Roadha Mihaaru
ހުޅުމާލެ އިން 400 ގޯތި ވިއްކުން ހުއްޓާލައިފި؟!

ހުޅުމާލެ އިން 400 ގޯތި ވިއްކުން ހުއްޓާލައިފި؟!

04 ނޮވެމްބަރ 2018

ހުޅުމާލެ އިން 400 ގޯތި ވިއްކަން ހުޅުވާލައި، ދިގު ކިޔޫތަކުން އެތައް ބަޔަކަށް ތަކުލީފު އުފުލަން ޖެއްސި މަޝްރޫއު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރުމާ އެކު "ހުއްޓިއްޖެ" އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުޅުމާލެ އިން 400 ގޯތި ވިއްކަން ހުޅުވާލައި، ދިގު ކިޔޫތަކުން އެތައް ބަޔަކަށް ތަކުލީފު އުފުލަން ޖެއްސި މަޝްރޫއު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރުމާ އެކު "ހުއްޓިއްޖެ" އެވެ.

އެ މަޝްރޫއުގައި ހުޅުވާލީ، ހުޅުމާލެ ދެ ވަނަ ފިޔަވަހިން 1000 އަކަފޫޓުގެ ބިމެއް 400،000 ރުފިޔާގެ މަގުން ވިއްކާށެވެ. ބޭނުމަކީ، އެޗްޑީސީގެ ކޭޝްފްލޯ ރަނގަޅުކުރުން ކަމަށް، މިކަމުގައި ހުރި ގާނޫނީ އަދި ކޮރަޕްޝަނަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގުކުރި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރިޕޯޓުގައިވެ އެވެ.

ރައީސް އޮފީހުގެ ނިންމުމަކުން، ހައުސިން މިނިސްޓްރީއާ ހިންގަން ހަވާލުކުރި އެ މަޝްރޫއުގައި މައްސަލަ ބޮޑުވުމުން، ކުއްލި ގޮތަކަށް މިދިޔަ މަހު 11 ގައި އެކަން ވަނީ އެޗްޑީސީއާ ހަވާލުކޮށްފަ އެވެ. ހައުސިން މިނިސްޓްރީން އަވަސް އަރުވާލައިގެން މިކަން ގެންދިޔަ ގޮތުން އެތައް ބައަކަށް ބޮޑެތި އުނދަގޫތަކަކާ ކުރިމަތިލާން ޖެހުނެވެ.

އެ އުނދަގޫތަކާ އެކު ވެސް އެތައް ހާސް ބަޔަކު ރެޔާއި ދުވާލު ކިޔޫ ހަދައިގެން ތިބެ 5،000 ފޯމު ހުށަހެޅި އެވެ. އެއިން އެއްވެސް ފޯމެއް ބާތިލްނުވާނެ ކަމުގެ ޔަގީންކަން ވެސް ހައުސިން މިނިސްޓްރީން ދިނެވެ.

އެ ފޯމުތަކާ އެކު، އެޗްޑީސީން އެ މަސައްކަތާ ހަވާލުވެ، ނެރުނު ބަޔާނުގައި ބުނެފައި ވަނީ ފޯމު ދޫކުރުމާއި ބަލައިގަތުން މިހާރު ކުރިއަށްގޮސްފައިވާ ހިސާބާއި އަދި އެކަން ކުރިއަށްގެންދާނެ ގޮތާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީއާ މަޝްވަރާކުރަމުން އަންނަ ކަމަށެވެ. އަދި ފޯމު ބަލައިގަންނަން ހަމަޖައްސާފައިވާ މުއްދަތު ވެސް އިތުރުކޮށް އެ މަސައްކަތްތައް ކުރިއަށްގެންދާނެ ގޮތުގެ މައުލޫމާތު ވީ އެންމެ އަވަހަކަށް ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެކަމަކު އޭގެ ފަހުން، ތިން ހަފުތާ ވިއިރު ވެސް ގޯތި ދޫކުރުމާ ގުޅޭ ޚަބަރެއް ނުވެ އެވެ. އެކަން އަދިވެސް ކުރިއަށް ގެންދާނެތޯ ނުވަތަ ހުއްޓާލީތޯ ވެސް ނުބުނެ އެވެ.

ރިޔާސީ އިންތިޚާބުގައި، ރައީސް އަބްދުﷲ ޔާމީން ހޮވަން، އެޗްޑީސީގެ ބަޖެޓުން ކޮރަޕްޝަން ހިންގި ކަމުގެ ތުހުމަތު އެޅިފައިވާ އެ ކުންފުނީގެ އިސް ބޭފުޅުން ފޯނަށް ޖަވާބެއް ނުދެއްވަ އެވެ. އަދި މީޑިއާ އޮފިޝަލް ވެސް ފޯނު ނުނަންގަވާތީ، މިކަމުގައި އެ ކުންފުނި ވަނީ ހިމޭންވެފަ އެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވާ ގޮތުގައި، ފޯމު ދޫކުރުމާއި ބަލައިގަތުން ވެސް އެޗްޑީސީއާ ހަވާލުކުރީ ހައުސިން މިނިސްޓްރީގެ ގޯތި ތެރޭގައި، ބޭނުންވާ މިންވަރަށް ޖާގަ ނެތުމުންނެވެ. އެކަމަކު، އެ މަޝްރޫއު އެޗްޑީސީއާ ހަވާލުކުރީ، އެކަމުގައި އާ އުސޫލެއް އެކުލަވާލައިގެން ކުރިއަށް ގެންދަން އަންގައި، އޭސީސީގެ ޕްރެޝަރު ވެސް ބޮޑުވެފައި ވަނިކޮށެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި، ހުޅުމާލެ އިން 400 ގޯތި ދޫކުރުން ހައުސިން މިނިސްޓްރީން ކުރިއަށް ގެންދިޔައީ، އެންމެ އިންސާފުވެރި އަދި ދެ ފުށް ފެންނަ އުސޫލަކުން ނޫނެވެ. އެގޮތަށް އެކަން ކުރިއަށް ނުގެންދަން، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ އޮފީހުން އަންގައި، ބަޔާނެއް ވެސް ނެރުނެވެ.