Roadha Mihaaru
ރޯގާ ޖެހި ނޭފަތް ބެދޭތީ އަޅާ ބޭސް ބޭކާރު؟

ރޯގާ ޖެހި ނޭފަތް ބެދޭތީ އަޅާ ބޭސް ބޭކާރު؟

24 އޮކްޓޯބަރ 2018

އަރިދަފުސް ރޯގާ ޖެހި ނޭފަތް ބެދުމުން ނޭފަތަށް އަޅަން ދޭ "ޑިކޮންޖެސްޓަންޓް" ގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި އެ ބޭނުންކުރުމާ ދުރުވާން އާ ދިރާސާއެއްގައި ލަފާ ދީފި އެވެ.

އަރިދަފުސް ރޯގާ ޖެހި ނޭފަތް ބެދުމުން ނޭފަތަށް އަޅަން ދޭ "ޑިކޮންޖެސްޓަންޓް" ގެ ރައްކާތެރިކަމާ މެދު ސުވާލު އުފައްދައި އެ ބޭނުންކުރުމާ ދުރުވާން އާ ދިރާސާއެއްގައި ލަފާ ދީފި އެވެ.

ބީއެމްޖޭ ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާގައި ބުނީ ޑިކޮންޖެސްޓަންޓުން ލިބެނީ ވަރަށް ކުޑަ މިންވަރެއްގެ ލުޔެއް ކަމަށާއި އެ ލިބޭ ފައިދާ އަށް ވުރެ ގެއްލުން ބޮޑުވެދާނެ ކަމަށެވެ. އެގޮތުން، މީގެ ސައިޑްއިފެކްޓްތައް ކުޑަކުދިންނަށް ވަކިން ބޮޑަށް ނުރައްކާ ކަމަށް ބުނެފައިވެ އެވެ.

ޑިކޮންޖެސްޓަންޓް އާއި އެއާ އެކު ބޭނުންކުރަން ދޭ ޑިކޮންޖެސްޓަންޓްސް ހިމެނޭ ބޭހުގެ ސަބަބުން ބޯ އެނބުރުން، ބަނޑުގައި ރިއްސުން، ބޮލުގައި ރިއްސުން އަދި ނުނިދުން ފަދަ މައްސަލަތައް ދިމާވާ ކަމަށް ދިރާސާގައި ބުނެފައިވެ އެވެ. އަދި އުމުރުން ދެ އަހަރުން ދަށުގެ ކުދިންނަށް މި ބޭނުންކުރުމުން ހިތުގެ ހިނގުން އަވަސްވުން ފަދަ ނުރައްކާތެރި ހާލަތްތައް ވެސް މެދުވެރިވާ ކަމަށް ދިރާސާއިން ދެއްކި އެވެ.

އޮސްޓްރޭލިއާގެ ޔުނިވަސިޓީ އޮފް ކްއީންސްލޭންޑްގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. މިއޭކޭ ވެން ޑްރިއެލް އިސްކޮށް ހުންނެވި ދިރާސާގައި އޭނާ ލަފާ ދެއްވާފައި ވަނީ އުމުރުން ހަ އަހަރުން ދަށުގެ ކުދިންނަށް ޑިކޮންޖެސްޓަންޓް ބޭނުން ނުކުރުމަށެވެ. އަދި 6-12 އަހަރާ ދެމެދުގެ ކުދިންނަށް މި ބޭނުންކުރުމުގައި ސަމާލުވުމަށެވެ.

"ގިނަ ގައުމުތަކުގައި ޑިކޮންޖެސްޓަންޓް ދެނީ އުމުރުން 6-11 އަހަރާ ދެމެދުގެ ކުދިންނަށް، ހަމަ އެކަނި ޑޮކްޓަރުގެ އިރުޝާދުގެ ދަށުން. މިގޮތަށް އަމަލުކުރާ ގައުމުތަކުގެ ތެރޭގައި އެމެރިކާ އާއި އޮސްޓްރޭލިއާ ވެސް ހިމެނޭ،" ޑރ. ޑްރިއެލް ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ މި ދިރާސާގައި، 12 އަހަރުން މަތީގެ ކުޑަކުދިން ބަލާފައި ވަނީ ބޮޑެތި މީހުންގެ ކެޓަގަރީގައި ކަމަށާއި އެހެންވެ އެ އުމުރުގެ ކުދިންނަށް ބޭހުން ކުރާ އަސަރު ވަކިން ދެނެގަނެވިފައި ނެތް ކަމަށެވެ.

ވެންޑްރިއެލް ވިދާޅުވީ ޑިކޮންޖެސްޓަންޓް އަކީ ކުޑަކުދިންނަށް މަސައްކަތްކުރާ އެއްޗެއް ނޫން ކަމަށާއި އެކަމަކު އެއީ ކީއްވެގެން ކަމެއް ދިރާސާއިން ހޯދިފައި ނުވާ ކަމަށެވެ.

"ބޮޑެތި މީހުންނަށް ވެސް މިއީ މާބޮޑު އަސަރެއް ކުރާ އެއްޗެއް ނޫން. އަދި މިކަމާ ބެހޭ ގޮތުން މިއަށް ވުރެ ފުޅާ ދާއިރާއެއްގައި ދިރާސާކުރި ކަމުގައި ވިޔަސް މި ދިރާސާގެ ނަތީޖާއާ މާބޮޑު ތަފާތެއް ފެނިދާނެ ކަމަކަށް ވެސް ނުބެލެވޭ،" އޭނާ ވިދާޅުވި އެވެ.

މި ދިރާސާގައި ބުނެފައި ވަނީ އަރިދަފުސް ރޯގާ ޖެހުމުން ލުއިވާނެ ކަމަށް ބުނެ އާންމުކޮށް ދެމުން އަންނަ ފަރުވާތަކާއި ބޭސްތަކުން ނަތީޖާއެއް ނުފެންނަ ކަމަށެވެ. އާދައިގެ އަރިދަފުސް ރޯގާ އަކީ އަމިއްލަ އަށް ރަނގަޅުވާ ކަމަކަށް ވާއިރު، އެންމެ ރަނގަޅީ ބޭސްތަކެއް ކެއުމުގެ ބަދަލުގައި އަމިއްލަ އަށް ރަނގަޅުވާން ދޫކޮށްލުންކަން ކުދިންނަށް ވެސް ވިސްނައިދޭން ޖެހޭ ކަމަށް ތަޖުރިބާކާރުން ވަނީ ވިދާޅުވެފަ އެވެ.