Roadha Mihaaru
ހަދަމުންދާ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓިއްޖެ

ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދާ އިމާރާތަކުން ދަގަނޑު ހޮޅިއެއް ވެއްޓި ކާރަކަށް ގެއްލުންވެއްޖެ

04 ޖޫން 2019

ޑަބްލިއު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތް ކުރާ އިމާރާތަކުން ދަގަނޑު ހޮޅިއެއް މިއަދު ވެއްޓި ކާރަކަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޑަބްލިއު ކޮންސްޓްރަކްޝަނުން މާލޭގައި އިމާރާތް ކުރާ އިމާރާތަކުން ދަގަނޑު ހޮޅިއެއް މިއަދު ވެއްޓި ކާރަކަށް ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ސޯޝަލް ސެންޓަރު ކައިރީގައި ހަދަމުންދާ އެ އިމާރާތުން ދަގަނޑު ހޮޅިއެއް ވެއްޓި ކާރަކަށް ގެއްލުންވި ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެނދުރު ދޭއް ޖަހާކަން ހާއިރު ކަމަށެވެ. މި މައްސަލަ ހައުސިން މިނިސްޓްރީ އަށް މިހާރު އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

ޑަބްލިއު ކޮންސްޓްރަކްޝަނުން ވާހަކަ ދެއްކެވި އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، ވެއްޓުނީ ސަތަރިގަނޑެއްގައި އައްސާފައި އިން ޖެކެއްގެ އެއް ބައެވެ. އޭނާ ވިދާޅުވީ މިއަދަކީ އެ އިމާރާތުގައި މަސައްކަތް ކުރި ދުވަހަކަށް ނުވާއިރު، އެ ޖެކް ވެއްޓުނީ ވައިގަދަވުމުގެ ސަބަބުން ކަމަށެވެ.

ޑަބްލިއު ކޮންސްޓްރަކްޝަނުން ހަދާ އިމާރާތަކުން އެއްޗެއް ވެއްޓުނު އިރު، އެ ކުންފުނިން އިމާރާތް ކުރަމުން ދިޔަ ތަނަކުން ސިމެންތި ބަސްތާއެއް ވެއްޓި، ބަންގްލަދޭޝްގެ ކުޑަކުއްޖެއް ކަމަށްވާ ރަވްޝާން ޖިއާން މަރުވި މައްސަލާގައި ކުންފުނީގެ ވެރިންތަކަކަށާއި އިންޑިއާގެ ހަތަރު މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ.

ދައުވާ އުފުލި ދެ ދިވެހިންނަކީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް ޝަފީގާއި ސީނިއާ ސައިޓް ސުޕަވައިޒަރު މޫސާ ހަސަނެވެ. އެ ދެ މީހުންގެ މައްޗަށް އުފުލާފައިވަނީ މީހަކު މަރުވުމުގައި އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާ އެވެ. ގާނޫނުލް އުގޫބާތުގައި މި އަދަބުގެ އަސާސީ މިންގަނޑަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށް ލުމެވެ.

ސިމެންތި ބަސްތާ ވެއްޓުނީ މ. ނަލަހިޔާ މަންޒިލްގެ ނުވަ ވަނަ ބުރިއަށް ސިމެންތި ބަސްތާތައް އެރުވި އިރު، ވިންޗު ލައިނަށް މާބޮޑަށް ދޫވެގެންނެވެ.

ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ ޖިއާން، މިދިޔަ އަހަރުގެ ޑިސެމްބަރު 16 ގައި މަރުވީ ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.