Roadha Mihaaru
ބޮންޑުގެ ބާކީ އޮތް 894 މިލިއަން ދައްކާ ހަލާސްކުރަނީ

ބޮންޑުން ނުދެއްކި އޮތް 894 މިލިއަން ރުފިޔާ ޖޫންގެ ކުރިން ދައްކާނެ: ފިނޭންސް

24 ޖެނުއަރީ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ނެގި ސޮވެރިން ބޮންޑަށް ދައްކަން ޖެހޭ 894 މިލިއަން ރުފިޔާ ޖޫން 22 ގެ ކުރިން ދައްކާ ހަލާސްކުރަން ޖެހޭ ކަމަށާއި އެ ފައިސާ މުއްދަތުގެ ތެރޭގައި ދައްކާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ސަރުކާރުން ނެގި ސޮވެރިން ބޮންޑަށް ދައްކަން ޖެހޭ 894 މިލިއަން ރުފިޔާ ޖޫން 22 ގެ ކުރިން ދައްކާ ހަލާސްކުރަން ޖެހޭ ކަމަށާއި އެ ފައިސާ މުއްދަތުގެ ތެރޭގައި ދައްކާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ދައުލަތުން 2017 ވަނަ އަހަރު ވިއްކި 200 މިލިއަން ޑޮލަރު (3 ބިލިއަން ރުފިޔާ) ގެ ''ސަނީ ސައިޑް'' ބޮންޑުގެ ބޮޑުބައެއް މިދިޔަ އަހަރު ސަރުކާރުން ދެއްކި އެވެ.

އެ ފައިސާ ދެއްކީ ދަރުމަވަންތަ ހޮސްޕިޓަލް އެސެޓެއްގެ ގޮތުގައި ބޭނުންކޮށްގެން އަރަބި މާކެޓަށް ވިއްކި ސުކޫކުން ލިބުނު ފައިސާއިންނެވެ.

ސަނީސައިޑް ބޮންޑަށް އިންވެސްޓަރުންނަށް އަނބުރާ ދެއްކި 2.9 ބިލިއަން ރުފިޔާ މިދިޔަ އަހަރު ދެއްކުމުން ދުނިޔޭގެ ބޮޑެތި ބޭންކްތަކުންނާއި ރޭޓިން އޭޖެންސީތަކުން ވަނީ ތައުރީފުކޮށްފަ އެވެ. މިގޮތަށް އަވަހަށް ދަރަނި ދެއްކުމުން، ބޮންޑްގެ ސެކަންޑަރީ މާކެޓުގައި އޭރު މުއާމަލާތްކުރަމުން ދިޔަ އަގު ވެއްޓިފައިއޮތް އޮތުން ރަނގަޅުވި އެވެ.

މިއަހަރު ދައުލަތުން 2.8 ބިލިއަން ރުފިޔާ ލޯނުތަކަށް އަނބުރާ ދައްކަން ޖެހެ އެވެ.

ބޭރުގެ ލޯނުތަކުގެ އިތުރުން މިދިޔަ އަހަރު ދައުލަތުގެ ދަރަނި ހުރީ 80 ބިލިއަން ރުފިޔާގަ އެވެ. މިއީ ޖީޑީޕީގެ ނިސްބަތުން 103 ޕަސެންޓެވެ. މިއަހަރު ނިމޭ އިރު ދަރަނި ގެރެންޓީއާ އެކު 102 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓުގައި ލަފާކޮށްފައިވެ އެވެ. މިއީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން 117 ޕަސެންޓެވެ.