Roadha Mihaaru
އޮޅުންބޮޅުން- އިންތިޚާބީ އަޑުތައް

އޮޅުންބޮޅުން- އިންތިޚާބީ އަޑުތައް

15 އޯގަސްޓް 2018

މި، އިންތިޚާބީ މޫސުމުގައި އެންމެ ބާރަށް އިވޭ އަޑަކީ މާލޭ ސަރަޙައްދުގައި ބިން ހިއްކައިގެން ގެދޮރު އިމާރާތް ކުރުމުގެ ވާހަކަ ދައްކާ އަޑެވެ. ދެން އިވޭ އަޑަކީ ފާލަމުން ރަށްރަށް ގުޅުވައިލަދޭނެ ވާހަކައިގެ އަޑެވެ. މި ޚަރަދުތައް ކުރުމަށް ފައިސާ ހޯދާނެ ގޮތުގެ ވާހަކައެއް ނުދައްކަ އެވެ. ކޮންމެވެސް ބޭންކަކުން ލޯނެއް ނަގައިގެން ޚަރަދު ކުރުމަށް ވިސްނަނީ ބާވަ އެވެ؟ ދަރަނި ބޮޑު ޤައުމަކަށް ނުވަތަ މީހަކަށް ބޭންކަކުން އެތައް މިލިއަން ޑޮލަރެއް ދަރަންޏަށް ދީފާނެ ބާވަ އެވެ؟

މި، އިންތިޚާބީ މޫސުމުގައި އެންމެ ބާރަށް އިވޭ އަޑަކީ މާލޭ ސަރަޙައްދުގައި ބިން ހިއްކައިގެން ގެދޮރު އިމާރާތް ކުރުމުގެ ވާހަކަ ދައްކާ އަޑެވެ. ދެން އިވޭ އަޑަކީ ފާލަމުން ރަށްރަށް ގުޅުވައިލަދޭނެ ވާހަކައިގެ އަޑެވެ. މި ޚަރަދުތައް ކުރުމަށް ފައިސާ ހޯދާނެ ގޮތުގެ ވާހަކައެއް ނުދައްކަ އެވެ. ކޮންމެވެސް ބޭންކަކުން ލޯނެއް ނަގައިގެން ޚަރަދު ކުރުމަށް ވިސްނަނީ ބާވަ އެވެ؟ ދަރަނި ބޮޑު ޤައުމަކަށް ނުވަތަ މީހަކަށް ބޭންކަކުން އެތައް މިލިއަން ޑޮލަރެއް ދަރަންޏަށް ދީފާނެ ބާވަ އެވެ؟

ދަރަންޏަށް ނަގާ ފައިސާ ކަނޑައެޅިފައި އޮންނަ މުއްދަތުގެ ތެރޭގައި ނުދެއްކުމުން ގައުމުގެ ވަކި ސަރަހައްދެއް ނުވަތަ ބަނދަރެއް އެ ދަރަނި އަދާކުރެވެންދެން ނެގުމުގެ ވިސްނުމަކާ އެކު ދަރަންޏަށް ފައިސާ ދިނުމަކީ ވެސް ފަހަރެއްގައި ރާއްޖެ އަށް ޝައުޤުވެރިކަން ހުންނަ ގައުމަކުން ކޮށްފާނެ ކަމެކެވެ. ނޫން ނަމަ މިއީ އިންތިޚާބީ ދުވަސްވަރުގައި ރައްޔިތުން ހައްލަން ކިޔާ ވޯޓު-ނާނާ އެއް ބާވަ އެވެ؟

އިންތިޚާބީ ކެމްޕޭނުތަކުގައި ވާހަކަ ދައްކާ ގިނަ ކެންޑިޑޭޓުންނަށް ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލައެއްގެ ގޮތުގައި ނަގަނީ ގެދޮރު އިމާރާތް ކުރުމުގެ މައްސަލަ އެވެ. ގެދޮރުގެ މައްސަލަ އަކީ ވެސް ބޮޑު މައްސަލައެކެވެ. މާލޭ ސަރަހައްދުގައި މި މައްސަލަ މިހާ ބޮޑުވެފައި މި ވަނީ މިހާރު އޮތް ވެރިކަމުން ގެންގުޅޭ ކައިރި ފެންނަ، ދުރު ފުސް ބުރާފައި އޮތް ތިމާވެއްޓާ ބީރައްޓެހި ސިޔާސަތާ ހުރެ އެވެ.

ޚިޔާލަކީ ތަފާތު އެއްޗެކެވެ. ބައެއް ކަންކަން ބައެއް މީހުންނަށް ފެންނަަ ގޮތް ވެސް ތަފާތު ވެދާނެ އެވެ. ބަލައިގަންނަ ގޮތް ވެސް ތަފާތު ވެދާނެ އެވެ. އަޅުގަނޑަށް އެންމެ ބޮޑު މައްސަލައަކީ ގާނޫނަށް ތަބައަ ނުވުމުގެ މައްސަލަ އެވެ. ގާނޫނުއަސާސީގައި ލިޔެފައި އޮތް ގޮތަށް ކަންތައްތައް ނުކުރުމުގެ މައްސަލަ އެވެ. ގާނޫނުއަސާސީއާ ޚިލާފަށް ހިންގާ އަމަލުތައް ކަމަށް ގިނަ އާއްމުން ގަބޫލު ކުރާ ކަންކަން ނުބެލޭ މައްސަލަ އެވެ. އަދުލު އިންސާފުގެ ދާއިރާގެ މައްސަލަ އެވެ. މުސްތަގިއްލު މުއައްސަސާތައް ވަކި ފަރާތަކަށް ނުޖެހި އެ ތަންތަނަށް ގާނޫނުން ދީފައިވާ ބާރުގައި ނުހިންގުމުގެ މައްސަލަ އެވެ.

ރާއްޖޭގެ ރައްޔިތުން އެންމެ ކަންބޮޑުވާ އެއް މައްސަލަ އަކީ ރައްޔިތުންގެ އިތުބާރު އޮންނަ، ރައްޔިތުންނަށް އިންސާފު ލިބޭނެ ކަމުގެ ޔަގީންކަން ލިބޭ ވަރުގެ އަދުލު އިންސާފު ގާއިމުކުރުމުގެ ނިޒާމެއް ރާއްޖޭގައި އޮތް ކަމަށް ގިނަ ރައްޔިތުންނަށް ގަބޫލު ނުކުރެވުމެވެ. ރައްޔިތުންގެ ފަރާތުން އެ ޔަގީންކަން ހޯދައިދިނުމަށް ވެރިކަމަށް އަންނަ ބަޔަކު އިޚްލާސްތެރިކަމާ އެކު މަސައްކަތްތަކެއް ކޮށްދޭންޖެހެ އެވެ.

ރާއްޖެ އަކީ ގާނޫނުއަސާސީން ތިން ބާރު ވަކި ކުރެވިފައި އޮތް ގައުމެކެވެ. ކޮންމެ ބާރަކަށް ވެސް އެ ބާރަކަށް ގާނޫނުއަސާސީން ދީފައި އޮތް އިމުގެ ތެރޭގައި މަސައްކަތް ކުރުމުގެ ފުރިހަމަ މިނިވަންކަން ލިބިދެ އެވެ. މައްސަލަ ނުކުންނަނީ މި ހިސާބުންނެވެ.

ގާނޫނުއަސާސީން ދީފައި އޮންނަ އިމުން ބޭރުވުމުން، އިމުގެ ތެރެއަށް ވެއްދުމަށް ފިޔަވަޅު އަޅަނީ ކޮންތާކުން ތޯ އެވެ؟ އެކަން ނިންމަނީ ކޮންބައެއް ތޯ އެވެ؟ ބާރުތައް އިމުން ބޭރުވެފައި ވޭތޯ ބެލުމުގެ މައްސަލަތައް ނިންމަނީ ކޯޓުންނެވެ. ކޯޓަކުން ގާނޫނުއަސާސީން ދީފައި އޮންނަ އިމުން ބޭރުން މައްސަލައެއް ނިންމައިފި ކަން ކަނޑައަޅަނީ ކޮންތާކުންތޯ އެވެ؟

އެއް ތަނަކީ ޝަރީއަތް ކުރުމުގެ އެންމެ އިސް ތަނެވެ. ދެ ވަނަ މަރުހަލާ އަކީ ސަރުކާރުން އިސްނަގައިގެން، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ހައްލެއް ހޯދައި ދިނުމެވެ. އެންމެ ފަހުގެ މަރުހަލާ އަކީ މަޖިލީހެވެ. ސަރުކާރުން އަޅާނުލައިފި ނަމަ ރައްޔިތުންގެ މަޖިލީހުން އަމިއްލަ އަށް އިސްނަގައިގެން ކުރިއަށް ދިއުމެވެ.

މިފަދަ މައްސަލަތަކަކީ ވަކި ސިޔާސީ ޕާޓީއަކާ ގުޅުން ހުރި މައްސަލައެއް ކަމަށް ބެލެވިގެން ނުވާނެ އެވެ. ސަބަބަކީ ގާނޫނުއަސާސީގެ މައްސަލަ އަކީ މުޅި ރައްޔިތުންގެ މައްސަލައަކަށް ވާތީ އެވެ. ގައުމީ މައްސަލައަކަށް ވާތީ އެވެ. ގާނޫނުއަސާސީ ފާސްކޮށްފައި އޮތް ގޮތަށް އަމަލުކޮށް ހިމާޔަތް ކުރުމަކީ ހުރިހާ ރައްޔިތުންގެ ވާޖިބެކެވެ.

ވަކި ފަރާތަކަށް ނުޖެހޭ ކަމަށް ބެލެވޭ އަދުލު އިންސާފެއް ލިބޭނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ލިބިފައި އޮތުމަކީ ގައުމުގައި ހަމަޖެހުމާއި ސުލްހަ މަސްލަހަތު ގެނެސްދޭނެ ކަމެކެވެ. ރާއްޖޭގައި ކުރިމަތިވެފައި އޮތް އެންމެ ބޮޑު އެއް މައްސަލަ އަކީ ރައްޔިތުންނަށް ބޭނުންވާ އަދުލު އިންސާފު ލިބޭ ކަމަށް ބަލައިގަނެވޭ ފަދަ ނިޒާމެއް ގާއިމުވެފައި އޮތް ކަމަށް ގިނަ ރައްޔިތުންނަށް ގަބޫލު ނުކުރެވުމެވެ.

ތެދުފުޅެކެވެ. ސަރުކާރު ހިންގުމުގެ އެންމެ އިސް ވެރިން ވިދާޅުވަނީ ރާއްޖޭގައި އޮތް ޝަރުއީ ނިޒާމަށް އަޅުގަނޑުމެން ފަޚުރުވެރިވާން ޖެހޭނެ ކަމަށެވެ. ޝަރުއީ ދާއިރާގައި މަސައްކަތް ކުރާ މީހުން ބުނަނީ ރާއްޖޭގައި އޮތް ޝަރުއީ ނިޒާމަކީ މި ސަރަހައްދުގައި އޮތް އެންމެ ރަނގަޅު ނިޒާމް ކަމުގަ އެވެ. އެއީ ރަނގަޅު ވާހަކަ އަކަށް ވެސް ވެދާނެ އެވެ. އެހެން ނަމަވެސް އެ ވާހަކަ އެ ގޮތަށް ދައްކަން ވާނީ އަޅުގަނޑުމެންނެވެ.

ގާނޫނުއަސާސީގެ މުސަންނިފުން ގާނޫނުއަސާސީ އެކުލަވައިލާފައި އޮތީ ޝަރުއީ ދާއިރާގެ ހިންގުމުގެ އެއްވެސް ކަމަކާ ޝަރީއަތް ކުރާ މީހުންނާ ނުބައްސާ ގޮތަށެވެ. އެމީހުންގެ މަސައްކަތެއް ކަމަށް ހަމަޖައްސާފައި އޮތީ ޝަރީއަތް ކުރުމެވެ. ޝަރީޢަތް ކުރާ ތަންތަނަށް ބޭނުންވާ މުވައްޒަފުން ހޯދުމާއި އެ ތަންތަނަށް ބޭނުންވާ އިދާރީ ކަންތައްތައަ ހަމަޖައްސައި ދިނުމަކީ ޖުޑީޝަލް އެޑްމިނިސްޓުރޭޝަންގެ ކަމެއްގެ ގޮތުގަ އެވެ. އެއީ ވަކިން ހިނގާ ތަނެކެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މަސައްކަތަކީ ކަނޑައެޅިފައި އޮތް މިންގަނޑުގެ ތެރެއިން ފަނޑިޔާރުކަން ކުރުމުގެ އިލްމީ ގާބިލިއްޔަތާއި ތަޖުރިބާ ލިބިފައި ތިބި މީހުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކުރުމަށް ފަހު ވަޒީފާ ހަމަޖައްސައި ދިނުމެވެ. އަދި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމެވެ. އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންނަށް ވަޒީފާ ހަމަޖައްސައި ދިނުމަށް، ރައްޔިތުންގެ މަޖިލީހަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ލަފާދެނީ ޖުޑީޝަލް ސަވިސް ކޮމިޝަނުންނެވެ.

އެ ކޮމިޝަނުން ވަޒީފާ ދިނުމަށް ލަފާ ދޭން މީހަކު ހޮވަނީ އިލްމީ ގޮތުން ހޯދާފައިވާ ފާސްތަކަށާއި، ތަޖުރިބާ އާއި ސުލޫކީ މިންގަނޑުތަކަށް ބަލައިފަ އެވެ. އެ އަށް ފަހު، މަޖިލީހަށް ފޮނުވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވާ ނަންތަކަށް، އެ ތަނުން އިތުރު ބަދަލެއް ގެންނަން ބޭނުން ވިޔަސް، އުސޫލެއްގެ ގޮތުން އެ ބަދަލެއް ގެނެވޭނީ ވެސް އަލުން ކޮމިޝަނާ މަޝްވަރާ ކުރުމަށް ފަހު ގައެވެ.

އެހެން ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރަން އޮންނަނީ ވެސް މި ދެންނެވުނު މިންގަނޑަށް ބަލައިގެންނެވެ. ޖުޑީޝަލް ސަވިސް ކޮމިޝަނުންނެވެ. މިހެންވުމާ އެކު ޖުޑީޝަލް ސަވިސް ކޮމިޝަނުން ރާއްޖޭގެ ކޯޓެއްގެ ފަނޑިޔާރަކު ނުވަތަ ފަނޑިޔާރުން ހޮވުމާ ބެހޭ ގޮތުން އެހެން ތަނަކުން އިތުރަށް އެއްޗެއް ބުނާނެ ގޮތަކަށް ގާނޫނުއަސާސީ އިސްލާޙް ކުރި މީހުން ނިންމާފައެއް ނުވެ އެވެ.

ޖުޑީޝަލް ކައުންސިލްގެ މަސައްކަތެއް ކަމަށް ގާނޫނުއަސާސީގެ މުސަންނިފުން ނިންމާފައި އޮތީ ޝަރީއަތް ކުރުމުގައި ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން އާއްމު ހައްލެއް ހޯދުމެވެ. މައްސަލަތައް ބަލައިގަންނާނެ ގޮތުގެ މިންގަނޑާއި ވަގުތު ކަނޑައެޅުން ފަދަ ކަންތަކުގައި އާއްމު އުސޫލެއް ކަނޑައެޅުމެވެ. އަދި މައްސަލަތައް ހިންގުމުގައި ދިމާވާ ފަންނީ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކޮށް ކޮންމެ ކޯޓަކުން ވެސް އެއްވައްތަރެއްގެ މައްސަލަތައް އެއްގޮތަކަށް ހިންގުމަށާއި ނިންމުމަށް ބާރު ލިބޭ ގޮތަށް މަސައްކަތް ކުރުމަށެވެ. ޝަރުޢީ ދާއިރާ އަށާއި ކޯޓުތަކަށް ބޭނުންވާ މީހުން ތަމްރީން ކުރުމަކީ ގާނޫނުއަސާސީގެ މުސަންނިފުން ނިންމާފައި އޮތް ގޮތުގައި ކަމާ ބެހޭ އިލްމީ މަރުކަޒުތަކުގެ އެހީގައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ހަމަޖައްސަން ޖެހޭ ކަމެކެވެ.

ގާނޫނީ ވަކީލުން ހުވާ ކުރުމާއި ވަކާލާތު ކުރުމުގެ ކަންތައްތައް މާޒީގައި ދިގު މުއްދަތަކަށް ބަލަހައްޓަމުން އައިސްފައި އޮތީ އެޓާނީ ޖެނެރަލްގެ އޮފީހުންނާއި މިނިސްޓްރީ އޮފް ޖަސްޓިސް އިންނެވެ. ޖުޑިޝަރީގެ ކަންތައްތައް ގާނޫނުއަސާސީ އެކުލަވައިލި މީހުންގެ ތަސައްވުރާ ޚިލާފަށް ހިނގަން ފެށީ ކޮން އިރަކު ކިހިނެއް ވެގެން ތޯ އެވެ؟

މި ކަން ފުރަތަމަ ފެށުނީ ރައީސް ނަޝީދުގެ ވެރިކަމުގަ އެވެ. އިންތިގާލީ މަރުހަލާގައި އިސް ފަނޑިޔާރަކަށް ހުންނެވި ފަރާތުގެ ތަރުޖަމާއަކުންނެވެ. ތިން ބާރު ވަކިވެފައި އޮތުމުން އަދުލު އިންސާފު ގާއިމު ކުރުމުގެ ހުރިހާ ބާރެއް އޮންނާނީ ކޯޓަށް ކަމަށް ނިންމައި ޖުޑީޝަލް އެޑްމިނިސްޓުރޭޝަން، ބޮޑު ކޯޓުގެ ދަށަށް ގެންދިޔަ ހިސާބުންނެވެ.

މި ކަހަލަ ކަންތައްތަކުގައި، ހަމައަކަށް އެޅުވުމަށް، ސަރުކާރުން އިސްނަގައިގެން ކުރިޔަށް ދިިއުމަށް ހުންނާނީ އެ އިރެއްގައި ހުންނަވާ ބަންޑާރަ ނައިބެވެ. އޭނާ އޭރު ހުންނެވީ ހިމޭނުންނެވެ. ވަކަރަށް ޖެހުމަށް ފަހު ގާނޫނުއަސާސީގެ މުސަންނިފުން ނުދޭ ބާރެއް، ބާރަކަށް ފަހު ބާރެއް ކޯޓުން އަތުލަމުން ދިޔަ އެވެ. ބަންޑާރަ ނައިބު ހުންނެވީ ހިމޭނުންނެވެ. ސަރުކާރު އޮތީ ހިމޭނުންނެވެ. މަޖިލީސް އޮތީ ހިމޭނުންނެވެ. ގާނޫނުއަސާސީގެ މައްސަލައިގައި ހިމޭން ދުނިޔެއެެއްގަ އެވެ.