23 އޯގަސްޓް 2023
އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރަކީ ގާނޫނުއަސާސީ ބުނާގޮތުން ދައުލަތް ހިންގުމުގެ ތިން ބާރުގެ ތެރެއިން އެއް ބާރެވެ. ނަމަވެސް ނުފޫޒެއް ނެތި މިިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ މިނިވަން ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތްކަން އެކަންޏެވެ.
އަދުލު އިންސާފު ގާއިމް ކުރުމުގެ ބާރަކީ ގާނޫނުއަސާސީ ބުނާގޮތުން ދައުލަތް ހިންގުމުގެ ތިން ބާރުގެ ތެރެއިން އެއް ބާރެވެ. ނަމަވެސް ނުފޫޒެއް ނެތި މިިނިވަންކަމާ އެކު މަސައްކަތް ކުރުމުގެ މިނިވަން ގާނޫނުއަސާސީގައި ބަޔާންކޮށްފައި އޮތްކަން އެކަންޏެވެ.
ގާނޫނުއަސާސީ އަށް 15 އަހަރު ފުރުނުއިރު ވެސް ޖުޑިޝަރީގެ ބަދަލުނުވި ހާލަތަކީ އަނެއް ދެ ބާރުގައި އާދޭސް ކުރަން ޖެހޭ ޖެހުމެވެ. އިންސާފު އަވަސްވުމުގެ މުހިންމު ކަމުގެ ވާހަކަ ކިތަންމެ ބާރުލާފައި ދެއްކިޔަސް، މިހާތަނަށް އައި އެއްވެސް ސަރުކާރަކަށް ޖުޑިޝަރީގެ އެ ކަންބޮޑުވުން ހައްލުކޮށެއް ނުދެވުނެވެ.
"ބަޔަކު ދިނިއްޔާ ކައިގެން މި ތިބެނީ. ބަަޔަކު ދިނިއްޔާ ފޮތާއި ފަންސުރު ލިބެނީ. ބަޔަކު ދިނިއްޔާ މުވައްޒަފުން މި ލިބެނީ. އެކަމަކު އަޅުގަނޑުމެންނަކީ މިނިވަން ފަރާތެކޭ ދައުލަތުގެ އެއް ބާރޭ މި ބުނެވެނީ،" ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު ދާދި ފަހުން ޝަރީއަތުގެ މަޖިލީހެއްގައި ވިދާޅުވި އެވެ.
"އިދާރީ ހިންގުން ހުއްޓިފައި މި އޮތީ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު މިއީ. ދޮޅު އަހަރު، ދެ އަހަރުވެގެން މި ދަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ސެކެޓްރީ ޖެނެރަލަކު އައްޔަންކޮށް ދޭށޭ އާދޭސް ކުރާތާ. މިހެން އާދޭސް ކުރާގޮތަށް މިކަން ހިންގަން ބޭއްވުންތޯ މި ގާނޫނުއަސާސީ ދެކޭ ގޮތަކީ."
ސުއޫދު ފާހަގަ ކުރެއްވި ކަންބޮޑުވުންތަކާއި ކޯޓުގައި ހިނގަމުންދިޔަ މައްސަލައާ ގުޅުމެއް ނެތަސް، އޭނާ އެ ފާހަގަ ކުރެއްވީ ފަނޑިޔާރުން އެތައް ޒަމާނެއް ވަންދެން ފާޅު ކުރަމުންދާ ކަންބޮޑުވުމުގެ ކުޑަ ވަރެކެވެ. އެއީ މާލީ މިނިވަންކަމާއި ވަސީލަތްތައް ލިބިފައި ނެތުމުން، ޖުޑިޝަރީ ހިންގަން ހައްތަހާ ވެސް ހުރި ހުރަސްތަކެވެ.
"އަޅުގަނޑުމެންތޯ ކޯޓު އަޅަން ދާންވީ. ޝަރީއަތުގެ މާލަމް އަޅަން ދާންވީ ފަނޑިޔާރުންތޯ."
ކޯޓުތަކުގެ އިންފްރާސްޓްރަކްޗާ އޮތީ މީގެ 30 އަހަރު ފަހަތުގަ އެވެ. ކްރިމިނަލް ކޯޓު ހިންގަމުންދާ އެސްޓީއޯ ކުރީގެ އިމާރާތް ބާވެ، ބޮލަށް ވެއްޓޭ ހިސާބަށް ދިއުމުން އެތަނުގެ ދެބައިކުޅަ އެއް ބައި މިހާރު ބޭނުމެއް ނުކުރެވެ އެވެ. އެހެންވެ، ޝަރީއަތް ކުރަން ހުރި މަދު ކޮޓަރިތައް ބޭނުން ކުރެވެނީ ފަނޑިޔާރުން މެދުގައި ތާވަލެއް ހަދައިގެން ޑިއުޓީ ބަހައިގެންނެވެ. ވަގުތީ ގޮތުން ކޯޓު ހިންގަން ހުޅުމާލެ އިން ދޫކުރި އިމާރާތަށް ބަދަލު ވެވޭނެ ދުވަހެއް އަދި ނޭނގެ އެވެ.
ދައުލަތުގެ ތިން ބާރުގެ ވެރިން --- ފޮޓޯ/މިހާރު
ބާރު ސްޕީޑްގައި ޝަރީއަތް ހިންގަންޖެހޭ ވާހަކަ އާއި "ވާނުވާ" ބަންދުގައި އެތައް އަހަރެއް ވަންދެން މީހުން ތިބެންޖެހޭ ވާހަކަ ދައުލަތުގެ އިސް ބޭފުޅުން ބާރަށް ދައްކަވާއިރު، އެކަންކަން ހައްލު ކުރެވޭނެ ވަސީލަތްތަކެއް ކޯޓުތަކަކަށް ފޯރުކޮށްދެވުނު އެއްވެސް ސަރުކާރެއް ނެތެވެ. މި މައްސަލަ ބޮޑުވެގެން ގޮސް، މީހުން ބަންދުން ދޫކޮށްލާ ހިސާބަށް މިހާރު ކަންކަން އޮތީ ގޮސްފަ އެވެ. އޮންލައިންކޮށް ޝަރީއަތް ކުރެވޭނެ ނިޒާމެއް މީގެ ދެތިން އަހަރު ކުރިން ގާއިމްވެފައި ނެތް ނަމަ ކްރިމިނަލް ކޯޓު މިހާރު އޮންނަނީ އެއްކޮށް ހުއްޓިފަ އެވެ.
"ޝަރީއަތް ހިންގަން ތަނެއް ދައްކަން ޖެހޭނެ ނޫންތޯ. ދައްކާފައި ނޫންތޯ އަވަހަށް ޝަރީއަތް ހިންގާށޭ ބުނަން ޖެހެނީ،" ކްރިމިނަލް ކޯޓުން މީހަކު ދޫކޮށްލި މައްސަލައެއް އިސްތިއުނާފް ކުރުމުން ހައި ކޯޓުގެ ފަނޑިޔާރަކު ދާދި ފަހުން ޝަރީއަތުގެ މަޖިލީހެއްގައި ދައުލަތާ ސުވާލު ކުރެއްވި އެވެ.
"ގާނޫނުގެ ރޫހަކީ އަވަހަށް ޝަރީއަތް ހިންގުމޭ ކިޔާފައި ޝަރީއަތް ކުރާނެ ތަނެއް ހަދައި ނުދީ އެގޮތަށް ހައި ކޯޓަށް އައިސް ވަކާލާތު ކުރިޔަސް ހައި ކޯޓުން ކޮން ފަރުވާއެއްތޯ ދޭނީ. އަޅުގަނޑުމެންތޯ ކޯޓު އަޅަން ދާންވީ. ޝަރީއަތުގެ މާލަމް އަޅަން ދާންވީ ފަނޑިޔާރުންތޯ."
"ޖުޑިޝަރީގެ އެކްސްޕެކްޓޭޝަންއަކާ އެއްވަރަށް ފައިނޭންސްއެއް ނުލިބޭ. އެއީ އަބަދުވެސް އެކަން އޮތްގޮތް."
ސިވިލް ކޯޓާއި ފެމިލީ ކޯޓު ހިންގާ ޖަސްޓިސް ބިލްޑިންގް ހުރީ ވެސް އެފަދަ ހާލެއްގަ އެވެ. އަވަސް މިނުގައި ހިދުމަތް ދެވޭނެ ޖާގައެއް އެތަނުގައި ނެތްއިރު ސެކިއުރިޓީ ދަށްވުމުގެ ސަބަބުން އެތަނަށް ވަގުން ނުވަންނަ ހަފުތާއެއް މިހާރު މަދެވެ. ޖަސްޓިސް ބިލްޑިންގްގައި ޖާގަ ނެތުމުގެ ސަބަބުން ފެމިލީ ކޯޓުގެ އެއް ޑިވިޝަން އެ ހިންގަނީ ހެންވޭރުގައި ހުރި ވަކި އިމާރާތެއްގަ އެވެ. ސުޕްރީމް ކޯޓާއި ހައި ކޯޓު އެ ހިންގަނީ ދާއިމީ އިމާރާތެއް ނެތި ކުރީގެ ރިޔާސީ ގަނޑުވަރުގަ އެވެ.
އަތޮޅު ތެރޭގެ ބައެއް ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ހާލަތު ބަޔާންކޮށްދެވޭ ވަރަށް ވުރެ ގޯހެވެ.
އުއްތަމަ ފަނޑިޔާރާއި ޖޭއެސްސީގެ ރައީސް އަދި މަޖިލީހުގެ ރައީސް ރަސްމިއްޔާތެއްގައި --- ފޮޓޯ/މިހާރު
ޖުޑިޝަރިއާ ގުޅުން ހުރި އެހެން ބޭފުޅަކު ވިދާޅުވި ގޮތުގައި ޖުޑިޝަރީ އަށް ބޭނުންވާ ވަރަށް ބަޖެޓާއި ވަސީލަތްތައް ނުލިބުމަކީ އަބަދުވެސް އޮންނަ ކަންބޮޑުވުމެވެ. އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ކުރިއާ އަޅާ ބަލާއިރު ވަސީލަތްތަކާއި މުވައްޒަފުންގެ ދަތިކަން ވަނީ ހައްލުވެފަ އެވެ. ނަމަވެސް ޖާގައިގެ ދަތިކަމަކީ އަދިވެސް ހައްލު ނުވެ އޮތް ކަމެއް ކަން އޭނާ ވެސް ގަބޫލު ކުރައްވަ އެވެ.
"ޖޭއެސްސީއަށް ޖުޑިޝަރީ ހިންގޭނަމަ ރަނގަޅު. އެކަމެއް ނުކުރެވޭ. މިތަނަށް މުވައްޒަފަކު ލެވެނީއެއް ނޫން."
"ޖުޑިޝަރީގެ އެކްސްޕެކްޓޭޝަންއަކާ އެއްވަރަށް ފައިނޭންސްއެއް ނުލިބޭ. އެއީ އަބަދުވެސް އެކަން އޮތްގޮތް. އެއީ ޖުޑިޝަރީ އަށް އެކަނި ދިމާވާ ކަމެއް ވެސް ނޫން. ގާތްގަނޑަކަށް ހުރިހާ މުއައްސަސާތަކެއް ނުވަތަ މިނިސްޓްރީތަކުގައި ވެސް އޮތް ޝަކުވާތައް މިއީ،" އޭނާ ވިދާޅުވި އެވެ.
"އިންފްރާސްޓްރަކްޗާގެ ދަތިކަން އެބައޮތް މާލޭގެ ކޯޓުތަކަށް. އެކަން ހައްލުކުރަން މަސައްކަތް އެބަކުރެވޭ."
އޭނާ ވެސް ވިދާޅުވި ގޮތުގައި ޖުޑިޝަރީ އަށް އެކަށީގެންވާ ބަޖެޓާއި ވަސީލަތްތައް އަބަދުވެސް ލިބެންޖެހެ އެވެ. އެކަމަކު، ބޭނުންހާ ވަރަށް ފައިސާ އާއި ވަސީލަތްތައް ނުލިބުމަކީ ޖުޑިޝަރީގެ މިނިވަންކަން ގެއްލޭނެ ކަމެއް ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.
"ނިޒާމު އޮންނަ ގޮތުން ދައުލަތުގެ ފައިސާ ގެންގުޅޭނީ ސަރުކާރުން. މަޖިލީހުން ބަޖެޓް ފާސްކޮށްދީފައި ދެން ޖުޑިޝަރީ އަށް ވެސް ޖެހިގެން ނުވާނެ އެ ފައިސާ ހޯދަން އާދޭސް ކުރާކަށް. އެކަމަކު ބަޖެޓްގެ ދަތިކަން އޮތުމަކީ މިނިވަންކަން ގެއްލޭނެ ކަމެއް ވެސް ނޫން،" އޭނާ ވިދާޅުވި އެވެ.
މި ހުރިހާ ކަމެއް ވެސް މި ގުޅެނީ ޝަރުއީ ދާއިރާގެ އިދާރީ ހިންގުމާ އެވެ. އިދާރީ ހިންގުން ބަލަހައްޓާ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ސުޕްރީމް ކޯޓުގެ ބެލުމުގެ ދަށުގައި އޮއްވައި 2019 ވަނަ އަހަރު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ގާނޫނަށް ގެނައި އިސްލާހެއް ދަށުން ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ގެންދިޔަ އެވެ. ޖޭއެސްސީއަކީ ސިޔާސީ ބޭފުޅުންތަކެއް ތިއްބަވާ މުއައްސަސާއަކަށް ވާތީ ޖާގަ އާއި ވަސީލަތްތައް ނުލިބުމުގެ ފާޑުކިޔުމާއި ބަހުގެ ހަމަލާތައް އަމާޒުވަނީ އެ ކޮމިޝަނަށެވެ.
"ޖޭއެސްސީ އަށް ޖުޑިޝަރީ ހިންގޭ ނަމަ ރަނގަޅު. އެކަމެއް ނުކުރެވޭ. މިތަނަށް މުވައްޒަފަކު ލެވެނީއެއް ނޫން،" ފަނޑިޔާރު ސުއޫދު ޝަރީއަތުގެ މަޖިލީހުގައި ވިދާޅުވި އެވެ.
ނަމަވެސް ކުރިން ވާހަކަ ދެއްކެވި ބޭފުޅާ ވިދާޅުވި ގޮތުގައި ޖުޑިޝަރީގެ އިދާރީ ހިންގުން ޖޭއެސްސީގެ ދަށަށް ގެންދިއުމާއި ޖުޑިޝަރީގެ ވަސީލަތްތަކާ މެދު އޮތް ޝަކުވާއަކާ ގުޅުމެއް ނެތެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ޖުޑިޝަރީގެ ވަސީލަތްތަކާއި ޖާގައިގެ ޝަކުވާތައް އަބަދުވެސް އޮންނާތީ އެވެ.
"ސުޕްރީމް ކޯޓުގެ ދަށުގައި ޑީޖޭއޭ އޮތުމާއި އަދި މިހާރު ޖޭއެސްސީގެ ދަށުގައި ޑީޖޭއޭ އޮތުން އެއީކީ ޑީޖޭއޭގެ ޕާފޯމަންސްއަކާ ގުޅުމެއް އޮތް ކަމެއް ނޫން،" އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ އެއް ބާރުގެ ހައިސިއްޔަތުން މިހާތަނަށް ޖުޑިޝަރީއަށް ހައްގުވާ ވަރާ ގާތަށް ވެސް ވަސީލަތްތައް ލިބިފައެއް ނެތެވެ. ދައުލަތުގެ ތިން ބާރުގެ ތެރެއިން ރައްޔިތުންނަށް އެންމެ ފަސޭހައިން އަދި އަވަހަށް ހިދުމަތް ދިނުމުގެ ޒިންމާ އޮތް ބާރުގެ ޝަކުވާ އަށް ނިމުމެއް ނެތެވެ. މިއީ އަވަހަށް ހައްލު ހޯދަންޖެހޭ މައްސަލަ އެކެވެ.
ސުޕްރީމް ކޯޓުގެ ސޫމޯޓޯ ބާރު ބަދަލުކުރަން ޖެހޭ: އަލީ
"ފެބްރުއަރީ 1 ގައި ގެންނަން އުޅުނީ ޖުޑީޝަލް ކޫއެއް"
ޝުޖޫންގެ ބަދަލުގައި ޖޭއެސްސީއަށް ފަނޑިޔާރު ސުއޫދު
ޖޭއެސްސީ ބަދަލުކުރުން: ރަނގަޅު ފޯމިއުލާއެއް ނެތް!
މަހާޒްގެ ސުލޫކީ މައްސަލައެއް ނެތް ކަމަށް ނިންމައިފި
"މަސައްކަތް ކުރަންވީ އާންމު މަސްލަހަތު ހިމާޔަތްކުރަން"
"ޝަރުއީ ދާއިރާއަށް ސަރުކާރުގެ ނުފޫޒެއް ނޯންނާނެ"
ފަރިއްކޮޅަކާ ގުޅުވައި އަނެއްކާވެސް ނުފޫޒުގެ ތުހުމަތު!
ޔާމީން ފަނޑިޔާރަކަށް އިންޒާރު ދިން މައްސަލަ ފުލުހަށް!
ހުޅުމާލޭ ކޯޓު މައްސަލަ: ޖޭއެސްސީގެ ބަޔާނަށް ބަދަލެއް!