22 އޮކްޓޯބަރ 2018
ށ. ފޯކައިދޫ އަތުން 2-0 އިން މޮޅުވެ ނިއު ރޭޑިއަންޓުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު މޮޅަކާ އެކު ފަށައިފި އެވެ.
ށ. ފޯކައިދޫ އަތުން 2-0 އިން މޮޅުވެ ނިއު ރޭޑިއަންޓުން ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ ބުރު މޮޅަކާ އެކު ފަށައިފި އެވެ.
ފުރަތަމަ ބުރުގެ ފަހު މެޗުގައި ފަހު ވަގުތު ހިތްދަތި ގޮތަކަށް ގްރީންސްޓްރީޓްސްއާ 2-2 އިން އެއްވަރުވެ ހަތަރު ވަނަ އަށް ވެއްޓުނު ނިއު، އެ މަގާމުގައި މިހާރު އޮތީ 21 ޕޮއިންޓާ އެކު އެވެ. އެއް ވަނައިގައި 27 ޕޮއިންޓާ އެކު އޮތް ޓީސީ ސްޕޯޓްސް ކްލަބާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ދެ ވަނައިގައި 23 ޕޮއިންޓާ އެކު ކްލަބް އީގަލްސް އޮތްއިރު ތިން ވަނައިގައި 22 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ފޯކައިދޫ އޮތީ އަށް ޕޮއިންޓާ އެކު ހަތް ވަނައިގަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ނިއު އަށް އެދެވޭ ކުޅުމެއް ނުދެއްކުނު ނަމަވެސް ދެ ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް ދެ ގޯލް ކާމިޔާބުކުރި އެވެ. ފުރަތަމަ ހާފުގައި އަލީ ފާސިރު (ސެންޓޭ) އާއި މުހައްމަދު އުމެއިރަށް ފުރުސަތު ލިބި ބޭކާރުވި އެވެ.
ދެ ވަނަ ހާފު ފަށައިގެން 51 ވަނަ މިނެޓުގައި ނިއު އަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް ސެންޓޭ ޖެހުމުން ފޯކައިދޫގެ ޕާކިސްތާން ގޯލްކީޕަރު ހަނީފް ސާގިބް މަތަކުރި އެވެ. މިއީ ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅައެއް އުމެއިރު ޖެހުމުން ސާގިބް މަތަކޮށް ފޮނުވާލުމުން ސެންޓޭ ހޯދައި ގޯލަށް ފޮނުވާލަން އުޅެނިކޮށް ވައްޓާލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
ނިއު އަށް ލީޑު ނަގައިދިނީ 57 ވަނަ މިނެޓުގައި ރުވާންޑާ ފޯވާޑް އަތުހިއޭ ކިޕްސަން އެވެ. ސެންޓޭ ދިން ބޯޅަ އޭނާ ވެއްޓިގެންފައި ފޮނުވާލުމުން ވަނީ ގޯލުގެ ތިރީ ކަނަށެވެ. އޭގެ ފަހުން 69 ވަނަ މިނެޓުގައި ރިހާމް އަބްދުލްގަނީ (ބޮބީ) ދިން ބޯޅައެއް އޭރިއާ ތެރެއިން ކަންޑޭލާ ހުހަށް ހުރެ ފޮނުވާލުމުން އަމާޒުނުވެ ދިޔައިރު ހަމްޕު އޭރިއާ ތެރެއިން ފޮނުވާލި ބޯޅަ ވެސް ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.
މެޗުގެ 78 ވަނަ މިނެޓުގައި ފޯކައިދޫގެ އަހުމަދު ވިޖުދާނަށް ރެފްރީ އަހުމަދު ޝަކީލް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ދައްކައިފަ އެވެ. އެއީ ނިއުގެ ޕްރޮމިސިން އެޓޭކެއް އަތުން ބޯޅައިގައި ޖަހައި ހުއްޓުވުމުންނެވެ.
ފަހު ވަގުތު ނިއުގެ ލީޑު ފުޅާކޮށްދިނީ ޕެނަލްޓީއަކުން ސެންޓޭ އެވެ. ފޯކައިދޫގެ އޮފްސައިޑް މަޅިން ނެއްޓި ސެންޓޭ އެކަނިމާއެކަނި އަރައި ގޯލަށް ބޯޅަ ޖަހަން ތައްޔާރުވި ވަގުތު ހަސަން ނަޝީދު ފައުލްކުރުމުން ރެފްރީ ދިން ޕެނަލްޓީ ސެންޓޭ އަމާޒުކޮށްލީ މަތީ ކަނަށެވެ. އޭގެ އިރުކޮޅެއް ކުރިން އޭނާ ޖެހި ހިލޭ ޖެހުމެއް ގޯލުގެ ހުރަސް ދަނޑިއަށް ވެސް އަމާޒުވި އެވެ.
ނިއުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ބުނީ އެ ޓީމަކީ އެންމެ ފަހުގެ ޗެމްޕިއަނަށް ވުމުން ކޮންމެ މެޗެއް ވެސް އުނދަގޫވާނެ ކަމަށް ކުޅުންތެރިންނަށް ވިސްނައިދިން ކަމަށާއި މިރޭ ވެސް ކަންވީ އެހެން ކަމަށެވެ.
"ފޯކައިދޫގެ ކުޅުމަށް އަޅުގަނޑު މަރުހަބާ ވެސް ކިޔަން. ފުރަތަމަ ހާފުގައި އަޅުގަނޑުމެންނަށް އެކަށީގެންވާ ވަރަށް ނުކުޅެވުނު. އެކަމަކު ފަހު ހާފުގައި ބަދަލުތަކާ އެކު ރަނގަޅަށް ކުޅެވި ފުރުސަތު ލިބުނު،" ސޮބާ ބުންޏެވެ. "ކޮންމެ ގޮތެއް ވިޔަސް ވަރަށް ޕްރެޝަރުގައި އޮވެ މިހާ އުނދަގޫ މެޗަކުން ތިން ޕޮއިންޓް ލިބުނީމާ ހިތްހަމަޖެހޭ."
ފޯކައިދޫގެ ކޯޗު އަލީ ނިޝްތާރު ވަނީ ރެފްރީންގެ ނިންމުންތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އޭނާ ބުނީ ނިއު، މާޒިޔާ އަދި ޓީސީން ވެސް އެ ވާހަކަތައް ތަކުރާރުކުރި ކަމަށާއި، ރެފްރީންގެ ޕާފޯމަންސް ބަލާ ބަޔަކު ތިބިތޯއާ މެދު ސުވާލު އުފެދޭ ކަމަށެވެ. އަދި އަންނަ އަހަރު ލީގު އޮންނާ ގޮތެއް ނޭގޭތީ އާއި އަދި ސީޒަން ނުނިމެނީސް އެ ޓީމުގެ ކުޅުންތެރިންނަށް ބައެއް ފަރާތްތަކުގެ އޮފާ އަންނާތީ އެކަމާ ވެސް ހިތްހަމަނުޖެހުން ފާޅުކުރި އެވެ.
ފޯކައިދޫން ގްރީން ސްޓްރީޓްސް ބަލިކޮށްފި
ނިއު ބަލިކޮށް އީގަލްސް ގަދަ ތިނެއް ކަށަވަރުކޮށްފި
ނިއުގެ ހާލަތާ މެދު ޝަކުވާއެއް ނުކުރާނަން: ސޮބާ
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
ނިލަންދޫ ބަލިކޮށް ނިއު ތިން ވަނަ އަށް
ފޯކައިދޫ އަތުން މޮޅުވެ ޓީސީން އަލުން ލީޑުފުޅާކޮށްފި
ވިކްޓަރީ ބަލިކޮށް ނިއު އަށް ހަމަޖެހުމެއް
ދަގަނޑޭގެ ދެ ގޯލުން ޓީސީ އިން ނިއު ބަލިކޮށްފި
ވިކްޓްރީ އާއި ފޯކައިދޫ އެއްވަރު
ބޮޑު މޮޅަކާ އެކު ޓީސީން ލީޑު ދަމަހައްޓައިފި