Roadha Mihaaru
އެމްޑީޕީ މުޅި ޓީމަށް ވެސް ރައީސްއާ ބަހުސެއް ނުކުރެވޭނެ

އެމްޑީޕީގެ ކެމްޕެއިން ޓީމަށް ވެސް ރައީސް ޔާމީނާ ބަހުސެއް ނުކުރެވޭނެ: ނިހާން

16 ސެޕްޓެމްބަރ 2018

އެމްޑީޕީގެ ކެމްޕެއިން ޓީމުގެ ހުރިހާ މެމްބަރުންނާ ބަހުސްކުރައްވަން ޖެހިވަޑައިގަތަސް ކުރި ހޯއްދަވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އެމްޑީޕީގެ ކެމްޕެއިން ޓީމުގެ ހުރިހާ މެމްބަރުންނާ ބަހުސްކުރައްވަން ޖެހިވަޑައިގަތަސް ކުރި ހޯއްދަވާނީ ރައީސް އަބްދުﷲ ޔާމީން ކަމަށް ޕީޕީއެމުން މިއަދު ބުނެފި އެވެ.

ޕީޕީއެމުން އެގޮތަށް ބުނީ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ މެދުގައި ގައުމީ ޔުނިވާސިޓީ، އެމްއެންޔޫ އިން ބާއްވަން އޮތް ބަހުސްގައި އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ބައިވެރިވެވަޑައިނުގަންނަވާތީ އެކަމަށް ފާޑުކިޔަމުންނެވެ.

ޕީޕީއެމް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އެއްވެސް ދާއިރާއަކުން ރައީސް ޔާމީނާ ބަހުސްކުރަން އެމްޑީޕީން ޖެހިލުން ވާނެ ކަމަށެވެ. އަދި އެމްއެންޔޫގެ ބަހުސަށް އިބޫ ވަޑައިނުގަންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަންގަވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ އިޖުތިމާއީ ހާލަތު ވެސް، ރާއްޖޭގެ އިގްތިސާދީ ހާލަތު ވެސް އަދި ރާއްޖޭގެ އުމުރާނީ ތަރައްގީގެ ހާލަތު ވެސް ރާއްޖޭގެ އިސްލާމީ ވަހުދަތުގެ ހާލަތު ވެސް، ރާއްޖޭގެ ބޭރު ދުނިޔެ ކުރިމަތީ ހާލަތު ވެސް ބުނެދޭން، ބަހުސެއްކޮށްލަން ރައީސް ޔާމީނާ އެކު ވަޑައިގަންނަވަން ކެރިވަޑައެއް ނުގަންނަވާނެ،" ނިހާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ރައީސް ޔާމީން ހުންނެވި އިރު އެމަނިކުފާނު ވާހަކަފުޅު ދައްކަވާނެ އިރަކަށް އިބޫ އާއި އެމްޑީޕީ މެމްބަރުން އަބަދުވެސް އިންޒާރުކުރެއްވި އެވެ.

މިރޭ ހަމައެކަނި ރައީސް ޔާމީނާ އެކު އެމްއެންޔޫ އިން ބާއްވާ ބަހުސްގައި އިބޫ ބައިވެރިވެވަޑައިނުގަތީ، އެމްޑީޕީން ބުނާ ގޮތުގައި، މިނިވަން މުއައްސަސާތަކަށް ސަރުކާރުން ނުފޫޒު ފޯރުވާފައިވާ މިންވަރަށް ބަލާއިރު ބަހުސް ވެސް މިނިވަންކަމާ އެކު ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަމެއް ނެތުމުންނެވެ.

އިބޫގެ ތަރުޖަމާން މާރިޔާ އަހުމަދު ދީދީ މިރޭގެ ބަހުސް ސިފަކުރެއްވީ "ރައީސް އަމިއްލަ ނަފުސާ ކުރައްވާ ބަހުސެއް"ގެ ގޮތަށެވެ.