Roadha Mihaaru
ފެނަކައިގެ ބިލްތަކަށް 113 މިލިއަން ރުފިޔާ ނުލިބޭ

ފެނަކައިގެ ބިލްތަކަށް 113 މިލިއަން ރުފިޔާ ނުލިބި އެބައޮތް: އޮޑިޓް

10 އޮކްޓޯބަރ 2018

ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ހިދުމަތް ދިނުމަށް 2012 ވަނަ އަހަރު އުފައްދާފައިވާ ފެނަކަ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އަގަށް، މިދިޔަ އަހަރާ ހަމައަށް 113 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަ އޮތް ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓުގެ ހިދުމަތް ދިނުމަށް 2012 ވަނަ އަހަރު އުފައްދާފައިވާ ފެނަކަ ކުންފުނިން ފޯރުކޮށްދޭ ކަރަންޓުގެ ހިދުމަތުގެ އަގަށް، މިދިޔަ އަހަރާ ހަމައަށް 113 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި އެބަ އޮތް ކަމަށް އެ ކުންފުނީގެ އޮޑިޓް ރިޕޯޓުން ހާމަވެއްޖެ އެވެ.

އޮޑިޓް އޮފީހުން ހޯމަ ދުވަހު ނެރުނު ފެނަކައިގެ ޕާފޯމަންސް އޮޑިޓްގައި ބުނެފައި ވަނީ އޮކްޓޯބަރު 2016 ވަނަ އަހަރުގެ ނިޔަލަށް އެ ކުންފުންޏަށް ނުލިބިވާ ފައިސާގެ އަދަދު 143 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ. އޭގެ ތެރެއިން 13 މިލިއަން ރުފިޔާ އަނބުރާ ހޯދުމުގައި އެކަށީގެންވާ މުއްދަތަށް ވުރެ އިތުރުވެފައިވާ ކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މިދިޔަ އަހަރު ނިމުނު އިރު އެކުންފުންޏަށް ނުލިބިވާ ރުފިޔާގެ އަދަދު ވަނީ 113 މިލިއަނަށް ވުރެ އިތުރުވެފަ އެވެ.

ނުލިބި ހުރި 113 މިލިއަން ރުފިޔާގެ ތެރެއިން 107 މިލިއަން ރުފިޔާ އަކީ 2012 ވަނަ އަހަރު ރައީސް ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގައި ފެނަކަ ކޯޕަރޭޝަން އުފެދުނު ފަހުން ދިން ހިދުމަތަށް ނުލިބި ހުރި ފައިސާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ދެން ހިމެނެނީ އޭގެ ކުރިން ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ހިންގި ޔޫޓިލިޓީސް ކުންފުނިތަކުން ކަރަންޓްގެ ހިދުމަތް ފޯރުކޮށްދީ، އޭގެ އަގަށް ނުލިބި ހުރި 5.7 މިލިއަން ރުފިޔާ އެވެ. އަދި ރައްޔިތުން އިންޖީނުގެތައް ހިންގައިގެން 39،786ރ. ނުލިބި އެބަ އޮތެވެ.

އެ ކުންފުންޏަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 15 މިލިއަން ރުފިޔާ އަކީ ގދ. އަތޮޅުގެ ރަށްތަކުގެ ބިލްތަކަށް ލިބެންޖެހޭ ފައިސާ އެވެ. އަދި ހދ. އަތޮޅުގެ ރަށްރަށުން ނުލިބި ހުރި ފައިސާގެ އަދަދު 13 މިލިއަނަށް ރުފިޔާއަށް އަރަ އެވެ.

ކަރަންޓުގެ އަގު ހެޔޮކުރުމަށް ފެނަކައަށް ސަރުކާރުންދޭ ސަބްސިޑީ ނުލިބި ލަސްވެފައިވާކަން ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އެ ފައިސާ ދިނުމާ ބެހޭ ގޮތުން ކަމާބެހޭ އިދާރާތަކާއެކު ހާއްސަ އެއްބަސްވުމެއް ހަދާފައިނުވާ ކަންވެސް ފާހަގަކޮށްފައިވެ އެވެ.

ކަރަންޓްގެ އަގުތަކުގެ ގޮތުގައި އެނާޖީ އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކާ ހިލާފަށް ބިލް ކޮށްފައިވާ ކަމަށްވެސް ރިޕޯޓުގައި ބުނެފައިވެ އެވެ. އެގޮތުން 2015 ވަނަ އަހަރުގެ ފެބްރުއަރީ މަހުގައި ހއ. އަތޮޅާއި ށ. އަތޮޅުގެ އިތުރުން ގއ. ގައްދޫ އާއި ހދ. ތިނަދޫ އަދި ފުވައްމުލަކާއި އައްޑޫ ސިޓީން ބިލް ކޮށްފައިވަނީ އެނާޖީ އޮތޯރިޓީން ކަނޑައަޅާފައިވާ އަގުތަކަށް ވުރެ ކުޑަ އަގެއްގައިކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.

އޭގެ ތެރެއިން ހއ. އަތޮޅުގެ ރަށްތަކުން ބިލްކޮށްފައިވާ އަދަދު ދަށްވުމުން އެކުންފުންޏަށް ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. ނަމަވެސް އެއީ ކިހާވަރެއް ކަމެއް ބުނެފައެއްނުވެ އެވެ.

އިތުރު މައްސަލަތަކުގެ ގޮތުގައި ފާހަގަކޮށްފައިވާ ކަންކަމަށް ބަލާއިރު އެކުންފުންޏަށް ލިބޭ އާންމުދަނީއަށް ވުރެ ޚަރަދު ބޮޑުވުން ހިމެނެ އެވެ. އަދި އެކުންފުންޏަށް 2014 ވަނަ އަހަރުގެ މެއި މަހުން 2015ގެ މާޗް މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް، އިއުލާން ކުރުމެއްނެތި 105 މީހަކަށް ވަޒީފާ ދީފައިވާކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

އޭގެ އިތުރުންވެސް އެކުންފުނިން ހަވާލުވާ މަޝްރޫތައް ކަނޑައަޅާފައިވާ މުއްދަތައް ނުނިންމުމާއި ތިން ވަނަ ފަރާތަކާ ހަވާލުކޮށްގެން މަސައްކަތް ކުރުންފަދަ މައްސަލަތައް ވަނީ ފާހަގަކޮށްފަ އެވެ.