Roadha Mihaaru
ސުނާމީގެ ލޯނުތައް އޮތީ މާފުކޮށްދީފައި: ޝައިނީ

ސުނާމީގެ ލޯނުތައް މި ސަރުކާރުން އޮތީ މާފުކޮށްދީފައި: ޝައިނީ

13 ސެޕްޓެމްބަރ 2018

ސުނާމީ ކާރިސާއާ ގުޅިގެން ރައްޔިތުންނަށް އެހީވުމަށް ސަރުކާރުން ދޫކުރި ލޯނުތައް މާފުކޮށް ދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވިއިރު، އެ ލޯނުތައް މި ސަރުކާރުން މާފުކޮށް ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުނާމީ ކާރިސާއާ ގުޅިގެން ރައްޔިތުންނަށް އެހީވުމަށް ސަރުކާރުން ދޫކުރި ލޯނުތައް މާފުކޮށް ދެއްވާނެ ކަމަށް އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވިއިރު، އެ ލޯނުތައް މި ސަރުކާރުން މާފުކޮށް ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިރޭ ވިދާޅުވެއްޖެ އެވެ.

މިމަހު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް އއ. މަތިވެރިއަށް ވަޑައިގެން އެރަށުގައި ވާހަކަ ދައްކަވަމުން އިބޫ މިއަދު ވިދާޅުވެފައިވަނީ ސުނާމީއާ ގުޅިގެން ލިބުނު ގެއްލުންތައް ފޫބައްދަން ސަރުކާރުން ރައްޔިތުންނަށް ދޫކުރި ލޯނުތައް އިދިކޮޅު ކޯލިޝަންގެ ވެރިކަމެއްގައި މާފުކޮށް ދެއްވާނެ ކަމަށެވެ.

އެ ވައުދާ ގުޅިގެން ޕީޕީއެމުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝައިނީ ވިދާޅުވީ ސުނާމީއާ ގުޅިގެން 452 މީހަކަށް ސަރުކާރުން އޭރު ދޫކޮށްފައިވާ ލޯނުތައް މާފުކުރަން ކެބިނެޓާ އެކު މަޝްވަރާ ކުރުމަށް ފަހު މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ސަރުކާރުން ނިންމާފައިވާ ކަމަށެވެ. އެ ލޯނުތަކުން ދައުލަތަށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބެން އޮތް ކަމަށާއި އެކަމަކު އެ ލޯނުތައް މާފުކޮށްދޭން ސަރުކާރުން ނިންމީ ރައްޔިތުންގެ އެދުމަކަށް ކަމަށް ޝައިނީ ވިދާޅުވި އެވެ.

"މިހާ ދުވަހު އެއްވެސް ސަރުކާރަކުން ނަގަން މަސައްކަތް ކޮށްފައި ނެތީމަ މީތި މާފުކޮށް ދެއްވަނީ. ހަމަގައިމު ވެސް ސުނާމީއާ ގުޅިގެން ދެން ދޫކުރި ލޯނެއް ނޯންނާނެ މާފު ކުރާކަށް. އެކަން ރައީސް ޔާމީން އެ އޮތީ ކޮށް ދެއްވާފައި،" ޝައިނީ ވިދާޅުވި އެވެ.

އިބޫއަށް ފާޑު ވިދާޅުވަމުން ޝައިނީ ވިދާޅުވީ ކެމްޕެއިންގައި އިބޫ ވެ ވަޑައިގަންނަމުންދާ ގިނަ ވައުދުތަކަކީ މި ސަރުކާރުން ކޮށްދީފައިވާ ނުވަތަ ކޮށްދޭން ވައުދު ވެފައިވާ ކަންކަން ކަމަށާއި އެކަމުން ވެސް އެނގެނީ އިދިކޮޅު ކޯލިޝަނަކީ އެއްވެސް ޕްލޭނެއް ނެތި ކުރިއަށް ދާ ބައެއް ކަން ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދި ރައްޔިތުންގެ ކުރިމަތީގައި ވައުދުވާން ޖެހޭނީ ކަންކަމުގެ ހަގީގަތް ބެލުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަމަ ބޭފުޅަކު އެއްޗެއް ވިދާޅުވާ އިރަށް އެ އެއްޗެއް ވިދާޅުނުވާށޭ. ތިއީ މިހާރު ޕްރެޒިޑެންޝަލް ކެންޑިޑޭޓެކޭ. ދައްކާ ވާހަކައިގެ ދެކޮޅު ބައްލަވާފައި ވައުދު ވެވަޑައިގަންނަވާށޭ." ޝައިނީ ވިދާޅުވި އެވެ،

ޝައިނީ ވިދާޅުވި ގޮތުގައި އިދިކޮޅު ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ މެނިފެސްޓޯގައި ހުރި ކަންކަން ވެސް ދިމަލެއް ނުވެ އެވެ. އަދި އެކަމާ މެދު ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށާއި މިހާތަނަށް ވެސް ރައްޔިތުން ބޭނުންވާ ކަންކަން ހާސިލްކޮށް ދެއްވީ ރައީސް އަބްދުﷲ ޔާމީން ކަމަށް ޝައިނީ ވިދާޅުވި އެވެ. އަދި މި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑު ކިޔައި، އިދިކޮޅުން ދައްކަމުންދާ ވާހަކަތައް ހަމަނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއްވެސް ކަހަލަ ޕްލޭނެއް ނެތި ކުރިއަށް މިދަނީ. ދަރަނި ބޮޑު ވާހަކަ ނުވަތަ ދަރަނި ނުދެއްކޭނެ ވާހަކަ ދައްކާއިރު ދަރަންޏާ ހަވާލުވާން އަންނަން އެ އުޅެނީ." އިދިކޮޅު ކޯލިޝަނަށް ފާޑު ވިދާޅުވަމުން ޝައިނީ ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވީ އެމްޑީޕީގެ ތިން އަހަރުގެ ވެރިކަން ނިމުނުއިރު ވެސް ސުނާމީގައި ހާލުގައި ޖެހުނު ބަޔަކު ތިބިކަން އެމްޑީޕީގެ ސަރުކާރަށް ނޭނގުނު ކަމަށާއި އެ މީހުންނަށް ދާއިމީ ހިޔާވަހިކަން ދިނީ މި ސަރުކާރުން ކަމަށް ނިހާން ވިދާޅުވި އެވެ. އަދި އިބޫ ވަމުންދާ ވައުދުތަކަށް ފާޑު ވިދާޅުވެ، ނިހާން ވިދާޅުވީ އެކަންކަމާ މެދު މިހާރު ރައްޔިތުން ވިސްނަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިބްރާހިމް މުހައްމަދު ސޯލިހް ވެވަޑައިގަންނަވާނެ ވައުދެއް ނެތް ކަމަށް ވަންޏާ ތި މަސައްކަތް ހުއްޓަވާލައްވާފައި، ތިމަންނައަށް މިކަން ނުވިއޭ ވިދާޅުވެ ގެއަށް ވަޑައިގަތީމަ ރަނގަޅު ވާނެ." ނިހާން ވިދާޅުވި އެވެ.