އޮވެ ސީޒަން ނިންމާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ބުނެފަ އެވެ.

މި ސީޒަން ފެށުމުގެ ކުރިން ޔުނައިޓެޑްގެ ވައިސް ޗެއާމަން އެޑް ވުޑްވާޑް އާއި މޮރީނިއޯއާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް މީޑިއާގައި އަޑުފެތުރުނެވެ. މޮރީނިއޯ ވަނީ އޭނާ ބޭނުންވާ ކުޅުންތެރިން ޓްރާންސްފާ މާކެޓްގައި ނުލިބުމުން ނުސީދާ ގޮތަކަށް ވުޑްވާޑަށް ބަހުގެ ހަމަލާތަކެއް ފޮނުވާލައިފަ އެވެ.

ރިޕޯޓްތައް ބުނާގޮތުން މޮރީނިއޯ މަގާމުގައި ބެހެއްޓުމާ ބެހޭގޮތުން ޔުނައިޓެޑުން މިހާރު ވަނީ ދެ ވަނަ ވިސްނުމަކަށް ގޮސްފަ އެވެ. އެގޮތުން ޔުނައިޓެޑް ބޯޑުން މިހާރު ނިންމާފައިވަނީ މި މަހުގެ ނިޔަލަށް ބެލުމަށް ފަހު ގޮތެއް ނިންމުމަށެވެ. މި މަހު ލީގުގެ ގިނަ މެޗުތަކެއް އޮތްއިރު، ޔުނައިޓެޑްގެ ހާލަތު ބަދަލު ނުކުރެވިއްޖެނަމަ މޮރީނިއޯ ޓީމުގެ ވަޒީފާ ގެއްލޭނެ އެވެ.

ޔުނައިޓެޑްގެ ކޯޗުކަމާ 2016 ވަނަ އަހަރުގެ މެއި މަހު މޮރީނިއޯ ހަވާލުވީ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން 2019 ވަނަ އަހަރުގެ ނިޔަލަށެވެ. ފުރަތަމަ ސީޒަނުގައި ޔުނައިޓެޑާ އެކު ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކުރި ނަމަވެސް މިދިޔަ ސީޒަން ނިންމާލީ ހުސްއަތާ އެވެ. މި އަހަރުގެ ޖެނުއަރީ މަހު މޮރީނިއޯ ވަނީ ޔުނައިޓެޑްގެ ކޯޗުކަމުގައި އިތުރު އެއް އަހަރު ހުންނަން އެއްބަސްވުން އާ ކޮށްފަ އެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން އަންނަ ޖެނުއަރީ މަހުގެ ޓްރާންސްފާ މާކެޓް ނިމުމުގެ ކުރިން މޮރީނިއޯ މަގާމުން ވަކިކުރާނަމަ ބަދަލެއްގެ ގޮތުގައި ޔުނައިޓެޑުން އޭނާ އަށް 30.3 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އެކަމަކު ޗެމްޕިއަންސް ލީގަށް ކޮލިފައިނުވެގެން މި ސީޒަން ނިމުމުން މޮރީނިއޯ ވަކިކުރާނަމަ އޭނާ އަށް ބަދަލެއްގެ ގޮތުގައި ދައްކަން ޖެހޭނީ 22.7 މިލިއަން ޑޮލަރެވެ.