Roadha Mihaaru
ފުރާނައެއް ގެއްލުމުގެ ކުރިން ޒިންމާއެއް ނެތީތަ؟!

ފުރާނައެއް ގެއްލުމުގެ ކުރިން ޒިންމާއެއް ނެތީތަ؟!

19 ޑިސެމްބަރ 2018

މި ހަފުތާ ފެށުނުތަނާ މުޅި ރާއްޖެ ސިއްސުވާލީ މާލޭގައި އިމާރާތް ކުރަމުން ދިޔަ ގެއަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ، ކުޑަކުއްޖަކު މަރުވި ޚަބަރުންނެވެ. އުމުރުން އެންމެ ހަތް އަހަރުގެ ރައުޝަން ޖިއާން އޭނާގެ މަންމައާ އެކު މަގުމަތިން ހިނގާފައި ވަނިކޮށް ދިމާވި އެ ހާދިސާއާ ގުޅިގެން ދައުލަތުގެ ހުރިހާ މުއައްސަސާއެއް އެލާޓަށް ގެނުވި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މި ހަފުތާ ފެށުނުތަނާ މުޅި ރާއްޖެ ސިއްސުވާލީ މާލޭގައި އިމާރާތް ކުރަމުން ދިޔަ ގެއަކުން ވެއްޓުނު ސިމެންތި ބަސްތާއެއް ދަށުވެ، ކުޑަކުއްޖަކު މަރުވި ޚަބަރުންނެވެ. އުމުރުން އެންމެ ހަތް އަހަރުގެ ރައުޝަން ޖިއާން އޭނާގެ މަންމައާ އެކު މަގުމަތިން ހިނގާފައި ވަނިކޮށް ދިމާވި އެ ހާދިސާއާ ގުޅިގެން ދައުލަތުގެ ހުރިހާ މުއައްސަސާއެއް އެލާޓަށް ގެނުވި އެވެ.

މާލޭ ސިޓީ ކައުންސިލާއި ހައުސިން މިނިސްޓްރީ އާއި އެހެން ވެސް ކަމާ ބެހޭ އިދާރާތަކުން މިހާރު ވަނީ އިމާރާތް ކުރުމާ ގުޅޭ ގޮތުން ދޭން ޖެހޭ ހުއްދަތައް ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ. ހުރިހާ ކޮންސްޓްރަކްޝަން ސައިޓްތައް އިންސްޕެކްޓް ކުރަން ނިންމައި، ކުންފުނިތަކާ އެކު މަޝްވަރާ ވެސް ކުރަން ވެސް ވީ އެވެ. ސުވާލަކީ ހުރިހާ މުއައްސަސާއެއް އެލާޓްވެ، ވަގުތުން ވަގުތަށް ފިޔަވަޅު އަޅަންވީ ކުޑަކުއްޖެއްގެ ފުރާނަ ދިޔަ ހާދިސާއަށް ފަހު ހެއްޔެވެ.؟ އަދި މިއީ އެތަނުގައި މަސައްކަތްކުރި ކޮންސްޓްރަކްޝަން ކުންފުންޏަށް ފިޔަވަޅު އެޅުމަށް ފަހު ނިންމާލެވެން އޮތް ކަމެއް ހެއްޔެވެ؟.

ސިމެންތި ބަސްތާ ވެއްޓުމުގެ ހަފުތާއެއްހާ ދުވަސް ކުރިއަށް ޖެހިލާނަމެވެ. ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔަ 10 ބުރީގެ އިމާރާތެއް ކައިރިން ދަނިކޮށް މަގުމައްޗަށް ވެއްޓުނު ލަކުޑި ބުރިއަކުން ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ސަލާމަތްވީ ކިރިޔާ އެވެ. މޮހޮރު ވެސް ހަރުކޮށްފައި ހުރި އެ ލަކުޑި ބުރީގެ ފޮޓޯ ސޯޝަލް މީޑިއާގައި އޭނާ އާންމުކުރެއްވި އިރު، އެއިން ގައިގައި ޖެހުނު ނަމަ ބޮޑު އަނިޔާއެއް ނުލިބި ސަލާމަތްވުން ދުރެވެ.

އެކަމަކު މިއަދާ ހަމައަށް ވެސް އިމާރާތްކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅަށް ބެލިފައި ނެތް ކަމާ މެދު ދެބަސްވެވޭކަށް ނެތެވެ. ތޮއްޖެހިފައިވާ މި މާލޭގައި އުސް އިމާރާތްތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާއިރު، ކޮންސްޓްރަކްޝަން ސައިޓްތައް ކައިރިން އާންމުން ދާން ޖެހެނީ ފުރާނަ އަތްމައްޗަށް ލައިގެންނޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ. ސައިޓްތަކުގައި މަގުމައްޗަށް އެއްޗެހި ނުވެއްޓޭ ގޮތަށް ވަށައިގެން ދާ ޖަހާފައި ހުއްޓަސް، އެއީ ނަމެއްގަ އެވެ.

ލަކުޑި ބުރި އާއި ގަލާއި މަސައްކަތުގައި ގެންގުޅޭ ބަރު އާލާތްތައް މަގުތަކަށް ވެއްޓުމަކީ އަބަދުވެސް ހިނގާ ކަންކަމެވެ. އޭގެ ސަބަބުން "މަރުގެ އެތިފަހަރުތަކުން" ގިނަ ފަހަރަށް މީހުން ސަލާމަތްވަނީ ކިރިޔާ އެވެ. އެފަދަ ކަމެއް މާލޭގައި ނުހިނގާ ދުވަހެއް ނުދެ އެވެ. ކޮންސްޓްރަކްޝަން ސައިޓްތަކުގައި، މަސައްކަތް ހިންގަމުންދާ ކަން އަންގައިދޭ ނުރައްކާ ބޯޑެއް ބެހެއްޓުމުން ހުރިހާ ކަމެއް ފުރިހަމަވީހެން ހީވާ ކަހަލަ އެވެ.

ކޮންސްޓްރަކްޝަން ސައިޓްތަކުން އާންމުންނަށް ކުރިމަތިވާ ނުރައްކާތެރި ހާދިސާތަކުގެ އިތުރުން އެފަދަ ބައެއް ތަންތަނުގައި މަސައްކަތް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅު ނާޅައިގެން ހިނގާ ހިތާމަވެރި ހާދިސާތައް ވެސް މަދެއް ނޫނެވެ. ކޮންސްޓްރަކްޝަން ސައިޓްތަކުގައި އުޅޭ މީހުން ހެލްމެޓް ފަދަ ތަކެތި ނާޅައި، ހަރަކާތްތެރިވުމާއި ބެލްޓް ނާޅައި އުސް ތަންތަނަށް އެރުން ފަދަ އަމަލްތައް އަބަދުވެސް ފެންނާނެ އެވެ.

ހަމައެކަނި ކޮންސްޓްރަކްޝަން ސައިޓްތަކާ ހަމައިން މިކަން ނިންމާލެވޭކަށް ނެތެވެ. މީހުން ދިރިއުޅޭ އުސް އިމާރާތްތަކުގެ ދަށުން މިހާރު ދިއުމަކީ ވެސް ނުރައްކަލެކެވެ. ބެލްކަނިތަކާއި ޓެރަސްތަކުގައި މަގުމައްޗަށް ވާ ގޮތަށް ބަހައްޓާފައި ނުވަތަ އެލުވާފައި ހުންނަ ގަސްމުށިތަކާއި ފުޅި ފަދަ ތަކެއްޗާއި ރައްކާތެރިކަމެއް ނެތް ގޮތެއްގައި ހަރުކޮށްފައި ހުންނަ އެއާ ކޮންޑިޝަން ޔުނިޓްތަކަކީ ބޮޑު ނުރައްކަލެކެވެ. އަދި އިމާރާތްތަކުގެ ފުރާޅުތަކާއި ދިޔަދޮވިތަކުން މަގުތަކަށް ހުއްޓުމެއް ނެތި ފައިބަމުންދާ ފެނަކީ ވެސް މަގުމަތި ބޭނުންކުރާ މީހުންނަށް އޮތް ބޮޑު ތުރާލެކެވެ.

މިހެން ގޮސް ކިތަންމެ ކަމެއް މި ކުޑަކުޑަ މާލެއިން ފާހަގަކުރެވިދާނެ އެވެ. މީޑިއާތަކުގެ ސުރުހީތަކަށް ކޮންމެ ދުވަހަކު މިކަންކަން ނަޔަސް، މިއީ ސޯޝަލް މީޑިއާގައި ކޮންމެ ދުވަހަކުންހެން ރައްޔިތުން ކުރާ ޝަކުވާތަކެވެ. އެ މަސައްކަތްތައް ކުރާ ކުންފުނިތަކުން ފަރުވާ ކުޑަކޮށް، ކުރާ މިފަދަ ކަންކަން އެކި ގޮތްގޮތުން ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކި ސިފަ ސިފައިގައި ގެނެސްފި އެވެ. އަދި މިއީ ސަމާލު ކަމަށް ނުގެނަޔަސް، ގަވާއިދުން މޮނީޓާ ކުރަމުން ދިޔަ ނަމަ ފާހަގަވާނެ ފަދަ މައްސަލަތަކެވެ. އެކަމަކު ހިތާމައަކީ ގަވާއިދުތަކުގައި ކިތަންމެ ތަފްސީލުކޮށް މިކަންކަން ލިޔެފައި ހުއްޓަސް، މިއިން އެއްވެސް ކަމަކަށް އެކަށީގެންވާ ފިޔަވަޅުތަކެއް މިހާތަނަށް އަޅާފައި ނެތް ކަމެވެ.

އިމާރާތް ކުރުމާ ގުޅޭ ހުއްދަތައް ދިނުމާއި އިމާރާތް ކުރާ ތަންތަން ރެގިއުލޭޓްކޮށް ބަލަހައްޓަމުން ދިޔައީ ކުރިން ހައުސިން މިނިސްޓްރީންނެވެ. އާ ސަރުކާރު އައުމާ އެކު، މިހާރު އެ ބާރުތައް އޮތީ ސިޓީ ކައުންސިލްގެ ދަށުގަ އެވެ. އިމާރާތް ކުރުމުގެ މަސައްކަތް ރެގިއުލޭޓް ކުރުން އެކި ދުވަސްވަރު އެކި މުއައްސަސާތަކުން ބަލަމުން ދިޔަޔަސް، އެނގޭ ކަމަކީ އިއްޔެގެ ހާދިސާގެ ކުރިން މިކަމަށް ސީރިއަސް ގޮތެއްގައި ބެލިފައި ނެތް ކަމެވެ.

މާލޭގެ ކޮންސްޓްރަކްޝަން ސައިޓެއް --ފޮޓޯ/މިހާރު

މާލޭގެ ކޮންސްޓްރަކްޝަން ސައިޓެއް --ފޮޓޯ/މިހާރު

އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ދަށް ފެންވަރެއްގައި ހުރި ކަން ސިޓީ ކައުންސިލާއި ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ މައި ޖަމްއިއްޔާ މަސީން ވެސް އެއްބަސްވެ އެވެ. އެހެންވެ، އިހުމާލުވާ ކުންފުނިތަކޭ އެއް ވަރަށް ދައުލަތުގެ މުއައްސަސާތަކުން ވެސް މިކަމަށް ޒިންމާވާން ޖެހޭނެ އެވެ.

މާލޭގެ އިމާރާތް ކުރުމާއި އެފަދަ ތަންތަނުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފުރިހަމަވާން ޖެހޭ ކަންކަން މިހާރު ކަނޑައަޅާފައި އޮންނަނީ ޕްލޭނިން ގަވާއިދުގަ އެވެ. މީގެ އަހަރުތަކެއް ކުރިން ހެދި އެ ގަވާއިދުގެ ބަދަލުގައި އަލަށް ހަދަން ޖެހޭ ގަވާއިދުތައް މިނިސްޓްރީން އޮތީ ނަހަދަ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އިމާރާތް ކުރުމާ ބެހޭ ގާނޫނެއް ފާސްކޮށް، މިދިޔަ އަހަރު އަމަލު ކުރަން ފެށުމާ އެކު އިމާރާތް ކުރުމާ ބެހޭ މުޅިން އާ ގަވާއިދުތަކެއް އެ ގާނޫނުގެ ދަށުން އެކުވާލަން ލާޒިމްކުރެ އެވެ. އިމާރާތް ކުރުމުގެ ދާއިރާގެ ސަލާމަތީ ކަންކަމާއި އެހެނިހެން ކަންކަން ވެސް ހިމެނޭ ގޮތުން ޖުމްލަ 14 ގަވާއިދެއް މިނިސްޓްރީން ހަދަން ޖެހެ އެވެ.

އޭގެ ތެރެއިން 13 ގަވާއިދެއް އެ ގާނޫނަށް އަމަލު ކުރަން ފަށާތާ ހަ މަސްދުވަހުގެ ތެރޭގައި ހަދަން ލާޒިމްކޮށް، އަނެއް ގަވާއިދު އެއް މަސް ތެރޭގައި ހަދަން އޮތަސް، އެ މުއްދަތުތައް ހަމަވިތާ އަށް މަސް ފާއިތުވަނީ އެވެ. އެއްވެސް ގަވާއިދެއް ހަދައި، އާންމެއް ނުކުރެ އެވެ. މި ފާހަގަކޮށްލީ ރާއްޖޭގެ ދެވަނަ އެންމެ ބޮޑު އިންޑަސްޓްރީގެ ކަންކަން ރެގިއުލޭޓް ކުރުމަށް ހަދަން ޖެހޭ ގަވާއިދުތަކުގެ ވާހަކަ އެވެ.

ގާނޫނުން ލާޒިމްކުރާ ގަވާއިދުތައް ނެހެދުން އެކަންޏެއް ނޫނެވެ. ގާނޫނު އައުމުގެ ކުރީއްސުރެން ފެށިގެން ވެސް އަމަލު ކުރަމުން އަންނަ ގަވާއިދުތަކުގައި ހުރި ކަންކަން ވެސް ރަނގަޅަށް ތަންފީޒެއް ނުކުރެވެ އެވެ. އިމާރާތް ކުރުމާ ބެހޭ ގާނޫނު އައުމުގެ ކުރިން އަމަލުކުރަމުން އަންނަ މާލޭ ޕްލޭނިން ގަވާއިދު މިހާރު ވެސް ވުޖޫދުގައި އެބަ އޮތެވެ. އިމާރާތްތަކުގެ ސަލާމަތީ ކަންކަން ހުންނަން ޖެހޭ އުސޫލުތަކާއި އެއާ ޚިލާފަށް އަމަލު ކުރާ ނަމަ އެޅޭނެ ފިޔަވަޅުތައް ވެސް އެ ގަވާއިދުގައި އެބަ އޮތެވެ.

ކޮންސްޓްރަކްޝަން ކުންފުންޏެއްގެ ބޭފުޅަކު، ނަން ނުޖަހާ ގޮތަށް، ވިދާޅުވީ އިމާރާތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ހަދަން ޖެހޭ އާ ގަވާއިދުތައް ނެހެދި އޮތުމަށް ވުރެ ބޮޑު މައްސަލައަކީ މިހާރު ހުރި ގަވާއިދު ވެސް ތަންފީޒު ނުކުރެވުމެވެ. ގާނޫނު އައުމުގެ ކުރިން އަމަލު ކުރަމުން އަންނަ މާލޭ ޕްލޭނިން ގަވާއިދުގެ ދަށުން އިމާރާތްތަކާއި އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ހުންނަން ޖެހޭ މިންގަނޑުތަކެއް ކަނޑައަޅާފައި އެބަ އޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު އެކަންކަން ރަނގަޅަށް މޮނީޓާ ނުކުރެވޭ ކަމަށް އޭނާ ވެސް އެއްބަސްވެ ވަޑައިގަންނަވަ އެވެ

"ޕްލޭނިން ގަވާއިދުގައި ވެސް އެބަހުރި ސޭފްޓީ އާއި ސެކިއުރިޓީގެ ގޮތުން އިމާރާތްތަކުގައި އަޅަން ޖެހޭ ފިޔަވަޅުތައް ވެސް. ގާނޫނުގައި އެންމެ ބޮޑު ވަރަކަށް ފަސް ލައްކަ ރުފިޔާ މިއޮތީ ޖޫރިމަނާ ކުރެވޭނެ. އެކަމަކު މިހާރު މި އޮތް ޕްލޭނިން ގަވާއިދު ބުނާ ގޮތުން މިލިއަނުން ވެސް ޖޫރިމަނާ ކުރެވިދާނެ،" އޭނާ ވިދާޅުވި އެވެ.

"އެކަމަކު އެ ގަވާއިދު ރަނގަޅަށް އިމްޕްލިމެންޓް ނުކުރެވޭތީ މައްސަލައަކީ. އާ ގަވާއިދު ނެތުމަށް ވުރެ ބޮޑަށް މިހާރު އޮތް ޕްލޭނިން ގަވާއިދު ވެސް ތަންފީޒު ނުކުރެވޭތީ މައްސަލައަކީ."

މީގެ އިތުރުން އިމާރާތް ކުރުމާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައި އޮތް ބިލްޑިން އެންޑް ކޮންސްޓްރަކްޝަން ބޯޑުގެ ޒިންމާ ވެސް ފުރިހަމައަށް އަދާނުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އޭގެ އެންމެ ބޮޑު ސަބަބަކީ ރައީސް އައްޔަން ކުރައްވާ މެމްބަރުން ތިއްބަވާ އެ ބޯޑުގައި ކޮންސްޓްރަކްޝަން ވިޔަފާރީގައި އިސްކޮށް އުޅޭ ގިނަ ބަޔަކު ތިބުމެވެ.

"އެ ބޯޑަކީ ކޮންސްޓްރަކްޝަން ދާއިރާގެ ކަންކަމާ ބެހޭ ގޮތުން ލަފާ އަރުވަން އޮންނަ ބޯޑެއް. ގާނޫނުގައި އެ ބޯޑަށް ބައިވަރު ޒިންމާތަކެއް އެބަ އޮތް ކަނޑައަޅާފައި. އެ ބޯޑު ރަނގަޅަށް ފަންކްޝަން ކުރާ ނަމަ މިނިސްޓަރަށް ޕްރެޝަރު ކޮށްގެން ނަމަވެސް މިހާރު އޮންނާނީ އެ ގަވާއިދުތައް ވެސް ހެދިފައި ދެއްތޯ،" ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި އެވެ.

"އެއީތާ ހަގީގަތުގައިި ބޯޑެއް އުފެދިފައި އޮތުމުގެ ބޭނުމަކީ. ޗެކް އެންޑް ބެލެންސް ކުރެވޭނެ ނިޒާމެއް ގެނައުން."

ފުރާނައެއް ގެއްލޭ ކޮންމެ ފަހަރަކު ޖޫރިމަނާއެއް ކޮށްލުމަކީ އޮތް ހައްލެއް ނޫނެވެ. އޭގެ ކުރިން އޮންނަން ޖެހޭނީ އެފަދަ ކަންކަމުގެ ބެލެނިވެރި ފަރާތުގެ ހައިސިއްޔަތުން ދައުލަތުން ފިޔަވަޅުތައް އަޅައިފަ އެވެ. ދައުލަތުގެ މުއައްސަސާތަކުގެ ޒިންމާ އުފަންވަނީ ކޮންމެ ފަހަރަކު ކުޑަކުއްޖެއްގެ ފުރާނަ ގެއްލޭ ހިސާބުން ކަމަށް ވެގެން ނުވާނެ އެވެ.