Roadha Mihaaru
ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްފި

ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްފި

02 ޑިސެމްބަރ 2018

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް އިއްޔެ ކައިވެނިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް އިއްޔެ ކައިވެނިކޮށްފި އެވެ.

އިންޑިއާގެ ޖޯދުޕޫރުގެ އުމައިދު ބަވަންގައި ބޭއްވި ކުލަގަދަ ހަފުލާގައި ދެ ތަރިން ކައިވެނި ކުރީ ކްރިސްޓިއަންގެ އާދާކާދަތަކާ އެއްގޮތަށެވެ. ކައިވެނީގެ ހަފުލާގައި ޕްރިޔަންކާ އާއި ނިކް ބޭނުން ކުރީ ރާލްފް ލޯރެންގެ ފަރުމާކޮށްފައިވާ ހެދުންތަކެވެ. އެކަމަކު މިއަދު އަދި ހިންދޫންގެ އާދަކާދަތަކާ އެއްގޮތަށް ކައިވެނީގެ ހާއްސަ ރަސްމިއްޔާތެއް ކުރިއަށް ދާނެ އެވެ.

ކައިވެނީގެ ހަފުލާގައި ދެ ތަރިންގެ އާއިލާގެ ގިނަ ބަޔަކު ބައިވެރިވި އެވެ. އަދި ކައިވެންޏާ ގުޅިގެން ދެ ތަރިންނަށް ހޮލީވުޑާއި ބޮލީވުޑުން މިހާރު އަންނަނީ ތަހުނިޔާގެ މެސެޖް ވެސް ފޮނުވަމުންނެވެ.

ނަމަވެސް ކައިވެނީގެ ހަފުލާގެ ރަސްމީ ފޮޓޯތަކެއް އަދި އާންމެއް ނުކުރެ އެވެ. ބެލެވޭ ގޮތުން ކައިވެނީގެ ފޮޓޯތައް އާންމު ކުރާނީ މިއަދުގެ ރަސްމިއްޔާތަށް ފަހު އެވެ.

ރާލްފް ލޯރެންގެ ތަހުނިޔާގެ ޓްވީޓެއް.

ރިޕޯޓްތައް ބުނާ ގޮތުން ކައިވެނީގެ މުނާސަބަތުގައި އިންޑިއާ އާއި އެމެރިކާގައި ވަނީ ގިނަ ބަޔަކަށް ދައުވަތު ދީގެން ރިސެޕްޝަންތަކެއް ވެސް ބާއްވަން ނިންމައިފަ އެވެ. އެގޮތުން މުޅި ބޮލީވުޑަށް ދައުވަތު ދީގެން ބާއްވާ ހަފުލާއެއް މި ހަފުތާގެ ތެރޭގައި އޮންނާނެ އެވެ.

ވޯގް މަޖައްލާގެ ތަހުނިޔާގެ ޓްވީޓެއް.

ޕްރިޔަންކާ، 36، އާއި ނިކް، 26، މިދިޔަ އަހަރުގެ މެޓް ގާލާ އިވެންޓުން ދިމާވެ، ލޯބީގެ ގޮތުން ގުޅުމަށް ފަހު އެންގޭޖްވީ ޕްރިޔަންކާގެ 36 ވަނަ އުފަން ދުވަހާ ދިމާކޮށް މިދިޔަ ޖުލައި މަހު ލަންޑަނުގަ އެވެ.

ނަމަވެސް ދެ ތަރިންގެ އެންގޭޖްމަންޓް ރަސްމީކޮށް އިއުލާން ކުރީ އޮގަސްޓް 18 ވަނަ ދުވަހު މުމްބާއީގައި ބޭއްވި ހާއްސަ ހަފުލާއެއްގަ އެވެ.

ނިކްއާ ކައިވެނިކުރި އިރު، ޕްރިޔަންކާ އަންނަނީ ދެ އަހަރު ފަހުން އޭނާ ސޮއިކުރި ފުރަތަމަ ހިންދީ ފިލްމު "ދަ ސްކައި އިޒް ޕިންކް" ގެ މަސައްކަތް ވެސް ކުރަމުންނެވެ. އޭނާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2016 ގައި ރިލީޒް ކުރި "ޖެއި ގަންގާޖަލް" އެވެ.

އޭބީސީގެ ޓީވީ ސިލްސިލާ "ކްއަންޓިކޯ" އިން ހޮލީވުޑަށް ހިޖުރަކޮށް، މިހާރު ހުޅަނގުގައި ނުފޫޒު ގަދަ ބަތަލާއަކަށް ވެފައިވާ ޕްރިޔަންކާ ދެން އެންމެ އަވަހަށް ފެނިގެން ދާނީ ވެސް ހޮލީވުޑްގެ ފިލްމަކުންނެވެ. އެއީ އަންނަ ފެބްރުއަރީ 14 ގައި ރިލީޒް ކުރާ "އިޒިންޓް އިޓް ރޮމޭންޓިކް" އެވެ.