Roadha Mihaaru
ޒަހަމްވި ކުއްޖާ ވަރަށް ކްރިޓިކަލް: އައިޖީއެމްއެޗް

ސިމެންތި ބަސްތާ ވެއްޓި ޒަހަމްވި ކުއްޖާ ވަރަށް ކްްރިޓިކަލް: އައިޖީއެމްއެޗް

16 ޑިސެމްބަރ 2018

މިއަދު ހެނދުނު ޕޭވްމަންޓު މަތިން ހިނގާފައި ދަނިކޮށް އިމާރާތެއްގެ މަތިން ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ޒަހަމްވި ހަތް އަހަރުގެ އަންހެން ކުއްޖާގެ އޮޕަރޭޝަންކޮށް އައިޖީއެމްއެޗުގެ އައިސީޔޫ އަށް ބަދަލުކޮށްފި އެވެ. އޭނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

މިއަދު ހެނދުނު ޕޭވްމަންޓު މަތިން ހިނގާފައި ދަނިކޮށް އިމާރާތެއްގެ މަތިން ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ޒަހަމްވި ހަތް އަހަރުގެ އަންހެން ކުއްޖާގެ އޮޕަރޭޝަންކޮށް އައިޖީއެމްއެޗުގެ އައިސީޔޫ އަށް ބަދަލުކޮށްފި އެވެ. އޭނާގެ ހާލު ވަރަށް ކްރިޓިކަލް ކަމަށް އެ ހޮސްޕިޓަލުން ބުނެ އެވެ.

އެ ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓުނީ ޑަބްލިއު ކޮންސްޓްރަކްޝަނުން މ. ނަލަހިޔާ މަންޒިލްގައި ކުރަމުން ދިޔަ މަސައްކަތްތަކުގެ ތެރޭގަ އެވެ. އޭރު އެ ކުއްޖާގެ މަންމަ އޭނާގެ ފަހަތުން ހިނގަމުން އަ އެވެ.

ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ އަންހެން ޑޮކްޓަރެއްގެ ދަރިފުޅު އައިޖީއެމްއެޗަށް ގެންދިޔުމާ އެކު ވަނީ އޮޕަރޭޝަން ތިއޭޓަރަށް ވައްދައިފަ އެވެ.

އައިޖީއެމްއެޗްގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކުއްޖާ މިހާރު އައިސީޔޫ އަށް ބަދަލުކޮށްފައިވާ ކަމަށެވެ.

"ކުއްޖާ އޮތީ ވަރަށް ކްރިޓިކަލް ހާލަތެއްގައި،" އޭނާ ވިދާޅުވި އެވެ.

ނަމަވެސް އަނިޔާގެ ތަފްސީލުތަކެއް އޭނާ ނުދެއްވަ އެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި ދެ ފަހަރަށް ކުއްޖާއަށް ހާޓް އެޓޭކް ޖެހުނެވެ. އަދި އެތެރެ ހަށީގެ މުހިންމު ބައެއް ގުނަވަންތަކަށް ވަރަށް ބޮޑަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް، އެނގިފައިވެ އެވެ.

މާލެ އައީ ބާޒާރުކޮށްލަން

ފ. ނިލަންދޫ ހެލްތު ސެންޓަރުގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ އަންހެން ޑޮކްޓަރު އޭނާގެ ދެ ކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާ ގޮވައިގެން މާލެ އައީ، ފިރިމީހާއާ ވެސް އެކު، ބާޒާރުކޮށްލާ ހަދަން، ފަސް ދުވަހުގެ މުއްދަށެވެ. ހިތާމަވެރި ހާދިސާ ހިނގީ ތަނަކަށް ވަދެ، ސައި ބޮއިގެން ދަނިކޮށް ކަމަށް އެނގިފައިވެ އެވެ.

ކުއްޖާގެ ބައްޕަ އަކީ ވެސް ޑޮކްޓަރެކެވެ.

"މިހާރު"އަށް އެނގިފައިވާ ގޮތުގައި އެ މީހުން ބޭނުންވަނީ ދަރިފުޅު ރާއްޖެއިން ބޭރަށް ގެންދާށެވެ. އެކަމަކު ކުއްޖާގެ ހާލަތު ހުރި ގޮތުން އެކަން ކުރެވެން އަދި ނެތް ކަމަށްވެ އެވެ.

ޑަބްލިޔު ކޮންސްޓްރަކްޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުއްޖާގެ ބޭހުގެ ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށެވެ. އަދި އެ ހާދިސާއާ މެދު ކުންފުނިން ވަރަށް ބޮޑަށް ހިތާމަކުރާ ކަމަށް ވެސް ބުނެފައިވެ އެވެ.

ދިހަ ބުރިއަށް ހަދަމުން އަންނަ ގޭގެ މަތީ ދެ ފްލޯ ހުރީ މުޅިން ނިންމައިފަ އެވެ. މިހާރު ކުރަމުން ދަނީ ތިން ވަނަ ބުރިން ފެށިގެން މަތީގެ ބައިތަކުގެ މަސައްކަތެވެ. މުޅި އިމާރާތުގެ ވަށައިގެން ހުރީ، ތިރިއަށް އެއްޗެހި ނުފައިބައި ގޮތަށް ދާ ވެސް ޖަހައިފަ އެވެ. އެކަމަކު ފަސް ވަނަ ބުރިން ސިމެންތި ބަސްތާ ވެއްޓުނީ، ދަލުގައި ހެދިފައި ހުރި ބާގަނޑަކުން ކަމަށްވެ އެވެ.

ވީޑިއޯ އިން ފެންނަ ގޮތުގައި ސިމެންތި ބަސްތާ ކުއްޖާގެ ގަޔަށް ވެއްޓެނީ، މަތިން އެހެން ތަނެއްގައި ޖެހި، ނުވަތަ ވެއްޓުނު އިރު އޭގެ ޒާތުގައި ބަސްތާ ފެޅިގެންނެވެ.

މާލޭ ސިޓީ ކައުންސިލުން ބުނެފައި ވަނީ ޑަބްލިއު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ ނަގަން ޖެހޭ ހުއްދަތައް ނުނަގައި ކަމަށެވެ. ނަމަވެސް އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މަސައްކަތް ކުރަމުންދިޔައީ ހުއްދަތައް ނަގައިގެންނެވެ.

އިމާރާތްކުރާ އިރު ތަފާތު އެކި ހުއްދަތައް ދެ އެވެ. އެހެންކަމުން ނުނަގާ އޮތީ ކޮން ހުއްދައެއް ކަމެއް މުޅިއަކުން ސާފެއް ނުވެ އެވެ.

ސިމެންތި ބަސްތާ ވެއްޓުނު މައްސަލައިގައި މާލޭގައި އިމާރާތް ކުރުމުގެ ހުއްދަ ދިނުން ވަގުތީ ގޮތުން މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ.

އަދި މާލޭގެ އިމާރާތް ކުރަމުންދާ ހުރިހާ ތަނެއްގެ ސަލާމަތީ ކަންކަން ހުރި ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އަމުރު ވެސް ކުރައްވައިފަ އެވެ.