Roadha Mihaaru
ޖަލު ހުކުމުން މައުމޫން ސަލާމަތް ވެއްޖެ

ޖަލު ހުކުމުން މައުމޫން ސަލާމަތް ވެއްޖެ

18 އޮކްޓޯބަރ 2018

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މައުމޫން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކުރީ މިދިޔަ ފެބްރުއަރީ މަހު އެމަނިކުފާނު ހައްޔަރުކޮށް، އެމަނިކުފާނުގެ ފޯނު ދޭން ފުލުހުން އެންގުމުން އެކަން ނުކުރެއްވި މައްސަލާގަ އެވެ. އެ މައްސަލާގައި އެމަނިކުފާނުގެ ޖަލަށް ލާފައި ހުންނަވަނިކޮށް، ރައީސް އަބްދުﷲ ޔާމީން ރިޔާސީ އިންތިހާބުން ބަލިވުމާ އެކު، އިސްތިއުނާފް ނިމެންދެން ކަފާލާތުގެ ދަށުން މިނިވަންކުރި އެވެ.

ހައި ކޯޓުގައި މިއަދު މެންދުރު ބޭއްވި އަޑުއެހުމުގައި އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވީ ދަށު ކޯޓުގެ ހުކުމްގައި މައުމޫން ޖަލަށް ލުމަށާއި އެމަނިކުފާނުގެ ދީނީ އަދި ގާނޫނީ ހުއްދަތައް ބާތިލްވެފައިވާ ކަމަށް ކަނޑައަޅާފައިވާ ބައި ބާތިލް ކުރަން ޖެހޭ ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންނަށް އިއްތިފާގު ވެވިފައިވާ ކަމަށެވެ.

މައުމޫންގެ ފޯނުގައި ހެއްކެއް ހުރި ކަމުގެ އެއްވެސް ގަރީނާއެއް ނެތް

ފަނޑިޔާރު ވިދާޅުވި ގޮތުގައި މައުމޫން ނުދެއްވި ކަމަށް ބުނާ ފޯނާ ގުޅޭ މައުލޫމާތުގެ އިތުރުން އެ ފޯނުގައި އެމަނިކުފާނުގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެއް ހުރިކަން އެނގޭނެ ގަރީނާއެއް ވެސް ދައުލަތުން ހުށަހަޅާފައެއް ނުވެ އެވެ. އަދި ދަށު ކޯޓުގައި ދެ ހެކިވެރިޔަކު ހެކިބަސް ދީފައި ވިޔަސް، އެ މީހުންގެ ބަހުން ވެސް ހަމައެކަނި އެނގެން އޮތީ މައުމޫން ގެންގުޅުއްވި ކަމަށް ބުނާ ފޯނު ވީތަނެއް އެމަނިކުފާނަށް ބުނެދެވިފައި ނުވާ ކަން އެކަނި ކަން ވެސް ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

ފޯނަކީ މުވާސަލާތު ކުރުމަށް ބޭނުންކުރާ އަދި ޒާތީ މުއާމަލާތްތައް ހިމެނޭނެ އެއްޗަކަށް ވާއިރު، ފޯނު ދޭން އެންގުމުން އެ ފޯނު ނުދެވުނު ކަމަށް ބުނުމަކީ ހަމައެކަނި އެކަމުގެ މައްޗަށް ބިނާކޮށް، ކުށް ސާބިތު ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

"އެ މީހަކު ގެެންގުޅޭ ފޯނެއް ގެއްލިގެން ނުވަތަ ފެންނަން ނެތިގެން ނުވަތަ އެ ނޫން ވެސް ސަބަބެއް މެދުވެރިވެގެން އެ މީހަކު ގެންގުޅޭ ފޯނެއް ދެވެން ނެތުމަކީ ހަމައެކަނި އެ ސަބަބަށްޓަކައި، [ގާނޫނު ނަމްބަރު] ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 530 ވަނަ މާއްދާގެ ހ. ގެ ދެވަނަ ނަމްބަރަށް ރިއާޔަތްކޮށް ކުށެއް ކަމުގައި ނުބެލެވޭނެ،" ފަނޑިޔާރު ވިދާޅުވި އެވެ.

އިންސާފު ގާއިމްވާކަން އިހުސާސްވެ، ފެންނަން ވާނެ

ފަނޑިޔާރު ސަމީރު ވިދާޅުވި ގޮތުގައި މައްސަލައެއް ބެލުމުގައި ކޯޓުތަކުން އަމަލުކުރާ ގޮތުގެ އިންސާފުވެރިކަން ދެނެގަންނާނީ އެ މައްސަލާގައި ހިމެނޭ ފަރާތްތަކާއި އާންމު ފަރުދުންގެ ނަޒަރުގައި ވެސް އިންސާފު ގާއިމް ކުރެވުނު ކަން ކަށަވަރުވެފައި އޮވެގެންނެވެ. އެހެންވެ، ޝަރީއަތުގެ އިންސާފުވެރިކަމާ މެދު ސުވާލު އުފެދޭ ހުރިހާ ކަމަކުން ދުރުވާން ޖެހޭނެ ކަމަށާއި ޝަރީއަތް ހިންގުމުގައި އަމަލު ކުރަން ޖެހޭނީ އެ އުސޫލުގެ މަތިން ކަމަށް ވެސް ފަނޑިޔާރު ވިދާޅުވި އެވެ.

"ހަމައެކަނި އަދާލަތު ގާއިމްވުމުން ނުފުދޭ ކަމާއި އަދާލަތު ގާއިމްވާ ކަން އިހުސާސް ވުމާ އެކު ފެންނަން ވާނެ ކަމީ ޝަރީއަތް ކުރުމުގައި ގާއިމްވެ، އަދި އެއަށް އަމަލު ކުރަމުން އަންނަ އެއް މަބްދައު...." ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.

ފަނޑިޔާރު ސަމީރު ވިދާޅުވީ މައްސަލައިގެ ޝަރީއަތް ދަށު ކޯޓުގައި ކުރިއަށް ގެންދިޔައިރު، ވަކީލުންގެ އެހީގައި ކުށުން ބަރީއަވުމަށް އެންމެ ފުރިހަމަ ގޮތުގައި މައުމޫނަށް ފުރުސަތު ލިބިފައިވާ ކަމަށް ބެލެވެން ނެތް ކަމަށެވެ. އެގޮތުން މައުމޫންގެ ވަކީލުން އެ މައްސަލަ ދޫކޮށްލުމުން އާ ވަކީލުން އައްޔަން ކުރަން ދަށު ކޯޓުން ދިނީ އެކަށީގެންވާ ފުރުސަތެއް ކަމަށް ބެލެވެން ނެތް ކަމަށާއި މައުމޫންގެ ފަރާތުން އާ ވަކީލުން އައްޔަން ނުކުރެވެނީސް އެ މައްސަލާގައި ހެކިންގެ ހެކިބަސް ނަގައި އަޑުއެހުންތައް ނިންމާލުމުގެ އިތުރުން ހުކުމް ކޮށްފައިވާ ކަން ވެސް ފަނޑިޔާރުން ފާހަގަކުރެއްވި އެވެ.

"މި މައްސަލައިގެ ޝަރީއަތް ކުރިއަށް ގެންދިއުމުގައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ ބ. އަދި ޅ. ގައި ބަޔާން ކޮށްފައިވާ އެ މީހަކު އިހްތިޔާރު ކުރާ ގާނޫނީ ވަކީލަކާ މަޝްވަރާކޮށް، ގާނޫނީ ވަކީލުގެ އެހީގައި ކުށުން ބަރީއަވުމަށް މަސައްކަތް ކުރުމުގެ ހައްގު އެންމެ ފުރިހަމަ ގޮތުގައި މައުމޫން އަބްދުލްގައްޔޫމަށް ފޯރުކޮށް ދެވިފައިވާ ކަމުގައި ބެލެވެން ނެތް،" ފަނޑިޔާރު ވިދާޅުވި އެވެ.

ސިއްރު ހެކިވެރިޔާއަކީ ނަޒާހަތްތެރިއެއް ކަމަށް ބެލެވޭކަށް ނެތް

މީގެ އިތުރަށް ފަނޑިޔާރު ސަމީރު ވިދާޅުވީ ދަށު ކޯޓުގައި މައުމޫނާ ދެކޮޅަށް ހެކިބަސް ދިން ސިއްރު ހެކިވެރިޔާއަކީ ނަޒާހަތްތެރި ހެކިވެރިއެއް ކަމަށް ބެލެވެން ނެތް ކަމަށެވެ. ސިއްރުން ހެކިބަސް ނެގުމަކީ ވަރަށް ޚާއްސަަ ހާލަތެއްގައި މެނުވީ ހުއްދަ ނުކުރެވޭނެ ކަމެއް ކަން ފާހަގަކުރައްވައި، ފަނޑިޔާރު ވިދާޅުވީ ސިއްރުން ހެކިބަސް ނަގާ ހާލަތުގައި އެ ހެކިވެރިޔާގެ އަދުލުވެރިކަން ޝަރީއަތުގެ އިސް ނެގުމުގައި ކަށަވަރު ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު ދަށު ކޯޓުގައި ހެކިބަސް ދިން ހެކިވެރިޔާއަކީ އެފަދަ މީހެއް ކަމަށް ބެލެވެން ނެތް ކަމަށް ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.

"ހެކިބަސް ދީފައިވާ ފަރާތް ހެކިބަސް ދީފައި އެ ވަނީ ހެކިބަސް ދިނުމުން އެ ފަރާތަށް ލާބަައެއް ލިބިދާނެ ކަމުގެ އުއްމީދެއް ނެތި އަދި ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ނެތި ކަމުގައި ބެލެވެން ނެތުމުން ބުނެވުނު ހެކިވެރިޔާގެ ނަޒާހަތްތެރިކަމާ މެދު ސުވާލު އުފެދޭ،" ފަނޑިޔާރު ވިދާޅުވި އެވެ.

ހުއްދަތައް ބާތިލް ކުރުމަކީ އަދަބެއް ކަމަކަށް ނުބެލެވޭނެ

އެ މައްސަލާގެ ހުކުމުގައި މައުމޫންގެ ދީނީ އަދި ގާނޫނީ ހުއްދަތައް ބާތިލްވެފައިވާ ކަމަށް ކަނޑައަޅާފައިވާތީ އެކަމާ ގުޅިގެން ފަނޑިޔާރު ސަމީރު ވިދާޅުވީ އެގޮތަށް ކަނޑައަޅާފައިވަނީ ގާނޫނުލް އުގޫބާތުގެ ދަށުން ކަމަށް އެ ހުކުމުގައި ކަނޑައެޅިޔަސް، އެއީ ކޮން މަގްސަދެއްގައި ކުރި ކަމެއް ކަން އެ ނިންމުމުގައި ފާހަގަކޮށްފައި ނުވާ ކަމަށެވެ. އަދި ގާނޫނުލް އުގޫބާތުގެ ދަށުން އެގޮތަށް ކުރާ އަމުރެއް ނަމަ، އެއީ އަދަބެއްގެ ގޮތުގައި ބެލެވޭ ކަމަކަށް ވާން ޖެހޭނެ ކަން ފަނޑިޔާރު ފާހަގަކުރެއްވި އެވެ.

"ބުނެވުނު އަމުރަކީ މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ސާބިތުވެގެން ހުކުމް ކަނޑައެޅުމުގެ އަދަބުގެ ބާވަތަށް ބަލާއިރު އަދަބެއްގެ ގޮތުގައި ބެލެވޭ ފަދަ އަމުރެއް ނޫން،" ފަނޑިޔާރު ސަމީރު ވިދާޅުވި އެވެ.

ފަނޑިޔާރު ސަމީރުގެ އިތުރުން އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ ހަމީދު އަދި ފަނޑިޔާރު ހަސަން އަލީ އެވެ.

މައުމޫންގެ އިތުރުން އެމަނިކުފާނުގެ އަނބިކަނބަލުންނާއި ދެ ދަރިކަނބަލުން ހާޒިރުވެވަޑައިގަތް އެ އަޑުއެހުމުގައި، ދަށު ކޯޓުގެ ހުކުމް ބާތިލްކުރުމާ އެކު، ކޯޓު ރޫމުން ނިކުމެވަޑައިގެން އަނބިކަނބަލުން ނަސްރީނާއާ ބައްދާލައްވައި، އުފާ ފާޅުކުރެއްވި އެވެ.