Roadha Mihaaru
ކަނޑު ހުރަސްކޮށް ހެދި އެންމެ ދިގު ބްރިޖް ހުޅުވައިފި

ކަނޑު ހުރަސްކޮށް ހެދި އެންމެ ދިގު ބްރިޖް ހުޅުވައިފި

23 އޮކްޓޯބަރ 2018

ބެއިޖިން (އޮކްޓޯބަރު 23) - ކަނޑު ހުރަސްކޮށް ހެދި އެންމެ ދިގު ބްރިޖް ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދު ހުޅުވައިދެއްވައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބެއިޖިން (އޮކްޓޯބަރު 23) - ކަނޑު ހުރަސްކޮށް ހެދި އެންމެ ދިގު ބްރިޖް ޗައިނާގެ ރައީސް ޝީ ޖިންޕިން މިއަދު ހުޅުވައިދެއްވައިފި އެވެ.

ފަންސާސް ފަސް ކިލޯ މީޓަރު (34 މޭލު) ދިގު ބްރިޖް މި ހުޅުވީ މަސައްކަތް ފެށިތާ ނުވަ އަހަރު ފަހުންނެވެ. ހޮން ކޮން، މަކާއޫ އަދި ޗައިނާގެ މައި ސަރަހައްދުގެ ސިޓީ އެއް ކަމަށްވާ ޒުހައި ގުޅާލެވޭ ގޮތަށް ހެދި ބްރިޖަށް ވަނީ 20 ބިލިއަން ޑޮލަރު ޚަރަދުކޮށްފަ އެވެ.

ބްރިޖް އިމާރާތް ކުރުމުގެ މަސައްކަތަށް ވަނީ ސަލާމަތާއި ރައްކާތެރިކަމުގެ މައްސަލަތައް ދިމާވެފަ އެވެ. މި ޕްރޮޖެކްޓުގެ ތެރޭގައި 18 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ބްރިޖް ހަދަން ވަނީ އާޓިފިޝަލް ރަށްތަކެއް ވެސް ހަދާފައި.

ބްރިޖް ހަދަން ވަނީ އާޓިފިޝަލް ރަށްތަކެއް ވެސް ހަދާފައި.

ބްރިޖް ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވީ ޒުހާއީގަ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ޝީގެ އިތުރުން ހޮން ކޮން އަދި މަކާއޫގެ ލީޑަރުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ. އާއްމުންނަށް ބްރިޖް ހުޅުވާލާނީ ބުދަ ދުވަހު އެވެ.

ބްރިޖް ހަދާފައި ވަނީ ބިންހެލުންތަކާއި ތޫފާންތަކުން ގެއްލުން ނުވާނެ ފެންވަރަށް ކަމަށް އޮފިޝަލުން ބުނެ އެވެ. ބްރިޖް ހަދަން ވަނީ 4،000 ޓަނުގެ ދަގަނޑު ބޭނުންކޮށްފަ އެވެ. މިއީ ފްރާންސްގެ ޕެރިހުގެ އައިފެލް ޓަވަރު ވަރުގެ 60 ޓަވަރު ހަދަން ބޭނުންވާނެ ދަގަނޑެވެ.

ބްރިޖާ އެކު ހަތަރު ޓަނަލް އާއި އަލަށް އުފެއްދި ހަތަރު ރަށް ވެސް ވަނީ ގުޅުވާލައިފަ އެވެ. ބްރިޖްގެ 30 ކިލޯ މީޓަރަކީ ކަނޑުގެ ސަރަހައްދެވެ. ބްރިޖްގެ ބައެއް ބަނީ ޓަނަލަކާ ވެސް ގުޅާލައިފަ އެވެ. ބްރިޖުގެ މަޝްރޫއާ އެކު ވަނީ ދެ އާޓިފިޝަލް ރަށް ވެސް ހަދައިފަ އެވެ.

މީގެ ކުރިން ޒުހައި އާއި ހޮން ކޮންގާ ދެމެދު ދަތުރު ކުރަން ހަތަރު ގަޑިއިރު ނަގަ އެވެ. ނަމަވެސް މި ބްރިޖާ އެކު އެ ވަގުތު ވަނީ ބައިގަޑިއިރަށް ކުޑަކުރެވިފަ އެވެ.

ބްރިޖް ހުރަސްކޮށް ދަތުރު ކުރަން ބޭނުންވާ މީހުން ޚާއްސަ ހުއްދައެއް ހޯދަން ޖެހެ އެވެ. އެ ހުއްދަ ދެނީ ކޯޓާ ސިސްޓަމަކުންނެވެ. ބްރިޖުން ދަތުރު ކުރާ ހުރިހާ ވެހިކަލެއް ވެސް ޓޮލް ފީ ދައްކަން ޖެހެ އެވެ. ލަފާ ކުރެވޭ ގޮތުން ބްރިޖުން ކޮންމެ ދުވަހަކު ވެސް 9،200 ވެހިކަލް ދަތުރު ކުރާނެ އެވެ. ޗައިނާގެ އޮފިޝަލުން ލަފާކުރާ ގޮތުގައި ބްރިޖުގެ ސަބަބުން އިގްތިސާދަށް 10 ޓްރިިލިއަން ޔުއާން (1.44 ޓްރިލިއަން ޑޮލަރު) ލިބޭނެ އެވެ.