17 އޮކްޓޯބަރ 2018
ނިއު ރޭޑިއަންޓް މޮޅުވާން ދަނިކޮށް، ފަހު ވަގުތު ގްރީން ސްޓްރީޓްސް އިން ވައްދާލި ދެ ގޯލާ އެކު 2-2 އިން މެޗު އެއްވަރުވުމުން ނިއު ރޭޑިއަންޓަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ހަތަރު ވަނައިގައި ނިންމާލަން ޖެހިއްޖެ އެވެ.
ނިއު ރޭޑިއަންޓް މޮޅުވާން ދަނިކޮށް، ފަހު ވަގުތު ގްރީން ސްޓްރީޓްސް އިން ވައްދާލި ދެ ގޯލާ އެކު 2-2 އިން މެޗު އެއްވަރުވުމުން ނިއު ރޭޑިއަންޓަށް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރު ހަތަރު ވަނައިގައި ނިންމާލަން ޖެހިއްޖެ އެވެ.
ނިއު މިރޭ މޮޅުވި ނަމަ ތިން ވަނަ ލިބި އަދި ހަތަރު ލަނޑުގެ ތަފާތަކުން މޮޅުވި ނަމަ ދެ ވަނަ ލިބުނީހެވެ. އެ ޓީމު ހަތަރު ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި 20 ޕޮއިންޓާ އެކު އީގަލްސް އޮތްއިރު ތިން ވަނައިގައި 19 ޕޮއިންޓާ އެކު އޮތީ މާޒިޔާ އެވެ. ތާވަލުގެ އެއް ވަނައިގައި 21 ޕޮއިންޓާ އެކު ޓީސީ އޮތްއިރު މާދަމާ ކުޅޭ މެޗުން މޮޅުވެ ލީޑު ފުޅާކުރުމުގެ ފުރުސަތު އެބައޮތެވެ.
އަނެއްކޮޅުން މިރޭ ލިބުނު ޕޮއިންޓާ އެކު ގްރީން ވަނީ 17 ޕޮއިންޓް ހަމަކޮށް ޕޮއިންޓުގެ ގޮތުން ނިއުއާ އެއްވަރުކޮށްފަ އެވެ. އެކަމަކުގެ ލަނޑުގެ ތަފާތުން އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ.
މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ނިއު އަށް ދެ ލަނޑުގެ ލީޑެއް ނަގައިދިނީ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އެވެ. ފުރަތަމަ ލަނޑު 26 ވަނަ މިނެޓުގައި ގޯލުގެ ތިރީ ކަނަށް ވައްދާލީ އޭރިއާ ރޮނގު މަތިން ލިބުނު ބޯޅައެއްގަ އެވެ. ދެ ވަނަ ގޯލް އޭގެ ދެ މިނެޓު ފަހުން ސެންޓޭ ޖެހީ ޕެނަލްޓީއަކުންނެވެ. މިއީ ސެންޓޭ ބޯޅަ ޖަހަޖަހާ އޮއްވާ ގްރީންގެ މުހައްމަދު ސާއިފް އޭނާ ހިފެހެއްޓުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.
އޭގެ ކުރިން މި ހާފުގައި ގްރީންގެ އަވީލާ އާއި އަހުމަދު އިމްރާނަށް ފުރުސަތުތަކެއް ލިބި ބޭކާރުވި އެވެ. އަދި ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) އަށް ވެސް ރަނުގެ ފުރުސަތެއް ލިބުނެވެ. ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އޭނާ ހުހަށް ހުރެ މެއިން ކޮންޓްރޯލްކޮށްލުމަށް ފަހު ޖެހުމުން ދިޔައީ ގޯލް ހުރަސް ދަނޑި މަތިންނެވެ.
ދެ ވަނަ ހާފުގައި ނިއު އަށް ވެސް ލީޑު ކުރަން ފުރުސަތުތަކެއް ލިބުނެވެ. ހަމްޒާ މުހައްމަދު (ހަމްޕު) ގްރީންގެ ދެ ކުޅުންތެރިން ކައިރިން ދެމި ގަނެ ފޮނުވާލި ޝޮޓް ހުރަސް ދަނޑި މަތިން ދިޔައިރު މުހައްމަދު ރަޝީދު (ހޮކޭ) ނެގި ހުރަސް އުމެއިރު އަށް ފޮނުވާނުލެވި ދިޔައީ ބޭރަށެވެ.
އެ ފުރުސަތުތަކާ އެކު ނިއު ލީޑު ފުޅާކުރާނެ ކަމަށް ބެލެވިފައި އޮއްވާ ގޯލް ޖެހީ ގްރީން އިންނެވެ. ކައުންޓާ އެޓޭކެއްގައި ކުރިއަށް އަރައި މި ގޯލް ޖެހީ އަވީލާ އެވެ. އޭގެ ދެ މިނެޓު ފަހުން ގްރީން އިން ދެ ވަނަ ގޯލެއް ޖަހައި ނިއު ހައިރާންކޮށްލި އެވެ. ނިއުގެ ކުޅުންތެރިޔަކު ކުރި ފައުލަކަށް ރެފްރީ ގްރީން އަށް ޖެހުމެއް ދިނުމުން ނިއުގެ ކުޅުންތެރިން އެކަމާ މައްސަލަ ޖައްސަން ތިއްބާ އޭގެ ފައިދާ ނަގައި އަޑުބަރޭ ވަނީ އެ ބޯޅަ އަވަސް އަވަހަށް ކުރިއަށް ފޮނުވާލައިފަ އެވެ. އެ ބޯޅަ ހޯދައި މުހައްމަދު ރިސްވާން ވަނީ އަރިމަތިން އަރައި އެ ބޯޅައަށް ހުރަސް އަޅަން އެރި އަކްރަމް އަބްދުލްގަނީ ކައިރިން ވެސް ދެމި ގަނެ ނިއުގެ ގޯލްކީޕަރު މުހައްމަދު ފައިސަލްގެ އަތްދޭތެރެއިން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އަދި ގްރީންގެ އަބްދުﷲ މިސްބާހަށް ފަހު ވަގުތު ލީޑު ނަގާނެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. އޭރިއާ ތެރެއަށް ހުރަސްކުރި ބޯޅަ އޭނާ އެކަނިމާއެކަނި ހުރެ ބޮލުން ފޮނުވާލީ ހުރަސް ދަނޑި މަތިންނެވެ.
ނިއުގެ ކޯޗު ސޮބާހު މުހައްމަދު އިބްރާހިމް ބުނީ ރަނގަޅަށް ކުޅެ، ގެއްލިގެން މިދިޔައީ ލިބިފައި އިން މެޗެއް ކަމަށާއި ބަލިވީ ފަހު ވަގުތު ސަމާލުކަން ނުދެވިގެން ކަމަށެވެ.
"ކްލަބުގެ ތެރޭގައި އޮތް (މާލީ) މައްސަލަތަކާއި އޭގެ ސަބަބުން ބައެއް ކުޅުންތެރިން ޕްރެކްޓިހަށް ނައުމާއި މިފަދަ ކަންކަމާ ހެދި އެންމެ ރަނގަޅަކަށް ޕްރެކްޓިހެއް ވެސް ނުކުރެވޭ. އެހެންވެ އުނދަގޫ ވާނެ. މި ހުރިހާ ކަމަކާ އެކު ވެސް އަޅުގަނޑުމެން ނުކުތީ މޮޅަކަށް. ފުރަތަމަ ވަރަށް ރަނގަޅަށް ގޮސްފައި އޮއްވާ ފަހު ވަގުތު ކޮންސެންޓްރޭޓް ނުކުރެވި ފުރަތަމަ ގޯލް ވަނީ. އޭގެ ފަހުން ޕްރެޝަރުވެ އިތުރު ލަނޑެއް މި ވަނީ،" ސޮބާ ބުންޏެވެ.
ގްރީންގެ ކޯޗު އަލީ ސުޒޭން ބުނީ އެ ޓީމު ކޮޅަށް ވަނީ އާދައިގެ ގޯލްތަކެއް ކަމަށާއި އެއީ ޑިފެންސިވް ގޯސްތަކެއް ހެދިގެން ވަން ލަނޑުތަކެއް ކަމަށެވެ. އަދި ކުޅުންތެރިންގެ މަސައްކަތުން އެ ބައި ރިކަވާކޮށް މެޗުން ޕޮއިންޓެއް ހޯދުމުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް އޭނާ ބުންޏެވެ.
"އެކަމަކު ވެސް ފާހަގަކުރަން ބޭނުންވޭ ފަހު ވަގުތު އެ ލިބުނު ފުރުސަތު. ނިއު ރޭޑިއަންޓް ފަދަ ޓީމުތަކާ ދެކޮޅަށް ކުޅޭ އިރު ފަހު ވަގުތު ވަރަށް ނުލިބޭނެ އެ ފަދަ ފުރުސަތެއް. އެއީ އެތެރެކޮށްލެވެން ޖެހޭނެ ބޯޅަތަކެއް،" ސުޒޭން ބުންޏެވެ.
އޭނާ ބުނީ އެ ކްލަބުގައި ވެސް މާލީ މައްސަލަތަކެއް އުޅޭ ކަމަށާއި އެކަމަކު އެފަދަ ކަންތަކުގެ ސަބަބުން ޕްރެކްޓިހަށް ނައިސް ކުޅުންތެރިން ހަޅުތާލަކަށްދާ ވަރަށް ވުރެ ކުޅުންތެރިންގެ މޯޓިވޭޝަން ރަނގަޅު ކަމަށެވެ.
ނިއު ކުޅުނު ދެ ވަނަ މެޗު ވެސް އެއްވަރުވެއްޖެ
ގްރީންސްޓްރީޓްސް މޮޅަކާ އެކު ލީގު ނިންމާލައިފި
ފޯކައިދޫން ގްރީން ސްޓްރީޓްސް ބަލިކޮށްފި
ނިއު ބަލިކޮށް އީގަލްސް ގަދަ ތިނެއް ކަށަވަރުކޮށްފި
ނިއުގެ ހާލަތާ މެދު ޝަކުވާއެއް ނުކުރާނަން: ސޮބާ
ދަަގަނޑޭގެ ގޯލުން މޮޅުވެ ޓީސީ އަށް ބޮޑު ލީޑެއް
ނިލަންދޫ ބަލިކޮށް ނިއު ތިން ވަނަ އަށް
ވިކްޓަރީ ބަލިކޮށް ނިއު އަށް ހަމަޖެހުމެއް
ދަގަނޑޭގެ ދެ ގޯލުން ޓީސީ އިން ނިއު ބަލިކޮށްފި
ނިއު އިން މޮޅަކާ އެކު ދެ ވަނަ ބުރު ފަށައިފި