Roadha Mihaaru
ޕީއެސްއެމްއާ ދެކޮޅަށް އަބުރުގެ ދައުވާކުރާނަން: ނިޔާޒް

ޕީއެސްއެމްއާ ދެކޮޅަށް އަބުރުގެ ދައުވާކުރާނަން: ނިޔާޒް

04 މާޗް 2018

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް ޓެރަރިޒަމްގެ އިންޒާރުދީފައިވާ ކަމަށް ބުނެ އެ ސްޓޭޝަނުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަމާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް އެމްޑީޕީގެ މިލަންދޫ ދާއިރާގެ ރައީސް އަހުމަދު ނިޔާޒު މިއަދު ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)އަށް ޓެރަރިޒަމްގެ އިންޒާރުދީފައިވާ ކަމަށް ބުނެ އެ ސްޓޭޝަނުން ދޮގު މައުލޫމާތު ފަތުރަމުންދާތީ އެކަމާ ދެކޮޅަށް އަބުރުގެ ދައުވާ ކުރާނެ ކަމަށް އެމްޑީޕީގެ މިލަންދޫ ދާއިރާގެ ރައީސް އަހުމަދު ނިޔާޒު މިއަދު ބުނެފި އެވެ.

ޕީއެސްއެމުން ރޭ ބުނިގޮތުގައި ނިޔާޒު ވަނީ އެ ސްޓޭޝަނާއި ޗެނަލް 13ގެ ސެޓަލައިޓް ހިދުމަތްތައް ކަނޑާލާނެ ކަމަށް ބުނެ، ޓްވީޓަކުން އިންޒާރު ދީފަ އެވެ. އެހެންވެ މައްސަލަ ތަހުގީގުކުރަން ފުލުހަށް ހުށަހަޅާފައިވާ ކަމަށް އެތަނުން ބުނެފައި ވެ އެވެ.

ޕީއެސްއެމުން އެހެން ބުނި ނަމަވެސް ނިޔާޒުގެ ޓްވީޓްގައި، ސެޓެލައިޓް ހިދުމަތްތައް މެދު ކަނޑާލާނެ ވާހަކައެއް ބުނެފައެއް ނުވެ އެވެ. ނިޔާޒުގެ ޓްވީޓްގައި ބުނެފައިވަނީ "ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި ޓީވީއެމް އަދި ޗެނަލް 13ގެ ސެޓެލައިޓް ހިދުމަތްތައް މެދުކަނޑާލާނެ" ކަމަށެވެ.

ޓެރަރިޒަމްގެ އިންޒާރުދިން ކަމަށް ބުނެ ނިޔާޒްގެ ވާހަކަ ޕީއެސްއެމްގެ ރޭގެ ހަބަރުގައި ގެނެސްދިނީ އޭނާ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފޮޓޯއަކާއެކު އެވެ. އެކަމަކު އޭނާ ކުރި ޓްވީޓް ދައްކާފައެއް ނުވެ އެވެ.

އެމްޑީޕީ އެކްޓިވިސްޓް ނިޔާޒް: ޕީއެސްއެމާއި ޗެނަލް 13އަށް އޭނާ ޓެރަރިޒަމްގެ އިންޒާރު ދީފައިވާ ކަމަށް ޕީއެސްއެމުން ބުނޭ

އެމްޑީޕީ އެކްޓިވިސްޓް ނިޔާޒް: ޕީއެސްއެމާއި ޗެނަލް 13އަށް އޭނާ ޓެރަރިޒަމްގެ އިންޒާރު ދީފައިވާ ކަމަށް ޕީއެސްއެމުން ބުނޭ

"މިހާރު"އާ ވާހަކަ ދައްކަމުން ނިޔާޒް ބުނީ ދައުލަތުގެ މީޑިއާއިން ގެނެސްދީފައިވަނީ ދޮގު ހަބަރެއް ކަމަށާއި އެ ޓްވީޓްގެ މާނަ އޮޅުވާލާފައިވާ ކަމަށެވެ. އަދި އޭނާގެ މަގްސަދަކީ މީޑިއާއަށް ގެއްލުން ދިނުން ނޫން ނަމަވެސް، މި ފަދަ ހަބަރުތަކުގެ ސަބަބުން އޭނާގެ އަބުރަށް ހުތުރުކަން ލިބޭ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާލަން ބޭނުން ވަނީ ނޫސްވެރިން ފަތުރާ މިފަދަ ހަބަރުތަކުގެ ސަބަބުން މީހުންގެ އަގުވެއްޓެޔޭ. އެހެންވެ، ޕީއެސްއެމުން މި ގޮތަށް ވާހަކަ ފަތުރާނަމަ އެ މީހުންނާ ދެކޮޅަށް އަޅުގަނޑު އަބުރުގެ ދައުވާ ކުރާނަން،" ނިޔާޒް ބުންޏެވެ.

އޭނާ ބުނީ ޕީއެސްއެމްގެ ހަބަރުގައި އޭނާގެ ޓްވީޓް ގެނެސްދީފައި ނުވަނީ ހަގީގަތް އޮޅުވާލަން ކަމަށާއި އެކަމަކު އެކަން، މިދިޔަ ހުކުރު ދުވަހުގެ ހަވީރު އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާގައި ޗެނަލް 13ގެ ނޫސްވެރިއަކަށް ކުރި ފުރައްސާރައާ ގުޅުވާލާފައިވާތީ ހިތާމަ ކުރާ ކަމަށެވެ.

ޕީއެސްއެމުން ވަނީ ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް އެ ސްޓޭޝަނަށާއި ޗެނަލް 13 އަށް، އިދިކޮޅު ފަރާތްތަކުން ޖެއްސުން ކުރަމުން އަންނަ ކަމަށް ވެސް ބުނެފަ އެވެ.

ދައުލަތުގެ މީޑިއާ ނަމަވެސް ޕީއެސްއެމުން އިދިކޮޅު އެއްވެސް ހަރަކާތެއް ކަވަރެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ޕީޕީއެމުން ބާއްވާ ހަރަކާތްތައް ވަގުތުން ވެސް ގެނެސްދެ އެވެ.