13 އޮކްޓޯބަރ 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ތ. ތިމަރަފުށި އަތުން 7-0 އިން ހޯދި މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ތ. ތިމަރަފުށި އަތުން 7-0 އިން ހޯދި މޮޅާ އެކު ޓީސީ ސްޕޯޓްސް ކްލަބުން ލީގުގެ އެއް ވަނައިގައި ހަތަރު ޕޮއިންޓަށް ލީޑުފުޅާކޮށްފި އެވެ.
މި ހަފްތާގައި ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ފަހު މި މެޗަށް ޓީސީ ނުކުތްއިރު އެއް ވަނައިގައި އެ ޓީމުގެ ލީޑު އޮތީ އެއް ޕޮއިންޓަށް ކުޑަވެފަ އެވެ. މި ނަތީޖާއާ އެކު ޓީސީ އެއް ވަނައިގައި އޮތީ އަށް މެޗުން 21 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓާއި ތިން ވަނައިގައި އޮތް އީގަލްސް އަށް އަށް މެޗުން ލިބިފައިވަނީ 17 ޕޮއިންޓެވެ. ހަތަރު ވަނައިގައި އޮތް މާޒިޔާ އާއި ފަސް ވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވަނީ އަށް މެޗުން 16 ޕޮއިންޓް ލިބިފަ އެވެ.
އެންމެ ފަހުން ކުޅުނު މެޗުން ޓީސީ ވަނީ ގްރީން ސްޓްރީޓްސް އަތުން ބަލިވެފަ އެވެ. އެހެން ކަމުން މި މެޗުން މޮޅުވެ އަލުން ފޯމަކަށް އެޅެން އެ ޓީމު އޮތީ ކެތްމަދުވެފަ އެވެ. މި މެޗަށް ޓީސީން ނުކުތީ އަލީ އަޝްފާގު (ދަގަނޑޭ) ބެންޗުގައި ބައިންދައިގެންނެވެ. ފުރަތަމަ އެގާރައިން ޒުވާން ދެ މިޑްފީލްޑަރުން ކަމަށްވާ ނިޝާމް މުހައްމަދު (ޕޮގްބާ) އާއި ސާދު ނިޒާރު ވަނީ ހިމަނައިފަ އެވެ.
މެޗު ފަށައިގެން ޓީސީން ވަނީ ފުރަތަމަ 11 މިނިޓް ތެރޭގައި ދެ ގޯލު ޖަހައިފަ އެވެ. ފުރަތަމަ ލަނޑު މެޗުގެ ދެ ވަނަ މިނިޓްގައި ޖެހީ ޒުވާން ޑިފެންޑަރު މުހައްމަދު އަޖުފާން އެވެ. ކޯނަރަކުން މުހައްމަދު ސާމިރު ނަގައިދިން ބޯޅަ އޭރިއާތެރޭގައި ހުހަށް ހުރި އަޖުފާނަށް ލިބުމުން އޭނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ޓީސީ އަށް ދެ ވަނަ ލަނޑެއް ޖަހައިދޭން މެޗުގެ 10 ވަނަ މިނިޓްގައި އޭރިއާ ތެރެއިން އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ހުރަސްދަނޑިއަށެވެ. އޭގެ މިނިޓެއް ފަހުން ޓީސީގެ ލީޑުފުޅާކޮށްދިނީ އިބްރާހިމް ވަހީދު (އިއްބެ) އެވެ. އޭރިއާ ތެރެއިން ތިމަރަފުށީ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަަގައި ސާމިރު ޖައްސާލި ބޯޅަ އިއްބެ ވަނީ ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިފަ އެވެ.
އޭގެ ފަހުން ޓީސީ އަށް އިތުރު ލަނޑެއް ޖަހައިދޭން އިޝާން އިބްރާހިމް (ސައްޓު) އަށް ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް ބޭނުމެއް ނުކުރެވުނެވެ.
މި ހާފުގައި ތިމަރަފުށިގެ ބިދޭސީ ކުޅުންތެރިއާ ޖީން ކޮއާސީ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 40 ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ހުސެއިން ސަނާހު ނަގައިދިން ބޯޅަ އޭރިއާތެރެއިން ކޮއާސީ އަށް ލިބުމުން އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.
ޓީސީން ދެ ވަނަ ހާފަށް ނުކުތީ ތިން ބަދަލު އެއްކޮށް ކޮށްގެންނެވެ. ދަގަނޑޭ އާއި ޔާމީން އިބްރާހިމް (ޔާމްބެ) އަދި ޒުވާން ޑިފެންޑަރު މުހައްމަދު މާޒިން ވަނީ ކުޅެން އަރުވައިފަ އެވެ. ދެ ވަނަ ހާފްގެ ފުރަތަަމަ ހަ މިނިޓް ތެރޭގައި ދަގަނޑޭ އަށް ރަނގަޅު ދެ ފުރުސަތު ލިބުނުއިރު އޭގެ ބޭނުމެއް ނުހިފުނެވެ.
ޓީސީގެ ސައްޓު (ކ) ކައިރިން ތިމަރަފުށީގެ ސިއާދު ބޯޅަ ކޮންޓްރޯލްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު
މެޗުގެ 54 ވަނަ މިނިޓްގައި ޓީސީގެ ތިން ވަނަ ލަނޑު ޖެހީ ދެ ވަނަ ހާފުގައި އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅެމުން ދިޔަ މިސްރުގެ ޑިފެންޑަރު އަލާ ނާސިރު އެވެ. އޭނާ މި ލަނޑު ޖެހީ ބޮލުންނެވެ. އޭގެ ދިހަ މިނިޓް ފަހުން ޓީސީގެ ހަތަރު ވަނަ ލަނޑު ޖެހީ ސައްޓު އެވެ. ފޭދޫ އިއްބެ ހުސްކޮށްލާފައި ސައްޓު އަށް ދިން ބޯޅަ އޭނާ ވަނީ ފަސޭހަކަމާ އެކު ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ޓީސީގެ ފަސް ވަނަ ލަނޑު ޖެހީ މެޗުގެ 75 ވަަނަ މިނިޓްގައި ސައްޓު އެވެ. ސާމިރު ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން ސައްޓު އަށް ލިބުމުން އޭނާ ވަނީ ތިރިތިރިން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. މެޗުގެ 81 ވަނަ މިނިޓްގައި ޓީސީގެ ހަ ވަނަ ލަނޑު ޖެހީ ދަގަނޑޭ އެވެ. ސާމިރު ނަގައިދިން ހުރަހަކުން ދަގަނޑޭ މި ލަނޑު ޖެހީ ބޮލުންނެވެ.
ތިމަރަފުއްޓަށް ލަނޑެއް ޖަހައިދޭން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އެ ޓީމުގެ އިސްމާއިލް ސިއާދު އަށެވެ. އޭރިއާތެރެއިން ސިއާދު ފޮނުވާލި ބޯޅަ ޓީސީގެ ކީޕަރު ނޭޕާލުގެ ކިރަން ޝެމްޝޮން ވަނީ މަތަކޮށްފަ އެވެ. މެޗުގެ އިތުރު ވަގުތުގައި ޓީސީގެ ފަހު ލަނޑު ޖެހީ ދަގަނޑޭ އެވެ. ތިމަރަފުށީގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ދަގަނޑޭ ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.
ތިމަރަފުށި ލީގުގެ އެންމެ ފުލުގައި އޮތީ އަށް މެޗުން އެއް ޕޮއިންޓާ އެކު އެވެ. ބާކީ އެއް މެޗު އޮތްއިރު ލީގުގެ ދެ ވަނަ ބުރުގެ ހުރިހާ ފުރުސަތެއް ތިމަރަފުއްޓަށް ވަނީ ގެއްލިފަ އެވެ. ތިމަރަފުށީގެ އެސިސްޓަންޓް ކޯޗު އަހުމަދު ނަދީމް ބުނީ ޓީމު އޮތް ހާލަތާ ބަލާ މި މެޗުގައި ވެސް ރަނގަޅަށް މަސައްކަތްކުރި ކަމަށާއި ފަހަކަށް އައިސް ޓީމު ކުޅެމުން އަންނަނީ ޓީމުގެ މުހިއްމު ކުޅުންތެރިން ނުލައި ކަމަށްވާތީ އުނދަގޫތަކެއް އެބަހުރި ކަމަށެވެ.
ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ އެންމެ ފަހުން މާޒިޔާއާ ދެކޮޅަށް ތިމަރަފުށިން ދެއްކި ކުޅުމުން އުއްމީދުކުރީ މި މެޗު އުނދަގޫވާނެ ކަމަށް ކަމަށާއި އެހެން ނަމަވެސް ފެނުނީ ވަރަށް ފަސޭހަ މެޗެއް ކަމަށެވެ. އެކަމަކު މި ގޮތަށް މެޗުތަކުން ފަސޭހައިން މޮޅުވި ކަމަށް ވިޔަސް އުނދަގޫތަކެއް އެބަހުރިކަން ނިޒާމްބެ ފާހަގަކުރި އެވެ.
"ފިޒިކަލް އަށް ވުރެން ބޮޑަށް މެންޓަލީ އުނދަގޫވާނެ ކުޅުންތެރިން ތައްޔާރުކުރަން. މިހެން އާދައިގެ ކޮށް މެޗުތައް ގޮސް ގޮސްފައި ކުއްލިއަކަށް މި ޖެހެނީ ސީރިއަސް މެޗެއް ކުޅެން. އެންމެ ފަހުން ދުވަހު ދިމާވީ އެ ގޮތް (ގްރީން ސްޓްރީޓްސް މެޗުގައި) އޭގެ ކުރީ ދުވަހު މިތަނަށް އައިސް ތިން ގަޑިއިރުވި ފަހުން (ވިކްޓަރީ މެޗު) މެޗު ކެންސަލްކުރީ. ފަސޭހައެއް ނުވާނެ މިހެން. އެކަމަކު މިއީ އޮތް ކޮންޑިޝަންތަކަކީ މިއަށް ކުޅުންތެރިން ހާނުވަން ޖެހޭނީ،" ނިޒާމްބެ ބުންޏެވެ.
ލީގުގައި މި ބުރުގައި ދެން ކޮންމެ ޓީމަކަށް ބާކީ އޮތީ އެންމެ މެޗެކެވެ. އެ މެޗުތައް އޮންނާނީ އަންނަ އަންގާރަ އާއި ބުދަ އަދި ބުރާސްފަތި ދުވަހުގަ އެވެ.
ނިއު އިން ތިމަރަފުށި ކޮޅަށް 10 ގޯލް ޖަހައިފި
ނިއު ބަލިކޮށް އީގަލްސް ގަދަ ތިނެއް ކަށަވަރުކޮށްފި
ނިއުގެ ހާލަތާ މެދު ޝަކުވާއެއް ނުކުރާނަން: ސޮބާ
ނިލަންދޫ ބަލިކޮށް ނިއު ތިން ވަނަ އަށް
ފޯކައިދޫ އަތުން މޮޅުވެ ޓީސީން އަލުން ލީޑުފުޅާކޮށްފި
ވިކްޓަރީ ބަލިކޮށް ނިއު އަށް ހަމަޖެހުމެއް
ދަގަނޑޭގެ ދެ ގޯލުން ޓީސީ އިން ނިއު ބަލިކޮށްފި
ނިއު އިން މޮޅަކާ އެކު ދެ ވަނަ ބުރު ފަށައިފި
ތިމަރަފުށި އަތުން ވިކްޓަރީ އަށް ހަނި މޮޅެއް
ފަހު ވަގުތު ޕޮއިންޓް ގެއްލި ނިއު ހަތަރު ވަނައިގައި