Roadha Mihaaru
އަނެއްކާވެސް ނަޝީދަށް ގާސިމްގެ ހަމަލާތަކެއް

އަނެއްކާވެސް ނަޝީދަށް ގާސިމްގެ ހަމަލާތަކެއް

17 ޖެނުއަރީ 2019

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ދެމެދު ހިނގަމުންދާ ބަހުގެ ހަނގުރާމާގައި ގާސިމް މިރޭ ވެސް ނަޝީދަށް ހަމަލާތަކެއް އަމާޒުކުރައްވައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާ ދެމެދު ހިނގަމުންދާ ބަހުގެ ހަނގުރާމާގައި ގާސިމް މިރޭ ވެސް ނަޝީދަށް ހަމަލާތަކެއް އަމާޒުކުރައްވައިފި އެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓްގައި ދަނގެތި ދާއިރާއަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ކެމްޕެއިން ލޯންޗްކުރަން މިރޭ ބޭއްވި ހަފުލާގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް ވަނީ އެމްޑީޕީގެ އެއްވުމެއްގައި، ޒިނޭ އަށް ހިތްވަރު ލިބޭ ގޮތަށް ނަޝީދު ދެއްކެވި ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވައިފަ އެވެ.

ކައިވެނި ނުކުރާ އަންހެނުންނަށް ވެސް ނުވިހާ ގޮތް ހެދުމުގެ އިހްތިޔާރު އޮންނަންޖެހޭނެ ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަޔަކަށް އިލްމުވެރިންނާއި އާންމުންގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ގާސިމް ވިދާޅުވީ ބޭނުންވާ ކަންކަން ހާސިލްކުރަން ވެސް، ދައްކަން ނުޖެހޭ ވާހަކަތައް ހުންނާނެ ކަމަށެވެ. އަދި ވިދާޅުވީ ދީނުގައި ހައްދު ކަނޑައަޅާފައިވާ ކަންކަން ކުރަން ހިތްވަރު ނުދެއްވާނެ ކަމަށެވެ.

"އުމުރުން ނުވަ އަހަރު ނުވަތަ 10 އަހަރު ވާއިރު ބައެއް އަންހެން ކުދިން ބާލިޣުވޭ. އެ ހިސާބުން ފެށިގެން އެ މީހުން ބާތު ކޮންޓްރޯލް ކުރާށެކޭ އަޅުގަނޑު ދަންނަވާކަށް ނެތިން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އަނބިދަރިންނާއި މުދަލަށް ގެއްލުން ދިނަސް، މަސައްކަތް ކުރައްވަނީ ގައުމުގެ ހައްގުގަ އެވެ. އަދި އެއްވެސް އަމިއްލަ އެދުމެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

"މި ގައުމުގެ ހައްގުގައި މި ގައުމުގެ ކުރިއެރުމަށްޓަކައި އަޅުގަނޑު މަސައްކަތް ކުރަމުން މިދަނީ. އަމިއްލަ އެދުމުން ޖީބު ފުރާކަށެއް ނޫން. އެހެންވީމަ އަޅުގަނޑު އިންނަ މަޖިލީހެއްގެ ޖަލްސާއެއްގައި، އަޅުގަނޑު އިންނަ ތަނެއްގައި ގާނޫނު އަސާސީއާ ޚިލާފަށް މީހުންނަށް އަނިޔާވެރިވަމުން ދަންޏާ އަޅުގަނޑު އަޑު އުފުލާނަން،" ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވި ގޮތުގައި އަދާވާތްތެރިއަކާ މެދު ވެސް އަނިޔާވެރިވުމަކީ އެއްވެސް އިރަކު ތާއީދުކުރައްވާ ކަމެއް ނޫނެވެ. ކުރީގެ ސަރުކާރުގައި ގިނަ އަނިޔާތަކެއް ލިބިވަޑައިގެންފައި ވިޔަސް، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ މެދު ވެސް އަމަލު ކުރަން ޖެހޭނީ އިންސާފުން ކަމަށް ގާސިމް ވިދާޅުވި އެވެ. އިންސާފުން ކަންކަން ކުރުމަށް އިސްލާމްދީން ބާރު އަޅާކަން ފާހަގަ ކުރައްވަމުން ގާސިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހައްގުގައި ވެސް އެންމެ ފުރަތަމަ އަޑު އުފުއްލަވާފައި ވާނެ ކަމަށެވެ.

މިރޭގެ ޖަލްސާގައި ގާސިމް ބައިވެރިވެ ވަޑައިގަންނަވަނީ --މިހާރު ފޮޓޯ/ނިޝާން އަލީ

މިރޭގެ ޖަލްސާގައި ގާސިމް ބައިވެރިވެ ވަޑައިގަންނަވަނީ --މިހާރު ފޮޓޯ/ނިޝާން އަލީ

"އަޅުގަނޑު އެންމެ ފުރަތަމަ ބުނީ. އެމްޑީޕީ މީހަކު ނޫނޭ ބުނީ މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ދައުވާ ގޯސް ވާހަކަ. އަޅުގަނޑު އެހެން ބުނީމަ އޭރުގެ ޕްރޮސެކިއުޓާ ޖެނެރަލް ނޫނެކޭ ކަލޭ ހައްޔަރު ކުރާށޭ، ކަލޭގެ މައްޗަށް ދައުވާ ކުރާނަމޭ. އަޅުގަނޑު ބުނިން ކުރާނެ އެއްޗެއް ކުރާށޭ. ކަނޑައެޅިގެން އޭނާގެ މައްޗަށް ދައުވާއެއް ނުކުރެވޭނެއޭ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން،" ގާސިމް ވިދާޅުވި އެވެ.

ނުސީދާކޮށް ނަޝީދަށް އަމާޒުކުރައްވައި ގާސިމް ވިދާޅުވީ ވައުދުތަކާއި އަހުދުތައް ހަނދާން ނައްތާލާ މީހުންނާ މެދު ކަންކަން ކުރެވިގެން ދިޔަ ގޮތް ވޭތުވެދިޔަ ތަނުގައި ފެނިގެން ގޮސްފައިވާ ކަމަށެވެ. އަދި ޑިމޮކްރަސީއޭ ބުނެ ހަރު އަޑުން ވާހަކަ ދައްކާ ބައެއް ބޭފުޅުން މިހާރު އަމަލު ކުރަމުންދަނީ ކިހިނެތްތޯއޭ ވިދާޅުވެ، ގާސިމް ފާޑު ވިދާޅުވި އެވެ.

"ރޭގައި ވެސް ބޭއްވި ޖަލްސާއެއްގައި ކޮންމެވެސް ބޭފުޅަކު، އެތައް ބަޔަކު އެބަތިބި ޕްރައިމަރީގައި ކުރިމަތިލައިގެން. ތިއްބާ މިވެނި މީހަކަށް ވޯޓު ދޭށޭ. ބުނީމަ ޑިމޮކްރަސީ ދިރުވަނީއޭ ކިޔާފައި ކުރެވޭ ކަންކަން އެބަ އެނގޭބާ؟." ނަޝީދު ބައިވެރިވެ ވަޑައިގެންނެވި އެމްޑީޕީގެ އެއްވުމަކަށް އިޝާރާތްކުރައްވައި ގާސިމް ވިދާޅުވި އެވެ.

މަޖިލީހުގައި މެމްބަރުން ގަނެ ވިއްކާ ވާހަކަ އާއި ވަކި ޕާޓީއަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބެންޖެހޭ ކަމަށް ދައްކަމުންދާ ވާހަކަތަކަށް ރައްދު ދެއްވައި، ގާސިމް ވަނީ އެކަންކަން ކުރަނީ ކޮން ބައެއްތޯ ސުވާލު އުފައްދަވައިފަ އެވެ.

މި ފަހުން ނަޝީދާއި ގާސިމް ގެންދަވަނީ ނުސީދާކޮށް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ރައްދު ދެއްވަމުންނެވެ. ސަރުކާރު ކޯލިޝަންގެ މި ދެ ލީޑަރުންގެ ދެމެދުގައި ނުތަނަވަސްކަމެއް އުފެދުމުގެ ފެށުމަކަށްވީ ރައްޔިތުންގެ މަޖިލީހަށް ވާދަކުރުމުގައި ޕާޓީތަކަށް ދާއިރާތައް ބަހަން އެމްޑީޕީން އެއްބަސްނުވެ ހުރިހާ ދާއިރާއަކަށް ވެސް ވާދަކުރަން ނިންމުމެވެ.