Roadha Mihaaru
ނަޝީދާއި ކާނަލް ނާޒިމް ސިޔާސީ މަޝްވަރާ ކުރައްވައިފި

ނަޝީދާއި ކާނަލް ނާޒިމް މަޝްވަރާ ކުރައްވައިފި

28 ނޮވެމްބަރ 2018

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ކަމުން އިސްތިއުފާދެއްވި ދުވަހު އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅެއް ކަމަށްވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔަޑް) މުހައްމަދު ނާޒިމްއާ ނަޝީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ރައީސް ކަމުން އިސްތިއުފާދެއްވި ދުވަހު އިދިކޮޅު ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި އެއް ބޭފުޅެއް ކަމަށްވާ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް (ރިޓަޔަޑް) މުހައްމަދު ނާޒިމްއާ ނަޝީދު މިއަދު ބައްދަލު ކުރައްވައިފި އެވެ.

އެމްޑީޕީ އޮފީހުގައި ދެ ބޭފުޅުން ބައްދަލު ކުރެއްވުމަށް ފަހު އެކުގައި ނަންގަވާފައިވާ ފޮޓޯއެއް ޓްވީޓް ކުރައްވައި ނާޒިމް ވިދާޅުވީ ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތާ ގުޅޭ ގޮތުން ރައީސް ނަޝީދާއެކު ވަރަށް ކާމިޔާބު މަޝްވަރާތަކެއް ކުރެވިއްޖެ ކަމަށެވެ.

ޖުމްހޫރީ ޕާޓީއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ނާޒިމަށް ގުޅާލުމުން އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް ނުދެއްވި އެވެ.

ނާޒިމް ވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވާނެކަން އިއުލާން ކުރައްވައިފަ އެވެ.

ފެބްރުއަރީ 7، 2012ގައި ނަޝީދުގެ ވެރިކަން ވެއްޓުނު ހިސާބުން ފެށިގެން އެމްޑީޕީ މީހުން އެންމެ ނުރުހޭ މީހުންގެ ތެރޭގައި ނާޒިމް ހިމެނެ އެވެ. އެއީ ވެރިކަން ބަދަލު ކުރުމުގައި އޭނާ އިސްކޮށް އުޅުއްވުމާއި ދެން އުފެދުނު ސަރުކާރުގައި ވެސް އޭނާ އިސްކޮށް ހަރަކާތްތެރިވެފައި ވާތީ އެވެ.

ވޭތުވެދިޔަ ސަރުކާރުގައި ޑިފެންސް މިނިސްޓަރަކަށް ހުންނަވަނިކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނާޒިމްގެ ކޮޓަރިން ފިސްތޯލައަކާއި ތިން ވަޒަން ފެނުނު ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެހާ ހިސާބުން ނާޒިމް މަސައްކަތް ކުރެއްވީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށެވެ. ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ތަންފީޒު ކުރުން މަޑު ޖައްސާލާފައިވަނީ ސުޕްރީމް ކޯޓުން މިހާރު އެ މައްސަލަ ބަލަމުން އަންނާތީ އެވެ.

ސުޕްރީމް ކޯޓުން މިހާރު ބަލަމުން އަންނަ ނާޒިމްގެ މައްސަލައިގެ ހުކުމަކާ ހަމަ އަށް ގޮސްފައިވާއިރު މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ރައީސް ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ބާތިލުކޮށްފަ އެވެ.