Roadha Mihaaru
ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހަކު ޒަހަމްވެއްޖެ

ހައިވޭގައި އެކްސިޑެންޓެއް ހިނގައި މީހަކު ޒަހަމްވެއްޖެ

09 ޑިސެމްބަރ 2018

ހުޅުލެ ލިންކް ރޯޑްގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މިއަދު ޒަހަމްވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުލެ ލިންކް ރޯޑްގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި މީހަކު މިއަދު ޒަހަމްވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި މި އެކްސިޑެންޓު ހިނގާފައި ވަނީ މާލެ އިން ހުޅުމާލެ އަށް ދާން އޮންނަ ލޭނުން ދުއްވާފައި ދިޔަ ދެ ސައިކަލް ޖެހިގެންނެވެ. ބްރިޖުން ފައިބައިގެން ހުޅުމާލެ އަށް ދާން އޮންނަ ލޭންގައި ހިނގި އެކްސިޑެންޓުގައި ދެ ސައިކަލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނީގެ އޮފިޝަލަކު ވިދާޅުވީ އެކްސިޑެންޓުވެގެން އެ ހޮސްޕިޓަލަށް ދެ މީހަކު ގެނައިއިރު، އެތަނުން އެކަކަށް ފަރުވާ ދިނުމަށް އޭޑީކޭ ހޮސްޕިޓަލަށް ފޮނުވާފައިވާ ކަމަށެވެ. އަދި އަނެއް މީހާ އަށް ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ހާދިސާގައި ބޮޑެތި ޒަހަމްތަކެއް ލިބުނީ 42 އަހަރުގެ ފިރިހެނަކަށެވެ. އޮފިޝަލް ވިދާޅުވި ގޮތުގައި، އޭނާގެ ބޮލަށް އަނިޔާވެ، ބޮލުގެ ނާށިގަނޑުގައި ވަނީ ރެނދުލައިފަ އެވެ.

މި އެކްސިޑެންޓާ ގުޅިގެން ފުލުހުންގެ ބަހެއް އަދި ނުލިބެ އެވެ.

މާލެ އާއި ހުޅުލެ ގުޅުވާލަދޭ ސިނަމާލެ ބްރިޖާއި ރިންގް ރޯޑުގެ އިތުރުން، ހުޅުލެ ލިންކް ރޯޑްގައި އެކްސިޑެންޓުތައް ދަނީ އިތުރު ވަމުންނެވެ.