Roadha Mihaaru
ޕީޕީއެމް މައުމޫނާ ހަވާލު ކުރުމުގެ މައްސަލަ ހުއްޓުވައިފި

ޕީޕީއެމް މައުމޫނާ ހަވާލުކުރަން ހުށަހެޅި މައްސަލައިގެ ފައިލް ސުޕްރީމް ކޯޓަށް

29 އޮކްޓޯބަރ 2018

ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ބާރުތައް، ގާނޫނީ ގޮތުން އިންތިޚާބު ކޮށްފައި ހުރި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް މިއަދު ގެންގޮސް އެ މައްސަލަ ދަށު ކޯޓުން ބެލުން ހުއްޓުވައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ވެރިކަން ކުރާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ބާރުތައް، ގާނޫނީ ގޮތުން އިންތިޚާބު ކޮށްފައި ހުރި އެ ޕާޓީގެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ހަވާލު ކޮށްދިނުމަށް އެދި އެ ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ފައިލްތައް ސުޕްރީމް ކޯޓަށް މިއަދު ގެންގޮސް އެ މައްސަލަ ދަށު ކޯޓުން ބެލުން ހުއްޓުވައިފި އެވެ.

ޕީޕީއެމްގެ ބާރުތައް މައުމޫނާ ހަވާލު ކުރުމަށް އެދި ޕާޓީގެ އާންމު މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގެ ޝަރީއަތް މިދިޔަ އާދިއްތަ ދުވަހު އެ ކޯޓުގައި ވަނީ ފަށައިފަ އެވެ.

ގދ. ތިނަދޫ ބީޗް ރެސްޓް އަހުމަދު ރަޝީދު ޕީޕީއެމާ ދެކޮޅަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ޕީޕީއެމްގައި މިހާރު އޮތް ލީޑާޝިޕް ސައްހަ ނޫން ކަމަށެވެ. އަދި ޕީޕީއެމުން ދާދި ފަހުން ބޭއްވި ކޮންގްރެސް ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާތީއާ އެކު، މި ދައުވާގައި އެދިފައި ވަނީ ކުރީގައި އޮތް ގޮތަށް މައުމޫނާ އެ ޕާޓީގެ ލީޑަޝިޕް ހަވާލު ކޮށްދިނުމަށެވެ.

އެނގިފައިވާ ގޮތުގައި އެ މައްސަލައިގައި ކޯޓަށް ވަޑައިގަންނަވާ ވަކީލުންނަށް ސިވިލް ކޯޓުން މިއަދު އަންގާފައިވަނީ ސުޕްރީމް ކޯޓުގެ އެންގުމަށް އެ މައްސަލައިގެ ފައިލް އެކޯޓަށް ފޮނުވާފައިވާ ކަމަށެވެ.

އެ މައްސަލައިގެ ޝަރީއަތް މި މަހު 15ގައި ސިވިލް ކޯޓުގައި ފެށުމަށް ފަހު އިތުރު އަޑުއެހުމެއް މިހާތަނަށް ނުބާއްވަ އެވެ. އެއީ އެ މައްސަލަ ބައްލަވާ ފަނޑިޔާރު ޗުއްޓީ އަށް ވަޑައިގަތުމުންނެވެ. ސުޕްރީމް ކޯޓަށް މައްސަލައިގެ ފައިލް ގެންދިޔަ އިރު އަންނަ ބުރާސްފަތި ދުވަހަށް އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ވަނީ ތާވަލުކޮށްފަ އެވެ.

ޕީޕީއެމްގެ ތެރޭގައި އުފެދުނު މައްސަލަތަކުގެ ތެރޭގައި، ރައީސް ޔާމީންގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހެޅުމުން، އެ ކޯޓުން މީގެ ދެ އަހަރު ކުރިން ނިންމާފައިވަނީ، ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަންދެން ޕާޓީގެ މުސްތަޝާރުގެ ބެލުމުގެ ދަށުން ޕީޕީއެމް ހިންގުމަށެވެ. ސިވިލް ކޯޓުގެ އެ ހުކުމާ އެކު، ރައީސް ޔާމީންގެ ރިއާސަތުގެ ދަށުން ބޭއްވި ކައުންސިލް ބައްދަލުވުމެއްގައި ވަނީ ޕާޓީ ހިންގުން، ރައީސް ޔާމީނާ ހަވާލުކޮށްފަ އެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާ ގޮތުން، އެ ޕާޓީގެ މެމްބަރަކު ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަގާމު ފުރުއްވަމުން ގެންދަވާ ނަމަ، އެ ބޭފުޅަކީ ޕާޓީގެ މުސްތަޝާރެވެ.

އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު، ހިނގަމުން މިދާ ރިއާސީ ދައުރު ނިމުމުން، ޕާޓީގެ މުސްތަޝާރުގެ ހައިސިއްުޔަތު ރައީސް ޔާމީންގެ ކިބައިން ވަކިވެގެންދާނެތީ، ހުސްވި ސެޕްޓެމްބަރު މަހުގެ 28 ވަނަ ދުވަހު ޕީޕީއެމްގެ ކޮންގްރެސްގެ ޚާއްސަ ބައްދަލުވުމެއް ބާއްވައި، ޕާޓީގެ ރައީސްގެ މަގާމަށް ވަނީ ރައީސް ޔާމީން އިންތިޚާބު ކޮށްފަ އެވެ.

ނަމަވެސް، ކޮންގްރެސްގެ އެ ބައްދަލުވުން ބޭއްވީ އިޖުރާއާތުތަކާ ޚިލާފަށް ކަމަށް ބުނެ، އިލެކްޝަންސް ކޮމިޝަނުން ވަނީ، އެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގެންފަ އެވެ.