Roadha Mihaaru
އިމާރާތަކުން ދަގަނޑެއް ވެއްޓި، މީހަކަށް އަނިިޔާވެއްޖެ

ހަދަމުންދާ އިމާރާތަކުން ދަގަނޑެއް ވެއްޓި މީހެއްގެ ބޯ ފެޅިއްޖެ

17 ޖުލައި 2019

މާލޭގައި ހަދަމުންދާ އިމާރާތަކުން ދަގަނޑެއް ވެއްޓި، މީހަކަށް ރޭ އަނިޔާވެއްޖެ އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލޭގައި ހަދަމުންދާ އިމާރާތަކުން ދަގަނޑެއް ވެއްޓި، މީހަކަށް ރޭ އަނިޔާވެއްޖެ އެވެ.

ފުލުހުން ބުނި ގޮތުގައި އެ ހާދިސާ ހިނގީ މަގު ބަންދުކޮށްގެން ހަދަމުންދިޔަ އިމާރާތަކުންނެވެ. ރޭ 12 ޖަހާކަން ހާ އިރު ހިނގި މި ހާދިސާގައި އަނިޔާވެފައި ވަނީ އެ މަގުގެ ނުބައި ފަޅިއަކުން ދުއްވާފައި ދިޔަ ސައިކަލެއްގެ ފަހަތުގައި އިން މީހަކަށެވެ. އަދި އެ މީހާގެ ބޯ ފަޅާއިގެން ދިޔަ ކަމަށާއި އޭނާ އަށް ފަރުވާ ދޭން އައިޖީއެމްއެޗަށް ގެންދިިޔަ ކަމަށް ވެސް އެތަނުން ބުންޏެވެ.

އެ ތަނުން ވެއްޓުނީ އެތަނުގައި ސަލާމަތަށް ޖަހާފައި ހުރި ދަގަނޑެއް ކަމަސް ވެސް ފުލުހުން ބުންޏެވެ. އަދި ކަމާ ގުޅޭ ފަރާތްތަކާ އެކު މި މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ހަދަމުން ދިޔަ އިމާރާތަކުުން ސިމެންތި ބަސްތާތަކެއްގެ ވެއްޓި، އެތަނުގައި މަސައްކަތްކުރި ބިދޭސީއަކު ވެސް މިދިޔަ ހަފްތާގައި ވަނީ މަރުވެފަ އެވެ. އެ ހާދިސާ ހިނގުމުގެ ކުރިން އެ ހަފްތާގައި އެތަނުގައި ހިނގި އެހެން ހާދިސާއެއްގައި، ވިންޗް ކޭބަލެއް ކަނޑައިގެން ގޮސް ވެސް މީހަކަށް އަނިޔާވި އެވެ.

ކޮންސްޓްރަކްޝަން ހާދިސާތަކުގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓުތަކުގައި އާންމުންނާއި މަސައްކަތްތެރިންނަށް އަނިޔާވާތީ، އެކަމަށް ހައްލެއް ހޯދަން ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. އޭގެ ތެރޭގައި ކޮންސްޓްރަކްޝަން މަސައްކަތްކުރާ އިރު ސަލާމަތީ ކަންތައް ވަރުގަދަ ކުރަން އިމާރާތްކުރުމުގެ ގަވާއިދެއް އެކުލަވާލާފައި ވެ އެވެ.