Roadha Mihaaru
އެމްނެސްޓީން އިންޑިއާގައި ހިންގާ އޮފީސްތައް ބަންދުކޮށްފި

އެމްނެސްޓީން އިންޑިއާގައި ހިންގާ އޮފީސްތައް ވަގުތީ ގޮތުން ބަންދުކޮށްފި

18 އޯގަސްޓް 2016

ނިއު ދިއްލީ (އޮގަސްޓް 18) - އެމްނެސްޓީ އިންޓަނޭޝަނަލުން އިންޑިއާގައި ހިންގާ އޮފީސްތައް ވަގުތީ ގޮތުން ބަންދުކޮށް އެ ޖަމާއަތުގެ ހުރިހާ އިވެންޓްތަކެއް މަޑު ޖައްސާލައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ނިއު ދިއްލީ (އޮގަސްޓް 18) - އެމްނެސްޓީ އިންޓަނޭޝަނަލުން އިންޑިއާގައި ހިންގާ އޮފީސްތައް ވަގުތީ ގޮތުން ބަންދުކޮށް އެ ޖަމާއަތުގެ ހުރިހާ އިވެންޓްތަކެއް މަޑު ޖައްސާލައިފި އެވެ.

އެމްނެސްޓީގެ ތަރުޖަމާނަކު ބުނީ އެ ޖަމާއަތުން ބެންގަލޫރުގައި ބޭއްވި އިވެންޓަކީ ސަރުކާރާ ދެކޮޅު ހަރަކާތެއް ކަމަށް ބަލާ ފުލުހުންނަށް މައްސަލަ ހުށަހެޅި ފަހުން އެ ޖަމާއަތުގެ މުވައްޒަފުންގެ ސަލާމަތަށް ނުރައްކާވެފައިވާ ކަމަށެވެ. އިންޑިއާގެ ސިޔާސީ ބައެއް އެކްޓިވިސްޓުން އަންގާރަ ދުވަހާއި ބުދަ ދުވަހު ވަނީ އެމްނެސްޓީއާ ދެކޮޅަށް އެއްވުންތައް ބާއްވައިފަ އެވެ.

ސަރުކާރާ ދެކޮޅު އަމަލެއް ހިންގަން އުޅުނު ކަމަށް ބުނެ އެމްނެސްޓީ އިންޑިއާއާ ދެކޮޅަށް ފުލުހުންނަށް މައްސަލަ ހުށަހެޅީ ވެރިކަން ކުރާ ބީޖޭޕީއާ ގުޅުން އޮންނަ ބާރަތިޔާ ވިދިޔާތީ ޕަރިސާދު ގްރޫޕުންނެވެ. އެމްނެސްޓީން ބުނެފައި ވަނީ އެ ޖަމާއަތުން ހޮނިހިރު ދުވަހު ބެންގަލޫރުގައި ބޭއްވި ސެމިނާރަކީ ކަޝްމީރުގައި ހިންގާ އިންސާނިއްޔަތާ ޚިލާފު އަމަލުތަކަށް ހޭލުންތެރި ކުރުވައި އިންސާފު ހޯދުމަށް ބޭއްވި އެއްވުމެއް ކަމަށެވެ. އަދި އެ އިވެންޓުގައި ކަޝްމީރުގެ މިނިވަން ކަމަށް ބައެއް މީހުން ގޮވާލާފައިވާ ކަމަށް ވެސް އެމްނެސްޓީން އެއްބަސްވެފައިވެ އެވެ.

އެމްނެސްޓީ އިންޓަނޭޝަނަލް އިންޑިއާގެ ތަރުޖަމާން ހިމާންޝީ މައްތާ ބުނީ އިވެންޓުގައި ކަޝްމީރާ ބެހޭ ގޮތުން އަޑު އުފުލީ ބެންގަލޫރުގައި ދިރިއުޅޭ ކަޝްމީރުގެ ބައެއް މީހުން ކަމަށާއި އެ ކަމުގައި އެމްނެސްޓީގެ އެއްވެސް ސްޓާފެއް ބައިވެރިވެފައި ނުވާ ކަމަށެވެ. މައްތާ ވިދާޅުވީ އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ހޭލުންތެރި ކުރުވުމަށް މުމްބާއީ އަދި ނިއު ދިއްލީގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތައް މިހާރު ފަސްކޮށްފައިވާ ކަމަށެވެ.

އެމްނެސްޓީ އިންޓަނެޝަނަލް އިންޑިއާގެ އެގްޒެކެޓިވް ޑިރެކްޓަރު އާކަރު ޕަޓެލް ވިދާޅުވީ ގާނޫނު އަސާސީން ލިބިދެވޭ ހައްގެއް ދިފާއު ކުރަން ނުކުތުމުން ގައުމާ ދެކޮޅު ހަރަކާތެއް ހިންގަން އުޅުނު ކަމަށް ބަލާ ޖިނާއީ ކުށަކަށް ހަދައިފި ކަމަށެވެ.

ކަޝްމީރުގައި އެންމެ ފަހުން ހިނގަން ފެށި ހަމަނުޖެހުންތަކުގައި 60 މީހުން މަރުވެ 5،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފަ އެވެ.