14 އޯގަސްޓް 2016
ހިޔާލު ފާޅުކުރުން ހުއްޓުވުމުގެ މަގުސަދުގައި ހެދި އާ ގާނޫނުގެ ދަށުން ސަރުކާރުން މީޑިއާތަކަށް ޖަވާބުދާރީވާން ތައްޔާރުވެފައިވާ މިންވަރާ މެދު ސުވާލު އުފެދިއްޖެ އެވެ.
ހިޔާލު ފާޅުކުރުން ހުއްޓުވުމުގެ މަގުސަދުގައި ހެދި އާ ގާނޫނުގެ ދަށުން ސަރުކާރުން މީޑިއާތަކަށް ޖަވާބުދާރީވާން ތައްޔާރުވެފައިވާ މިންވަރާ މެދު ސުވާލު އުފެދިއްޖެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު އަމަލުކުރަން ފެށި ގާނޫނުގައިވާ ގޮތުން ޖަލްސާތަކާއި ފޯރަމްތަކާއި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތައް ރިޕޯޓުކުރަން ޖެހެނީ މާނަ ނުގެއްލޭ ގޮތަށް، ޚަބަރު ރައްދުވާ ފަރާތްތަކުގެ ބަހެއް ހޯދުމަށް ފަހު އެވެ. އެ ގޮތުން، ރައްދުވާ ފަރާތްތަކާ ގުޅަން އެކަށީގެންވާ މަސައްކަތެއް ކުރަން ޖެހޭނެ ކަމަށް ގާނޫނުގައިވެ އެވެ. އެކަށީގެންވާ މަސައްކަތް ކަމަށް މާނަކޮށްފައި ވަނީ ޚަބަރު ރައްދުވާ ފަރާތާ ފޯނުން ގުޅަން މަސައްކަތް ކުރުމާއި ފޯނުން ނުގުޅިއްޖެ ނަމަ މެސެޖަކުން އެ ފަރާތެއްގެ ބަސް ހޯދަން މަސައްކަތް ކުރުމެވެ.
އެ ގާނޫނަށް އަމަލުކުރަން ފެށި ދުވަހުގެ ރޭ އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާގައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔެވެ. ހާއްސަކޮށް، ރައީސް އަބްދުﷲ ޔާމީނާއި އެ މަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމަށް ކުރާ ތުހުމަތުތައް ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ބައެއް ބޭފުޅުން ކުރެއްވި އެވެ. އަދި ރައީސް ޔާމީނާއި އެ މަނިކުފާނުގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ޖެހިފައިވާ މައްސަލަތައް ފާހަގަކޮށް އެއީ ރައީސް ޔާމީންގެ ސަބަބުން އުފެދިފައިވާ ކޯޅުންތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.
އެ ވާހަކަތަކާ ގުޅިގެން "މިހާރު"ން މިއަދު ސުވާލު ދެންނެވުމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވީ އެއީ "ބަޔަކު ދައްކާ ބޭކާރު ވާހަކަތަކަކަށް" ވާތީ އޮތީ "ނޯ ކޮމެންޓް" ކަމަށެވެ. އެފަދަ ކަންކަމުގައި ވަގުތު ނަގާލަން ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަރުކާރުގެ ހުރިހާ ވިސްނުމެއް އޮތީ ތަރައްގީގެ މަސައްކަތްތަކަށް،" އެސްއެމްއެސް މެދުވެރިކުރައްވާ ތަރުޖަމާނު ދެއްވި ޖަވާބުގައިވެ އެވެ.
ރާއްޖެ ޓީވީން ވެސް ވަނީ ތަރުޖަމާނަށް އެކި ފަހަރު މަތިން މެސެޖުކޮށް، ސަރުކާރުގެ ބަހެއް ހޯދަން އެދިފަ އެވެ. މުޅި ޖަލްސާގައި ދެއްކި ވާހަކަތަކަށް ނިސްބަތްކޮށް، އެ ވާހަކަތަކުގައި ރައީސް ޔާމީންގެ އަބުރުފުޅަށް އަރައިގަނެފައިވޭތޯ ސުވާލުކުރި އެވެ. އަދި ޕީޕީއެމްގެ ތެރޭގައި ޖެހިފައިވާ މައްސަލަތަކުގެ ޒިންމާ ރައީސް ޔާމީން އުފުއްލަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް ދެއްކެވި ވާހަކަތަކަށް ސަރުކާރުގެ ރައްދަކަށް ވެސް އެދުނެވެ.
ރައީސް އޮފީހުގެ އިމާރާތް: އެންމެ ބޮޑަށް ޖަވާބުދާރީ ވާން ޖެހޭ އޮފީހުގެ ތަރުޖަމާނު މިހާތަނަށް ދެއްވާފައި ވަނީ "ރުންކުރު" ޖަވާބުތަކެއް.-- މިހާރު ފައިލް ފޮޓޯ
ވައިބާ މެދުވެރިކޮށް ކުރި އެ މެސެޖާ ގުޅިގެން ތަރުޖަމާނު މުއާޒް ދެއްވީ ކަމާ ނުގުޅޭ ޖަވާބެކެވެ. އެ ގޮތުން އޭނާ ވިދާޅުވީ ރާއްޖެ ޓީވީން އަހާހާ ސުވާލަކަށް ނުވަތަ ބަޔަކު ދައްކާހާ ވާހަކައަކަށް ޖަވާބުދާރީ ނުވާ ކަމަށެވެ.
"ރައީސާއި ސަރުކާރުގެ ހުރިހާ ވަގުތެއް ހުސްވެފައި އޮތީ ތަރައްގީގެ މަސައްކަތްތަކާއި ވިސްނުންތަކަށް،" މުއާޒްގެ މެސެޖުގައިވެ އެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިއަކު ފޮނުވި މެސެޖަށް ރައީސް އޮފީހުގެ ތަރުޖަމާނު ދެއްވި ޖަވާބު.
މިކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރައްވައި ސަން މީޑިއާ ގްރޫޕުގެ ޗީފް އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) މިއަދު ވިދާޅުވީ ރައްދުވާ ފަރާތުގެ ބަސް ހޯދަން އެދުމުން އެ އެދޭ ކަމަކާ ގުޅޭ ގޮތުން ޖަވާބު ދޭން ޖެހޭނެ ކަމަށެވެ. އޭގެ ބަދަލުގައި ކަމާ ނުގުޅޭ، "ހެއްވާ" ޖަވާބުތަކެއް ދިނުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނީ ވެރިކަމެއް ކުރާ ނަމަ، ގާނޫނަށް ތަބާވުމަކީ ވަކި ބަޔަކު ކުރަން އޮންނަ ކަމެއް ނޫން. މީޑިއާތަކުން ގާނޫނުގައިވާ ގޮތަަށް އަމަލުކުރަން ހެޔޮ ނިޔަތުގައި އުޅޭއިރު، އެކަމަށް ކަމާ ބެހޭ ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދޭންޖެހޭނެ،" ޒާހިރު ވިދާޅުވި އެވެ.
ރާއްޖެ ޓީވީގެ ސީއޯއޯ ހުސެން ފިޔާޒު މޫސާ ވެސް ވިދާޅުވީ ސަރުކާރުގެ އެ ރައްދު ވަރަށް ބޮޑަށް ކުށްވެރި ކުރާ ކަމަށެވެ. ރައްދުވާ ފަރާތުގެ ބަސް ވަގުތުން ވަގުތަށް ހޯދަންޖެހޭ ފަދަ ގޮތަކަށް ގާނޫނު ބައްޓަންކޮށްފައި ވާއިރު، އެ އުސޫލުން، ހަމަ އެ ހަލުވި މިނުގައި ޖަވާބުދާރީ ވެވޭނެ އުސޫލެއް ސަރުކާރުން ވެސް ހޯދަން ޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި ބްރޯޑްކާސްޓިން ކޮމިޝަނުން ވެސް އެކަމާ ފިޔަވަޅު އަޅަން ފިޔާޒު ގޮވާލެއްވި އެވެ.
"އިންސާނުންނަށް ތަންފީޒު ނުކުރެވޭ ވަރުގެ ގާނޫނު ހެދީމަ ތަރުޖަމާނު ވެސް އޭގައި ބެދިގެން އުޅޭ ތަން މި ފެންނަނީ،" އޭނާ ވިދާޅުވި އެވެ.
ރައްދުވާ ފަރާތްތަކުގެ ބަހެއް ނުހޯދާ ޚަބަރު ގެނެސްދީފި ނަމަ އަބުރުގެ ދައުވާގެ ޝަރީއަތްތަކުގައި ދިފާއުވާން ލިބޭ ފުރުސަތު މި ގާނޫނުގައި ހަނިކޮށްފައި އޮތުމުން އެކަމާ މީޑިއާތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރި އެވެ. މި ބިލު ދިރާސާ ކުރި މަޖިލީހުގެ ކޮމިޓީ އަށް ގެންދިޔަ ހުރިހާ މީޑިއާތަކަކުންހެން ބުނީ އެ ގޮތަށް އޮތުމުން ނޫސްވެރިކަން ކުރަން ވަރަށް ބޮޑަށް ހުރަސް އެޅޭނެ ކަމަށެވެ. އެކަމުގެ މަގުސަދަކީ ސަރުކާރަށް ފާޑުކިޔުން ހުއްޓުވުން ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް ބުންޏެވެ.
މީގެ އިތުރުން ވެސް، ލައިވްކޮށް އެއްޗެހި ގެނެސްދިނުމަށް ވެސް މި ގާނޫނުން ވަރަށް ބޮޑަށް ހުރަސް އަޅަ އެވެ. އެ ގޮތުން، އަބުރާ ބެހެފައިވާ ކަމަށް މީހަކަށް ގަބޫލުކުރެވިއްޖެ ނަމަ ލައިވް ފީޑު ކަނޑާލަން އެދުމުގެ ހައްގު އެ މީހަކަށް އޮވެ އެވެ. މިފަދަ ކަންކަމަށް މީޑިއާތަކުން ބޯނުލަނބައިފި ނަމަ އެ މީޑިއާއަކާ މެދު ފިޔަވަޅު އަޅައި އެ މީޑިއާއެއް ބަންދުކުރުމުގެ ބާރު ވެސް އޮވެ އެވެ.
ނޫސްވެރިންނާއި އަމިއްލަ ޖަމާއަތްތައް ހިމެނޭ ގޮތަށް ރާއްޖޭގެ އެކި ފަރާތްތަކުގެ އިތުރަށް އދ. އާއި އީޔޫ އާއި އިނގިރޭސިވިލާތާއި އެމެރިކާ ފަދަ ބޭރުގެ ބައެއް ޖަމާއަތްތަކާއި ގައުމުތަކުން މި ގާނޫނާ މެދު ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.
"ބިލުން ނޫސްވެރިކަމަށް ހުރަސް ނޭޅޭނެކަމުގެ ޔަގީންކަން ދޭ"
އަދުރޭ އަތުން ބަދަލު ހޯދަން ރާއްޖެ ޓީވީން ދައުވާކޮށްފި
ނަސްރުﷲ އެދެނީ ކޮންމެ ނޫސްވެރިއަކު 7 މިލިއަން ދޭން
ނޫސްވެރިންތަކަކާ ދެކޮޅަށް ނަސްރުﷲ ދައުވާކޮށްފި
މައުމޫނަށް ހުތުރު ފުރައްސާރަތަކެއް؛ ގިނަ ބަޔަކު ރަތަށް
މީޑިއާތަކާ ދެކޮޅަށް ފިޔަވަޅު އަޅަން ހުށަނާޅަން: އަލީ
ސިޓީތައް ބާތިލް ކުރަން މީޑިއާ ކައުންސިލުން ނިންމައިފި
އަބުރުގެ ގާނޫނު ނަހަމަގޮތުގައި ބޭނުން ނުކުރެވޭނެ
މީޑިއާގެ ދިފާއުގައި އެމްއެމްސީގެ ކުރީގެ ހަތަރު ރައީސުން
އެއް މިލިއަންގެ ޖޫރިމަނާއާ އެކު ކޮމިޝަން ސިޔާސީ ވެފައި