Roadha Mihaaru
"ރާއްޖެ-އިންޑިއާއާ ދެމެދު ހުރި ހުރަސް ނައްތާލެވިއްޖެ"

ރާއްޖެ އާއި އިންޑިއާއާ ދެމެދު ހުރި ހުރަސްތައް ވަނީ ނައްތާލެވިފައި: ޝާހިދު

18 ޑިސެމްބަރ 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވީ އާދަޔާ ހިލާފު ކާމިޔާބީތަކެއް ލިބުނު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިން އުފެދުނު ހުރަސްތައް ގިރާ ކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވީ އާދަޔާ ހިލާފު ކާމިޔާބީތަކެއް ލިބުނު ދަތުރުފުޅެއް ކަމަށާއި އެ ދަތުރުފުޅުގެ ސަބަބުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިން އުފެދުނު ހުރަސްތައް ގިރާ ކުރެވިފައިވާ ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

ތިން ދުވަހުގެ މުއްދަތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުން ވަނީ ރާއްޖެ އަށް 1.4 ބިލިޔަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން ނިންމައިފަ އެވެ. އެއީ ރާއްޖޭގެ ބަޖެޓުގެ ދަތި ކަމަށާއި އިޖުތިމާއީ އަދި އިގްތިސޯދީ ތަރައްގީ އަށް ދިން ބޮޑު އެހީއެކެވެ.

އިންޑިއާގެ އާގްރާގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ޝާހިދު ވިދާޅުވީ މިދިޔަ ފަސް އަހަރު ރާއްޖޭގައި އޮތް ހުދުމުހުތާރު ސަރުކާރުން ޗައިނާ އާއި އިންޑިއާއާ "ތޮޅުވަން" ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރުމުން ރާއްޖެ އާއި އިންޑިއާއާ ދެމެދު ހިސާބަކަށް ނުތަނަވަސްކަން ދިމާވި ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތާޖްމަހަލްގެ ފޮޓޯއެއް ނަންގަވަނީ. --- ފޮޓޯ: އަހުމަދު ހަމްދޫން/ މިހާރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ތާޖްމަހަލްގެ ފޮޓޯއެއް ނަންގަވަނީ. --- ފޮޓޯ: އަހުމަދު ހަމްދޫން/ މިހާރު

އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ގުޅުން ބަދަހިވެ، ދެ ގައުމުގެ ދެމެދު ހުރި ހުރިހާ ހުރަސްތަކެއް ގިރާކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މި ދަތުރުފުޅަކީ ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައި ޝާހިދު މިސާލު ނެންގެވީ ރާއްޖެ އަށް ލިބުނު އެހީތަކުންނެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ގާއިމު ކުރި އެއްބަސްވުންތަކުގެ ސަބަބުން ދިވެހިން އިންޑިއާ އަށް ދަތުރުކުރުމުގައި ވިސާގެ ބޮޑެތި ލުއިތަކެއް ލިބިގެންދާނެ އެވެ. އަދި އިންޑިއާގައި ދިވެހިން ތައުލީމް ހާސިލްކުރުމަށް 1000 ސްކޮލަޝިޕް ވަނީ ހަމަޖެހިގެން ގޮސްފަ އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީ ބޭނުން ކުރާނީ ރާއްޖޭގެ ބަޖެޓަށް ކުރީ ސަރުކާރުން އަމަލު ކުރަމުން ދިޔަ ގޮތުގެ ސަބަބުން އައިސްފައި ހުރި "ލޮޅުންތައް" ހަމަޖެއްސުމަށެވެ. ކުރީ ސަރުކާރުގެ މާލީ އުސޫލުތައް ގޯސްކަމުން ރާއްޖޭގެ ރައްޔިތުންނަށް ދިމާވެފައި ހުރި ބޮޑެތި ގޮންޖެހުންތައް ހުރަސް ކުރުމަށް އިންޑިއާ އިން ވެފައި ވަނީ ދީލަތި އެހީއެއް ކަމަށް ޝާހިދު ވިދާޅުވި އެވެ.

ފޮރިން މިނިސްޓަރު ޝާހިދު މިއަދު އާގްރާގައި. --- ފޮޓޯ: އަހުމަދު ހަމްދޫން/ މިހާރު

ފޮރިން މިނިސްޓަރު ޝާހިދު މިއަދު އާގްރާގައި. --- ފޮޓޯ: އަހުމަދު ހަމްދޫން/ މިހާރު

"ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ އާއި އިންޑިއާ އަދި އަވައްޓެރި އެހެން ގައުމުތަކާއި އަޅުގަނޑުމެންނާ ރައްޓެހި، ސައުދީ އަރަބިއްޔާ، ޔުނައިޓެޑް އަރަބް އެމިރޭޓްސް ފަދަ ގައުމުތަކާ އެކު ހަރުދަނާ ގުޅުންތަކެއް ބިނާ ކުރުމުގެ ބިންގާ އެޅިގެންދިޔަ ދަތުރެއް،" "މިހާރު"ން ކުރި ސުވާލެއްގެ ޖަވާބުގައި ޝާހިދު ވިދާޅުވި އެވެ.

ޗައިނާ އަކީ ވަރަށް ދީލަތި އެހީތަކެއް ވެދީފައިވާ ގައުމެއް ކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވީ ޗައިނާ އަބަދުވެސް އޮންނާނީ ރާއްޖެއާ ގާތް، ރަހްމަތްތެރި ގައުމެއްގެ ގޮތުގައި ކަމަށެވެ. އަދި ރާއްޖެ، އެއް ގައުމު އަނެއް ގައުމާ ދޭތެރޭގައި ޖައްސުވަން މަސައްކަތް ކުރާ ބަޔަކަށް ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަކީ ހުރިހާ ގައުމުތަކާ އެކު ވެސް ވެސް ރަހްމަތްތެރިކަމުގެ ގުޅުން ގާއިމު ކުރަމުން ގެންދާނެ ސަރުކާރެއް،" ޗައިނާއާ އެކު ގާތް ގުޅުމެއް ބާއްވަވާނެ ކަމުގެ ޔަގީންކަން ދެއްވައި ޝާހިދު ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދަށް އިންޑިއާއިން ހޫނު މަރުހަބާއެއް ދެންނެވި އިރު، ރައީސްގެ ދެކަނބަލުން ތިއްބަވަނީ އިންޑިއާގެ ރިޔާސީ ގަނޑުވަރު، ރާޝްތުރަޕަތީ ވަންގަ އެވެ. ޝާހިދު ވިދާޅުވީ ރިޔާސީ ގަނޑުވަރުގައި ތިއްބެވުމުގެ ޝަރަފު ރައީސް އަށް ދެއްވުމަކީ އިންޑިއާ އިން އެމަނިކުފާނަށް ދެއްވި ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ރައީސްގެ ދެކަނބަލުން މިއަދު ތާޖްމަހަލް ކައިރީގައި ސެލްފީއެއް ނަންގަވަނީ. --- ފޮޓޯ: އަހުމަދު ހަމްދޫން/ މިހާރު

ރައީސްގެ ދެކަނބަލުން މިއަދު ތާޖްމަހަލް ކައިރީގައި ސެލްފީއެއް ނަންގަވަނީ. --- ފޮޓޯ: އަހުމަދު ހަމްދޫން/ މިހާރު

"އެކަމުން ދޭހަކޮށްދެނީ ދެ ގައުމު ދޭތެރޭގައި އޮތް ގުޅުން އާ އުސްމިންތަކަކަށް ވާސިލްވެއްޖެކަން. ދެ ގައުމުގެ ދޭތެރޭގައި ދެކެވުނު ވާހަކަތަކުން އެނގުނީ އެއް ގައުމުން، އަނެއް ގައުމަށް އިހްތިރާމް ކުރަމުން ގެންދާ ކަން. އެއް ގައުމު، އަނެއް ގައުމާ ދޭތެރޭގައި ޔަގީންކަން އުފެދިފައިވާ މިންވަރު،" ޝާހިދު ވިދާޅުވި އެވެ.

ނޫސްވެރިންގެ ބައެއް ސުވާލުތަކަށް ޖަވާބު ދެއްވައި، ޝާހިދު ވިދާޅުވީ ރާއްޖެ އާއި އިންޑިއާއާ ދެމެދު ދިފާއީ އެއްވެސް އެއްބަސްވުމެއް ގާއިމުކޮށްފައި ނުވާ ކަމަށެވެ. އަދި އަސްކަރީތަކުގެ ވާހަކަތައް ފިޔަވައި އިތުރު މަޝްވަރާއެއް ކޮށްފައި ނުވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވި ގޮތުގައި، ރައީސް އަންނަ އަހަރުގެ ކުރީކޮޅު ވަޑައިގަންނަވާނީ އަބޫދާބީއަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާ އަށް ފެއްޓެވި، ދަތުރުފުޅަކީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ފުރަތަމަ ދަތުރުފުޅެވެ.