Roadha Mihaaru
މެޗުން ބަލިވުމުން މޮރީނިއޯގެ ފާޑުކިޔުން މީޑިއާ އަށް

މެޗުން ބަލިވުމުން މޮރީނިއޯގެ ފާޑުކިޔުން މީޑިއާ އަށް

28 އޯގަސްޓް 2018

މެންޗެސްޓާ (އޮގަސްޓް 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ މީޑިއާ އަށް ފާޑުކިޔައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (އޮގަސްޓް 28) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާސް އަތުން 3-0 އިން މެންޗެސްޓާ ޔުނައިޓެޑް ބަލިވި މެޗަށް ފަހު އެ ޓީމުގެ ކޯޗު ހޯސޭ މޮރީނިއޯ މީޑިއާ އަށް ފާޑުކިޔައިފި އެވެ.

މިދިޔަ ހަފްތާގައި ރަށުން ބޭރުގައި ބްރައިޓަން އަތުން ބަލިވި މެޗަށް ފަހު މޮރީނިއޯ އަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި އެވެ. އަދި ރޭ ޓޮޓެންހަމް މެޗުގެ ކުރިން އެ ފާޑުކިޔުންތައް އިތުރުވީ އެ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ކަންތައްތައް ކުރި ގޮތުންނެވެ. ނޫސްވެރިންގެ ބައްދަލުވުން ފަށަން އޮތް ވަގުތަށް ވުރެ ބައިގަޑިއިރު އަަވަހަށް ފެށިއިރު، އެ ބައްދަލުވުން ކުރިއަށްދިޔައީ ހަތަރު މިނިޓާއި 19 ސިކުންތު ވަންދެނެވެ. މިއީ އިނގިރޭސި ޕްރިމިއާ ލީގުގައި މިހާތަނަށް މޮރީނިއޯ ބައިވެރިވި އެންމެ ކުރު ނޫސްވެރިންގެ ބައްދަލުވުމެވެ.

ރޭގެ މެޗަށް ޔުނައިޓެޑުން ނުކުތީ ގިނަ ބަަދަލުތަކާ އެކު އެވެ. އަދި ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ރަނގަޅު ހަމަލާތަކެއް ވެސް ފޮނުވާލައިފަ އެވެ. އެ ގޮތުން ޓޮޓެންހަމްގެ ގޯލްކީޕަރު ހޫގޯ ލޮރީސް ކައިރިން ނައްޓާފައި ހުސްކޮށް އޮތް ގޯލަށް ޔުނައިޓެޑްގެ ރޮމެލޫ ލުކާކޫ ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިިރިން ބޭރުންނެވެ. އޭގެ ފަހުން ޕައުލް ޕޮގްބާ ފޮނުވާލި ބޯޅައެއް ކީޕަރު ލޮރީސް މަތަކުރިއިރު، ފަހުން ބްރެޒިލްގެ މިޑްފީލްޑަރު ފްރެޑް ޖެހި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރުންނެވެ.

ޓޮޓެންހަމުން ލަނޑުތައް ޖެހީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 50 ވަނަ މިނިޓްގައި ކޯނަރަކުން ހެރީ ކޭން ޖެހީ ބޮލުންނެވެ. އޭގެ ދެ މިނިޓް ފަހުން ކްރިސްޓިއަން އެރިކްސަން ދިން ބޯޅައަކުން ޓޮޓެންހަމްގެ ލީޑުފުޅާކޮށްދިނީ މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ލޫކަސް މޯރާ އެވެ. މެޗު ނިމެން ހަ މިނިޓަށް ވެފައި ވަނިކޮށް ޓޮޓެންހަމްގެ ފަހު ލަނޑު ޖެހީ ވެސް ކުރިން ޔުނައިޓެޑުން ގެންނަން މަސައްކަތްކުރި މޯރާ އެވެ.

މެޗަށް ފަހު ޔުނައިޓެޑްގެ ކޯޗު މޮރީނިއޯ ވަނީ ދަނޑުގައި ތިބި ސަޕޯޓަރުން ދިން ހިތްވަރަށް ޝުކުރުއަދާކޮށްފަ އެވެ. އަދި ނޫސްވެރިންގެ ބައްދަލުވުމުގައި މޮރީނިއޯ ބުނީ ޔުނައިޓެޑް އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ.

ޓޮޓެންހަމްގެ ލޫކަސް މޯރާ (ކ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑުގެ ހެރޭރާ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ޓޮޓެންހަމްގެ ލޫކަސް މޯރާ (ކ) އަތުން ބޯޅަ ހޯދަން ޔުނައިޓެޑުގެ ހެރޭރާ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

"އަހަރެމެންގެ ސަޕޯޓަރުން ނޫސްތަކުގައި ލިޔާ އެއްޗެހި ނުކިޔާނެ. އަދި ޓީވީން ދައްކާ އެ ފަދަ ވާހަަކަތަކެއް ވެސް ނުބަލާނެ. އެ އަށް ވުރެ ވިސްނުންތޫނު ބައެއް އަހަރެމެންގެ ސަޕޯޓަރުންނަކީ. އެ މީހުން ދިން ސަޕޯޓަކީ ވަރަށް އާދަޔާހިލާފު ސަޕޯޓެއް. އެއީ އެހާ ފަސޭހަ ކަމެއް ނޫން. އޭގެން ވެސް އެނގޭ އަހަރެމެން މި އޮތީ ބަދަހިކޮށްކަން،" މޮރީނިއޯ ބުންޏެވެ.

ސަޕޯޓަރުންނަށް ޝުކުރު އަދާކުރުމަށް ފަހު މޮރީނިއޯ ދެން ފާޑުކީ ނޫސްވެރިންނަށެވެ.

"އަހަރެން މޮޅުވާ ދުވަސް ދުވަހު އަހަރެން ވަރަށް ގިނައިން މި ތަނަށް އަންނަން. އަހަންނަށް ފެނޭ ތި މީހުން އުފަލުންނެއް ނޫން ތިބެނީ. އެއީ އަހަރެމެން މޮޅުވާއިރު އެންމެނަށް މުހިއްމުވަނީ ޓީމު ކުޅޭގޮތް. އެކަމަކު ބަލިވާ މެޗެއްގައި ރަނގަޅަށް ކުޅެފިނަމަ އެކަން ފާހަގައެއް ނުކުރޭ. މި މެޗުގައި ޓޮޓެންހަމް 3-0 އިން މޮޅުވީ. އެކަމަކު އަހަރެމެންގެ ޓީމުން ދެއްކި ކުޅުން އެ އަށް ވުރެ އަހަންނަށް މާ ރަނގަޅޭ ބުނެވޭނީ މި ހާލަތުގައި،" މޮރީނިއޯ ބުންޏެވެ.

"އަހަރެން އެކަނި ވެސް ދެން މި ލީގުގައި ތިބި 19 ކޯޗުންނަށް ވުރެން ގިނައިން މި ލީގު ހޯދައިފިން. އެ މީހުން ދޭއް. އަހަރެންގެ ތިނެއް. އެހެންވީމަ އަހަންނަށް އިހުތިރާމް ކުރަން ޖެހޭ،" މިހެން ބުނުމަށް ފަހު މޮރީނިއޯ ނޫސްވެރިންގެ ބައްދަލުވުން ދޫކޮށްދިޔައީ އެވެ.

ޔުނައިޓެޑްގެ ފަރާތުން ފެންނަ ކުޅުން ދަށްވުމުގެ ސަބަބުން އެ ޓީމުގެ ކުރީގެ ކުޅުންތެރިންނާއި ފުޓްބޯޅަ ތަޖުރިބާކާރުންގެ ފާޑުކިޔުން އެ ޓީމަށް އަމާޒުވެފައިވާއިރު، މޮރީނިއޯގެ މުސްތަގުބަލާ މެދު ވެސް ވަނީ ސުވާލު އުފެދިފަ އެވެ. އަދި މޮރީނިއޯ އަށް ޔުނައިޓެޑްގެ ކޯޗުކަން ގެއްލިއްޖެނަމަ އެ ޓީމާ ހަވާލުވާނެ ދެ ކޯޗެއްގެ ލިސްޓެއް ވެސް މީޑީއާގައި ވަނީ އާންމުވެފަ އެވެ. އެއީ ޗެލްސީގެ ކުރީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަދި ރެއާލް މެޑްރިޑްގެ ކުރީގެ ކޯޗު ޒިނެދިން ޒިދާން އެވެ.