Roadha Mihaaru
90 ދުވަސްތެރޭ މަގުތައް އަލުން ހުޅުވާލާނެ: ސަރުކާރު

90 ދުވަސްތެރޭ މަގުތައް އަލުން ހުޅުވާލާނެ: ސަރުކާރު

18 ނޮވެމްބަރ 2018

މާލޭގެ މަގުތަކުގެ ހާލަތު ބަލައި، ހުޅުވާލަން ޖެހޭ މަގުތައް 90 ދުވަހުގެ ތެރޭގައި އަލުން ހުޅުވާލާނެ ކަމަށް އާ ސަރުކާރުން ބުނެފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

މާލޭގެ މަގުތަކުގެ ހާލަތު ބަލައި، ހުޅުވާލަން ޖެހޭ މަގުތައް 90 ދުވަހުގެ ތެރޭގައި އަލުން ހުޅުވާލާނެ ކަމަށް އާ ސަރުކާރުން ބުނެފި އެވެ.

ރައީސް ކަމުގެ މަގާމުގެ ހުވާކުރެއްވުމަށް ފަހު، އިބްރާހިމް މުހަންމަދު ސޯލިހުގެ ސަރުކާރުން އިއްޔެ އިއުލާން ކުރި 100 ދުވަހުގެ އެޖެންޑާގައި ބުނެފައިވާ ގޮތުގައި އެއީ ކުރަން ހަމަޖެހިފައިވާ ކަންތައްތަކުގެ ތެރެއިން އެއް ކަމެވެ.

މާލޭގެ މަގުތަކުގެ ޓްރެފިކް ދަައުރުވާ ގޮތް ރަނގަޅަށް ބެލުމަށް ފަހު، އެ މުއްދަތުގެ ތެރޭގައި މަގުތަކަށް ގެންނަން ޖެހޭ ބަދަލުތަކާ އެކު ހުޅުވަން ޖެހޭ މަގުތައް ހުޅުވާނެ ކަމަށް އެ ވައުދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މި ސަރުކާރުން ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ރާވާފައިވާ "ޖަޒީރާ ހޮޅުއަށި"ގެ ބައްދަލުވުންތަކުގެ ފުރަތަމަ ހަރަކާތުގައި، ރައީސާއި ކޯލިޝަން ސަރުކާރުގެ ލީޑަރުން ވަނީ މާލޭގެ މަގުތަކާ މެދު ރައްޔިތުންގެ ފަރާތުން ހުރި ޝަކުވާތައް އަޑުއަހައިފަ އެވެ. މި މަހު ކުރީކޮޅު ބޭއްވި މި ބައްދަލުވުމުގައި މާލޭގެ ރައްޔިތުން ހުށަހަޅާފައި މައްސަލަތަކުގެ ތެރޭގައި މާލޭގެ މަގުތަކުގައި ޓްރެފިކް ބޮޑުވުމާއި، ކުނި ގިނަވުން ހިމެނެ އެވެ. އަދި އިސްލާމީ މަރުކަޒުގެ ދެ ފަރާތުން އޮންނަ އަމީރު އަހުމަދު މަގާއި މެދު ޒިޔާރަތް މަގު އަލުން ހުޅުވުމަށާއި، އެ މަގުތައް ފުޅާ ކުރުމަށް ވެސް އެ ބައްދަލުވުމަށް ދިޔަ މީހުން އެދިފައި ވެއެވެ.

މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ރާއްޖެ ޖަޒީރާ ރާއްޖެއަކަށް ހެދޭނީ، މާލެ ހިތްފަސޭހަ ތަނެއްގެ ގޮތުގައި ތަރައްގީ ކުރެވިގެން ކަމަށް އާ ރައީސް ވިދާޅުވެފައި ވެއެވެ.

"އެނގިވަޑައިގަންނަވާނެ، ލާމަރުކަޒީ ރާއްޖެއެއް، ޖަޒީރާ ރާއްޖެއެއް ތަރައްގީކުރުމަށްޓަކައި މާލެ އެބަ ޖެހޭ ހިތްފަސޭހަ ތަނަކަށް ވާން. މާލެ ހިތްފަސޭހަ ތަނަކަށް، ރަނގަޅު ދިރިއުޅުމެއް އުޅެވޭ ތަނަކަށް ވާނީ ލާމަޒުކަޒީ ނިޒާމަކުން ރާއްޖެ ތަރައްގީ ކުރެވިގެން،" އެ މަނިކުފާނު ވިދާޅުވެފައި ވެއެވެ.

މީގެ އިތުރުން ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ މިނިސްޓްރީގެ ބެލުމުގެ ދަށުން މި 100 ދުވަހު މާލޭގެ މަގުތަކުގައި ލޯޑިން ޒޯނެއް އެކުލަވުމަށާއި، މާލޭގެ މަގުތަކުގައި ބޭނުން ނުކޮށް ހުންނަ ދުއްވާ އެއްޗެހި ގަވާއިދުން ނެގުމަށް ވެސް ވަނީ ހަމަޖައްސާފަ އެވެ.

ޓްރާންސްޕޯޓް މިނިސްޓަރަކަށް ހަމަޖައްސަވާފައި ވަނީ ޖުމްހޫރީ ޕާޓީ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އާއިޝަތު ނަހުލާ އެވެ.