Roadha Mihaaru
ޕީއެސްއެމްގެ ކުއްލި ބަދަލުން ހައިރާންކަމާއި ރުޅި!

ޕީއެސްއެމްގެ ކުއްލި ބަދަލުން ހައިރާންކަމާއި ރުޅި!

26 ސެޕްޓެމްބަރ 2018

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ވެރިކަންކުރާ ޕީޕީއެމްގެ ޕްރޮޕެގަންޑާ ފަތުރަމުން އަދި އެ މަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭން ކެމްޕެއިންކުރަމުން ގެންދިޔަ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އެމަނިކުފާނާ ވާދަވެރި ސިޔާސީ ޕާޓީއަކަށް ކުޑަ ވެސް ޖާގައެއް ދީފާނެ ކަމަކަށް މިދިޔަ ހޯމަދުވަހުގެ ކުރިން ދިވެހިން ގަބޫލެއް ނުކުރެ އެވެ. ނަމަވެސް އާދީއްތަދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އެރޭ ފަތިހު ކަށަވަރުވި ހިސާބުން ފެށިގެން އެކަން މުޅިން ބަދަލުވެއްޖެ އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާއި ވެރިކަންކުރާ ޕީޕީއެމްގެ ޕްރޮޕެގަންޑާ ފަތުރަމުން އަދި އެ މަނިކުފާނަށް ދެވަނަ ދައުރެއް ހޯދައިދޭން ކެމްޕެއިންކުރަމުން ގެންދިޔަ ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން އެމަނިކުފާނާ ވާދަވެރި ސިޔާސީ ޕާޓީއަކަށް ކުޑަ ވެސް ޖާގައެއް ދީފާނެ ކަމަކަށް މިދިޔަ ހޯމަދުވަހުގެ ކުރިން ދިވެހިން ގަބޫލެއް ނުކުރެ އެވެ. ނަމަވެސް އާދީއްތަދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ނަތީޖާ އެރޭ ފަތިހު ކަށަވަރުވި ހިސާބުން ފެށިގެން އެކަން މުޅިން ބަދަލުވެއްޖެ އެވެ.

ތަނަވަސް އަޣުލަބިއްޔަތަކުން ރައީސް ޔާމީން ބަލިކުރައްވައި އިދިކޮޅު ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސޯލިހު (އިބޫ) އިންތިޚާބު ކާމިޔާބުކުރެއްވި ކަމުގެ ޚަބަރުން ފަށައިގެން ޕީއެސްއެމުން އަންނަނީ އިބޫ އާއި އިދިކޮޅު ޕާޓީތައް ހިމެނޭ ކޯލިޝަންގެ ހުރިހާ ހަރަކާތްތަކާއި ޚަބަރުތައް ގެނެސްދެމުންނެވެ. ޓީވީން ދައްކާ ލައިވް އިވެންޓްތަކާއި ވެބްސައިޓުގައި ޝާއިއުކުރާ ޚަބަރުތަކާއި ސޯޝަލް މީޑިއާގައި ވެސް ޕީއެސްއެމް ވަނީ ކުއްލިއަކަށް "މިނިވަން"ވެފަ އެވެ.

އެކަމާ ކިތަންމެ ވަރަކަށް ހައިރާންވިޔަސް، މި ބަދަލަށް މަރުހަބާ ކިޔުމުގެ ބަދަލުގައި އާއްމުންގެ ރުޅިވެރިކަން ޕީއެސްއެމް އަށް އަމާޒުވެފައި ވަނީ ޕީޕީއެމާއި ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގައި މިހާތަނަށް އެ ތަން ހިންގާފައިވާ ގޮތާއި އެޑިޓޯރިއަލް ޕޮލިސީ އަށް ސަރުކާރުގެ ނުފޫޒު ފޯރުވަން ޖާގަދީފައި އޮތްލެއް ބޮޑުކަމުންނެވެ. ޚާއްސަކޮށް ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޚަލީލަށާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމަށް ސޯޝަލް މީޑިއާގައި ބޮޑެތި ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. އިކްރާމް ރައީސް ޔާމީންގެ ކެމްޕެއިން ޖަލްސާތައް ހޯސްޓްކުރައްވާފައި ވެސް ވެ އެވެ.

އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން އިބޫ އަށް މަރުހަބާ ކިޔައި ޕީއެސްއެމް އާއި އިކްރާމް ވެސް ވަނީ ޓްވީޓްކުރައްވައިފަ އެވެ. އަދި ކޯލިޝަންގެ ކާމިޔާބީއާ ގުޅިގެން ކުރިއަށްދާ އުފާފާޅުކުރުމުގެ ހަރަކާތްތަކުގެ ފޮޓޯތައް ވަގުތުން ޓްވީޓްކުރުމާއި ޕްރެސް ކޮންފަރެންސްތަކާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ލައިވްކުރުމަކީ މިހާތަނަށް ޕީޕީއެމަށް ގޮސް ހުސްވެފައި އޮތް ޕީއެސްއެމް މިދިޔަ ތިން ދުވަސް ތެރޭ މުޅިން އަނެއްކޮޅަށް ޖަހާފައިވާކަން އެނގޭ ބޮޑެތި ބަދަލުތަކެވެ. އެއީ ފެންނަ ހުވަފެނެކޭ ހީވިޔަސް އާއްމުން ތިބީ އެ ތަނުގެ ވެރިންނާ މެދު ހިތްހެޔޮކުރާ ވިސްނުމަކު ނޫނެވެ.

ރައްޔިތުންގެ ފައިސާ އިން ހިންގާ ދައުލަތުގެ މީޑިއާގެ ހުރިހާ ވަސީލަތްތަކެއް ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގަ އާއި އޭގެ ކުރިން ވެސް ހުސްކުރަމުން ގެންދިޔައީ ރައީސް ޔާމީން ޕްރޮމޯޓްކުރުމަށާއި އެ މަނިކުފާނުގެ ސަރުކާރު ދިފާއުކުރުމަށެވެ. އިންތިޚާބު ކާމިޔާބުކުރެއްވުމާ ގުޅިގެން އިބޫ އަށާއި ރަނިންމޭޓް ފައިސަލް ނަސީމަށް ޕީއެސްއެމްގެ ފަރާތުން މަރުހަބާ ކިޔައި ސޯޝަލް މީޑިއާގައި އާއްމުކުރި ޕޯސްޓަރު ހަދަން އެހެން ނޫހަކުން އެ ދެ ބޭފުޅުންގެ ފޮޓޯ ހޯދާފައި ވުމަކީ އޭގެ ހެއްކެއްކަން ބައެއް މީހުން ފާހަގަކުރެ އެވެ. ޓްވިޓާގައި އެ ކަމަށް ފާޑުކީ މީހުންގެ ތެރޭގައި ޕީއެސްއެމްގެ ކުރީގެ ބައެއް މުވައްޒަފުން ވެސް ހިމެނެ އެވެ.

"ލަދެއް ނުގަނޭ، ބޮޑު އިންތިޚާބެއް ނިމިގެންދިޔަ އިރު ޕްރެޒިޑެންޓް އިލެކްޓްގެ ފޮޓޯއެއް ނެތީމަ، އެހެން މީޑިއާއަކަށް ކްރެޑިޓް ދީފައި ޓްވީޓްކުރަން؟" ކުރިން ޓީވީއެމްގެ ޕްރޮޑިއުސަރަކަށް އުޅެފައިވާ އަހުމަދު އަފްރުހް ރަޝީދު ސުވާލުކުރި އެވެ.

"އިންތިޚާބުކޮށްފައިވާ ރައީސާއި ނާއިބު ރައީސްގެ ފޮޓޯއެއް އެ މީހުން އަތުގައި ނެތުމަކީ ކިހާ ހިތާމަހުރި ކަމެއް؟" ޕްރެޒެންޓަރު މޫސާ ވަސީމް ޓްވީޓްކުރި އެވެ.

އިންތިޚާބު ކާމިޔާބުކުރުމުން އިދިކޮޅު ކޯލިޝަންގެ ކަންކަން ޕީއެސްއެމުން ކުއްލިއަކަށް ގެނެސްދޭން ފެށުން ގިނަ ބަޔަކަށް މާނަކުރެވެނީ ޕީއެސްއެމްގެ އިސް ވެރިން، މި ބަދަލުވި ހާލަތުން ފައިދާ ނެގުމުގެ ގޮތުގަ އެވެ. އެ މީހުން ދެކޭގޮތުގައި ޚަލީލާއި އިކްރާމް އުޅުއްވަނީ ވަޒީފާގެ ދަހިވެތިކަމުގަ އާއި "މި އޮތްހާ ދުވަހު ހިންގި ޖަރީމާތަކުން" ރެކިގަންނާށެވެ. އެހެންވެ، އިދިކޮޅު ކޯލިޝަނަށް ކަވަރޭޖު ދޭން ފެށިޔަސް، ސަރުކާރުގެ ޕްރޮޕެގެންޑާ ފަތުރަން ރައްޔިތުންގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަން ހަނދާން ނުނެތޭނެ ކަމުގެ އިންޒާރު ބައެއް މީހުން ވަނީ ދީފަ އެވެ.

އެމްޑީޕީގެ ގައުމީ މަޖިލިސް ވެސް ލައިވް!

އިންތިޚާބު ކާމިޔާބުކުރުމަށް ފަހު ހޯމަ ދުވަހު އެމްޑީޕީން ބޭއްވި ނިއުސް ކޮންފަރެންސް ވަގުތުން ދެއްކުމަކީ މި ފަހުގެ އަހަރުތަކުގައި އިދިކޮޅު ޕާޓީއެއްގެ ކަމެއް ދައުލަތުގެ މީޑިއާ އިން ލައިވްކުރި ފުރަތަމަ ފަހަރެވެ. އޭގެ ފަހުން އިއްޔެ، އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ ބޭއްވެވި ނިއުސް ކޮންފަރެންސް ވެސް ވަގުތުން ދެއްކި އެވެ. އެކަމަކު ޕީއެސްއެމްގެ ކުއްލި ބަދަލު މުޅިން އާ ހަރުފަތަކަށް ގެންދިޔައީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގެ ލައިވްކުރުމުންނެވެ. އެއީ އާއްމުންނަށް އަދި އަމުދުން ބަލައިގަނެވުނު ކަމެއް ނޫނެވެ.

އެ ޖަލްސާ ޕީއެސްއެމުން ވަގުތުން ދައްކައިގެން ނުވާނެ ކަމަށް ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކުރި މީހުން އެ ގޮތަށް ދެކޭ ސަބަބަކީ އެއީ މިހާތަނަށް ވެސް އެ ތަނުން ކަން ކުރަމުން އައި، ވެރިކަންކުރާ ޕާޓީގެ ހުރިހާ ކަމެއް ލައިވްކުރުމުގެ އުސޫލުން ކުރި ކަމަކަށް ވާތީ އެވެ. ދެން ވެރިކަމަށް އަންނަން އޮތް އެއް ޕާޓީގެ އެފަދަ ހަރަކާތެއް ދައުލަތުގެ މީޑިއާ އިން ހިލޭ ލައިވްކޮށްދޭން ޖެހޭ ވަރުގެ އާއްމު މަސްލަހަތެއް އޮތް ކަމަކަށް އެމްޑީޕީ އާއި އިދިކޮޅު އެހެން ޕާޓީތަކަށް ތާއިދުކުރާ ބައެއް މީހުން ވެސް ގަބޫލެއް ނުކުރެ އެވެ.

"ޕީއެސްއެމް އިން އެމްޑީޕީ ގައުމީ މަޖިލިސް ލައިވްކޮށްގެން ނުވާނެ؟ ޚަބަރުގައި ކިޔަން އޯކޭ،" ވިޔަފާރިވެރިޔާ އަދި އެމްޑީޕީގެ ކަންކަމުގައި އިސްކޮށް އުޅުއްވާ އަބްދުލްމާޖިދު (ލެކިއުޓް މާޖިދު) ޓްވީޓްކުރެއްވި އެވެ.

މާޖިދުގެ ވާހަކަ އަށް ތާއީދުކުރި ބައެއް މީހުން އެކަމާ އެއްބަސްވަމުން ފާހަގަކުރި ގޮތުގައި ވިޔަފާރި އުސޫލުން ނޫން ގޮތަކަށް ޕީއެސްއެމްގެ އެއާޓައިމުން އެފަދަ ކަމަކަށް ޖާގަ ދީގެނެއް ނުވާނެ އެވެ.

ދައުލަތުގެ މީޑިއާގެ ފަރާތުން އާއްމުން ބޭނުންވަނީ އޭރެއްގައި ރައީސްކަން ކުރައްވާ ބޭފުޅަކާއި ވެރިކަންކުރާ ޕާޓީ އަށް ސަނާކިޔައި އެ މީހުން ޕްރޮމޯޓްކޮށް އެ މީހުންގެ ޕްރޮޕެގަންޑާ ފެތުރުމެއް ނޫނެވެ. ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު ހުރިހާ ފަރާތްތަކަކަށް ވެސް ފުރުސަތު ދީގެން، ވަކި ފަރާތަކަށް ނުޖެހޭ މިނިވަން އެޑިޓޯރިއަލް ސިޔާސަތެއް ގެންގުޅޭ މަންޒަރެވެ. އޭގެ މާނައަކީ މި ވޭތުވެދިޔަ ތަނުގައި ކަން ކުރަމުން އައި ގޮތް އިސްލާހުކުރުމެވެ. ރައީސް ޔާމީންގެ ސަރުކާރަށާއި ޕީޕީއެމަށް ކޮށްދިން ހުރިހާ ކަމެއް އަންނަން އޮތް ސަރުކާރަށާއި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭނެ ޕާޓީތަކަށް ކޮށްދިނުމެއް ނޫނެވެ.

އެކަން ޕީއެސްއެމްގެ އިސް ވެރިން ދަންނަން ޖެހެ އެވެ. ނޭނގޭ ނަމަ، އިބޫ އާއި އެމްޑީޕީ އާއި ކޯލިޝަންގެ އެހެން ޕާޓީތަކުން އެކަން އެ ބޭފުޅުންނަށް އަންގައިދޭން ޖެހެ އެވެ.