Roadha Mihaaru

ކޫއްޑުގެ 183 މުވައްޒަފަކަށް ކުއްލި ޕްރޮމޯޝަން ދީފި

ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތްކުރާ 183 މުވައްޒަފަކަށް ކުއްލި ޕްރޮމޯޝަނެއް މިދިޔަ ބުރާސްފަތި ދުވަހު ދީފި އެވެ.

ކޫއްޑޫގެ ގިނަ މުވައްޒަފުންތަކަކަށް ކުއްލި ޕްރޮމޯޝަން
އަބްދުﷲ ޖަމީލު
ގއ. ވިލިނގިލިން އަބްދުﷲ ޖަމީލު

22 ސެޕްޓެމްބަރ 2018

ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތްކުރާ 183 މުވައްޒަފަކަށް ކުއްލި ޕްރޮމޯޝަނެއް މިދިޔަ ބުރާސްފަތި ދުވަހު ދީފި އެވެ.

ކޫއްޑޫގެ އިސް މުވައްޒަފަކު މިއަދު ބުނީ ރިޔާސީ އިންތިހާބުގެ ވޯޓުލުން މާދަމާ އޮންނައިރު އެ ޕްރޮމޯޝަންތަކެއް ދިނުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނު ކަމަށެވެ. އަދި އެ ޕްރޮމޯޝަންގައި ބައެއް މީހުންގެ މުސާރައަށް 100ރ. ބޮޑުކޮށްދިން ކަމަށް ވެސް އެ މީހާ ބުންޏެވެ.

"މުސާރަ ބޮޑުކުރިކަން އަންގައި ޗިޓް ދިނުމުން ބަލާފައި ބައެއް މީހުން ވީދާލި. ގިނަ މީހުންނަށް 500ރ. ވެސް ބޮޑުކޮށެއް ނުދޭ،" އެ މުވައްޒަފު ބުންޏެވެ.

"އަޅުގަނޑުމެންނަށް އެނގޭ ކުއްލި ގޮތަކަށް މި ޕްރޮމޯޝަން ދިނީ ކީއްކުރަންކަން. އަޅުގަނޑުމެން އުއްމީދުކުރި ވަރުގެ ކުރިއެރުމެއް ނުލިބޭ."

ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ގިނައިން މަސައްކަތްކުރަނީ މި ރަށު މީހުންނާއި ކޮލަމާފުށި މީހުންނެވެ.

މި ޕްރޮމޯޝަންއާ ގުޅޭ ގޮތުން ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް ގުޅުމުން އެއްވެސް ކޮމެންޓެއް ނުދިނެވެ.