Roadha Mihaaru
މެދުފަންތީގެ 1300 ފްލެޓް ކުންފުނިތަކަށް ވިއްކަނީ

މެދުފަންތީގެ 1،300 ފްލެޓް ގަންނަން ކުންފުނިތަކަށް ހުޅުވާލައިފި

24 ފެބުރުއަރީ 2021

ޗައިނާގެ ކުންފުންޏަކުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 1،344 ފްލެޓް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ވިއްކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޗައިނާގެ ކުންފުންޏަކުން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 1،344 ފްލެޓް ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ވިއްކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފި އެވެ.

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ތިން ކޮޓަރީގެ މި ފްލެޓްތައް ވިއްކަން އެޗްޑީސީން ނިންމާފައި ވަނީ 2.2-2.7 މިލިއަން ރުފިޔާއާ ދެމެދުގެ އަގުތަކެއްގަ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި މި މަޝްރޫއުގައި ފްލެޓްތައް އެޅީ ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީމެކް) އިންނެވެ. މިއީ، ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި 1،000 ފްލެޓް އަދި އޭގެ ފަހުން ވެސް ހުޅުމާލޭގައި 700 ފްލެޓްގެ މަޝްރޫއަކާއި އަތޮޅުތަކުގައި ވެސް ބޯހިޔާވަހިކަމުގެ ބައެއް މަޝްރޫއުތައް ހިންގި ކުންފުންޏެކެވެ.

މެދު ފަންތީގެ މި ފްލެޓްތައް ކުންފުނިތަކަށް ވިއްކަން އެޗްޑީސީން ނިންމިއިރު، ކުރީގެ ސަރުކާރުގައި ވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމިއްލަ އަށް ފްލެޓް އަޅަން ބިން ދީ، ބައެއް ކުންފުނިތަކުން ދެ ޓަވަރުގެ އިމާރާތްތައް ވެސް ހަދައިފަ އެވެ. އެކަމަކު ލޯނު ހަމަނުޖެހުމާއި އެ ނޫން ވެސް މައްސަލަތައް ދިމާވެގެން ބައެއް ތަންތަން ނުނިމި އަދި އަނެއް ބައި ތަންތަނުގެ މަސައްކަތް ފެށޭވަރު ވެސް ނުވެ އެވެ.

ސީމެކްގެ ފްލެޓްތަކާ ގުޅޭ ގޮތުން "މިހާރު"ން ފޮނުވި ސުވާލުތަކަށް އެޗްޑީސީން ލިއުމުން ފޮނުވި ޖަވާބުގައި ބުނީ "އެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ ޔުނިޓްތައް ކޯޕަރޭޓް [ސަރުކާރު ހިއްސާވާ އަދި ޕްރައިވެޓް] ކުންފުނިތަކަށް ވިއްކަން ފެށުމުގެ އެއް ބޭނުމަކީ ކުންފުނިތަކުގެ ސްޓާފުން މި ޔުނިޓްތަކަށް ދައްކަން ޖެހޭ ޑައުން ޕޭމަންޓް އަދި ފީތައް ދެއްކުމުގައި އެހީތެރިވެދިނުމުގެ ފުރުސަތު ފަހިކޮށްދިނުން" ކަމަށެވެ.

"އެއްވެސް ކުންފުންޏަކާ އެކު އަދި އެގްރިމެންޓުގައި ސޮއިކޮށްފައެއް ނުވެ އެވެ،" އެޗްޑީސީން ބުންޏެވެ.

ސަރުކާރުގެ ކުންފުނިތަކުން ވެސް އަދި އަމިއްލަ ކުންފުނިތަކުން ވެސް ފްލެޓްތައް ގަނެ، ދޭން ޖެހޭނީ އެތަންތަނުގެ މުވައްޒަފުންނަށެވެ.

މި 1،300 ފްލެޓަކީ ބޯހިޔާވަހިކަމަށް ލިބޭ ކޮންމެވެސް ވަރެއްގެ ލުޔަކަށް ވެގެންދާނެ ކަމަށް އެޗްޑީސީން ކުރިން ބުނެފައިވެ އެވެ.

ކުރީ ސަރުކާރުން ހިންގި ހިޔާ މަޝްރޫއުގައި ހިމެނޭ 7،000 ފްލެޓު ވެސް މިހާރު ނިމި ކުރިއަށް ދަނީ އެންމެ ފަހުގެ މަސައްކަތްތައް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.