Roadha Mihaaru
ޖިއާންގެ މަރު: ތިން މީހަކު ކުށަށް އިއުތިރާފްވެއްޖެ

ޖިއާންގެ މަރުގެ ދައުވާލިބޭ ތިން މީހަކު ކުށަށް އިއުތިރާފްވެއްޖެ

21 މާޗް 2019

މާލޭގައި އިމާރާތް ކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މަރުވި ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ ހަ މީހުންގެ ތެރެއިން ތިން މީހަކު ކްރިމިނަލް ކޯޓުގައި މިއަދު ކުށަށް އިއުތިރާފްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލޭގައި އިމާރާތް ކުރަމުން ދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި މަރުވި ބަންގްލަދޭޝްގެ އަންހެން ކުއްޖެއް ކަމަށްވާ ރައުޝާން ޖިއާންގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާކުރާ ހަ މީހުންގެ ތެރެއިން ތިން މީހަކު ކްރިމިނަލް ކޯޓުގައި މިއަދު ކުށަށް އިއުތިރާފްވެއްޖެ އެވެ.

މިދިޔަ ޑިސެމްބަރު މަހު ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިން އިމާރާތް ކުރަމުންދިޔަ ތަނަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހުނީ ރައުޝަން އޭނާގެ މައިންބަފައިންނާ އެކު މަގުމަތިން ހިނގާފައި ދަނިކޮށެވެ. ރައުޝަން މަރުވީ ލިބުނު އަނިޔާތަކަށް އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދަނިކޮށެވެ.

އެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އިންޑިއާގެ ހަތަރު މީހަކަށާއި ދެ ދިވެއްސެއްގެ މައްޗަށެވެ. އެ މައްސަލާގައި މިއަދު ބޭއްވި ފުރަތަމަ އިބްތިދާއީ އަޑުއެހުމުގައި ކުށަށް އިއުތިރާފްވީ ދައުވާލިބޭ ހަތަރު ބިދޭސީންގެ ތެރެއިން ރައްޖާވް އަލީ އާއި މުތުމަނި ރަމަޗަންދުރަން އާއި ކެޝަރިލަލް ޗަައުހަން އެވެ.

އޭގެ ތެރެއިން ރައްޖާވަކީ ރައުޝަން ގަޔަށް ސިމެންތި ބަސްތާ ވެއްޓުނުއިރު، ބަސްތާތައް އުފުލި އިރު ވިންޗު އޮޕަރޭޓްކުރަން ހުރި މީހާ އެވެ. ތަރުޖަމާނެއްގެ އެހީގައި ވާހަކަ ދައްކަމުން އޭނާ ބުނީ އެ ހާދިސާ ހިނގި ކަމަށް ގަބޫލުކުރާ ކަމަށާއި އެކަމަކު އެއީ ގަސްދުގައި ކުރި ކަމެއް ނޫން ކަމަށެވެ.

ދެވަނައަށް ކުށަށް އިއުތިރާފްވި މުތުމަނި ރަމަޗަންދުރަން އަކީ ސިމެންތި ބަސްތާ މައްޗަށް ނެގުމަށް އެންގި މީހާ އެވެ. އޭނާ ވެސް ވަނީ އެ ހާދިސާ ހިނގި ކަމަށް އެއްބަސްވެފަ އެވެ. އެކަމަކު އޭނާ ވެސް ބުނިގޮތުގައި އެއީ ގަސްދުގައި ކުރި ކަމެއް ނޫނެވެ.

ތިން ވަނަ އަށް ކުށަށް އިއުތިރާފްވި ކެޝަރިލަލް ޗައުހަރީ އަކީ ސިމެންތި ބަސްތާތައް ސަވާޖީއަށް އެރުވިއިރު، ތިރީގައި ހަރަކާތްތެރިވި ދެ މީހުންގެ ތެރެއިން އެކަކެވެ. އޭނާގެ ވެސް ވަނީ ދައުވާއަށް އިއުތިރާފްވެފަ އެވެ.

އެ ތިން ބިދޭސީން ވެސް ކުށަށް އިއުތިރާފްވުމުން ޖިނާއީ އިޖްރާއާތުގެ ގާނޫނުގައިވާ ގޮތުގެ މަތިން އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި އެ ތިން މީހުންގެ މައްޗަށް އަންނަ އަންގާރަ ދުވަހު ހުކުމް ކުރަން އެ މައްސަލަ ބައްލަވަނީ ގާޒީ އަލީ ރަޝީދު ހުސައިން ވަނީ ނިންމަވައިފަ އެވެ.

ކުށަށް އިއުތިރާފްވި ތިން މީހުންގެ ތެރެއިން ރައްޖާވާއި މުތުމަނިގެ މައްޗަށް ކުރަނީ މީހަކު މަރުވެ ދިއުމުގެ ފަރުވާ ކުޑަ އަމަލެއް ކުރުމުގެ ދައުވާ އެވެ. ކެޝަރިލަލްގެ މައްޗަށް ކުރަނީ ކުރިމަތިވެދާނެ ކަން އެނގޭ ނުރައްކަލެއްގެ އިންޒާރު އެކަށީގެންވާ ސަބަބެއް ނެތި، ނުރައްކަލުގައިވާ މީހާއަށް ނުދިނުމުގެ ދައުވާ އެވެ.

އެ ތިން މީހުން ވެސް ކުށަށް އިއުތިރާފްވެފައިވާތީ ގާނޫނުލް އުގޫބާތުގެ ދަށުން އެ މީހުންގެ އަދަބު އަދަބު ކަނޑައެޅުމުގެ އަސާސީ މިންގަނޑަށް ވުރެ އެއް ދަރަޖަ ދަށްވާނެ އެވެ.

އެ މައްސަލާގައި ތިން ބިދޭސީއަކު ކުށަށް އިއުތިރާފްވިޔަސް، އެ މައްސަލާގައި ދައުވާލިބޭ ހަތަރު ވަނަ ބިދޭސީ މީހާ ކަމަށްވާ ގުލާމް މުހައްމަދާއި ދައުވާލިބޭ ދެ ދިވެހިން ކަމަށްވާ ދަފްތަރު ނަމްބަރު 8424 މޫސާ ހަސަން އާއި ދަފްތަރު ނަމްބަރު 7198 އާދަމް ޝަފީގު ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ. މޫސާ ހަސަން އާއި ޝަފީގް ވަނީ ވަކީލަކު ހަމަޖައްސަން އިތުރު ފުރުސަތު ބޭނުންވާ ކަމަށް ބުނެފަ އެވެ.

ތިން މީހުން ދައުވާއަށް އިންކާރު ކުރުމުން، އެ ތިން މީހުުންނާ ދެކޮޅަށް ދައުލަތުން ވަނީ ހެކި ހުށަހަޅައިފަ އެވެ. ގުލާމްއާ ދެކޮޅަށް 24 ހެކި ހުށަހެޅިއިރު، ދެ ދިވެހިންނާ ދެކޮޅަށް 31 ހެއްކެއް ދައުލަތުން ހުށަހެޅި އެވެ.

ރައުޝަންގެ މަރުގެ ހާދިސާއަކީ މުޅި ރާއްޖެ ސިއްސުވާލި ހާދިސާއެކެވެ. އެ ހާދިސާއަށް ފަހު އިމާރާތް ކުރުމާ ގުޅޭ ކަންކަން ހަރުދަނާ ކުރަން ގިނަ ފިޔަވަޅުތަކެއް އޭރު އެޅި އެވެ.