Roadha Mihaaru
ހުޅުމާލޭގައި ރަބަރު ބަމްޕަރުތަކެއް ހަރުކުރަނީ

ހުޅުމާލޭގައި ރަބަރު ބަމްޕަރުތަކެއް ހަރުކުރަނީ

19 އޯގަސްޓް 2018

ހުޅުމާލޭގައި ސިމެންތިން ހަދާފައި ހުރި ސްޕީޑް ބަމްޕަރުތަކުގެ ބަދަލުގައި ރަބަރުން ތައްޔާރުކޮށްފައިވާ ބަމްޕަރުތަކެއް ހަރުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ހުޅުމާލޭގައި ސިމެންތިން ހަދާފައި ހުރި ސްޕީޑް ބަމްޕަރުތަކުގެ ބަދަލުގައި ރަބަރުން ތައްޔާރުކޮށްފައިވާ ބަމްޕަރުތަކެއް ހަރުކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

ތަރައްގީގެ ބޮޑެތި މަޝްރޫއުތަކެއް ހިނގަމުން އަންނަ ހުޅުމާލޭގައި މިހާރު ހުރި ބަމްޕަރުތަކުގެ ކުލަ ވެއްޓި، އެތަންތަން ފާހަގަނުވާތީ އާންމުންގެ ޝަކުވާ ބޮޑެވެ.

ބަމްޕަރުތަކުގައި ކުރިން ލާފައި ހުރި ރީނދޫ ކުލަ ފޮހެވުމާ ގުޅިގެން އެޗްޑީސީން ދާދި ފަހުން ވަނީ ހުދު ކުލަ ވެސް ލާފަ އެވެ.

ސުޕީޑް ބަމްޕަރުތަކުގެ އިތުރުން ހުޅުމާލޭގައި ހަދާ ބޮޑެތި އިމާރާތްތަކުން މޫދަށް ފެން ބޭރުކުރަން މަގު ހުރަސްކޮށް ގެންދާ ހޮޅިތައް ފޮރުވަން ސިމެންތިން ހަދާފައި ހުންނަ ބޮޑެތި ބަޕްމަރުތަކެއް ވެސް ހުރެ އެވެ. އޭގެ ބައެއް ބަމްޕަރުތަކުގެ ފުޅާމިން ގާތްގަނޑަކަށް އަށެއްކަ ފޫޓަށް ދެ އެވެ.

މި ބަމްޕަރުތަކާ ހެދި ބޮޑެތި ބައެއް އެކްސިޑެންޓްތައް ހިނގައި، މީހުން މަރުވެފައިވެ އެވެ.

ފިތުުރޯނުމަގުގައި ހުރި ސްޕީޑް ބަމްޕަރެއްގެ ކުލަ ވެއްޓިފައިވާއިރު، މަގުމައްޗަށް ހިލަ އެޅިފައި

ފިތުުރޯނުމަގުގައި ހުރި ސްޕީޑް ބަމްޕަރެއްގެ ކުލަ ވެއްޓިފައިވާއިރު، މަގުމައްޗަށް ހިލަ އެޅިފައި

އެޗްޑީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އަހުމަދު ބުންޔާމީން "މިހާރު" އަށް ވިދާޅުވީ ސިމެންތި ފަށަލައަކުން ހަދާފައި ހުރި ބަމްޕަރުތަކުގެ ބަދަލުގައި ރަބަރު ބަމްޕަރުތަކެއް ހަދަން ނިންމާފައިވާ ކަމަށެވެ. އެއީ އެންމެންނަށް ވެސް ރައްކާތެރިކަން ލިބޭނެ ގޮތަކަށް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބުންޔާމީން ވިދާޅުވި ގޮތުގައި، މަގުތަކަށް ހިލަ އެޅިއްޖެ ނަމަ، ކޮންޓްރެކްޓަރުން ވަގުތުން އެ ތަން ސާފު ކުރަން ޖެހޭނެ އެވެ. އެކަމަކު ގިނަ ފަހަރު އެކަން ކުރަނީ އެޗްޑީސީގެ މުވައްޒަފުން ކަމަށް އޭނާ ވިދާޅުވި އެވެ.

"އެޗްޑީސީގެ މަސްއޫލިއްޔަތެކޭ އެއްގޮތަށް ކޮންޓްރެކްޓަރުންގެ މަސްއޫލިއްޔަތެއް ވެސް މިކަމުގައި އޮންނަން ޖެހޭ. އެމީހުން ވެސް ފަރުވާތެރިކަމާ އެކު މިކަން ކުރަން ވާނީ،" ބުންޔާމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ހަދަމުން އަންނަ ބައެއް އިމާރާތްތަކުން ފެން ބޭރުކުރަން ހޮޅި އަޅަނީ ކަނޑައަޅާފައިވާ ގައިޑްލައިނާ ހިލާފަށެވެ. އެކަން ރަނގަޅު ކުރަން އެންގުމުން ބައެއް ތަންތަން ރަނގަޅުކޮށްފައި ހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.