Roadha Mihaaru
ފްރާންސް އަތުން ބަލިވެ ޖަރުމަނަށް ޕްރެޝަރު ބޮޑުވެއްޖެ

ފްރާންސް އަތުން ބަލިވެ ޖަރުމަނަށް ޕްރެޝަރު ބޮޑުވެއްޖެ

17 އޮކްޓޯބަރ 2018

ސެއިން ޑެނިސް، ފްރާންސް (އޮކްޓޫބަރު 17) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން 2-1 އިން ބަލިވެ ޖަރުމަނު ރެލިގޭޓްވުމުގެ ބިރުބޮޑުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ސެއިން ޑެނިސް، ފްރާންސް (އޮކްޓޫބަރު 17) - ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ދުނިޔޭގެ ޗެމްޕިއަން ފްރާންސް އަތުން 2-1 އިން ބަލިވެ ޖަރުމަނު ރެލިގޭޓްވުމުގެ ބިރުބޮޑުވެއްޖެ އެވެ.

ނޭޝަންސް ލީގުގެ ފުރަތަމަ ކެޓަގަރީގެ އެއް ވަނަ ގްރޫޕުގެ އެންމެ ކުރީގައި ފްރާންސް އޮތީ ތިން މެޗުން ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި ނެދަލެންޑްސް އޮތީ ދެ މެޗުން ތިން ޕޮއިންޓާ އެކު އެވެ. ޖަރުމަނު އެންމެ ފުލުގައި އޮތީ ތިން މެޗުން އެއް ޕޮއިންޓާ އެކު އެވެ.

މި ގްރޫޕުގައި ދެން އެންމެ އަވަހަށް ކުޅޭ މެޗުގައި އަންނަ މަހު 16 ވަނަ ދުވަހު ނެދަލެންޑްސް އަމިއްލަ ދަނޑުގައި ކުޅޭނީ ފްރާންސާ އެވެ. އެ މެޗުން ނެދަލެންޑްސް މޮޅުވެއްޖެނަމަ ޖަރުމަނު ކުޅޭ މެޗަށް ނުކުތުމުގެ ކުރިން ދެ ވަނަ ކެޓަގަރީ އަށް ރެލިގޭޓްވާނެ އެވެ. ޖަރުމަނު އެންމެ ފަހު މެޗުގައި އަންނަ މަހު 19 ވަނަ ދުވަހު ނެދަލެންޑްސްއާ ބައްދަލުކުރާނެ އެވެ.

އެންމެ ފަހުން ކުޅުނު ވާދަވެރި ތިން މެޗުގައި ވެސް ލަނޑެއް ނުޖެހި ޖަރުމަނުން ނިންމާލި ނަމަވެސް ރޭގެ މެޗުގައި ފްރާންސާ ދެކޮޅަށް ފުރަތަމަ ލަނޑު ޖެހީ ޖަރުމަނުންނެވެ. މެޗުގެ 14 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީ އަކުން މި ލަނޑު ޖެހީ ޓޮނީ ކްރޫސް އެވެ. ލީޑު ފުޅާކުރަން ލިރޯއި ސާނޭ އާއި ޓިމޯ ވާނާ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.

ފްރާންސުން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 62 ވަނަ މިނިޓްގަ އެވެ. ލޫކަސް ހެނާންޑޭޒް ނަގައިިދިން ހުރަހަކުން އެންޓޮއިން ގްރީޒްމަން މި ގޯލު ޖެހީ ބޮލުންނެވެ. ފްރާންސަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދިން ލަނޑު މެޗު ނިމެން 10 މިނިޓަށް ވެފައި ހުއްޓައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކުރީ ގްރީޒްމަން އެވެ. މި ޕެނަލްޓީ އަކީ އޭރިއާ ތެރެއިން ޖަރުމަނުގެ މެޓް ހަމެލްސް ފްރާންސްގެ ބްލައިސް މަޓުއިޑީ އަށް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގައި ގްރޫޕް ސްޓޭޖުން ޖަރުމަނު ކެޓިއިރު، މި އަހަރުގެ މިހާތަނަށް ވާދަވެރި ހަ މެޗުން ޖަރުމަނު ވަނީ ބަލިވެފަ އެވެ. މިއީ އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި އެންމެ ނަތީޖާތައް ދަށް އަހަރެވެ. އަދި ނޭޝަންސް ލީގުގެ ދެ ވަނަ ކެޓަގަރީ އަށް ރެލިގޭޓްވެއްޖެނަމަ ޖަރުމަނުގެ ކޯޗު ޔަކީމް ލޯގެ ވަޒީފާ ގެއްލުމުގެ ބިރު އެބައޮތެވެ.

"ފްރާންސް އަކީ ދުނިޔޭގައި މި ވަގުތު އޮތް އެންމެ މޮޅު ޓީމު. އެންމެ ފަހުން ނެދަލެންޑްސް އަތުން 3-0 އިން ބަލިވި މެޗާ މި މެޗު ތަފާތު. އަހަރެމެން މި މެޗުގައި މޮޅަށް ކުޅުނު. އެކަމަކު ހަމައެކަނި ގޯހަކީ ނަތީޖާ. އެއީ ގިނަ ބަޔެއް ބަލާނެ އެއްޗަކީ ވެސް. އެކަމަކު އަހަރެން މި ހުރީ މި ކުޅުންތެރިން ކުރި މަސައްކަތަށްޓަކައި އުފަލުން. ކުރިއަށް އޮތްތަނުގައި ވެސް މަސައްކަތްކުރާނީ ކުޅުންތެރިންގެ ހައްގުގައި،" މާޔޫސްވެފައިހުރެ ލޯ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދިނެވެ.

ނޭޝަންސް ލީގުގައި ރޭ ވޭލްސް ވަނީ 1-0 އިން އަޔަލެންޑް ބަލިކޮށްފަ އެވެ. އެކުވެރިކަމުގެ މެޗެއްގައި ރޭ ނެދަލެންޑްސް ވަނީ 1-1 އިން ބެލްޖިއަމްއާ އެއްވަރުކޮށްފަ އެވެ.