11 ނޮވެމްބަރ 2018
އެމަނިކުފާނުގެ ވެރިކަމުގައި ސާސްކަފެއްގެ ނިމުމާއި ފެށުން ފެނުނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ހިޖުރީ ޤަރުނެއްގެ ނިމުމާއި ފެށުން ފެނުނެވެ. އެމަނިކުފާނުގެ ވެރިކަމުގައި މުޅިން އަލުން ލިޔެގެން ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރި އެވެ. އެމަނިކުފާނު ފަސް އަހަރުގެ ހަ ދައުރުގައި ވެރިކަމުގައި ހުންނެވި އެވެ. އެކު ޖުމްލަ 30 އަހަރު ދުވަހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި އެވެ. އަޅުގަނޑު މިދަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބްދުލްޤަޢްޔޫމުގެ ވާހަކަ އެވެ.
އެމަނިކުފާނުގެ ވެރިކަމުގައި ސާސްކަފެއްގެ ނިމުމާއި ފެށުން ފެނުނެވެ. އެމަނިކުފާނުގެ ވެރިކަމުގައި ހިޖުރީ ޤަރުނެއްގެ ނިމުމާއި ފެށުން ފެނުނެވެ. އެމަނިކުފާނުގެ ވެރިކަމުގައި މުޅިން އަލުން ލިޔެގެން ދެ ފަހަރެއްގެ މަތިން ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރި އެވެ. އެމަނިކުފާނު ފަސް އަހަރުގެ ހަ ދައުރުގައި ވެރިކަމުގައި ހުންނެވި އެވެ. އެކު ޖުމްލަ 30 އަހަރު ދުވަހު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ކަމުގެ މަޤާމުގައި ހުންނެވި އެވެ. އަޅުގަނޑު މިދަންނަވަނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫނު ޢަބްދުލްޤަޢްޔޫމުގެ ވާހަކަ އެވެ.
ރާއްޖޭގެ ރައީސްކަމާ 1978 ގައި ހަވާލުވެވަޑައިގެންނެވި އިރު ރާއްޖޭގައި އޮތީ ތަރައްގީގެ ހައިހޫނުކަމެކެވެ. ބައެއް ދާއިރާއިން ކުރިއަށް ދާން ބިންގާ ވަނީ އެޅިފަ އެވެ. ފަތުރުވެރިކަމުގެ ސިނާއަތު އޮތީ ފެށިފަ އެވެ. ވަރަށް އާދައިގެ ފެންވަރަކަށް 17 ރިޒޯޓު ތަރައްގީކޮށްފައި އޮތެވެ. އެކު ޖުމްލަ 200 ވަރަކަށް އެނދެވެ. ރިޒޯޓުތައް ހިންގުމާ ބެހޭ ޤަވައިދެއް ނެތެވެ. އެއް ރިޒޯޓު ހިންގަމުން ދިޔައީ ސަރުކާރުގައި ރަޖިސްޓުރީ ވެސް ނުކޮށެވެ.
އެއް އިރެއްގައި ރާއްޖޭގައި އެންމެ ކުރިއަރާފައި އޮތް، ރާއްޖޭން ބޭރުގައި އާގުބޯޓު ދުއްވުމުގެ ސިނާއަތު ވެސް އޮތީ ދަށަށް ދާން ފަށައިފަ އެވެ. ރާއްޖޭން ދުއްވަމުން ގެންދިޔައީ ޢާއްމުކޮށް ކުދި ބޯޓުފަހަރެވެ. ބޯޓުދަތުރުފަތުރު ކުރުމުގެ ބައިނަލްއަގުވާމީ މަސްއޫލު ފަރާތުން އަލަށް ތަޢާރަފްކުރި ގަވައިދެއްގެ ސަބަބުން ބޭރު ގައުމުތަކަށް މުދާ ގެންގޮސް ދޭން ދަތުރުތައް ލިބުމުގައި، ރާއްޖޭގެ ސަރުކާރުގެ އާގުބޯޓު ދުއްވާ ކުންފުންޏަށް، ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. މީގެ އިތުރަށް، ދުނިޔޭގެ މަސައްކަތް ކުރުވުމުގެ މާޙައުލަށް އައި ބަދަލަކާ އެކު ކުރިން ދިވެހިން ލައްވާ ބޯޓުފަހަރުގައި މަސައްކަތްކުރުވި ގޮތަށް މަސައްކަތް ކުރުވަން ހުރަސްތަކާ ވެސް ކުރިމަތިލާން ޖެހުނެވެ.
އެދުވަސްވަރު ކަންތައް ކުރާ ގޮތުން، ގިނަ މީހުންނަށް ހީވެފައި އޮތީ ކަންކަން ކުރުމުގައި އާއްމު ގޮތެއްގައި، ދިވެހިރާއްޖެ ކަމަށް ބެލެވެނީ ހަމައެކަނި މާލެ ކަމަށެވެ. ހުރިހާ ކާރޫބާރެއް ހިނގަނީ މާލޭގަ އެވެ. ކަންކަން ފެށެނީ މާލެ އިންނެވެ. ނިމެނީ ވެސް މާލެ އަށެވެ. ރަނގަޅަށް އުނގެނުމަށް އަންނަން ޖެހެނީ މާލެ އަށެވެ. ބޭސްފަރުވާ އަށް އަންނަން ޖެހެނީ މާލެ އަށެވެ. ކިރިޔާ ވެސް ކަމަކަށްވާ ވަރުގެ ކަމެއް ކުރަން ވެއްޖެ ނަމަ އަންނަން ޖެހެނީ މާލެ އަށެވެ. ތަރައްޤީ ވަމުން ދިޔައީ މާލެ އެވެ. ރާއްޖޭގެ އެހެން ބައެއް ރަށްރަށުގައި މަކްތަބެއްހާ ވަރު ވެސް ނެތެވެ. ބައެއް ރަށްރަށުގެ އޮފީހަކީ ޖިފުޓި ކަހަލަ ތަންތަނެވެ.
ކުރީގެ ރައީސް މައުމޫން: ވެރިކަމުގައި ބޮޑެތި ތަރައްގީތަކެއް ރާއްޖެއަށް ގެނެސްދެއްވި.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
ސަރުކާރަށް އާމްދަނީ ލިބޭ ވަސީލަތްތައް މަދެވެ. ސަރުކާރަށް މައިގަނޑު ގޮތެއްގައި އާމްދަނީ ލިބުނީ ހިކި ކަނޑު މަހާއި ރޯ ކަނޑުމަސް ބޭރަށް ވިއްކައިގެންނާއި އެސްޓީއޯގެ ވިޔަފާރިންނެވެ. ޓެކްސެއްގެ ގޮތުގައި ސަރުކާރަށް އާމްދަނީ ލިބުނީ ކަސްޓަމުސްގެ މައިމޫލުންނެވެ. ފަތުރުވެރިކަމުގެ ޞިނާޢަތުން ސަރުކާރަށް އެއްވެސް އެއްޗެއް ނުލިބެ އެވެ. ބައިނަލްއަޤްވާމީ ވައިގެ ބަނދަރުން ވެސް ފުރާ މީހުންގެ އަތުން ޓެކްސެއް ނުނަގަ އެވެ. ރާއްޖެ އަށް އަންނަ މީހުންގެ ޕާސްޕޯޓުގައި ތައްގަނޑެއް ވެސް ނުޖަހަ އެެވެ. މިހެންވުމުގެ ސަބަބުން ރާއްޖެ އަށް އަންނަ މީހުންގެ އަދަދު ހޯދަން ބޭނުންވާ ފަރާތަކަށް އެ މަޢުލޫމާތު ހޯދޭނީ ރާއްޖެ އަށް ދަތުރުކުރާ އެއާލައިންތަކުން ގެންގުޅޭ ދަތުރުކުރި ފަސިންޖަރުންގެ ލިސްޓުންނެވެ. ރާއްޖެ އަށް ބޭނުންވާ ބޭރު ފައިސާ ލިބެމުން ދިޔައީ މައިގަނޑު ގޮތެއްގައި ރާއްޖެ އިން ބޭރު ކުރަމުން ދިޔަ ރޯ ކަނޑު މަހާއި ހިކި ކަނޑު މަހުންނެވެ. މަސްދަޅު ބަންދުކުރާ ކުޑަ ކާރުޚާނާއެއް، ޅ.ފެލިވަރުގައި ފަށައިގަނެވުނީ އެވެ.
ރައީސް މައުމޫނު ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު، އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެންމެ ފުރަތަމަ ކުރެއްވި ކަމަކީ ގައުމު ބިނާކުރަން ރޭވުމަށް ނޭޝަނަލް ޕުލޭނިން އޭޖެންސީއެއް އުފެއްދެވުމެވެ. އުނގެނުމުގެ ފުރުސަތުން މަޙްރޫމް ވެފައި އޮތް ރަށްރަށުގައި ދިރިއުޅޭ ކިޔަވާ އުމުރު ފުރައިގެ ކުދިންނަށް ކިޔެވުމުގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް، ސަރުކާރުގެ ޚަރަދުގައި އަތޮޅުގެ ވެރިރަށުގައި މަކްތަބު ފެންވަރުގައި ކިޔަވައިދޭ ގޮތަށް ހަމަޖެއްސި އެވެ. ރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާހުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެވެ. ރާއްޖެ އިން ބޭރުން ރާއްޖެ އަށް އަންނަ މީހުންގެ ޕާސްޕޯޓުގައި ތައްގަނޑު ޖަހާ ގޮތަށް ހަމަޖެއްސި އެވެ. އެޑިއުކޭޝަނަލް ޕުރޮޖެކްޓް އޮފީސް، އެޑިއުކޭޝަނަލް ޑިވެލޮޕްމެންޓް ސެންޓަރަކަށް ބަދަލުކުރި އެވެ. ރޭޑިއޯ މޯލްޑިވްސް އިން ފޮނުވަމުން ގެންދިޔަ ކުރިސްޓިއަން ދީން ފެތުރުމުގެ ޕުރޮގްރާމްތައް ހުއްޓުވާލި އެވެ. (މި ޕުރޮގްރާމްތައް ފޮނުވަމުން ގެންދިޔައީ ކުރިސްޓިއަން ދީން ފަތުރަން މަސައްކަތް ކުރާ މީހުން އަގު ދީގެންނެވެ.) ދިވެހިބަހާއި އަދަބަށް ޚިދުމަތް ކުރާ މަޖިލީހެއް އުފެއްދި އެވެ. ދިވެހި ތާރީޚާއި ސަގާފަތަށް ޚިދުމަތް ކުރާ މަޖިލީހެއް އުފެއްދި އެވެ.
ރައީސް މައުމޫންގެ ވެރިކަމުގެ ފުރަތަމަ 100 ދުވަސް ހަމަކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުންނަވައިގެން ރަށްރަށަށް ކުރެއްވި ފުރަތަމަ ދަތުރުފުޅު ކ. ގުޅި އަށް ކުރެއްވި އެވެ.
މެދުނުކެނޑި 10 އަހަރު ވަންދެން ހިންގަމުން ދިޔަ މަކްތަބްތަކާއި މަދްރަސާތަކަށް ދައުލަތުން އެހީ ދޭން ފެށީ ސްކޫލު އުމުރުފުރައިގެ ކުދިންނަށް އުނގެނުމުގެ ފުރުޞަތު ފުޅާކުރުމުގެ ގޮތުންނެވެ. އަތޮޅަކަށް ފަހު އަތޮޅެއްގައި ކޮމިއުނިޓީ ސްކޫލު ހުޅުވެމުން ދިޔަ އެވެ. ޕުރައިމަރީ ސްކޫލު ހުޅުވެމުން ދިޔަ އެވެ. އެއްގޮތަކަށް ވެސް ލިޔަންކިޔަން ނުދަންނަ މީހުންނަށް އަމާޒުކޮށްގެން "އަސާސީ ތަޢުލީމުގެ މަޝްރޫޢު" އިއުލާންކުރި އެވެ. ލިޔަންކިޔަން ނޭނގުން ރާއްޖެ އިން ނައްތާލާށެވެ. ކުޑަކުދިންގެ އިޞްލާޙިއްޔާއެއް ހުޅުވި އެވެ. ރާއްޖެ އަކީ ހޫނު ގައުމަކަށް ވުމާ އެކު ފިނި އިރުގައި މަސައްކަތް ކުރުމުގެ ނިޔަތުގައި އޮފީސްތަކުގައި މަސައްކަތް ކުރާ ގަޑި ހެނދުނު 7:30 އިން 1:30 އަށް ބަދަލުކުރި އެވެ. މި ބަދަލު ގެނައުމުގެ އެހެން ސަބަބުތަކަކީ އޮފީސްތަކުގައި މަސައްކަތްކުރާ އަންހެން މުވައްޒަފުންނަށް ގޭތެރޭގެ މަސައްކަތަށާއި އާއިލާގެ މަސައްކަތްތަކަށް ވަގުތު ލިބޭ ގޮތަށް ހަމަޖެއްސުމެވެ. އަދި ދިރިއުޅުން ތަނަވަސް ކުރުމަށް އަމިއްލަ މަސައްކަތެއް ކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ތަނަވަސް ކޮށްދިނުމެވެ.
ރަމަޟާން މަހުގެ ރޭތައް އިހްޔާކުރުމުގެ ޕުރޮގްރާމެއް ފެށި އެވެ. ޒުވާނުންގެ މަޖިލީހެއް އުފެއްދި އެވެ. މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އުފެއްދި އެވެ. ހައި ކޯޓެއް އުފެއްދި އެވެ. އަތޮޅުގެ ކަންތައްތަކާ މެދު މަޝްވަރާކޮށް ގޮތެއް ނިންމަން އަތޮޅު ކޮމިޓީއެއް އުފެއްދި އެވެ. އެއާޕޯޓްސް އޮތޯރިޓީއެއް އުފެއްދި އެވެ. ސަރުކާރުގެ މުވައްޒަފުން ދުޅަހެޔޮކޮށް ބޭތިއްބުމަށާއި އެއްތަނަކަށް ގޮސް ޚިޔާލު ބަދަލުކުރުމުގެ މާހައުލެއް ގާއިމްކުރުމުގެ ގޮތުން ސަރުކާރުގެ މުވައްޒަފުންގެ ނާދީއެއް ހުޅުވި އެވެ. އޮއިވާލި ކަނދުފަތި ހަރުކުރަން ފެށި އެވެ.
އަޅުގަނޑު މިދެންނެވީ ރައީސް މައުމޫންގެ ވެރިކަމުގެ ފުރަތަމަ ފަސް އަހަރުގެ ފުރަތަމަ ދެ އަހަރު ފުރިހަމަވުމުގެ ކުރިން ކުރެއްވި ބައެއް ކަންތައްތަކުގެ ވާހަކަ އެވެ. ގައުމު ތަރައްޤީގެ މަގުގައި ކުރިއަށް ގެންދަން އެމަނިކުފާނު ވަކި ޚާއްޞަ ދާއިރާއެއް ޚިޔާރެއް ނުކުރައްވަ އެވެ. އެމަނިކުފާނު ގައުމު ބިނާކުރައްވަން ފެއްޓެވީ ބިންގަލުންނެވެ. ހުރިހާ ދާއިރާއަކުންނެވެ. ގަލަކަށް ފަހު ގަލެއް ބާއްވައިގެންނެވެ. އެމަނިކުފާނު ވެރިކަމުން ދުރުވެވަޑައިގެންނެވި އިރު ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި ރަނގަޅު ތަޢުލީމީ ނިޒާމެއްގައި އުނގަންނައިދެމުން ގެންދިޔަ އެވެ. ރާއްޖޭގައި ޔުނިވަސިޓީ ތަޢުލީމު ޙާޞިލްކުރެވޭނެ ގޮތަށް ހަމަޖެހިފައި އޮތެވެ. މަތީ ފެންވަރުގައި ދީނީ ތަޢުލީމް ޙާޞިލުކުރެވެ އެވެ. ފަތުރުވެރިކަމަށް ރަށްތައް ތަރައްޤީ ކުރަން އާއްމުންނަށް ހުޅުވާލުމުން އެތައް ބައިވަރު ރަށެއް މަތީ ފެންވަރުގައި ތަރައްޤީކުރި އެވެ.
މާލޭގެ ރައްޔިތުންނަށް ކުރިމަތިވެފައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ބޯހިޔާވަހިކަމުގެ މައްސަލަ އެވެ. އެކަމަށް ހައްލެއް ހޯދަން މާލޭގެ ބިން ހިއްކެން އޮތް އެންމެ ބޮޑު މިންވަރަށް މާލޭގެ ފަޅުން ބިން ހިއްކި އެވެ. ފަތުރުވެރިކަމުގެ މަސައްކަތަށް ކުއްޔަށް ދޫކޮށްފައި އޮތް ވިލިގިނލި، ފަހުން، ވިލިމާލޭގައި މީހުން ވަޒަން ވެރިވާ ގޮތަށް ހަމަޖެއްސި އެވެ. ހުޅުލެއާ އިންވެގެން އޮތް ރިސޯޓް ކްލަބް މެޑް (ފަރުކޮޅުފުށި) އާ ހަމައަށް ބިން ހިއްކައިގެން އާ ސަހަރެއްގެ ބިންގާ އެޅި އެވެ؛ އެއީ ހުޅުމާލެ ވުޖޫއަށް އައުމެވެ. އެތަނުގައި ފުލެޓްތައް އިމާރާތްކޮށް އެކަމަށް ބޭނުންވެފައި ތިބި މީހުންނާ ހަވާލުކުރި އެވެ.
މިހާރުގެ ގާނޫނުއަސާސީ، އޭރުގެ ރައީސް މައުމޫން އޯގަސްޓް 7، 2008 ގައި ތަސްދީގު ކުރައްވަނީ.
މާލޭގެ ރައްޔިތުންނަށް އެންމެ ފުރަތަމަ ފުލެޓް އިމާރާތް ކުރަން ފެށީ މާލޭގަ އެވެ. ދިހަ ފަންގިފިލާގެ އިމާރާތެވެ. ކުނި އަޅަމުން ގެންދިޔަ ތިލަފަޅު ހިއްކަމުން ގޮސް އެންމެ ފަހުން ތިލަފުށްޓަށް ބަދަލުވި އެވެ. އެ ރަށުގައި ޞިނާޢީ މަސައްކަތްކުރަން ބިން ދޫކުރި އެވެ. އެއިރުގެ ފެންވަރުން ރަށްތައް ގުޅުވާލަދޭ ފާލަން ވެސް އެޅި އެވެ. އޭގެ ތެރޭގައި ލ. އަތޮޅުގެ ބައެއް ރަށްތައް ގުޅުވާލަދިން ފާލަމާއި ގަމާއި ފޭދޫ ގުޅުވައިދޭ ފާލަން އެޅީ އެސްޓީއޯއިންނެވެ. ފަރެސްމާތޮޑާ ގުޅުވާލުމުގެ ފާލަމެއް ވެސް އެޅި އެވެ. މި ހުރިހާ މަސައްކަތެއް ކުރީ އާމްދަނީގެ ގޮތުގައި ސަރުކާރަށް އޭރު ލިބުނު ނިސްބަތުން މަދު ފައިސާ އިންނެވެ. ސަރުކާރުން ކުއްޔަށް ދޫކުރާ ރަށްތަކުގެ ކުލި އެތައް އަހަރަކަށް ކުރިއަށް ނަގައިގެނެއް ނޫނެވެ. ސަރުކާރުން ވިޔަފާރީގެ ޓެކްހެއް ނުނަގަ އެވެ. ވިއްކާ މުދަލުން ޓެކްހެއް ނުނަގަ އެވެ. ކުއްޔަށް ދޭ ތަންތަނުން ޓެކްހެއް ނުނަގަ އެވެ. މިހެންވުމާ އެކު އޭރު ސަރުކާރަށް އާމްދަނީގެ ގޮތުގައި ލިބުނީ ވަރަށް ކުޑަކުޑަ އެއްޗެކެވެ. ނަމަވެސް ރައްޔިތުން ދަރަނިވެރިނުކޮށް އަސާސީ އަދި ޒަރޫރީ ޚިދުމަތްތައް ދެމުން ގެންދިޔަ އެވެ. އެއް އަތޮޅަށް ވުރެ ގިނަ އަތޮޅަށް ބޭނުން ކުރެވޭ ގޮތަށް، ސަރަހައްދީ ހަސްފަތާލުތައް ގައިމްކުރި އެވެ. ރަށްރަށުގައި ސިއްޙީ މަރުކަޒެވެ. ޑަކްޓަރެއްގެ ޚިދުމަތް ލިބޭ ގޮތަށެވެ.
މި ޒަމާނުގެ ވަސީލަތްތައް ބޭނުންކޮށްގެން ރައީސް މައުމޫނާ ބެހޭ ގޮތުން މަޢުލޫމާތު ސާފުކުރާ އިރު އެންމެ ފުރަތަމަ ނަންފުޅުގެ ކުރިއަށް އަންނަނީ "ޑިކްޓޭޓަރެ"ވެ. ޑިކްޓޭޓަރުގެ މާނައަކަށް އޮންނަނީ ހުރިހާ ބާރުތަކެއް އޮންނަ މީހެކެވެ. ހުރިހާ ކަމެއްގައި އެއްވެސް ކޮންޓުރޯލެއް ނެތި ހުރިހާ ބާރެއް އޮންނަ މީހެކެވެ. ރައީސް މައުމޫނަށް އެ ބާރުތައް ލިބިވަޑައިގަތެވެ. އެކަމަކު އެ ބާރުތައް ދީފައި އޮތީ ޤާނޫނުއަސާސީންނެވެ. މިސާލަކަށް ދަންނަވާ ނަމަ ފަނޑިޔާރުން ޢައްޔަންކުރުމުގެ ބާރާއި ވަކިކުރުމުގެ ބާރެވެ. ކުރީގެ ޤާނޫނުއަސާސީން މުސްތަޤިއްލު ކޮމިޝަންތައް އުފައްދާފައެއް ނުވެ އެވެ. ރައީސް މައުމޫނުގެ ވެރިކަމަށް ފަހު، އާ ޤާނޫނުއަސާސީ ތަންފީޒު ކުރަން ފެށުމާ އެކު ވެރިކަމަށް އައި އެޑްމިނިސްޓްރޭޝަންތަކަށް "ޑިކްޓޭޓަރު" ގެ ބާރު ޤާނޫނުއަސާސީން ދީފައެއް ނުވެ އެވެ. މުސްތަޤިއްލު މުއައްސަސާތައް މުސްތަގިއްލުކޮށް މަސައްކަތްކުރުމުގެ ފުރުސަތު އާ ޤާނޫނުއަސާސީން ދީފައި އޮވެ އެވެ. ވަކި ދުވަސްވަރެއްގައެއް ނޫނެވެ. އެކި މޫސުމަށް އޮއިވަރު ބަދަލުވާ ގޮތަކަށެއް ވެސް ނޫނެވެ. އެއްކަމަކާ މެދު، އެއްބަޔަކު، އެކި ހަޅާގައި އެކި ގޮތަށް ނިންމާ ގޮތަކަށެއް ވެސް ނޫނެވެ. އެއިރަކު އޮއިވަރު އޮންނަ ގޮތަކަށްް ދާ ގޮތަކަށެއް ވެސް ނޫނެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އާއި ކުރީގެ ރައީސް މައުމޫން ބައްދަލުކުރައްވަނީ.
ރައީސް މައުމޫނުގެ ވެރިކަމުގައި މައްސަލަތައް ނިމެނީ ވަރަށް ލަހުންނެވެ. "ޑިކްޓޭޓަރު" މައުމޫނު، މަޝްވަރާއާ ނުލައި އެއްވެސް ކަމެއް ނުނިންމަވަ އެވެ. އެމަނިކުފާނު އުފައްދަވާފައި އޮތް ތަފާތު މަޖިލީސްތަކުން ވެސް މިކަން ސާފުވާނެ އެވެ. އަތޮޅު ފެންވަރުގައި ވެސް އަތޮޅުވެރިންނަށް ލަފާ ދޭ ކޮމިޓީ އާއި ރަށް ކުރިއަރުވާ ކޮމިޓީ އާއި އަންހެނުން ކުރިއަރުވާ ކޮމިޓީ ފަދަ ކޮމިޓީތައް އުފައްދާފައި ވެ އެވެ. ތަފާތު ކަންކަމަށް، ތަފާތު މަޝްވަރާ މަޖިލީސް އުފައްދާފައި އޮވެ އެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މައްސަލައެއް ހުށައެޅުމުން ވެސް އެ މައްސަލައެއް ވަޒީރުންގެ މަޖިލީހަށް ހުށަހެޅުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތެރޭގައި މަސައްކަތްކުރައްވާ ކަމާ ބެހޭ ތަޖުރިބާކާރުން އެ މައްސަލައެއް ތަޙްލީލު ކުރައްވާ އެ މައްސަލައަކާ މެދު ކަރުދާހެއް ތައްޔާރުކުރައްވަ އެވެ. ވަޒީރުންގެ މަޖިލީހަށް ހުށައެޅުމަށެވެ. ވަޒީރުންގެ މަޖިލީހުގައި މަޝްވަރާ ކުރުމަށް ފަހު ވަރަށް ގިނަ ފަހަރު އިތުރު ހޯދުންތަކަށް އެ މައްސަލައަކާ ގުޅޭ އޮފީހެއްގެ ޢިލްމީ ތަޖުރިބާކާރުން ހިމެނޭ ގޮތަށް ޓެކްނިކަލް ކޮމިޓީއެއްގައި އެ ކަމަކާ ބެހޭ ބައެއް ވަޒީރުން ވެސް ޝާމިލުވާ ގޮތަށް އެ މައްސަލައަކާ ބެހޭ ގޮތުން ބަހުސް ކުރެވެ އެވެ. ޑިމޮކްރަސީގެ "މެޝިނަށް" ވައްޓައިގެން ކަންކަން އަވަހަށް ނުނިންމޭނެ އެވެ. އެތައް ފެނަކުން ދޮންނަން ޖެހޭތީ ވެ އެވެ. ރައީސް މައުމޫނުގެ ސަރުކާރުގައި ކަންކަން ނިންމުން މާ އަވަސް ނުވަނީ އެހެން ވެގެންނެވެ.
އަޅުގަނޑު ނިދަން އުޅެނިކޮށް ރައްޓެއްސަކު ފޯނެއް ކުރި އެވެ. އަވަހަށް ޓީވީ ހުޅުވާށޭ ބުންޏެވެ. އަޅުގަނޑު ޓީވީ ހުޅުވި އިރު، ރިޔާސީ އިންތިޚާބުގައި، ގުޅިފައިވާ ޕާޓީތަކުން ބޭއްވި އެންމެ ފަހުގެ ބޮޑު ޖަލްސާ ދުރަށް ފޮނުވަނީ އެވެ. އޭރު ވާހަކަ ދައްކަވަނީ ޢައްބާސް އިބްރާހިމެވެ. އޭނާ ވާހަކަފުޅު ދެއްކެވީ ރައީސް މައުމޫނު އުފައްދަވާފައި އޮތް "ގޮތްޕެއް"ގެ މެންބަރެއްގެ ހައިސިއްޔަތުންނެވެ. އެމަނިކުފާނު ރައީސް މައުމޫނާ ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވި އިރު އެ ޖަލްސާގައި ތިބި ގިނަ ބައެއްގެ ލޮލުން ކަރުނަ ފޭބިތަން ފެނުނެވެ. އަޅުގަނޑުގެ ހިތަށްއެރި އެވެ. މި ފެންނަނީ ލޯތްބެވެ. ޝުކުރުވެރިވުމެވެ. ރައީސް މައުމޫނުގެ ދިގު ވެރިކަމުގައި، އުނދަގޫ ދުވަސްތަކެއްގައި، ގައުމަށް ކޮށްދެއްވާފައި އޮތް އަގުނުކުރެވޭ ފަދަ ގިނަ ޚިދުމަތްތަކެއް ރާއްޖޭގެ ގިނަ ރައްޔިތުން ހިތުގެ އަޑިން ބަލައިގެންފައިވާ ކަމުގެ ހެކި ފެންނަ މަންޒަރެވެ.
އަހުމަދު ޒާހިރަކީ ރައީސް މައުމޫންގެ ވެރިކަމުގައި ޖަސްޓިސް މިނިސްޓަރުކަމާއި ރައްޔިތުންގެ މަޖިލިހުގެ ރައީސްކަން ކުރެއްވި ބޭފުޅެކެވެ. މި މަޒުމޫން އޭނާ ލިއެދެއްވީ "މިހާރު"ން އެރުވި ދައުވަތަކަށެވެ.
މައުމޫން: ޚުދުމުޚުތާރުކަމުގައި ދިގު މުއްދަތެއް
އިސް ވެރިޔަކު ނެތުމުން މައުމޫން ފާޑުވިދާޅުވެއްޖެ
ރާއްޖޭގެ ފަނޑިޔާރުގެ، ތާރީޚީ ނަޒަރަކުން
ނަޝީދު: ހައްގުތަކަށް އަޑުއުފުލުމުގެ ތެރެއިން ވެރިކަމަށް
ވެރިކަމުގެ ނިޒާމްގެ ތަޖުރިބާ: ބޭނުންވަނީ އިހުލާސްތެރިން
އިލްޔާހާއި ސަޓޯގެ ފޯނު ކޯލުން ވިންޓަ ޝަރީފު ޖަލަށް!
ކޯލްޓަންގެ އެ އިންޓަވިއު އަދި ބަގާވާތުގެ ހިޔަނި
ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްލީ 48 ގަޑިއިރުން
މާލެ ފެނަށް ޖެހުން، އޭގެ ފަހުން އެމްޑަބްލިޔުއެސްސީ
ޖުމްހޫރީ ވެރިކަން ފެށުމާއި ދައުރު ފެށުން ވެސް އޮޅިފައި