Roadha Mihaaru
ވެލެންސިއާ ބަލިކޮށް ޓީސީ ތިން ވަނައިގައި ހަމަޖެހިލައިފި

ވެލެންސިއާ ބަލިކޮށް ޓީސީ ތިން ވަނައިގައި ހަމަޖެހިލައިފި

08 އޯގަސްޓް 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު 2-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ތިން ވަނައިގައި ހަމަޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު 2-0 އިން ކްލަބް ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ ތިން ވަނައިގައި ހަމަޖެހިލައިފި އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ޓީސީ ވަނީ ތިން ވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފަ އެވެ. ޓީސީ ތިން ވަނައިގައި އޮތީ 11 މެޗުން ހޯދި 20 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި ވެލެންސިއާ އޮތީ 11 މެޗުން 15 ޕޮއިންޓް ހޯދައިގެންނެވެ. މިރޭ ބީޖީ އަތުން ޔުނައިޓެޑް ވިކްޓަރީ މޮޅުވެއްޖެނަމަ ވެލެންސިއާ ފަސް ވަނަ އަށް ވެއްޓޭނެ އެވެ.

މެޗު ފެށިގެން ފުރަތަމަ އެންމެ ރަނގަޅު ފުރުސަތެއް ތަނަވަސްކުރީ ޓީސީންނެވެ. މެޗުގެ ހަތް ވަނަ މިނިޓްގައި އަލީ ނާފިއު (ކަޅޭ) ނަގައިިދިން ހުރަސް ގޯލަށް ފޮނުވާލަން ޝަމްވީލް ގާސިމް (ބޮންޑާ) މަސައްކަތް ކުރި ނަމަވެސް އޭނާ އަށް އެ ބޯޅަ ލިބޭ ގޮތެއްނުވި އެވެ.

ވެލެންސިއާ އަށް ލީޑު ނަގަން އެންމެ ހުސް ފުރުސަތެއް ލިބުނީ އަހުމަދު ރިލްވާން އަށެވެ. މެޗުގެ 14 ވަނަ މިނިޓްގައި ހަންސްލޭ އަވިލޯ ނަގައިދިން ހުރަހަކުން ޓީސީ އޭރިއާ ތެރެއިން އަރައި ރިލްވާން ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ޓީސީ އަށް މެޗުގެ 26 ވަނަ މިނިޓްގައި ލީޑު ނަގައިދިނީ ބޮންޑާ އެވެ. ނާއިޒު ހަސަން (ދާދު) ދިން ބޯޅައެއް ހިފައިގެން އޭރިއާއަށް ވަދެ ކަޅޭ ހުސްކޮށްލާފައި ދިން ބޯޅަ ބޮންޑާ ވަނީ ހަމަޖެހިލައިފައި ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ޓީސީގެ ބޮންޑާ (ކ.2) ވެލެންސިއާގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޓީސީގެ ބޮންޑާ (ކ.2) ވެލެންސިއާގެ ގޯލަށް ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހާފް ނިމުމުގެ ކުރިން ދެ ވަނަ ލަނޑެއް ޖަހަން ޓީސީން ވަނީ ދެ ފުރުސަތެއް ތަނަވަސްކޮށްފަ އެވެ. މެޗުގެ 30 ވަނަ މިނިޓްގައި ޔާމީން އިބްރާހިމް (ޔާމްބެ) ނަގައިިދިން ކޯނަރަކުން ކަޅޭ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އޭގެ ނުވަ މިނިޓް ފަހުން ލިބުނު ހިލޭ ޖެހުމަކުން އަލީ ފާސިރު (ސެންޓޭ) ފޮނުވާލި ބާރު ބޯޅަ ވެލެންސިއާ ކީޕަރު މުހައްމަދު ފައިސަލް ވަނީ މަތަކޮށްފަ އެވެ.

ދެ ވަނަ ހާފް ފެށިތަނުން ލީޑު ފުޅާކުރަން ޓީސީގެ ސެންޓޭ އާއި ބޮންޑާ އަށް ރަނގަޅު ދެ ފުރުސަތެއް ލިބުނެވެ. ދެ ހަމަލާ ވެސް ދިޔައީ ހުރަސް ދަނޑިމަތިންނެވެ.

މި ހާފްގައި ވެލެންސިއާ އިން ވަނީ ކުރިއަށް ޖެހިގެން ޓީސީ އަށް ނުރައްކާ ކޮށްފަ އެވެ. އަވިލޯ އާއި ސްޕެއިނުގެ މިޑްފީލްޑަރު އެންޖެލް މުނޯޒް މި ހާފްގައި ރަނގަޅު ކުޅުމެއް ދެއްކި އެވެ. މި މެޗުގެ ނަތީޖާ ހަމަހަމަކުރަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ވެސް އެންޖެލް އަށެވެ.

މެޗުގެ 88 ވަނަ މިނިޓްގައި ޓީސީ އޭރިއާ ތެރެއިން މުނޯޒް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ. އެ ބޯޅަ ދަނޑީގައި ޖެހިފައި ނުކުތް ވަގުތު ދެ ވަނަ ފަހަރަށް ޖަހަން ލިބުމުން އެންޖެލް ފޮނުވާލި ބޯޅަ ޓީސީ ޑިފެންޑަރުން ވަނީ މަތަކޮށްފަ އެވެ.

ޓީސީގެ ދެ ވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބުކުރީ ޕެނަލްޓީ އަކުން ސެންޓޭ އެވެ. މި ޕެނަލްޓީ އަކީ ވެލެންސިއާ އޭރިއާ ތެރެއިން ސެންޓޭ އަށް ވެލެންސިއާގެ ކެޕްޓަން ޝާފިއު އަހުމަދު (ޝާފީ) ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ބީޖީ ނުކުންނާނީ ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.