Roadha Mihaaru
ފީފާގައި މޮޑްރިޗް އިންޓަ ދިފާއުކޮށްފި

ފީފާގައި މޮޑްރިޗް އިންޓަ ދިފާއުކޮށްފި

20 އޯގަސްޓް 2018

ޒިއުރިކް (އޮގަސްޓް 20) - އޭނާ އަށް އިންޓަ މިލާނުން ނުފޫޒު ނުފޯރުވާ ކަމަށް ބުނެ އެ ޓީމުގެ ދިފާއުގައި ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ފީފާ އަށް މައުލޫމާތު ދީފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޒިއުރިކް (އޮގަސްޓް 20) - އޭނާ އަށް އިންޓަ މިލާނުން ނުފޫޒު ނުފޯރުވާ ކަމަށް ބުނެ އެ ޓީމުގެ ދިފާއުގައި ރެއާލް މެޑްރިޑްގެ ކްރޮއޭޝިއާ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ފީފާ އަށް މައުލޫމާތު ދީފި އެވެ.

ރެއާލްގެ ހުއްދަ ނެތި އިންޓަ އިން އުމުރުން 32 އަހަރުގެ މޮޑްރިޗް ގެންދަން މަޝްވަރާކުރަމުން އަންނަ ކަމަށް ބުނެ، ރެއާލުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވަނީ ފީފާ އަށް މައްސަލަ ހުށަހަޅައިފަ އެވެ.

އިޓަލީގެ ޓްރާންސްފާ މާކެޓް މިދިޔަ ހުކުރު ދުވަހު ބަންދުވިއިރު އެންމެ ފަހު ވަގުތާ ޖެހެންދެން އިންޓަ އިން މޮޑްރިޗް ހޯދަން މަސައްކަތް ކުރި އެވެ. އެކަމަކު ރެއާލުން އެއްގޮތަކަށް ވެސް ދޫދޭން ބޭނުންނުވި އެވެ. މޮޑްރިޗްގެ އޭޖެންޓް މިހާރު މަސައްކަތްކުރަމުން އަންނަނީ ޖެނުއަރީގައި އިންޓަ އަށް އޭނާ ބަދަލުވެވޭނެ ގޮތް ހެދުމަށެވެ.

ރިޕޯޓްތައް ބުނާގޮތުން ރެއާލުން ފީފާ އަށް ހުށަހަޅާފައިވާ މައްސަލައާ ބެހޭގޮތުން އެ ފެޑެރޭޝަނުން މޮޑްރިޗާ ސުވާލުކުރުމުން އޭނާ ވަނީ އިންޓަ އިން ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ނުކުރާ ކަމަށް ބުނެފަ އެވެ. މޮޑްރިޗް ބުނީ އިންޓަ އަށް ދާން ބޭނުންވީ އޭނާއާ އެކު ކްރޮއޭޝިއާގެ ގައުމީ ޓީމަށް ކުޅޭ ތިން ކުޅުންތެރިން ކަމަށްވާ އިވާން ޕެރިސިޗާއި މާސެލޯ ބްރޮޒޮވިޗް އަދި ސީމް ވިސާލްކޯއާ އެއް ޓީމަކަށް ކުޅޭ ހިތުން ކަމަށެވެ.

އިންޓަގެ ދިފާއުގައި މޮޑްރިޗް ވާހަކަ ދެއްކުމުން ރެއާލުން ބޭނުން ވިޔަސް ފީފާ އިން އިންޓަ އަށް ފިޔަވަޅު ނާޅާނެ އެވެ.

މި ފަހަރުގެ ވޯލްޑް ކަޕްގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދި މޮޑްރިޗަކީ ފާއިތުވި އަހަރުތަކުގައި ރެއާލުން ހޯދި ކާމިޔާބީތަކުގައި މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ. ރެއާލުން މީގެ ކުރިން ބުނީ މޮޑްރިޗް އެ ޓީމާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަނުވަނީސް އޭނާ ދޫކޮށްލާނީ 850 މިލިއަން ޑޮލަރަށް ކަމަށެވެ. މޮޑްރިޗް މިހާރު ރެއާލާ އެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2020 ވަނަ އަހަރު އެވެ.

ވޯލްޑް ކަޕަށް ފަހު ޓީމަށް އެނބުރި އައި ފަހުން މޮޑްރިޗް މިހާތަަނަށް ރެއާލް ކުޅުނު މެޗުތަކުގައި އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.