27 އޮކްޓޯބަރ 2018
ތިން ރަން މެޑެއްޔާއި ގައުމީ ރެކޯޑަކާ އެކު ހުސެއިން ފަޒީލް ހާރޫން ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދައި، އޭނާގެ ކެރިއަރުގައި އެހެން ހަރުފަތަކަށް އަރަން އަޒުމް ކަނޑައަޅައިފި އެވެ.
ތިން ރަން މެޑެއްޔާއި ގައުމީ ރެކޯޑަކާ އެކު ހުސެއިން ފަޒީލް ހާރޫން ގައުމީ އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު ފިރިހެން އެތުލީޓުގެ މަގާމް ހޯދައި، އޭނާގެ ކެރިއަރުގައި އެހެން ހަރުފަތަކަށް އަރަން އަޒުމް ކަނޑައަޅައިފި އެވެ.
މި މުބާރާތުގެ 5000 މީޓަރު ދުވުމާއި 10،000 މީޓަރު ދުވުމުން އެއް ވަނަ ހޯދި ދުވުންތެރިޔާ މިއަދު ތިން ވަނަ ރަން މެޑަލް ހޯދީ 1500 މީޓަރު ދުވުން ކާމިޔާބުކޮށްގެންނެވެ. އިއްޔެ އޭނާ ހެދި 10،000 މީޓަރު ދުވުމުގެ ރެކޯޑަކީ، މި މުބާރާތް ބާއްވާ ރާއްޖޭގެ ފުރަތަމަ ސިންތެޓިކް ޓްރެކުގައި ހެދި ފުރަތަމަ ރެކޯޑެވެ.
މުބާރާތުގެ ދެ ވަނަ އެތުލީޓަކީ 100 މީޓަރު ދުވުމާއި 200 މީޓަރު ދުވުމުން އަދި 100 މީޓަރާއި 400 މީޓަރު ރިލޭ އިން ރަން މެޑަލް ހޯދި ހަސަން ސާއިދެވެ.
ސާއިދު މިއަދު ތަށްޓާއި މެޑަލާ އެކު. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އެއް ވަނަ އެތުލީޓް ހޮވުމުގައި ބަލަނީ މުބާރާތުގައި އެ އެތުލީޓަކު އިންޑިވިޖުއަލް އިވެންޓްތަކުން އެންމެ ނަތީޖާ ރަނގަޅު ދެ އިވެންޓަށެވެ. ފަޒީލަށް ކުރި ލިބުނު އެންމެ ބޮޑު ސަބަބަކީ އޭނާ މީޓް ރެކޯޑަކާއި ގައުމީ ރެކޯޑް ހެދުމެވެ. ސާއިދު ވެސް ވަނީ 100 މީޓަރު ދުވުމުން މީޓް ރެކޯޑެއް ހަދައިފި އެވެ. އެތުލެޓިކްސް އެސޯސިއޭޝަނުން މޮޅު އެތުލީޓް ހޮވާއިރު ޕޮއިންޓް ދިނުމުގައި މުޅިން އަލަށް ބަލަން ފެށި މީޓް ރެކޯޑަކީ، އެ މުބާރާތެއްގެ ރެކޯޑެވެ. ސާއިދު 100 މީޓަރު ދުވުން އަދި ފަޒީލް 10،000 މީޓަރު ދުވުން ނިންމި ޓައިމިން އަކީ ގައުމީ މުބާރާތުގެ ތާރީހުގައި މިހާތަނަށް އެ ދެ އިވެންޓުގައި ނެރުނު އެންމެ ރަނގަޅު ނަތީޖާ އެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަކީ ފަޒީލާއި ސާއިދުގެ ސިފައިންގެ ކްލަބެވެ. އެ ޓީމުން ވަނީ 86 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނަ އަކީ 38 ޕޮއިންޓް ހޯދި ޒިފިއަސް ސްޕޯޓްސް ކްލަބެވެ. އަދި ތިން ވަނަ އަށް ދިޔައީ އެންމެ ނުވަ ޕޮއިންޓާ އެކު ތިނަދޫ ޒުވާނުންގެ ކްލަބެވެ.
ފަޒީލް ބުނީ އެއް ވަނަ އެތުލީޓުގެ މަގާމް ލިބުމަކީ ހުވަފެނެއް ހަގީގަތަކަށް ވުން ކަމަށާއި ކުރީ ދެ އަހަރު ނުލިބުނަސް މި އަހަރު ލިބޭނެ ކަމުގެ އިތުބާރު އޮތް ކަމަށެވެ. އޭނާ މުބާރާތުގައި ވާދަކުރި ފުރަތަމަ އަހަރުގައި، 2016 ގައި އިންޑިވިޖުއަލް ތިން ރަން މެޑަލް އަދި 400 މީޓަރުގެ ސްޕްރިންޓް ރިލޭ އިން ސިފައިންގެ ކްލަބާ އެކު ރަން މެޑަލް ހޯދި ނަމަވެސް އެއް ވަނަ ލިބޭ ގޮތެއް ނުވި އެވެ.
ފަޒީލް މިއަދު ތަށްޓާއި މެޑަލާ އެކު އުފާފާޅުކުރަނީ. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
"އެ ފަހަރު ފުދޭ ވަރަކަށް ފައިޓްކުރިން. އެކަމަކު އަތުނުވެ ދިޔައީ،" ފަޒީލް ބުންޏެވެ. "މި އަހަރު ޓާގެޓްކޮށްގެން ހުރީ. އެކަމަކު މުބާރާތަށް މާބޮޑަށް ތައްޔާރީއެއް ނުވެވުނު މިލިޓަރީ (ޕޭސަސް) މުބާރާތަށް ޕާކިސްތާނުގައި އުޅެން ޖެހުމުން. އެކަމަކު ވެސް އުއްމީދު އޮތް،" ފަޒީލް ބުންޏެވެ.
އޭނާ ބުނީ ތިން ރަން މެޑަލާއި ގައުމީ ރެކޯޑަކާ އެކު އެއް ވަނަ އެތުލީޓް ހޯދުމަކީ އެ މަގާމް ހޯދަން އޭނާ ބޭނުންވި ގޮތް ކަމަށާއި މި ކާމިޔާބީ އަކީ ހަޔާތުގެ ކާމިޔާބީތަކަށް އިތުރުވި މުހިއްމު ބޮޅެއް ކަމަށެވެ.
ރާއްޖޭގެ 10،000 މީޓަރާއި 5000 މީޓަރުގެ ޓްރެކް އަދި ޓްރެކުން ބޭރު އިވެންޓުގެ ވެސް ގައުމީ ރެކޯޑް އޮތް ދުވުންތެރިޔާ ވަނީ ޕޭސަސް މުބާރާތުގައި ސިފައިންގެ ޓީމަށް މެޑެއްޔެއް ހޯދައިދީފަ އެވެ. އޭނާގެ މިހާރުގެ ޓާގެޓަކީ އިންޓަނޭޝަނަލް މުބާރާތަކުން ރާއްޖެ އަށް މެޑެއްޔެއް ހޯދައިިދުނުމެވެ.
"އެ އަޒުމުގައި މި މަސައްކަތްކުރަނީ. މިހާރު މި ފެންނަ ރިޒަލްޓްތަކަށް ބަލާފައި ބުނެވޭނީ ވަރަށް ކައިރިއޭ ލިބުން. އިރާދަކުރެވިއްޔާ އެތުލެޓިކްސް ކެރިއަރު ނިންމާލާނީ އެކަން ކާމިޔާބުކޮށްފައި،" އުމުރުން 29 އަހަރުގެ ދުވުންތެރިޔާ ބުންޏެވެ.
މުބާރާތުގެ އެއް ވަނަ ޓީމު ކަމަށްވާ ސިފައިންގެ ކްލަބުގެ އެތުލީޓުންނާއި ކޯޗުން އަދި އޮފިޝަލުން. --ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ މިއަދު 1500 މީޓަރު ދުވުން ކާމިޔާބުކުރީ 4:16 މިނެޓުން ދުވެގެންނެވެ. އެންމެ ކައިރިން ވާދަކުރީ 4:18 މިނެޓުން ދުވި ސިފައިންގެ ޓީމުގެ ހުސެއިން ރިޒާ އެވެ. ތިން ވަނަ އަކީ 4:25 މިނެޓުން ދުވި ސިފައިންގެ ޓީމުގެ މުހައްމަދު ރަޝީދު (މޯޑް) އެވެ. މެރެތަން ދުވުމުގައި ރާއްޖޭގައި ހުރި އެންމެ އުއްމީދީ ދުވުންތެރިޔާ މޯޑް ވަނީ 10،000 މީޓަރު ދުވުމާއި 5000 މީޓަރު ދުވުމުން ދެ ވަނަ ހޯދައިފަ އެވެ.
މުބާރާތުގެ 400 މީޓަރު ދުވުން ކާމިޔާބުކުރީ އުއްމީދީ ދުވުންތެރިޔާ ޒިފިއަސް ސްޕޯޓްސް ކްލަބުގެ މުހައްމަދު ނާއިލެވެ. އޭނާ ރޭސް ނިންމީ 51:55 ސިކުންތުންނެވެ. އޮލިމްޕިކް ކޮމިޓީގެ ސްކޮލަޝިޕެއްގެ ދަށުން ބޮޓްސްވާނާގައި ތަމްރީން ހަދަމުން އަންނަ އުއްމީދީ ދުވުންތެރިޔާ ނާއިލް ވަނީ 800 މީޓަރުގެ ރޭސް ވެސް ކާމިޔާބުކޮށް އަދި 200 މީޓަރު ރޭހުގައި ދެ ވަނަ ހޯދައިފަ އެވެ. މިއަދު 400 މީޓަރު ދުވުމުން ދެ ވަނަ ހޯދީ 53.22 ސިކުންތުން ދުވި ސިފައިންގެ ކްލަބުގެ އަހުމަދު އަލީ އެވެ. ތިން ވަނަ އަކީ 54.15 ސިކުންތުން ދުވި ކޭވައި ސްޕޯޓްސް އެކަޑަމީގެ އިބްރާހިމް ޔައީޝެވެ.
ހަތަރެއް ގުނަ 100 މީޓަރުގެ ރިލޭ އިވެންޓް އެއް ވަނައިގައި ސާއިދު (ވ) ނިންމާއިރު ފަހަތުން ނާއިލް އަންނަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
މުބާރާތުގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ އެއް ވަނަ ހޯދީ 43.30 ސިކުންތުން ރޭސް ނިންމި ސިފައިންގެ ޓީމެވެ. އެ ޓީމަށް ދުވީ ސާއިދުގެ އިތުރުން ނުޖޫމް ހަސަނާއި ހުސެއިން އިނާސް އަދި އިބާދުﷲ އާދަމެވެ. ދެ ވަނަ އަކީ ޒިފިއަސް އެވެ. އެ ޓީމުގެ ދުވުންތެރިންނަކީ އަހުމަދު އަނޫފް މުހައްމަދާއި އިބްރާހިމް އަޝްފާން އަލީ (އައްޕި) އާއި ނާއިލް އަދި މުހައްމަދު މުނާޒް އަލީ އެވެ. ޓައިމިން އަކީ 43.55 ސިކުންތެވެ. އަދި ތިން ވަނަ އަކީ ޝަމްވީލް މުހައްމަދު ނައީމާއި އަހުމަދު ޖައިލަމާއި މުހައްމަދު ޝާމް އަހުމަދު އަދި މުހައްމަދު އައިހަމް ހަމްޒާގެ މުގޫ ސްޕޯޓްސް ކްލަބެވެ. ރޭސް ނިންމީ 45.32 ސިކުންތުންނެވެ.
އެސްއޭ ގޭމްސްގެ ދެ ރަން މެޑަލިސްޓުން ގައުމީ މުބާރާތަށް
ގައުމީ މުބާރާތުގެ އެއްވަނަ ސާއިދާއި އައިނީ އަށް
ފަޒީލް އާއި ރިއްފަތު ވެސް އިންޑިއަން ގްރޯން ޕްރީގައި
އެންމެ މޮޅު އެތުލީޓުންނަކީ ޖައިޝާ އަދި ސާއިދު
މޯޑާއި ފަޒީލް: ގައުމީ މުބާރާތުން ބޮޑު ވާދަވެރިކަމެއް
ސާއިދު އާއި ހަމްނާ ރަން މެޑަލް ދިފާއުކޮށްފި
ދުވުންތެރިން އެންމެ ފަހުން ތަމްރީނަށް ފުރައިފި
ސާއިދަށް 3 ރަން، ހިމްނާ އާއި ފަޒީލަށް ވެސް ކާމިޔާބު
ފަޒީލް، ސާއިދު، ހިމްނާ އަދި މަރީ ވިދާލައިފި
ސާއިދާއި ހިމްނާ އަށް ކާމިޔާބު ދުވަހެއް