Roadha Mihaaru
ވެލެންސިއާ އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފި

އެކަކު މަދުކޮށް ކުޅެ، ވެލެންސިއާ އިން ޔުނައިޓެޑް ވިކްޓަރީ ބަލިކޮށްފި

04 އޯގަސްޓް 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު އެކަކު މަދުކޮށް ކުޅެ، ޔުނައިޓެޑް ވިކްޓަރީ އަތުން 2-0 އިން ކްލަބް ވެލެންސިއާ މޮޅުވެއްޖެ އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު އެކަކު މަދުކޮށް ކުޅެ، ޔުނައިޓެޑް ވިކްޓަރީ އަތުން 2-0 އިން ކްލަބް ވެލެންސިއާ މޮޅުވެއްޖެ އެވެ.

މި މެޗުން ލިބުނު ތިން ޕޮއިންޓާ އެކު ވެލެންސިއާ ލީގުގެ ތިން ވަނަ އަށް ޖެހިލީ 10 މެޗުން ހޯދި 15 ޕޮއިންޓާ އެކު އެވެ. މިރޭ ޓީސީ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓް ކުޅޭ މެޗުން ކޮންމެ ޓީމެއް މޮޅުވި ނަމަވެސް ވެލެންސިއާ ހަތަރު ވަނަ އަށް ވެއްޓޭނެ އެވެ. ލީގުގެ ހަތަރު ވަނައިގައި މިވަގުތު ޓީސީ އޮތީ ނުވަ މެޗުން 14 ޕޮއިންޓާ އެކު އެވެ. އަދި ނިއު ފަސް ވަނައިގައި އޮތީ ނުވަ މެޗުން 13 ޕޮއިންޓް ހޯދައިގެންނެވެ.

މިއަދުގެ ބައްޔާ އެކު ޔުނައިޓެޑް ވިކްޓަރީ ވަނީ ލީގުގެ ހަ ވަނަ އަށް ވެއްޓިފަ އެވެ. އެ ޓީމަށް ވަނީ 10 މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.

ރަސްމީ ބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ފެށިގެން 20 ސިކުންތު ތެރޭގައި ވެލެންސިއާ އިން ލީޑު ނެގި އެވެ. އެ ޓީމުގެ ލަނޑު ޖަހައިދިނީ އަހުމަދު ރިލްވާން އެވެ. މިއީ މި އަހަރުގެ ލީގުގައި ފެނިގެންދިޔަ އެންމެ އަވަސް ލަނޑެވެ.

ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރެއިން އެ ޓީމުގެ ކީޕަރު މުހައްމަދު އަލް ޔޫސުފް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ހަސަން އަދުހަމް ފޮނުވާލި ބޯޅަ ހުރަސް ދަނޑީގައި ޖެހިފައި ލިބުނީ ރިލްވާން އަށެވެ. ރިލްވާން ވަނީ އެ ބޯޅަ ގޯލުގެ ހުރަސް ދާގަނޑަށް އަމާޒުކޮށްލައިފަ އެވެ.

ފުރަތަމަ ހާފްގައި ޔުނައިޓެޑް ވިކްޓަރީގެ ކެޕްޓަން ހުސެއިން ޝިމާޒް (ކޮކީ) އާއި އިބްރާހިމް ޝަފްރާޒް (ޝަފްލޭ) ފޮނުވާލި ދެ ބޯޅަ ވެލެންސިއާ ކީޕަރު ފައިސަލް ވަނީ ފަސޭހަކަމާ އެކު މަތަކޮށްފަ އެވެ.

މި ހާފްގައި ލީޑުފުޅާކުރަން ވެލެންސިއާގެ ސްޕެއިން މިޑްފީލްޑަރު އެންޖެލް ކަރަސްކޯ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އަކުރަމް އަބްދުލް ގަނީ އަރިމަތިން ނަގައިދިން ހުރަހަކުން ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރެއިން އެންޖެލް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

ޔުނައިޓެޑް ވިކްޓަރީގެ ކޯނަރެއް ޑިފެންސް ކުރުމަށް ވެލެންސިއާ ކުޅުންތެރިން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ޔުނައިޓެޑް ވިކްޓަރީގެ ކޯނަރެއް ޑިފެންސް ކުރުމަށް ވެލެންސިއާ ކުޅުންތެރިން މަސައްކަތްކުރަނީ.-- ފޮޓޯ: ނިޝާން އަލީ/މިހާރު

ދެ ވަނަ ހާފް ފެށިގެން ހަތް މިނިޓް ތެރޭގައި ތިން ވަނަ ލަނޑެއް ޖަހަން ވެލެންސިއާގެ އަކުރަމް އަށް ހުސް ފުރުސަތެއް ލިބުނެވެ. ޗިންޑާ ކަކާ މަތިން ހުސްކޮށްލާފައި ޔުނައިޓެޑް ވިކްޓަރީ އޭރިއާ ތެރޭގައި ހުރި އަކުރަމް އަށް ދިނުމުން އޭނާ އެ ބޯޅަ ފޮނުވާލި ނަމަވެސް ކީޕަރު ޔޫސުފް ވަނީ މަތަކޮށްފަ އެވެ.

ވެލެންސިއާ އިން މެޗުގެ ފަހު 22 މިނިޓް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނީ މެޗުގެ 68 ވަނަ މިނިޓްގައި އެ ޓމުގެ ޑިފެންޑަރު މުހައްމަދު ޝިފާން (ކުޑައްޓޭ) އަަށް ރަތް ކާޑު ދެއްކުމުންނެވެ. ކުޑައްޓޭ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ފައުލަކާ ގުޅިގެން ރެފްރީއާ ބޭއަދަބީ ބަހުން މުއާމަލާތު ކުރުމުންނެވެ.

އެއް ކުޅުންތެރިއަކު މަދުވި ނަމަވެސް ވެލެންސިއާ އިން ވަނީ ކުރިއަށް ޖެހިގެން ޔުނައިޓެޑް ވިކްޓަރީ އަށް ނުރައްކާ ކޮށްފަ އެވެ. އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ މެޗުގެ 72 ވަނަ މިނިޓްގައި އެންޖެލް އެވެ. އޭރިއާ ބޭރުން އަކުރަމް ފޮނުވާލި ހިލޭޖެހުން ކީޕަރު ޔޫސުފް އަތުގައި ޖެހިފައި ބޯޅަ ލިބުނީ އެންޖެލް އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ތިން ވަނަ ލަނޑެއް ޖެހުމަށް މެޗުގެ އިތުރު ވަގުތުގައި ރިލްވާނަށް ހުސް ފުރުސަތެއް ލިބުނެވެ. މުހައްމަދު އާރިފް (ބަކާ) ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން ރިލްވާން އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ނަމަވެސް ކީޕަރު ޔޫސުފް ވަނީ މަތަކޮށްފަ އެވެ.