29 އޮކްޓޯބަރ 2018
އާ ރައީސަކަށް އިދިކޮޅު ކޯލިޝަންގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބުވުމާ އެކު، ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން މީޑީއާއަށް އާންމު ކުރުމަށް އެމަނިކުފާނުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ބާއްވަމުން އައި ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ހުއްޓިއްޖެ އެވެ.
އާ ރައީސަކަށް އިދިކޮޅު ކޯލިޝަންގެ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އިންތިޚާބުވުމާ އެކު، ވެރިކަމުގެ ބާރުތައް ބަދަލުކުރުމުގެ މަރުހަލާގެ ކަންކަން މީޑީއާއަށް އާންމު ކުރުމަށް އެމަނިކުފާނުގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ބާއްވަމުން އައި ނޫސްވެރިންގެ ބައްދަލުވުން ކުއްލި ގޮތަކަށް ހުއްޓިއްޖެ އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ފެށި ފަހުން، އިބޫގެ ތަރުޖަމާންގެ ހައިސިއްޔަތުން މާރިޔާ ގެންދެވީ އެ ކެމްޕެއިނާ ގުޅޭ މައުލޫމާތު ނިއުސް ކޮންފަރެންސްތައް މެދުވެރިކޮށް މީޑިއާ އަށް ހާމަކުރައްވަމުންނެވެ. އަދި އިބޫ، އިންތިޚާބު ކާމިޔާބު ކުރެއްވި ފަހުން ވެސް އެމަނިކުފާނުގެ ފަރާތްޕުޅުން މާރިޔާ ގެންދެވީ މި މަހުގެ 13 ވަނަ ދުވަހާ ހަމައަށް ނިއުސް ކޮންފަރެންސް ބާއްވައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ނޫސްވެރިންގެ ބައްދަލުވުންތައް ހުއްޓުމަކަށް މި އައީ، އެ އިންތިޚާބުގައި ނާކާމިޔާބުވެވަޑައިގެންނެވި ރައީސް އަބްދުﷲ ޔާމީން، ރިޔާސީ އިންތިޚާބު ބާތިލްކުރަން މި މަހުގެ 10 ވަނަ ދުވަހު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅި ހިސާބުންނެވެ. އަދި އެ މައްސަލައިގެ އަޑުއެހުންތައް މި މަހުގެ 14 ވަނަ ދުވަހު ސުޕްރީމް ކޯޓުގައި ފެށިއިރު، އިންތިޚާބީ ރައީސް އިބޫގެ ފަރާތްޕުޅުން، މާރިޔާ އެންމެ ފަހުން ޕްރެސް ކޮންފަރެންސް ބާއްވަވާފައި ވަނީ މި މަހުގެ 13 ވަނަ ދުވަހު އެވެ.
އެ އިންތިޚާބު ބާތިލްކުރަންޖެހޭ ސަބަބެއް ނެތް ކަމަށް، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ވަނީ ހުކުމްކޮށްފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުންތައް ހުއްޓުނީ ކީއްވެގެންތޯ ސާފުކުރުމަށް މާރިޔާއަށް "މިހާރު" ން ގުޅުމުން ފޯނެއް ނުނަންގަވަ އެވެ. އަދި އެސްއެމްއެސްއަށް ވެސް ޖަވާބެއް ނުދެއްވަ އެވެ.
ނޫސްވެރިންގެ ބައްދަލުވުން ނުބާއްވާތީ ބައެއް މީޑިއާތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ސަންގު ޓީވީގެ މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) މިއަދު ވިދާޅުވީ، ހުރިހާ މީޑިއާތަކަށް ހުޅުވާލައިގެން ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަކީ ނޫސްވެރިކަމަށް ލިބޭ ކުރިއެރުމެއް ކަމަށެވެ. އަދި އެއީ ދެފުށް ފެންނަ ގޮތެއްގައި ހުރިހާ މީޑިއާތަކަށް ވެސް މައުލޫމާތު ހިއްސާ ކުރެވިގެންދާނެ ކަމެއް ކަމަށް ވިދާޅުވި އެވެ.
"ޕްރެސް ނުބާއްވާތީ ގުޅައިގެން މައުލޫމާތު ހޯދުމުގައި މާ ބޮޑު އުނދަގުލެއް ދިމައެއް ނުވޭ މި ސްޓޭޝަނަށް. އެކަމަކު، އެންމެ ރަނގަޅު ގޮތަކީ، ހުރިހާ މީޑިއާތަކަށް ވެސް ހުޅުވާލައިގެން ނޫސްވެރިންގެ ބައްދަލުވުން ބޭއްވުން،" އަސްވާޑު ވިދާޅުވި އެވެ.
"އަވަސް" އޮންލައިންގެ މެނޭޖިން އެޑިޓަރު އަހުމަދު ނާއިފް ވިދާޅުވީ، ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ހިނގަމުންދާ ކަންކަމަކީ އާއްމުންނަށް ހާމަކަން ބޮޑުގޮތެއްގައި އެނގެންޖެހޭ ކަންތައްތައް ކަމަށެވެ. މިހާރު މި އޮތް ސަރުކާރުން، އާ ސަރުކާރަށް ލިބޭ އެއްބާރުލުންތަކުގެ މައުލޫމާތަކީ ވެސް އާއްމުންނަށް އެނގެންޖެހޭ ކަންތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"އެ ގޮތަށް މައުލޫމާތު ހާމަކުރަމުން ދިޔައީމާ ރައްޔިތުންނަށް ސަރުކާރުގެ ނަޒާހަތްތެރިކަން ވަޒަން ކުރެވޭނީ. މީގެ ކުރިން ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވަމުން އައި ގޮތުން ގިނަ މައުލޫމާތުތަކެއް ސާފުކުރެވިގެން ދިޔަ. އެކަމަކު، މިހާރު އެ ކަންދާ ގޮތުން، އާއްމުންނަަށް އެނގެންޖެހޭ ގިނަ ކަންތައްތަކެއް ނޭނގޭ. މިހާރަށް ވުރެ ޓްރާންސްޕޭރެންސީ ވާން އެބަޖެހޭ،" ނާއިފު ވިދާޅުވި އެވެ.
މީގެ ކުރިން، 2008 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފަރާތްޕުޅުން އިބްރާހީމް ހުސައިން ޒަކީ ކޮންމެ ދުވަހަކު ނޫސްވެރިންގެ ބައްދަލުވުން ބާއްވަވައި، ވެރިކަން ބަދަލުކުރުމުގެ މަރުހަލާގައި ހިނގަމުން ދިޔަ ކަންކަމުގެ ފުރިހަމަ މައުލޫމާތު މީޑިއާ މެދުވެރިކޮށް އާންމުންނާ ހިއްސާ ކުރެއްވި އެވެ.
އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި ރިޔާސީ ދެ ވަނަ އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލްކުރުމުން ދެން އިންތިހާބު ބާާއްވާ ނިމުނީ ނޮވެމްބަރު 16 ގައި ކަމުން 2013 ގައި ވެރިކަން ބަދަލުވާން އެންމެ ދުވަހެއް ވެސް ނުލިބެ އެވެ. އެހެންކަމުން 2008 އާއި މި އަހަރު ގޮތަށް އެ ފަހަރު ޓްރާންސިޝަނަލް އެއްވެސް ކަމެއް އިންތިޒާމް ކުރާކަށް ނުޖެހުނެވެ.
ފާޑުކިޔުމަށް އިބޫގެ ސަރުކާރުން މަރުހަބާ ކިޔާނެ: ޝާހިދު
ރާއްޖެ ޓީވީގެ ޖޫރިމަނާ ދެއްކުމަށް ފަންޑެއް ހުޅުވައިފި
ނޫސްވެރިންނަށް އަނިޔާ ދިނުމަކީ ނިޔަތެއް ނޫން: ފުލުހުން
އަނިޔާވި ޗެނަލް13 ގެ ނޫސްވެރިޔާ ފަރުވާއަށް ލަންކާއަށް
މުޒާހަރާގެ ތެރެއިން ދެ ނޫސްވެރިއަކަށް އަނިޔާވެއްޖެ
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!
މިއަށް ވުރެ ޒިންމާދާރު ވާން ޖެހޭނެ: ރައީސް
60 އަހަރު ލަސްވިޔަސް މިއީ ދޭންޖެހޭ އެވޯޑެއް: ރައީސް
ނޫސްވެރިކަމަށް ހުރަހެއް ނާޅާނަން: ސަރުކާރު
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"