Roadha Mihaaru
އެންމެ ބޮޑު ހިތްހަމަޖެހުމެއް އީސީގެ މެމްބަރުންނަށް!

އިންތިޚާބާ ގުޅިގެން އެންމެ ބޮޑު ހިތްހަމަޖެހުމެއް އީސީގެ މެމްބަރުންނަށް!

26 ސެޕްޓެމްބަރ 2018

ރިޔާސީ އިންތިޚާބުގެ ވޯޓުލީ ދުވަހު ވެސް ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ޝައްކެއްގެ މަތީގަ އެވެ؛ މިނިވަންކަމާއި އިންސާފުވެރިކަމާއި އޮމާންކަމާ އެކު އިންތިޚާބު ނިމިދާނެ ކަމާ މެދުގަ އެވެ. ވޯޓުލުމާ ހަމަ އަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އަމަލުތައް ހުރި ގޮތުންނެވެ. ކަންކަން، ތަރުތީބު ކުރުމުގައި ޝައްކު އުފެދޭ ގޮތަށް ބައެއް ކަންކަން ނިންމާފައިވާތީ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރިޔާސީ އިންތިޚާބުގެ ވޯޓުލީ ދުވަހު ވެސް ރައްޔިތުންގެ ގިނަ ބަޔަކު ތިބީ ޝައްކެއްގެ މަތީގަ އެވެ؛ މިނިވަންކަމާއި އިންސާފުވެރިކަމާއި އޮމާންކަމާ އެކު އިންތިޚާބު ނިމިދާނެ ކަމާ މެދުގަ އެވެ. ވޯޓުލުމާ ހަމަ އަށް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އަމަލުތައް ހުރި ގޮތުންނެވެ. ކަންކަން، ތަރުތީބު ކުރުމުގައި ޝައްކު އުފެދޭ ގޮތަށް ބައެއް ކަންކަން ނިންމާފައިވާތީ އެވެ.

އެކަމަކު މި އިންތިޚާބަކީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ސުލްހަވެރި އިންތިޚާބެވެ. ވޯޓުލުމާއި ވޯޓު ގުނުމުގައި އަދި ނަތީޖާގައި ވެސް އެއްވެސް މައްސަލައެއް ނެތޭ ބުނެވޭހާ މަދެވެ. އދ. އިން ވެސް އެކަން ފާހަގަކޮށް، އެކަމަށް ތައުރީފްކޮށްފައިވެ އެވެ.

"އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް އެއީ. އަޅުގަނޑުމެންގެ ނިޔަތް ރަނގަޅު ކަން ސާފުވެގެން ދިޔައީ. ރައްޔިތުންނަށް ޔަގީންކަން ދެމުން އައި ގޮތަށް، މިއީ އެންމެ މިނިވަން އިންސާފުވެރި އިންތިޚާބު ކަން ކަށަވަރު ވެގެންދިޔައީ،" ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވި އެވެ.

އީސީގެ ރައީސް ޝަރީފް: މި އިންތިޚާބުގައި އެންމެ ބޮޑު ތުހުމަތެއް އަމާޒުވި އެއް ބޭފުޅަކީ އޭނާ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އީސީގެ ރައީސް ޝަރީފް: މި އިންތިޚާބުގައި އެންމެ ބޮޑު ތުހުމަތެއް އަމާޒުވި އެއް ބޭފުޅަކީ އޭނާ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ "މިހާރު" އަށް ވިދާޅުވި ގޮތުގައި މި އިންތިޚާބުގައި ބޮޑު މައްސަލަތަކެއް ދިމައެއް ނުވެ އެވެ. ޚާއްސަކޮށް ވޯޓާސް ލިސްޓުގައި މައްސަލައެއް ނެތް ކަން އޭނާ ފާހަގަ ކުރެއްވި އެވެ. އެހެން އިންތިޚާބުތަކުގައި އެންމެ ބޮޑު ޝަކުވާއަކަށް ވަނީ، ވޯޓާސް ލިސްޓުގެ މައްސަލަ އެވެ.

"ރީ ރަޖިސްޓްރޭޝަނާ ގުޅޭ ޝަކުވާއެއް ނުލިބޭ. އެއްވެސް ހަމަނުޖެހުމެއް ނުހިނގާ، ފުލުހުންގެ އެހީތެރިކަމަށް އެދޭކަށް ނުޖެހުނު،" އޭނާ ވިދާޅުވި އެވެ.

އެކަމަކު، ވޯޓުލާން ކިޔޫގައި ގިނަ އިރު ތިބެން ޖެހުމުގެ މައްސަލަ ދިމާވި ކަމަށާއި އެއީ އެއް ފަހަރާ ގިނަ އަދަދެއްގެ ބަޔަކު ވޯޓުލާން ނުކުރުމުން ކަމަށް ވިދާޅުވި އެވެ.

އެންމެ ފަހު ވަގުތަށް މަޑުނުކޮށް، މި އިންތިޚާބުގައި ގިނަ ބަޔަކު އިސްކަންދިނީ އަވަހަށް ވޯޓުލައި ނިންމާށެވެ. ވޯޓުލުން ފެށި އިރު، މާލެ އާއި ރަށްރަށުގައި ވެސް ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި ތިއްބެވެ.

ގިނައިރު ކިޔޫގައި ތިބެން ނުޖެހި، ވޯޓުލެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ، ޝަރީފް ވިދާޅުވި ގޮތުގައި، ދެން އޮންނަ އިންތިޚާބުގައި އިސްލާހު ކޮށްލަން ޖެހޭނެ ކަމެކެވެ.

މި އިންތިޚާބުގެ ކުރިން ސުވާލު އުފެއްދި ކަންކަން ގިނަ އެވެ. ފުރަތަމަ ދިމާވީ، ސަރުކާރު މުވައްޒަފުންގެ ރީ ރަޖިސްޓްރޭޝަންގެ ފޯމުތައް ޕީޕީއެމްގެ އޮފީހަށް ގެންދިއުމެވެ. ގިނަ ރިސޯޓުތަކެއްގައި ވޯޓު ފޮށި ނުބަހައްޓަން ނިންމުމާއި ވޯޓު އޮފިޝަލުންގެ ގޮތުގައި ޕީޕީއެމަށް ނިސްބަތްވާ ގިނަ ބަޔަކު ނެގުމާއި ވޯޓު ގުނުމުގައި ގެންނަން އުޅުނު ބަދަލުތަކާ ގުޅޭ ގޮތުން ވެސް މައްސަލަތަކެއް ފެންމަތިވެ ވަރަށް ބޮޑަށް ކޮމިޝަނަށް ފާޑުކިއުން އަމާޒުވި އެވެ. މި ހުރިހާ ކަމެއް ވެސް ބަދަލުވީ، ގިނަ ބަޔަކު ޕްރެޝަރު ކޮށްގެންނެވެ.

ޝަރީފް ވިދާޅުވި ގޮތުގައި އެ ކޮމިޝަނަށް ކުރި ހުރިހާ ތުހުމަތަކީ ވެސް އަސްލެއް ނެތް، ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަން މިހާރު ޔަގީންވާނެ އެވެ. އޭރު ވެސް ރައްޔިތުންނަށް އެކަން ވިސްނައިދޭން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ދަންނަވަމުން ދިޔައިން، ގާނޫނާ ޚިލާފަށް އެއްވެސް ކަމެއް ނުކުރާނެ ކަން. އިންތިޚާބުގެ ހުރިހާ ކަމެއް ވެސް ގެންދާނީ ގާނޫނީ އިމުގެ ތެރެއިން ކަން. ރައްޔިތުންނަށް ނުތަނަވަސްކަން އުފެދުނު ބައެއް ކަންކަން [މިސާލަކަށް ވޯޓު ފޮށި ބަހައްޓާ ރިސޯޓުތަކުގެ އަދަދާ ގުޅޭ ނިންމުން] އަޅުގަނޑުމެން ބަދަލު ވެސް ކުރިން،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އިންތިޚާބުގެ ކަންކަން މެމްބަރުން ފެށީ ވެސް އިޚްލާސްތެރި ނިޔަތާ އެކުގަ އެވެ. އެހެންކަމުން މި އިންތިޚާބު މިހާ އޮމާންކޮށް ނިމިގެން ދިއުމަކީ ހުރިހާ މެމްބަރުންނަށް ވެސް ލިބުނު އުފަލެއް ކަމަށް ޝަރީފް ވިދާޅުވި އެވެ.

އިންތިޚާބުގައި ވޯޓުލާން ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އިންތިޚާބުގައި ވޯޓުލާން ގިނަ އަދަދެއްގެ ބަޔަކު ކިޔޫގައި. --ފޮޓޯ: ނިޝާން އަލީ/މިހާރު

އީސީއަކީ މިނިވަން މުސްތަގިއްލު ކޮމިޝަނެއް ކަން ފާހަގަކުރައްވައި ޝަރީފް ވިދާޅުވީ އެ މުއައްސަސާ އަބަދުވެސް ހިނގާނީ އެ އުސޫލުންނެވެ. ކޮންމެ ބަޔަކު ތިއްބަސް އެކަން ބަދަލު ނުވާނެ ކަން ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

މި އިންތިޚާބު ކާމިޔާބު ކުރެއްވީ އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އެވެ. އީސީން އާއްމުކޮށްފައިވާ ރަސްމީ ވަގުތީ ނަތީޖާ އިން ދައްކާ ގޮތުގައި އިބޫ އިންތިޚާބު ކާމިޔާބުކުރެއްވީ، 134،616 ވޯޓުންނެވެ. އެއީ 58.4 ޕަސެންޓެވެ. ރައީސް އަބްދުﷲ ޔާމީނަށް ލިބިވަޑައިގަތީ، 96،123 ވޯޓެވެ. އެއީ 41.6 ޕަސެންޓެވެ.

ވޯޓުލުމުގެ ހައްގު ލިބިފައިވާ 262,135 މީހުންގެ ތެރެއިން 89 ޕަސެންޓު މީހުން މި އިންތިޚާބުގައި ވޯޓުލާފައިވެ އެވެ.