Roadha Mihaaru
"200 މިލިއަން ލިބިއްޖެނަމަ ބޮންޑު ނުވިއްކާނަން"

އިންޑިޔާއިން 200 މިލިއަން ޑޮލަރު ލިބިއްޖެ ނަމަ ބޮންޑު ނުވިއްކާނަން: މިނިސްޓަރު

03 ޑިސެމްބަރ 2018

ބަޖެޓް ސަޕޯޓަށް އިންޑިޔާ އިން 200 މިލިއަން ޑޮލަރު ލިބިއްޖެ ނަމަ ބަޖެޓުގައި ހިމަނާފައިވާ 150 މިލިއަން ޑޮލަރުގެ ބޮންޑު ނުވިއްކާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ބަޖެޓް ސަޕޯޓަށް އިންޑިޔާ އިން 200 މިލިއަން ޑޮލަރު ލިބިއްޖެ ނަމަ ބަޖެޓުގައި ހިމަނާފައިވާ 150 މިލިއަން ޑޮލަރުގެ ބޮންޑު ނުވިއްކާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ބަޖެޓްގެ ހަރަދުތައް ކުރުމަށްޓަކައި 150 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑެއް ވިއްކުމަށް ހިމަނާފައިވާ ކަމަށާއި އެ ބޮންޑު ވިއްކާނީ ދައުލަތަށް ގެންލުން ނުވާނެ ފަދަ ގޮތަކަށް ކަމަށެވެ. އެހެންނަމަވެސް ބޭރު ގައުމުތަކުން ބަޖެޓް ސަޕޯޓަށް އެކަށީގެންވާ ފައިސާ ލިބިއްޖެ ނަމަ ބޮންޑު ވިއްކުމުގެ ވިސްނުމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ދިވެހި ސަރުކާރުން އެންމެ ފުރަތަމަ ސޮވެރިން ބޮންޑު ވިއްކާފައިވަނީ 2017 ވަނަ އަހަރު އެވެ. އެ އަހަރު 200 މިލިއަން ޑޮލަރުގެ ސޮވެރިން ބޮންޑު ވިއްކާފައިވާއިރު 2018 ވަނަ އަހަރު ވަނީ 250 މިލިއަން ޑޮލަރުގެ ސޮވެރިންގ ބޮންޑު ވިއްކާފައި ވެއެވެ.

"ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ލިބިއްޖެ ނަމަ އަޅުގަނޑުމެން ކޮންމެހެން ނުޖެހޭނެ މި ބޮންޑު ވިއްކާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އިންޑިޔާ އަށް ކުރެއްވި ދަތުރުގައި ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ފައިސާގެ އެހީ ލިބޭނެ ކަމުގެ ފެހި ސިގްނަލް ލިބިފައިވާ ކަމަށެވެ. އެގޮތުން 200 މިލިއަން ޑޮލަރު ލިބޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި ފައިސާގެ ތެރެއިން 25 މިލިއަން ޑޮލަރު ބަޖެޓް ސަޕޯޓަށް ވަރަށް އަވަހަށް ހަމަޖައްސައިދޭނެ ކަމަށް އިންޑިޔާ އިން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ދެން އަޅުގަނޑުމެން އެނދުނީ ރިޒާވް މެނޭޖް ކުރުމަށްޓަކައި މިހާރު ސާކް ފައިނޭންސްގެ ދަށުން އިނދޭ ކަރެންސީ ސްވެޕް ފެސިލިޓީއެއް. މިހާރު އިންނަނީ 200 މިލިއަން ޑޮލަރު. އަޅުގަނޑުމެން އެދުނިން އެ އަދަދު އިތުރު ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އިންޑިޔާ އަށް ކުރެއްވި ދަތުރުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ތިން ޓާޝަރީ ހޮސްޕިޓަލަށް ފަންޑު ހޯދުމަށް މަސައްކަތް ކުރެއްވި ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޑިޔާ ސަރުކާރުން އެއް ބިލިއަން ޑޮލަރު ލޯނެއް ދޭން އެއްބަސްވި ކަމަށް އިންޑިޔާގެ މީޑިއާތަކުގައި ފެތުރުނު ވާހަކައާ ގުޅިގެން މިިނިސްޓަރު ވިދާޅުވީ، އެއީ މުޅިން ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

"އެއް ބިލިއަން ޑޮލަރަކީ އެގޮތަށް ދެކެވުނު ވާހަކައެއް ނޫން. ވާހަކަ ދެކެވުނީ ފީޒިބަލް ޕްރޮޖެކްސްތަކަށް ޕްރޮޕޯސަލްތައް ހުށަހެޅުމުން އެއް ބިލިއަން ޑޮލަރާ ހަމައަށް ނުވަތަ އެއަށްވުރެ އިތުރަށް ވެސް ފަންޑްސް އެރޭންޖް ކުރެވިދާނެ ވާހަކަތައް. މިއީ ކޮންސެޝަނަލް ފައިނޭންސިން. ގާތްގަނޑަކަށް 1.5 ޕަސެންޓް އިންޓްރެސްޓް ރޭޓުގައި އަޅުގަނޑުމެންނަށް އެ ފައިސާ ލިބޭނެ. އެއީ އަސްލު އެކްޒިމް ބޭންކުން ލައިން އޮފް ކްރެޑިޓެއް ހުޅުވާލާ ވާހަކަ،" މިނިސްޓަރު ވިދާޅުވި އެވެ.