Roadha Mihaaru
މާޒިޔާ އަށް ފަސް ލަނޑުގެ ފެށުމެއް

މާޒިޔާ އަށް ފަސް ލަނޑުގެ ފެށުމެއް

27 ސެޕްޓެމްބަރ 2018

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން މެދުކެނޑުމަކަށް ފަހު ފަށައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ވިކްޓަރީ އަތުން މިރޭ މޮޅު ކުޅުމަކާ އެކު 5-0 އިން މޮޅުވެއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ ބުރުގެ ކުޅުން މެދުކެނޑުމަކަށް ފަހު ފަށައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުން ވިކްޓަރީ އަތުން މިރޭ މޮޅު ކުޅުމަކާ އެކު 5-0 އިން މޮޅުވެއްޖެ އެވެ.

މިރޭގެ މެޗާ ވިކްޓަރީ ކުރިމަތިލީ، މުސާރަ ނުދެވި މައްސަލަގަނޑެއްގެ ތެރޭގައި އޮވެ އެވެ. ކޯޗު ލާސްލޯ ކިސް ވަނީ ކްލަބް ދޫކޮށްލައިފަ އެވެ.. މިދިޔަ ޖުލައި މަހު 18 ވަނަ ދުވަހު ލީގު މެދުކަނޑާލި ފަހުން ވިކްޓަރީން ޕްރެކްޓިސް ބާއްވާފައިނުވެ އެވެ.

މިރޭ ކޯޗުކޮށްދިން އެސިސްޓަންޓް ކޯޗު އަހުމަދު ނިޔާޒް (ނިޔާ) ބުނީ މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި މެޗަށް ނުކުންނަން ނިންމީ ކުޅުންތެރިން ކަމަށެވެ. ޓީމަށް ދިމާވެފައިވަނީ ކޮން މައްސަލަތަކެއްތޯ އެހުމުން ބުނީ އެ ސުވާލަށް ޖަވާބުދެވޭނީ މެނޭޖްމަންޓަށް ކަމަށެވެ.

އަނެއްކޮޅުން ފުރަތަމަ ހަތަރު މެޗުން އެންމެ މޮޅެއް ހޯދާފައިވާ މާޒިޔާ މިރޭ ފެނުނީ ތަފާތުކޮށެވެ. އެ ޓީމުގެ ފަސް ގޯލް ވެސް ފެނިގެން ދިޔައީ ފުރަތަމަ ހާފުގަ އެވެ. އިސްމާއިލް އީސާ ހެޓްރިކެއް ހެދިއިރު އަނެއް ދެ ގޯލް ޖެހީ ކޮނޭލިއަސް ސްޓެވާޓާއި ނާއިޒް ހަސަން (ދާދު) އެވެ. ރާއްޖޭން ދާދި ފަހުން ސާފް ސުޒުކީ ކަޕް ކާމިޔާބުކުރިއިރު މޮޅު ކުޅުމެއް ދެއްކި ދާދު ވަނީ މިރޭ ދެ ގޯލް ޖަހަން މަގުފަހި ވެސް ކޮށްދީފަ އެވެ.

މާޒިޔާގެ ކޯޗު އިސްމާއިލް މަހަފޫޒް (އިންމަ) ބުނީ ބޮޑު ބްރޭކަކަށް ފަހު އެނބުރި އައިސް ދެއްކި ކުޅުމާއި ނެރުނު ނަތީޖާއާ މެދު ވަރަށް ހިތްހަމަޖެހޭ ކަމަށެވެ. ގައުމީ ޓީމަށް މުހިއްމު ކުޅުންތެރިން ދޫކުރަން ޖެހުމުން، މިދިޔަ ދުވަސްތަކުގައި ޕްރެކްޓިހުގައި މަސައްކަތްކުރި ޒުވާން ކުޅުންތެރިންނަށް މިރޭ ދިން ފުރުސަތުގައި ބޭނުން ހިފިކަން ވެސް އޭނާ ފާހަގަކުރި އެވެ.

މާޒިޔާ ވަނީ މި މޮޅާ އެކު ހަތް ޕޮއިންޓް ހަމަކޮށް ހަތަރު ވަނަ އަށް އަރައިފަ އެވެ. އެއް ވަނައިގައި 12 ޕޮއިންޓާ އެކު އޮތް ޓީސީ ސްޕޯޓްސް އާއި 10 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް މާދަމާ ހަވީރު ވާދަކުރާނެ އެވެ. ވިކްޓަރީ އޮތީ ފަސް ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ.

މާޒިޔާގެ ޝަހާއު (މ) އަތުން ބޯޅަ ހޯދަން ވިކްޓަރީގެ ކުޅުންތެރިން މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މާޒިޔާގެ ޝަހާއު (މ) އަތުން ބޯޅަ ހޯދަން ވިކްޓަރީގެ ކުޅުންތެރިން މަސައްކަތްކުރަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިރޭގެ މެޗުގެ އަށް ވަނަ މިނެޓުގައި މާޒިޔާ އިން ވަނީ ލީޑު ނަގައިފަ އެވެ. މުހައްމަދު ޝަހާއު ދިން ބޯޅަ ޕެނަލްޓީ އޭރިއާ ތެރެއިން ކޮންޓްރޯލްކޮށްލުމަށް ފަހު އީސަ ވަނީ ހަމަޖެހިލާފައި އެ ބޯޅަ ގޯލުގެ ތިރީ ކަނަށް ވައްދާލައިފަ އެވެ. އޭގެ ފަހުން 23 ވަނަ މިނެޓުގައި ދާދު މުޅިން ހުސްކޮށްލާފައި ސްޓެވާޓަށް ދިން ބޯޅައަށް އޭނާ އަރައި ވިކްޓަރީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ޖެހުމުން ގޯލްކީޕަރު މުހައްމަދު އިމްރާން މަތަކުރި އެވެ. އެކަމަކު އޭގެ ތިން މިނެޓު ފަހުން ދާދު ދިން ބޯޅަ ސްޓެވާޓް ވަނީ ގޯލަށް ވައްދާލައިފަ އެވެ.

މި ހާފުގައި ވިކްޓަރީ އަށް ދިޔައީ މާޒިޔާ ހިފަހައްޓާނުލެވިގެންނެވެ. އެގޮތުން 29 ވަނަ މިނެޓުގައި ދާދު ވަނީ މެދުތެރެއިން ލިބުނު ބޯޅަ ހިފައިގެން އެކަނިމާއެކަނި އަރައި އޭރިއާ ތެރެއަށް ވަދެ ގޯލުގެ ދުރު ކަނަށް ބޯޅަ ވައްދާލައިފަ އެވެ. އަނެއް ދެ ގޯލް ފަހު ފަސް މިނެޓުގެ ތެރޭ ޖެހީ އީސަ އެވެ.

ދެ ވަނަ ހާފުގައި މާޒިޔާ އަށް އިތުރު ފަސް ވަރަކަށް ގޯލް ޖެހޭހާ ހުސް ފުރުސަތުތައް ލިބުނެވެ. އީސަ އާއި ދާދު އަދި ސްޓެވަޓަށް ލިބުނު ބޯޅަތައް ދަނޑި ކައިރިންނާއި ގޯލް މަތިން ހުރަސްވެގެން ދިޔައިރު ވިކްޓަރީ އޮތީ އެއްކޮށް ފަހަތަށް ޖެހިފަ އެވެ. އެކަމަކު މި ހާފުގައި އެއްވެސް ބޯޅައެއް ގޯލަށް ވައްދާލެވޭ ގޮތެއް ނުވި އެވެ.

މިރޭގެ ތިން ޕޮއިންޓުގެ އިތުރުން މާޒިޔާ އަށް ލިބުނު އަނެއް ހިތްހަމަޖެހުމަކީ މިދިޔަ އަހަރު ނޮވެމްބަރު މަހު ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅެނިކޮށް އަނިޔާވި އިތުބާރު ޑިފެންޑަރު އަމްދާން އަލީ (އެންޑީ) ފިޓްވެ އެނބުރި އައުމެވެ. އޭނާ ވަނީ މެޗުގެ ފަހު 15 މިނެޓު ކުޅެފަ އެވެ.