Roadha Mihaaru
ނުހައްގު މުއްސަނދިކަން ކުށަކަށް ނުހަދަނީ ކީއްވެ؟

ނުހައްގު މުއްސަނދިކަން ކުށަކަށް ނުހަދަނީ ކީއްވެ؟

06 ސެޕްޓެމްބަރ 2018

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަ ބޮޑުވެފައި އޮތް މިންވަރު އެއްވެސް މީހަކަށް އޮޅިފައެއް ނޯންނާނެ އެވެ. ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާއިރު، ވޭތުވެދިޔަ މާޒީން ފެންނަ އެހެން މަންޒަރެއް ވެސް އޮވެ އެވެ. އެއީ ދައުލަތުގެ ވަޒީފާތަކާއި މަގާމުތަކުގައި ތިބޭ ބައެއް މީހުންނަށް އަންނަ ކުއްލި މުއްސަނދިކަމެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ރާއްޖޭގައި ކޮރަޕްޝަންގެ މައްސަލަ ބޮޑުވެފައި އޮތް މިންވަރު އެއްވެސް މީހަކަށް އޮޅިފައެއް ނޯންނާނެ އެވެ. ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާއިރު، ވޭތުވެދިޔަ މާޒީން ފެންނަ އެހެން މަންޒަރެއް ވެސް އޮވެ އެވެ. އެއީ ދައުލަތުގެ ވަޒީފާތަކާއި މަގާމުތަކުގައި ތިބޭ ބައެއް މީހުންނަށް އަންނަ ކުއްލި މުއްސަނދިކަމެވެ.

މަދު ފަހަރެއްގައި ސިޔާސީ ޕޯޑިއަމްތަކާއި ސޯޝަލް މީޑިއާ އިން އެފަދަ ކަންކަމަށް ސަމާލުކަން ލިބުން ފިޔަވައި، އިތުރަށް ކުރެވޭ އަދި ކުރެވޭނެ އެއްވެސް ކަމެއް ވެސް ނެތެވެ. އެފަދަ މީހުން ގާނޫނީ ނިޒާމުގެ ތެރެއިން ޖަވާބުދާރީ ކުރެވޭނެ މާ ބޮޑު ގޮތެއް ނުފެނެ އެވެ. ޒަމާނާ ގުޅޭ ކިތަންމެ މޮޅެތި ގާނޫނުތަކެއް ރާއްޖެއަށް ތައާރަފް ވެފައި އޮތަސް، ކޮރަޕްޝަން ހުއްޓުވުމަށް ނުވަތަ މަދުކުރަން ބޭނުންވާ އެންމެ މުހިންމު ގާނޫނީ ނިޒާމަށް އަދިވެސް ރާއްޖެ މަރުހަބާއެއް ނުކިޔަ އެވެ. އެއީ ނުހައްގު މުއްސަނދިކަން ކުށެއްގެ ގޮތުގައި ހެދުމެވެ.

ނުހައްގު މުއްސަނދި ކަން (އިލިސިޓް އެންރިޗްމަންޓް) އަކީ ދައުލަތުގެ މުވައްޒަފެއް ނުވަތަ މަގާމެއްގައި ހުންނަ މީހަކަށް ލިބޭ އާމްދަނީއާ ނުބައްދަލު ބޮޑު މުއްސަނދިކަމެއް ނުވަތަ މުދާވެރިކަމެއް އެ މީހަކަށް ލިބުމެވެ. ނުހައްގު މުއްސަނދިކަން ކުށެއްގެ ގޮތުގައި ކަނޑައެޅުމަކީ އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ނުވަތަ މުދާވެރިކަމެއް ލިބިފައިވާ ދައުލަތުގެ މުވައްޒަފުން ޖަވާބުދާރީ ކުރުވުމަށް އޮންނަ ނިޒާމެކެވެ.

ކޮރަޕްޝަންގެ ކުށްތަކަކީ މިހާރު ހުރި ގާނޫނުތަކުގެ ދަށުން ވެސް ޖިނާއީ ކުށްތަކެވެ. އެހެންވީއިރު، ނުހައްގު މުއްސަނދި ކަން ކޮންމެހެން ކުށަކަށް ހަދަން ޖެހޭތޯ މިއީ ފަހަރެއްގައި އުފައްދަފާނެ ސުވާލެކެވެ. އޭގެ ޖަވާބު ވޭތުވެދިޔަ ތަނުގެ ތަޖުރިބާ އިން އެ އޮތީ ސާފުކޮށް ފެންނާށެވެ. ކޮރަޕްޝަންގެ ކުށްތައް ކިތަންމެ ތަފްސީލުކޮށް ގާނޫނުތަކުގައި ލިޔެފައި އޮތަސް، ރާއްޖޭގައި ވޭތުވެދިޔަ ތަނުގައި ކޮރަޕްޝަން ފުޅާވެފައިވާ މިންވަރަށް ބަލާއިރު އަދަބު ލިބިފައިވަނީ ނިސްބަތުން މަދު ފަހަރަކު އަދި މަދު މީހަކަށެވެ. އަދި ކޮރަޕްޝަންގެ ސަބަބުން ގެއްލުނު ފައިސާގެ ތެރެއިން އަނބުރާ ހޯދުނީ ވެސް ވަރަށް މަދު އަދަދެކެވެ.

އޭގެ އެންމެ ބޮޑު ސަބަބަކީ ހެކި ހޯދުމުގައި ހުރި ދަތިތަކެވެ. އަނެއް ސަބަބަކީ ޖަވާބުދާރީ ނުވެވޭ ގޮތަށް މުއްސަނދިކަން ހޯދުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ނެތުމެވެ. އެހެންވުމުން ކޮރަޕްޝަންގެ ކިތަންމެ ބޮޑު ތުހުމަތެއް ކުރެވުނަސް، އަދި އާމްދަނީއާ ނުބައްދަލު ކިތަންމެ ބޮޑު މުއްސަނދިކަމެއް ލިބިފައި އޮތަސް އެކަމަށް ޖަވާބުދާރީ ކުރެވޭނެ ގޮތެއް ނެތި، ތުހުމަތުކުރެވޭ މީހާ ކޮރަޕްޝަންގެ އަމަލެއް ހިންގިކަން ސާބިތު ކޮށްދިނުމުގެ ބުރަ އުފުލަން ޖެހެނީ ދައުލަތަށެވެ. އެކަމަކު ކުރިން ވެސް ފާހަގަކުރިހެން، ހެކި ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އެކަން ކޯޓެއްގައި ސާބިތުކޮށް ދިނުމަކީ ކުރަން ފަސޭހަ ކަމަކަށް ނުވެ އެވެ.

އެކަމަކު ނުހައްގު މުއްސަނދިކަން ކުށެއް ކަމަށް ހަދައިފި ނަމަ، ދައުލަތުން މިހާރު އުފުލަން ޖެހޭ ބޮޑު ޒިންމާ ބަދަލުވެގެން ދާނީ އޭގެ އިދިކޮޅަށެވެ. އޭރުން ދައުލަތުގެ މުވައްޒަފަކަށް އާމްދަނީއާ ނުބައްދަލު މުއްސަނދިކަމެއް ލިބިއްޖެ ނަމަ، އެ މުއްސަނދި ކަމަކީ ރަނގަޅު ގޮތުގައި ލިބުނު މުދަލާއި ފައިސާ ކަން ސާބިތުކޮށް ދޭން ޖެހޭނީ އޭނާ އަމިއްލައަށެވެ. އެކަން އެ މީހަކަށް ސާބިތުކޮށް ނުދެވިއްޖެ ނަމަ، އެ މީހަކު ކުށްވެރިވެ، ޖަވާބުދާރީ ނުވެވޭ މުދަލާއި ފައިސާ ދައުލަތަށް ނަގާނެ އެވެ. ނުހައްގު މުއްސަނދިކަން ކުށެއް ކަމަށް ހެދުން މުހިންމު ވަނީ މި ސަބަބާ ހެދި އެވެ.

ނުހައްގު މުއްސަނދިކަން ކުށެއް ގޮތުގައި ކަނޑައެޅުމަކީ ކޮރަޕްޝަން ހުއްޓުވުމުގެ އިތުރުން ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ގެއްލިގެންދާ ފައިސާ އަނބުރާ ހޯދަން، ތަރައްގީ ގައުމުތަކުގައި މިހާރު ވެސް ބޭނުންކުރާ ނިޒާމެކެވެ. އަދި މިއީ ރާއްޖެ ބައިވެރިވެފައިވާ، ކޮރަޕްޝަން ހުއްޓުވުމާ ބެހޭ އދ. ގެ މުއާހަދާގައި ވެސް މެމްބަރު ގައުމުތަކަށް ބާރުއަޅާ ކަމެކެވެ. މި ނިޒާމު ބޭނުން ކުރުމުގައި ބައެއް ގައުމުތަކުގައި ކުދި ތަފާތުތަކެއް ހުއްޓަސް، މިއީ ކޮރަޕްޝަނާ ދެކޮޅަށް ބޭނުންކުރާ އެންމެ ވަރުގަދަ ހަތިޔާރޭ ބުނުމަކީ ދޮގަކަށް ނުވާނެ އެވެ.

މަޖިލީހުގެ ޖަލްސާއެއް --- ފޮޓޯ/މަޖިލިސް

މަޖިލީހުގެ ޖަލްސާއެއް --- ފޮޓޯ/މަޖިލިސް

ނުހައްގު މުއްސަނދިކަން ރާއްޖޭގައި ކުށެއްގެ ގޮތުގައި ހެދުމުގެ ވާހަކަ އައިސްގެން މި އުޅެނީ އިހަކަށް ދުވަހަކު ނޫނެވެ. އެކި ފެންވަރުގައި އެ މަސައްކަތް ކުރާތާ މިހާރު އަހަރުތަކެއް ވެއްޖެ އެވެ. އެކަމަކު މިއަދާ ހަމައަށް ވެސް އެކަން ކާމިޔާބެއް ނުވެ އެވެ.

ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން އެންމެ ފުރަތަމަ ކުރި މަސައްކަތެއްގެ ގޮތުން ބިލެއް ހުށަހެޅުއްވީ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު، ކުރީގެ ރައްޔިތުންގެ މަޖިލިހަށެވެ. އެކަން މަޖިލީހަށް ހުށަހެޅުއްވި އެވެ. ކޮރަޕްޝަން ހުއްޓުވުމާ ބެހޭ އާ ގާނޫނެއް ހަދަން 2012 ގައި ނަޝީދު އެކުލަވާލެއްވި އެ ބިލުގައި ނުހައްގު މުއްސަނދި ކަން ހިމަނާފައި އޮތަސް، އެ ބިލް ފާސް ނުވެ އޮއްވާ އެ މަޖިލީހުގެ ދައުރު ހަމަވެ، އެ ބިލް "މަރުވީ" އެވެ.

ދެވަނަ ފަހަރަށް އެ މަސައްކަތް ފެށީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިންނެވެ. އާ ގާނޫނުލް އުގޫބާތު ފާސް ކުރުމުގެ މަސައްކަތް މަޖިލީހުގައި ކުރިއަށް ދިޔައިރު، ނުހައްގު މުއްސަނދި ކަން ކުށެއްގެ ގޮތުގައި ގާނޫނުލް އުގޫބާތުގައި ހިމަނަން 2014 ގައި އޭސީސީން އެޓާނީ ޖެނެރަލްގެ އޮފީހަށް އިސްލާހު ފޮނުވި އެވެ. އެކަމަކު ގާނޫނުލް އުގޫބާތަށް 2015 ގައި އަމަލު ކުރަން ފެށިއިރު ވެސް އެ އިސްލާހު މަޖިލީހާ ހަމައަކަށް ނުދެ އެވެ. ދެ ފަހަރެއްގެ މަތިން އެކި އިސްލާހުތައް ގާނޫނުލް އުގޫބާތަށް ގެނައިއިރު ވެސް، ނުހައްގު މުއްސަނދި ކަން އެ ގާނޫނަކު ނުހިމަނަ އެވެ.

ދާދި ފަހުން ކޮރަޕްޝަންގެ ކުށްތައް ގާނޫނުލް އުގޫބާތުގައި މިހާރު ބަޔާން ކޮށްފައިވާ މިންވަރަށް ވުރެ ފުޅާކޮށް، އެކަންކަން އެ ގާނޫނުގައި ބަޔާން ކުރުމަށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ބޮޑު އިސްލާހުތަކެއް ހުށަހެޅި އެވެ. އެ އިސްލާހު ހުށަހެޅުމާ އެކު، މަޖިލީހުގައި ސަރުކާރަށް ނިސްބަތްވާ ބައެއް މެމްބަރުން އެ އިސްލާހު އޭރު ސިފަކުރެއްވީ ކޮރަޕްޝަނާ ދެކޮޅު ވަރަށް ވަރުގަދަ އިސްލާހެއްގެ ގޮތުގަ އެވެ.

"އެއްވެސް މީހަކު ރައްޔިތުންގެ ލާރި ފޮއްޗެއްގައި ޖެހުނަސް، އެ މީހަކު ރަނގަޅު ފެންވަރަކަށް ގާނޫނީ އިމުގެ ތެރެއިން ބަނދެވި، ހިފަހައްޓާލެވޭނެ މިންވަރަށް ގާނޫނުލް އުގޫބާތަށް އިސްލާހު ގެންނަނީ،" އެ އިސްލާހާ ގުޅޭ ގޮތުން ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާން އޭރު ވިދާޅުވެފައިވެ އެވެ.

އެ އިސްލާހުގައި ކޮރަޕްޝަންގެ ގޮތުގައި ބެލެވޭ ވަރަށް ގިނަ ކަންކަން ފުޅާ ދާއިރާއެއްގައި ކުށެއްގެ ގޮތުގައި ހިމެނުމަށާއި ވަކި މަގާމުތަކެއް އަދާކުރާ މީހުން ކޮރަޕްޝަންގެ އަމަލެއް ހިންގައިފި ނަމަ އަދަބު ބޮޑުވާ ގޮތަށް ހަމަޖެއްސުން ފަދަ މުހިންމު ކަންކަން ހިމަނާފައި އޮތެވެ. އެކަމަކު ކުރިއެކޭ ވެސް އެގޮތަށް މިފަހަރު ވެސް، ނުހައްގު މުއްސަނދި ކަމުގެ ވާހަކަ އެއްވެސް މިންވަރަށް އެ ބިލުގައި ހިމަނާފައެއް ނެތެވެ.

އުފެދޭ ސުވާލަކީ މުޅި ގައުމުގައި އޮތް ކޮރަޕްޝަންގެ ބޮޑު ވަބާ ހުއްޓުވުމަށް މިހާ މުހިންމު ބަދަލެއް ގެނައުމަށް މިއަދާ ހަމައަށް ވެސް މަޖިލީހާއި މުއައްސަސާތަކުން ފަހަތު ފަޔަށް ބަރުވާން ޖެހެނީ ކީއްވެގެން ހެއްޔެވެ؟. މަޖިލީހުގައި ހިމެނޭ އަޑުގަދަ އަދި ބޮޑެތި ޕާޓީތަކުން ވެސް މިކަމަށް މަސައްކަތް ކުރާ ތަން ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟. މިކަން މަދަނީ ބައެއް ޖަމިއްޔާތަކުން ވެސް ފާހަގަކުރެ އެވެ.

"ނުހައްގު މުއްސަނދިކަން ބެލޭނެ ގާނޫނުތައް ގެނައުމުގައި ސިޔާސީ ގޮތުން އެހާ ބޮޑު މުހިންމު ކަމެއް ދެވިގެން މަސައްކަތް ނުކުރެވުނީ ފަހަރުގައި މިއީ ސީދާ ސިޔާސީ ފަރާތްތަކުގެ މަސްލަހަތާ ގުޅުން ހުރި ކަމަކަށް ވެފައި، މިފަދަ ގާނޫނީ އޮނިގަނޑެއްގެ ސަބަބުން ސިޔާސީ ފަރާތްތަކަށް މިހާރު ލިބިފައިވާ މިނިވަންކަމުން އެ ފަރާތްތައް މަހްރޫމް ވެގެން ހިނގައިދާނެތީ ކަމުގައި ވެސް ވެދާނެ އެވެ،" ނުހައްގު މުއްސަނދި ކަމާ ބެހޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން 2015 ގައި ނެރުނު ދިރާސާއެއްގައިވެ އެވެ.

ނުހައްގު މުއްސަނދިކަން ކުށެއްގެ ގޮތުގައި ކަނޑައެޅުމާއި ނޭޅުމުގެ ބާރު އޮތް ހަމައެކަނި ބަޔަކީ މަޖިލީހުގެ މެމްބަރުންނެވެ. މިހާރު ކޮމެޓީ މަރުހަލާގައި އޮތް ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގައި އެކަން ހިމަނައި، ފާސްކުރެވޭނީ ވެސް އެ މީހުންނަށެވެ. ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް ލިބެމުންދާ ގެއްލުންތަކުން ސަލާމަތް ކުރުމަށް އޮތް އެންމެ ކުރު މަގަކީ ވެސް އެއީ އެވެ. ސުވާލަކީ އެ އިސްލާހު އެގޮތަށް ގެންނަން މެމްބަރުން ތިބީ ތައްޔާރަށް ހެއްޔެވެ؟