Roadha Mihaaru
މޫސާ ކަލީމްގެ މަސްވެރިކަމުގެ ދަތުރު

މޫސާ ކަލީމްގެ މަސްވެރިކަމުގެ ދަތުރު

23 އޯގަސްޓް 2018

ސޮނީ ހާޑުވެއާގެ މެނޭޖިން ޑިރެކްޓަރުގެ އޮފީސް ކޮޓަރީގައި ހުންނާނީ ހާޑުވެއާގެ ވިޔަފާރިއާ ގުޅޭ ހަނދާންތައް ކަމަށް އާންމު މީހާއަށް ހީވެދާނެ އެވެ. ނުވަތަ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ކްރިކެޓް ކުޅުންތެރިޔާއަށް ވާތީ، ކްރިކެޓްގެ ފޮޓޯތައް ކަމަށް ވެސް ހީކުރެވިދާނެ އެވެ. އެކަމަކު މޫސާ ކަލީމަށް ހާއްސަ އޮފީސް ކޮޓަރި "ޒީނަތްތެރިކޮށްފައި" ވަނީ މަސްވެރިކަމާ ބެހޭ ސާމާނުންނެވެ. ހާޑުވެއާގެ ވިޔަފާރިއަކީ އޭނާގެ މައިގަނޑު މަސައްކަތެވެ. އެކަމަކު މޫސަގެ ލޯބި އޮތީ މަސްވެރިކަމާ ގުޅިފަ އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

ޝިމާނޯ ބްރޭންޑްގެ މޯލްޑިވްސް އެޑިޝަންގެ މަސް ވަދެއް މޫސަ ދައްކާލައްވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ޝިމާނޯ ބްރޭންޑްގެ މޯލްޑިވްސް އެޑިޝަންގެ މަސް ވަދެއް މޫސަ ދައްކާލައްވަނީ. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މޫސައަކީ މުނިފޫހިފިލުވަން ނަމަކަށް މަހަށް ނުކުންނަވާ ބޭފުޅެއް ނޫނެވެ. އޭނާއަކީ މިހާރު ކުޅަދާނަ މަސްވެރިއެކެވެ. ރާއްޖޭގައި އޭނާ މަސްވެރިކަން ނުކުރައްވާ ސަރަހައްދެއް ނެތެވެ. އޭގެ އިތުރުން ދުނިޔޭގެ ބައެއް އެހެން ގައުމުތަކަށް ވެސް، ހަމައެކަނި މަސްވެރިކަންކުރައްވަން، ވަޑައިގަތެވެ. މަސްވެރިކަމުގެ ތަޖުރިބާ އާއި އޭގެ މައުލޫމާތު މުއްސަނދިކުރައްވަން އޭނާ ކުރައްވާ މަސައްކަތް އޮފީސް ކޮޓަރިން ފެނެ އެވެ. ކޮޓަރީގެ އެއްފަރާތުގައި ހުރި ބޮޑު ރެކެއް ހާއްސަކޮށްފައި ވަނީ އެކި ދުވަސްވަރު މޫސަ ބޭނުންކުރެއްވި މަސްވަދާއި އެއާ ގުޅުން ހުރި އެކި ސާމާނަށެވެ. އޮފީސް މޭޒުމަތީގައި ބިގް ގޭމް ފިޝިންއާ ގުޅޭ އެކި ފޮތްތަކެވެ.

މޫސަގެ އޮފީސް ކޮޓަރީގައި ބަހައްޓާފައި ހުރި މަސް ވަދުތަކެއް -- ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މޫސަގެ އޮފީސް ކޮޓަރީގައި ބަހައްޓާފައި ހުރި މަސް ވަދުތަކެއް -- ފޮޓޯ: ހުސެއިން ވަހީދު /މިހާރު

"މިއީ ހޮބީއެއްގެ ގޮތުގައި ކުރަން ފެށި ކަމެއް. ޕްރޮފެޝަނަލްކޮށް މަސްވެރިކަންކުރަން ފެށިތާ ވެސް 12 އަހަރަށް ވުރެ ގިނަ ދުވަސް ވެދާނެ،" މޫސަ ވިދާޅުވި އެވެ.

"ވިޔަފާރީގައި މިހެން ބިޒީކޮށް އުޅެފައި ހަފުތާ ބަންދުގައި ފޫހިފިލުވާލަން ކޮންމެވެސް ކަމެއް ކުރަން ޖެހޭނެތާ؟"

މަސްވެރިކަމަށް ހާއްސަކޮށްގެން މޫސަ ބެންނެވި ލޯންޗް

މަސްވެރިކަމަށް ހާއްސަކޮށްގެން މޫސަ ބެންނެވި ލޯންޗް

މަސްވެރިކަމަށް އޮތް ލޯތްބެއްގެ ބޮޑުކަމުން މޫސަ ވަނީ އެކަމަށް ހާއްސަ ލޯންޗެއް ވެސް އަމިއްލައަށް ޑިޒައިންކުރައްވައިގެން ބަންނަވައިފަ އެވެ. އަދި މަސްވެރިކަމުގެ އާލަތްތައް އުފެއްދުމަށް މުޅި ދުނިޔެއަށް މަޝްހޫރު ޖަޕާނުގެ ޝިމާނޯ ކުންފުންޏަށް އޭނާ ޑިޒައިންކޮށްދެއްވި މަސް ވަދު ދާދި ފަހުން ވަނީ ދުނިޔޭގެ މާރުކޭޓަށް ނެރެފަ އެވެ. މިއީ އާދައިގެ ކަމެއް ނޫނެވެ.

މޫސައަކީ ޝިމާނޯ ބްރޭންޑުގެ މަސް ވަދުގެ "މޯލްޑިވްސް އެޑިޝަން" ޑިޒައިން ކުރުމުގެ އިސް މޭސްތިރި އެވެ. އޭނާގެ ލަފާގެ މަތިން މަސް ވަދުތައް ޑިޒައިންކުރީ މުއާޓުންނެވެ. މިއީ އޭނާއަށް ވެސް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ކާމިޔާބީއެކެވެ.

"މިއީ ނައިކީ ކުންފުނިން އުފައްދާ ފުޓުބޯޅަ ބޫޓެއްގައި ދަގަނޑޭގެ ނަން ޖެހުން ކަހަލަ ކަމެއް. ޝިމާނޯ އިން އުފައްދާ އެއްވެސް އެއްޗެއް މީގެ ކުރިން ކުންފުނިން ބޭރުގެ މީހަކު ލައްވައި ޑިޒައިންކޮށް މާކެޓަށް ނެރެފައެއް ނެތް،" ޝިމާނޯގެ އުފެއްދުންތައް ރާއްޖޭގައި ވިއްކާ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި އެވެ.

މޫސަގެ ހިޔާލަށް ޑިޒައިންކުރެއްވި ޝިމާނޯ ބްރޭންޑުގެ "މޯލްޑިވްސް އެޑިޝަން" މަސްވަދު. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މޫސަގެ ހިޔާލަށް ޑިޒައިންކުރެއްވި ޝިމާނޯ ބްރޭންޑުގެ "މޯލްޑިވްސް އެޑިޝަން" މަސްވަދު. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

ޝިމާނޯގެ މި އެޑިޝަންގެ އެކްސްކްލޫސިވް ރައިޓްސް ވެސް ގެންގުޅުއްވަނީ މޫސަ އެވެ. އެ ރައިޓްސްގެ ދަށުން މޯލްޑިވްސް އެޑިޝަންގެ މަސް ވަދު އެހެން ބަޔަކަށް ވިއްކޭނީ އޭނާގެ ހުއްދަ ލިބިގެންނެވެ.

"މި ވަދުތައް ޑިޒައިން ކޮށްފައި ވަނީ ރާއްޖޭގައި އުޅޭ އެމުގެ ބާވަތްތައް އަސްލަކަށް ބަލައިގެން. އަދި މަސްވެރިކަމުގެ ދާއިރާ އިން މަޝްހޫރު ބައިނަލްއަގުވާމީ ކުންފުންޏަކާ ގުޅިގެން ރާއްޖެ ފަދަ ގައުމަކަށް ނިސްބަތްވާ ރޭންޖެއް އުފެއްދުމަކީ ރާއްޖެ އަށް ވެސް ލިބޭނެ ޝަރަފެއް،" މޫސަ ވިދާޅުވި އެވެ.

ސޮނީ ހާޑްވެއާ އިން ވިއްކާ އެޑިޝަންގައި ހިމެނެނީ ހަތަރު ޑިޒައިންގެ މަސް ވަދެވެ. އެއީ، ޓްރިގާ ފިޝް (ރޮނޑު)، ރައުންޑް ސްކެޑް (ރިންމަސް)، ފްލައިން ފިޝް (ފުޅަނގި) އަދި ފުސިލިއާ (މުގުރާން) އެވެ.

މަސްވެރިކަންކުރުމުގައި މޫސަގެ ތަޖުރިބާ ދުނިޔޭގެ ބައެއް ކުންފުނިތަކުން ވެސް ގަބޫލުކުރެ އެވެ. އެގޮތުން ބުޅި ހަދަން މަޝްހޫރު ނޯވޭގެ މަސްޓަޑް ކުންފުނީގެ ބުޅި ޓެސްޓްކުރައްވާ އެއް ތަޖުރިބާކާރަކީ ވެސް އޭނާ އެވެ. އެކަމާ ގުޅިގެން މޫސައަށް ވަނީ އެވޯޑެއް ވެސް ލިބިވަޑައިގެންފަ އެވެ.

މަސްވެރިން ބޭނުންކުރާ ބުޅި އުފައްދަން މަޝްހޫރު ނޯވޭގެ މަސްޓަޑް ކުންފުނިން މޫސައަށް ދީފައިވާ ހަނދާނީ ފިލައެއް. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މަސްވެރިން ބޭނުންކުރާ ބުޅި އުފައްދަން މަޝްހޫރު ނޯވޭގެ މަސްޓަޑް ކުންފުނިން މޫސައަށް ދީފައިވާ ހަނދާނީ ފިލައެއް. ފޮޓޯ: ހުސެއިން ވަހީދު /މިހާރު

މަސްވެރިކަމުގައި މޫސަ އެންމެ ޝައުގުވެރިވަނީ ބޮޑުކަންނެލި ބާނާށެވެ.

"މިހާތަނަށް އަޅުގަނޑު ބޭނި އެންމެ ބަރު މަހަކީ 92 ކިލޯގެ ކަންނެއްޔެއް. މީގެ ހަފުތާއެއްހާ ދުވަސް ކުރިން ވެސް ބޮޑު ކަންނެލި ބާނަން ދިޔަ ދަތުރުގައި ތިން ޓަނުގެ ކަންނެލި ބޭނިން،" މޫސަ ވިދާޅުވި އެވެ.

މޫސަ އަމިއްލައަށް ބޭނި މަހަކާ އެކު ފޮޓޯއަކަށް ހުއްޓިގެން: މަސްވެރިކަންކުރަން އޭނާ ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދަތުރުކުރައްވާފައި.

މޫސަ އަމިއްލައަށް ބޭނި މަހަކާ އެކު ފޮޓޯއަކަށް ހުއްޓިގެން: މަސްވެރިކަންކުރަން އޭނާ ވަނީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދަތުރުކުރައްވާފައި.

މަސްވެރިކަމަށް އޭނާ ބެންނެވި ހާއްސަ ލޯންޗު އެހެން މީހުންނަށް ކުއްޔަށް ވެސް ދޫކުރެ އެވެ. އެކަމަށް ހާއްސަކޮށްގެން "މާކެޔޮޅު ޑޮޓްކޮމް"ގެ ނަމުގައި ވެބްސައިޓެއް ވެސް އޭނާ ވަނީ ތަރައްގީކުރައްވައިފަ އެވެ. ޓްރިޕް އެޑްވައިޒާ ފަދަ މަޝްހޫރު ބުކިން ސައިޓްތަކުގައި "މާކެޔޮޅު" އަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައި ވެސް ހުރެ އެވެ.

"އަޅުގަނޑުމެން އޮންނާނެ ގޮތަކަކީ މަސް ނުބޭނިއްޖެ ނަމަ ދަތުރު ފްރީ. ނުޖެހޭނެ ލާރި ދޭކަށް. މިއީ މިކަމަށް ހާއްސަކޮށްގެން ބަނދެފައިވާ ލޯންޗެއް. އަޅުގަނޑުމެންނަށް އެހާ ޔަގީންކަން އޮވެގެން ޓޫރިސްޓުން ގޮވައިގެން ނުކުންނަނީ،" މޫސަ ވިދާޅުވި އެވެ.

އޭނާ މަސްވެރިކަމަށް ނުކުންނަވަނީ އެކުވެރިންނާ އެކު އެވެ. ހަފުތާ ބަންދުގައި އާންމުކޮށް މޫސަ އުޅުއްވަނީ ކަނޑުމަތީގަ އެވެ. އެކަމަކު އެއީ ބޭކާރު ވަގުތުތަކެއް ނޫނެވެ. އޭނާ އެ ގެންދަވަނީ މަސްވެރިކަމުގެ ދާއިރާއަށް ޒަމާނީ ބަދަލުތައް ވެސް ގެންނަވަމުންނެވެ.