Roadha Mihaaru
އަދީބު ދިން ޑޮލަރުތަކެއް ބޭނުން ކުރިން: ޝައިނީ

އަދީބު ދިން ޑޮލަރުތަކެއް ބޭނުން ކުރިން: ޝައިނީ

14 ޑިސެމްބަރ 2018

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ޑޮލަރުތަކެއް ބޭނުން ކުރެއްވި ކަމަށާއި އެ ޑޮލަރުތައް ނެންގެވީ ލޯނެއްގެ ގޮތުގައި ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ޑޮލަރުތަކެއް ބޭނުން ކުރެއްވި ކަމަށާއި އެ ޑޮލަރުތައް ނެންގެވީ ލޯނެއްގެ ގޮތުގައި ކަމަށް ކުރީގެ ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

"އަވަސް" އިން ކޮންމެ ހުކުރަކު ގެނެސްދޭ ޕްރޮގްރާމްގައި ޝައިނީ ވިދާޅުވީ އަދީބު ހިންގެވި ކޮރަޕްޝަންގެ މައްސަލައެއްގެ މައުލޫމާތު އޭނާއަށް ކުރިން ލިބިވަޑައިގެންފައި ނުވާ ކަމަށާއި އެ މައުލޫމާތު ކުރިން އެނގިވަޑައިގެންނެވި ނަމަ އެ ކަމެއް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަމާލު ކަމަށް ގެންނެވީސް ކަމަށެވެ.

އަދީބު ދެއްވި ފައިސާތަކަކުން ޝައިނީ ދިރިއުޅުއްވާ ގެއެއްގައި ލިފްޓެއް ހަރު ކުރި ކަމަށް މީގެ ކުރިން އަޑުފެތުރިފައިވެ އެވެ. އެކަން ޝައިނީ ކަށަވަރުކޮށް ދެއްވައި، ވިދާޅުވީ އެއީ އަނބިކަނބަލުންގެ ގޭގައި ލިފްޓެއް ހަރު ކުރަން ހޯއްދެވި އެހީއެއް ކަމަށާއި އެ ޑޮލަރުތައް ހޯއްދެވީ އަނބުރާ ދައްކަވާ ގޮތަށް ކަމަށެވެ.

"އެއީ އަޅުގަނޑުގެ އަންހެނުންގެ ގެ، އެ ގޭގަ ލިފްޓެއް ލާފައި އެބަހުރި، އެ ގެއަށް ލިފްޓް ލާން ބޭނުންވާ ފައިސާ، ޑޮލަރު ނުލިބިގެން އަޅުގަނޑު އަދީބު ކައިރީގައި ބުނީމަ ޑޮލަރު ދިން،" ޝައިނީ ވިދާޅުވި އެވެ.

"އެ ފައިސާ އަނބުރާ ދޭ ގޮތަށް އަދީބު އަތުން ނެގީ، އެކަމަކު އަޅުގަނޑު އެ ފައިސާ އަނބުރާ ދޭ ވާހަކަ ފަހުން ވެސް އަދީބު ކައިރީގައި ބުނާއިރަށް ބުނޭ ތިމަންނަ އެކަން ފަހުން ކުރާނަމޭ، އޭގަ މައްސަލައެއް އޮތިއްޔާ ބޮޑު މައްސަލައެއް އެއީ، އެކަމަކު ވެސް އަޅުގަނޑަށް އެނގިގެން އެޔަކު މައްސަލައެއް ނެތް،"

ޝައިނީ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ތެރޭގައި އޭނާ އާއި އަދީބާއި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަރަށް އެއްކޮށް އުޅުއްވި އިރު ވެސް ހިޔާނާތުގެ މައްސަލައެއް ފާހަގައެއް ނުވެ އެވެ.

އަދީބުގެ މައްސަލަތައް ފެންމަތިވުމާ އެކު އެކަމުގެ ތެރޭގައި ޝައިނީ ބައްދާލަން ވެސް ބަޔަކު މަސައްކަތްތަކެއް ކުރި ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ފިޝަރީޒް މިނިސްޓްރީގެ ހުރިހާ ފައިލެއް ބެލި ކަމަށާއި ނަމަވެސް އެއްވެސް ރިޕޯޓަކުން އެއްވެސް މައްސަލައެއް ނުފެނުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޝައިނީ ވިދާޅުވީ މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، އެންމެ ގިނައިން އައި ފޯނު ކޯލަކީ ވަކި ރަށެއް ހުސްކޮށް އޮތްތޯ ބެލުމަށް ކުރާ ފޯން ކޯލްތަކެއް ކަމަށެވެ. އަދި އެގޮތަށް މައުލޫމާތު ހޯދަނީ ނާޖައިޒު ފައިދާތަކެއް ހޯދުމުގެ ބޭނުމުގައި ކަމަށް ވެސް ޝައިނީ ވިދާޅުވި އެވެ.

މިނިސްޓްރީގައި ކޮރަޕްޝަންގެ އެއްވެސް ކަމެއް ހިނގާފައި ނުވާ ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވި އެވެ.

ޝައިނީ ދާދި ފަހުން ވަނީ މިހާރު ގޭ ބަންދުގައި ހުންނެވި އަދީބާ ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުވުމުގައި "ފިނިފެންމާ" ލޯންޗުކޮޅު ގޮއްވާލި މައްސަލާގައި އަދީބު އޭނާ ކައިރީ ދެއްކެވި ވާހަކަތައް ގަބޫލުކުރެއްވޭ ކަމަށް ވިދާޅުވި އެވެ. އެކަމަކު، ޕްރޮގްރާމްގައި އެކަމާ ގުޅޭ ތަފްސީލެއް ނުދެއްވަ އެވެ.

ޝައިނީ ވިދާޅުވީ ލޯންޗު ގޮއްވާލި ކަމަށް އަދީބު ތުހުމަތު ކުރަނީ އެހެން މީހަކަށް ކަމަށެވެ. ނަމަވެސް އެއީ ތުހުމަތުތަކަށް ވާތީ އެ މީހެއްގެ ނަން ހާމަ ކުރަން ބޭނުން ނުވާ ކަމަށް ޝައިނީ ވިދާޅުވި އެވެ.